10 ނޮވެމްބަރ 2019 - 09:43
ލިވަޕޫލް (ނޮވެމްބަރު 10) - ލިވަޕޫލް ދަނޑުގައި އެންމެ ފަހުން ކުޅުނު 16 މެޗުން ވެސް މެންޗެސްޓާ ސިޓީ އަށް މޮޅެއް ލިބިފައިނުވުމަކީ މިރޭގެ މެޗުގައި އެ ޓީމާ ދެކޮޅަށް ކުޅެން ބިރު ގަންނަންވީ ސަބަބެއް ނޫން ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ލީގުގެ އެއް ވަނައިގައި ލިވަޕޫލް އޮތީ 11 މެޗުން 31 ޕޮއިންޓާ އެކު އެވެ. ރޭގެ ނަތީޖާތަކަށް ފަހު ސިޓީ ވަނީ ލީގުގެ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. ސިޓީ ހަތަރު ވަނައިގައި އޮތީ 11 މެޗުން 25 ޕޮއިންޓާ އެކު އެވެ. މިރޭގެ މެޗުން ސިޓީ މޮޅުވެއްޖެނަމަ ދެ ވަނަ އަށް އަލުން އެރުމުގެ އިތުރުން އެ ޓީމަށް ލިބޭނެ ހިތްހަމަޖެހުމަކީ ލިވަޕޫލާ ތިން ޕޮއިންޓަށް ގާތަށް ޖެހިލެވުމެވެ.
ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި އެންމެ ފަހުން ސިޓީ އަށް މޮޅެއް ހޯދުނީ 2003 ވަނަ އަހަރު އެވެ. ގާޑިއޯލާ ބުނީ އެއްވެސް މެޗަކަށް އޭނާ ނުކުންނާނީ ޓީމު ބަލިކަށިވާ ވިސްނުމެއްގައި ނޫން ކަމަށެވެ.
"ކޮބާ ފޭވަރިޓުންނަކީ؟ ކޮބާ ދެ ވަނަ ޓީމަކީ؟ އަހަރެން އެއްވެސް މެޗަކަށް ނުނިކުންނާނަން އަހަރެމެންނަކީ ފޭވަރިޓުން ނޫން ކަމަށް ދެކިގެން. ޓީމު ބަލިކަށިކޮށްލާ ވިސްނުމެއް އަހަރެން ނުގެންގުޅޭނަން. އެއްވެސް މެޗަކަށް އަހަރެން ނުނިކުންނަން މޮޅުވުން ނޫން ވިސްނުމެއްގައި،" ކޯޗިން ކެރިއަރުގައި މިހާތަނަށް 28 ތަށި އުފުލާލައިފައިވާ ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނީ ލީގު ތާވަލަށް ބަލާއިރު މި ވަގުތު ސިޓީ އަށް ވުރެ ހަ ޕޮއިިންޓް ކުރީގައި ލިވަޕޫލް އޮތް ނަމަވެސް މި މެޗަށް ނުކުންނައިރު އެ ކަމަށް ނުވިސްނާނެ ކަމަށެވެ. އަދި ސިޓީން ބަލާނީ ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފައި މޮޅުވާން ކަމަށް ބުންޏެވެ.
މި މެޗަށް ނުކުންނައިރު ސިޓީ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ އަނިޔާގެ މައްސަލަތަކެވެ. އަނިޔާގެ ސަބަބުން ސިޓީގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް ކުޅުމާ ދުރުގައި ތިބިއިރު، އެންމެ ފަހުން އަނިޔާވީ ގޯލްކީޕަރު އެޑަސަން އަށެވެ. މިރޭގެ މެޗުގައި ސިޓީގެ ގޯލު ބަލަހައްޓާނީ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ސިޓީ ކުޅުނު މެޗުގައި ބަދަލު ކީޕަރެއްގެ ގޮތުގައި ރަތް ކާޑެއް ހޯދި ކްލައުޑިއޯ ބްރާވޯ އެވެ.
"ކޮންމެ ދުވަހަކު އަހަރެން ޓްރެއިނިންގައި ބްރާވޯ ކުރާ މަސައްކަތް ބަލަން. އަހަރެން އޭނާ އަށް އިތުބާރުކުރަން،" ގާޑިއޯލާ ބުންޏެވެ.
