މި އަހަރުގެ އެވޯޑަށް ވާދަކުރާ ފިލްމުތައް.
11 ނޮވެމްބަރ 2019 - 06:40
މި މަހުގެ 15 ވަނަ ދުވަހަކީ ފިލްމީ ދާއިރާ އަށް ބޮޑު ރެއެކެވެ. ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްސްގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، މުހިއްމު ބައެއް ކެޓަގަރީތަކުގެ ނޮމިނޭޝަންތައް ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
އެގޮތުން މި ފަހަރު އެންމެ ބޮޑު ވާދަވެރި ކަމެއް ފެންނާނެ ކަމަށް ބެލެވެނީ އެންމެ މޮޅު ބަތަލާގެ ކެޓަގަރީންނެވެ.
އެ ކެޓަގަރީ އަށް ނޮމިނޭޓްވި ފަސް ތަރިންނަކީ އެންމެ ފަހުން ބޭއްވި ފިލްމު އެވޯޑްސްގައި "ވާށޭ މަށާއެކީ" އިން އެންމެ މޮޅު ބަތަލާގެ އެވޯޑް އުފުލި މަރިޔަމް މަޖުދާ (މަޖޫ) އާއި 2017 ގައި ފިލްމު "ވިޝްކާ" އިން ސާކް ފިލްމު ފެސްޓިވަލްގެ އެންމެ މޮޅު ބަތަލާގެ މަގާމު ހޯދި އައިޝަތު ރިޝްމީ އަދި ދެ ފިލްމަކުން މި ފަހަރު ނޮމިނޭޓްވި އޭނާގެ ކޮއްކޮ މަރިޔަމް އައްޒަ އެވެ. ދެން ހިމެނެނީ އަލަތު ފިލްމު "މަލިކާ" އިން ނޮމިނޭޓްވި ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ.
މި ފަސް ތަރިންނަށް ބަލާ އިރު، ވަރަށް ގިނަ ބަޔަކު މި ފަހަރު ރިޝްމީ އަށް އެންމެ މޮޅު ބަތަލާގެ މަގާމު ހައްގުވާ ކަމަށް ގަބޫލުކޮށްފާނެ އެވެ. ސަބަބަކީ "ވިޝްކާ" ގައި ދެއްކި އެކްޓިން އިން ސަރައްދީ އެވޯޑެއް އޭނާ ހޯދާފައިވުމެވެ. އެކަމަކު ސާކް ފިލްމު ފެސްޓިވަލްގެ އެންމެ މޮޅު ބަތަލާގެ އެވޯޑް ރިޝްމީ އަށް ލިބުމަކީ ދިވެހި ފިލްމު އެވޯޑްސް އިން އެ މަގާމު އޭނާ އަށް ލިބެން ޖެހޭ ސަބަކަށަށް ވާންޖެހޭނެތޯ ވެސް އެއްބަޔަކު ސުވާލުކޮށްފާނެ އެވެ.
ސަބަބަކީ އެ ފެސްޓިވަލް ވެސް ޖަޖްކޮށްފައި ވަނީ މި ސަރަހައްދުގެ ތަޖުރިކާރު ބަޔަކު ހިމެނޭ ޖަޖިން ޕެނެލަކުން ކަަމަށްވާތީ އެވެ."ވިޝްކާ" އަކީ ރިޝްމީގެ ވަރަށް މޮޅު އެކްޓިންއެއް ފެނުނު ފިލްމެއް ކަމަށް ވަރަށް ގިނަ ބަޔަކު އެއްބަސްވެ އެވެ.
އެހެންވެ ދެން ނޮމިނޭޓްވެފައި ހުރި ބަތަލާއިންގެ ފިލްމުތަކަށް ބަލާ އިރު، އެ ފިލްމުތަކަކީ "ވިޝްކާ" ގައި ރިޝްމީ ކުޅުނު ރޯލަށް ވުރެ ވަރުގަދަ ރޯލްތަކެއްތޯ ސުވާލު އުފެއްދިދާނެ އެވެ.
އައްޒަ ނޮމިނޭޓްވި ދެ ފިލްމުގެ ތެރެއިން އެއް ފިލްމަކީ އޭނާގެ އެންމެ މޮޅު އެކްޓިންއެއް ފެނިގެން ދިޔަ "ހައްދު" އެވެ. އަދި އެއީ ވަރަށް ގިނަ ބަޔަކު އޭނާގެ ރޯލަށް ތައުރީފު ކުރި ފިލްމެކެވެ. އައްޒަ ނޮމިނޭޓްވި އަނެއް ފިލްމަކީ ޑާކް ރެއިންގެ "މީ ލޯތްބަކީ" އެވެ. ވަރަށް ބޮޑު ކާސްޓެއް ހިމެނޭ އަދި ގިނަ ބަތަލާއިންތަކެއް ވެސް ހިމެނުނު އެ ފިލްމުގައި ވެސް އައްޒަ އޭނާއާ ހަވާލުކުރި ރޯލަށް ވަރަށް ރަނގަޅަށް އިންސާފުކޮށްދީފައިވެ އެވެ.
އެކަމަކު ފިލްމު "ބޮސް" އިން އައްޒަ ނޮމިނޭޓްވާން ޖެހޭ ކަމަށް ގަބޫލުކުރާ މީހުންނަށް، އެ ފިލްމުން އޭނާ އަށް ނޮމިނޭޝަނެއް ނުލިބުނީތީ ވެސް ފަހަރުގައި ސުވާލު އުފައްދަފާނެ އެވެ.