މިދިޔަ ސީޒަނުގެ ބޮޑުބައިގައި ލިވަޕޫލުން ލީގުގެ އެއް ވަނައިގައި އޮތް ނަމަވެސް ފަހުން ހާލަތު ބަދަލުވެ ސިޓީން ވަނީ ލީގުގައި ލީޑުނަގައި ޗެމްޕިއަންކަން ހޯދައިފަ އެވެ. ސިޓީން ތަށި ހޯދީ ލިވަޕޫލަށް ވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. މިދިޔަ ސީޒަނުގައި ލިވަޕޫލް ދަނޑުގައި ސިޓީ އާއި 0-0 އިން އެއްވަރުވިއިރު، ސިޓީ ދަނޑުގައި އެ ޓީމު މޮޅުވީ 2-1 އިންނެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މިއީ މިދިޔަ ސީޒަނެއް ނޫން ކަމަށާއި މިހާތަނަށް އެކި ގޮތްގޮތުން ބެލިކަމުގައި ވިޔަސް މި ފަހަރު ތަފާތުކަން ފެނިގެންދާނެ ކަމަށެވެ. އަދި މިއީ ލިވަޕޫލަށް ވަރަށް މުހިއްމު މެޗެއް ކަމަށާއި ބޭނުންވަނީ ފުރުސަތުގެ ބޭނުން ހިފައި ރަނގަޅު ވިސްނުމެއްގައި ބައިނަލްއަގުވާމީ މެޗުތަކަށްދާން ކަމަށެވެ.
"މި ދެ ޓީމުގެ ވާދަވެރިކަން ވަރަށް ބޮޑު. ވަރަށް ފުރިހަމަ. ކޮންމެ ޓީމަކަށް ވެސް މި އޮންނަނީ ލިބޭ ފުރުސަތެއްގެ ބޭނުން ހިފުން. އަހަރެން ބޭނުމީ މިއީ އަހަރެމެންގެ ފުރުސަތަށް ހަދަން. މި މެޗުން މޮޅުވުން ވަރަށް މުހިއްމު. ސިޓީ ކަހަލަ ޓީމަކާ ދެކޮޅަށް ފަރުވާކުޑަ ކޮށްލެވޭނެ އެއްވެސް ޖާގައެއް ދީގެން ނުވާނެ،" ކްލޮޕް ބުންޏެވެ.
ލިވަޕޫލާއި ސިޓީ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 21:30 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަންބު
10 November 2019
މިރޭ ތި ގާޑިޔާ ޓީމް ތަޅާ ތިރި އަރުވާނެ ލިވަޕޫލް އިން
ސާލިކު
10 November 2019
ބިރުނުގަންނަ ކަމަށް ހެދޭނި ކަމެއް ނެތް. ބިރުގަންނާތީ ތިކަހަލަ ވާހަކަ ތި ދަށްކަނި
އައްޔަ
10 November 2019
ގާޑިޔޯލާ ބޭނުން ހުރިހާ ކުޅުންތެރިން ގެނެސް ގެންވެސް ތި އުޅެނި ސަލާމަތް ނުވެގެން. ކޮލެފް ގެ ސަޅި ތަންކޮޅަކީ އެ އޮތް ޓީމް ނަގާ ކޮޅަށް ޖަހާ ދުނިޔޭގެ ނަންބަރވަން ޓީމަށް ހެދުން
އޭނަ
10 November 2019
ބަލަ ލިވަޕޫލްވެސް ވަރަށް ބޮޑަށް ޚަރަދުކުރި. މިވަގުތު ދުނިޔޭގެ އެންމެ އަގުބޮޑު އެއް ސްކޮޑު އެއީ ލިވަޕޫލްގެ ސްކޮޑު. ކަލޭމެން އަގުބޮޑޭ ކިޔާ ބާސެލޯނާގެ ސްކޮޑަށްވުރެވެސް ލިވަޕޫލް ސްކޮޑުގެ އަގުބޮޑު.
އާރީ
10 November 2019
ލިވަރފޫލު ފަސޭހަކަމާއި އެކު މިހާރު ސިޓީ ބަލިކުރާނެ އެއީ ޔަގީން ކަށަވަރު ކަމެއް. ގަޑިޔޯލާ ބިރުން އުޅެނި އެކަން އެގޭތީ.
ބަބުރަންޖީ ހާޖީ
10 November 2019
ގާޑިއޯލާ ގާތުގައި ބުނިން ރާއްޖެއަންނައިރު މިގެއަށް ވެސް ޖައްސާލާށޭ ކަޅެއްޖަހާލަން. އެކަމަކު ނައި. އައިނަމަ ސަޅި އައިޑިއަރެއް ދިނީސް.
އައްބެ
10 November 2019
ލިވަޕޫލްގެ ކާމިޔާބީގެ އަސްލަކީ އެންޖެރީގެ މައްސަލަ ދިމާނުވުން އޭގެބަދަލުގަ ސިޓީން ނިމިދިޔަ ސީޒަނުގަވެސް މިސީޒަނުގަވެސް އިންޖަރީން ސަލާމަތް ނުވެވިފަ
ޫމުހައްމަދު
10 November 2019
ޢެހެންވީމާ ސިޓީގެ ކާމިޔާބީއަކީ އެންޖެރީތާ