ދެން އޮތީ މަޖޫ އެވެ. ފިލްމީ ދާއިރާގައި މިހާރު އެންމެ ނަގާ ކިޔާ ބަތަލާއިންގެ ތެރޭގައި ހިމެނޭ މަޖޫ އަށް މި ފަހަރު އެވޯޑް ކާމިޔާބުކުރެވިއްޖެ ނަމަ އެއީ ވަރަށް ހާއްސަ ކަމަކަށް ވާނެ އެވެ. ސަބަބަކީ ޖެހިޖެހިގެން ދެ އެވޯޑްސް އިން އެންމެ މޮޅު ބަތަލާގެ މަގާމު އޭނާ ދިފާއުކުރުމެވެ.
"ވަކިން ލޯބިން" ގައި މަޖޫ ކުޅެފައިވާ ރޯލަށް ބަލާ އިރު، އެއީ "ވިޝްކާ" ގައި ރިޝްމީ ކުޅުނު ރޯލާއި "ހައްދު" ގައި އައްޒަ ކުޅުނު ރޯލާ އަޅާބަލާ އިރު، ހަމަ އެހާ މޮޅު އެކްޓިންއެއް ފެނިގެން ދިޔަ ރޯލެއްތޯ ސުވާލު އުފެދެ އެވެ.
ފިލްމު "މަލިކާ" އިން ނުޒޫ އެންމެ މޮޅު ބަތަލާގެ މަގާމަށް ނޮމިނޭޓްވުމަކީ ހަގީގަތުގައި ވެސް އުންމީދު ކުރެވުނު ކަމެކެވެ. މުޅިން އަލަށް ފިލްމީ ދާއިރާ އަށް ނުކުމެ ކުޅުނު ފިލްމުން އޭނާ މޮޅު އެކްޓިންއެއް ދެއްކިކަން އެ ފިލްމު ބެލި ވަރަށް ގިނަ ބަޔަކު ވެސް ފާހަގަކޮށްފައިވެ އެވެ.
އޭގެ އެއް ހެއްކަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފިލްމީ ދާއިރާގެ އެންމެ ހިނގާ އެއް ނަމަށް ނުޒޫގެ ނަންވެ، އޭނާގެ ޑިމާންޑް ވެސް ބޮޑުވެގެން ދިއުމެވެ.
މި ފަހުން ފިލްމީ ދާއިރާ އަށް ނުކުތް ބަތަލާއިންގެ ތެރެއި އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދި ބަތަލާއަކީ ނުޒޫކަމާ ދޭތެރޭ ޝައްކެއް ނުކުރާނެ އެވެ. އަދި އޭނާ މިހާތަނަށް ކުޅުނު ކޮންމެ ފިލްމަކުން ވެސް އެއީ މޮޅު ބަތަލާއެއްކަން ސާބިތުކޮށް ދީފައިވެ އެވެ. ނުޒޫއަކީ މިހާރު ބެލުންތެރިން އެންމެ ލޯބިވާ އަދި އެންމެ އިތުބާރުކުރާ އެއް ބަތަލާ އެވެ.
ފިލްމު "ވަކިން ލޯބިން" އިން އެންމެ މޮޅު ސަޕޯޓިން ބަތަލާގެ މަގާމަށް ނުޒޫ ނޮމިނޭޓްވުމަކީ ވެސް އޭގެ ހެއްކެކެވެ. އެ ފިލްމުގައި ހަގީގަތުގައި މަޖޫގެ ރޯލަށް ހިޔަނި އެޅޭހާ ވަރުގެ ކެރެކްޓާއެއް ނުޒޫ ދައްކުވައި ދީފައިވެ އެވެ.
ފިލްމު ބެލި މީހުންނަށް އެކަން ފާހަގަކުރެވޭނެ އެވެ. "ވަކިން ލޯބިން" ގައި މަޖޫ އަށް ވުރެ ނުޒޫގެ ސްކްރީން ޓައިމް ކުޑަވިޔަސް، އެ ފިލްމުގެ އެންމެ ބޮޑު ދިރުމަކީ ވެސް ނުޒޫއޭ ބުނެވިދާނެ އެވެ.
ދެން އޮތީ އެވޯޑް ހަފުލާ އަށް އިންތިޒާރުކުރުމެވެ. މި ކަހަލަ އެވޯޑްސްތަކުގައި ހީވެސް ނުކުރާ ކަހަލަ ގޮތްގޮތަށް ނަތީޖާ އައުމަކީ އާ ކަމެއް ވެސް ނޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒާހިން
11 November 2019
ނޯޓީ ފޯޓީން އަޒޫ އައް ލިބެންޖެހޭނެ އެވޯޑެއް އެއޮތީ ކަަޓުވާލާފަ
ސައި
11 November 2019
ތިހީކުރީ ހަމަރަގަޅަށް ނަތީޖާ ފެންނާނީ ހީވެސްނުކުރާފަދަގޮތަކަށް މޮޅުމީހުން އެއްފަރާތްކޮއް އެއްވެސްވަރަކަށް އެކުޓިން ނުދެއްކޭ އޯވައެކުޓިން ކުރާމީހާއަށް ކޮއްމެ ފަހަރަކު އެވޯޑުދޭނީ އިންސާފެއް ނެތް އެވޯޑެއްކަން މުޅިގައުމު ގަބޫލުކުރޭ
އިޙްސާސް
11 November 2019
އޯވައެކްޓިންގެ ކުއީނަކީ "އައްޒަ" އެއްނު.