ކުރީގެ ރައީސް އަބްދުﷲ ޔާމީން: އެމަނިކުފާނަށް ކުރާ ދައުވާގެ ހުކުމް މިމަހުގެ 28 ވަނަ ދުވަހު އިއްވަން ވަނީ ހަމަޖައްސާފައި -- ފޮޓޯ/މިހާރު
17 ނޮވެމްބަރ 2019 - 14:17
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ މައްސަލަ ބަލަން އަލަށް އެކުލަވައިލި ފަސް ފަނޑިޔާރުންގެ ބެންޗާ އެކު އެ މައްސަލައިގެ އަޑުއެހުންތައް މިއަދު އަނެއްކާ ވެސް ނިންމާލައި، މި މަހުގެ 28 ވަނަ ދުވަހު ހުކުމް އިއްވަން ހަމަޖައްސައިފި އެވެ.
ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ދަައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހަދާ އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެ ވަޑައިގަތުމަށް ފަހު، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވައިލީ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.
އެ މައްސަލައިގެ ހުކުމް މި މަހުގެ ފަސް ވަނަ ދުވަހު އިއްވަން ހަމަޖައްސާފައި ވަނިކޮށް، އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރުމާ އެކު، އެ މައްސަލަ ބެލުމަށް މިހާރު ވަނީ ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިފަ އެވެ.
އާ ބެންޗާ އެކު މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ އަދި ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދު ހުސައިން ވިދާޅުވީ، އަޑުއެހުންތައް ނިމިފައި ވަނިކޮށް މައްސަލަ ބައްލަވާ ފަނޑިޔާރަށް އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެހެން ފަނޑިޔާރަކު އެ މައްސަލައާ ހަވާލުވުމަށް ފަހު، މައްސަލަ އަލުން ފެށުން ނުވަތަ ކުރިއަށް ގޮސްފައި އޮތް ހިސާބުން ފެށިގެން ކުރިއަށް ގެންދިއުމުގެ އިހްތިޔާރު އޮންނަ ކަމަށެވެ. އެހެންވެ، އެ މައްސަލައިގައި ދެ ފަރާތުން އެކަމާ މެދު ދެކެނީ ކޮން ގޮތަކަށްތޯ ގާޒީ ސުވާލު ކުރެއްވި އެވެ.
ދައުލަތުން ބުނީ މައްސަލަ އަލުން ފެށުން ނުވަތަ ކުރިއަށް ގޮސްފައި އޮތް ހިސާބުން ފެށިގެން ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުމަކީ ކޯޓުގެ އިހްތިޔާރުގައި އޮންނަ ކަމެއް ކަމަށެވެ.
ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް އަލީ ޝާހު ވިދާޅުވީ އެ މައްސަލަ ބެއްލެވުމަށް އާ ފަނޑިޔާރުންތަކެއް މިހާރު ތިއްބެވުމުން މައްސަލަ އަލުން ފަށައިގެން ކުރިއަށް ގެންދަން އެދިވަޑައިގަންނަވާ ކަމަށެވެ.
އެކަމާ މެދު ގޮތެއް ނިންމަވަމުން ގާޒީ އަލީ ރަޝީދު ވިދާޅުވީ، އެއީ ކުރިން ހެކިބަސް ނަގައި ނިމިފައިވާ މައްސަލައެއް ކަމަށާއި އެ މައްސަލަ އަލުން ފަށައި، ހެކިބަސް އަލުން ނެގުމަކީ ރަނގަޅު ގޮތެއް ކަމަށް އެ މައްސަލަ ބައްލަވާ ބެންޗަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެހެންވެ، މައްސަލަ ގޮސްފައި އޮތް ހިސާބުން ފެށިގެން ކުރިއަށް ގެންދަން ނިންމެވީ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެހެންވެ، ދެ ފަރާތަށް ފުރުސަތު ދެއްވުމަށް ފަހު ގާޒީ ވަނީ އަޑުއެހުންތައް ނިމުނީކަން އިއުލާން ކުރައްވައި، އެ މައްސަލައިގެ ހުކުމް މިމަހުގެ 28 ވަނަ ދުވަހު އިއްވާނެ ކަން އިއުލާން ކުރައްވައިފަ އެވެ.
ޔާމީންގެ ވަކީލުންނަށް ދެއްވި ފުރުސަތުގައި ވަކީލް ޝާހު ވިދާޅުވީ ގާޒީ އަލީ ރަޝީދު އެ މައްސަލައިން ތަނާޒުލްވުމާ މެދު ގޮތެއް ނިންމަވަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. ސަބަބަކީ ފަނޑިޔާރުންގެ ގާނޫނާ ޚިލާފަށް ގާޒީ އަލީ ރަޝީދު މީޑިއާ އަށް މައުލޫމާތު ދެއްވާފައިވާތީ ކަމަށާއި އެހެންވެ، އެމަނިކުފާނު އެ މައްސަލައިން ތަނާޒުލްވެ ވަޑައިގަތުމާ މެދު އެ ބެެންޗުގައި ދެން ތިއްބެވި ފަނޑިޔާރުން ވެސް ގޮތެއް ނިންމަން އޭނާ އެދިވަޑައިގަތެވެ. އަދި ދެން ތިއްބެވި ހަތަރު ފަނޑިޔާރުންނާ މެދު އެއްވެސް ޝަކުވާއެއް ނެތް ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.
އަޑުއެހުމުގައި އަމިއްލަފުޅަށް ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އެ މައްސަލަ ފެށުނުއިރުން ފެށިގެން ވެސް އެމަނިކުފާނު ވަނީ އިންސާފުން މަހްރޫމް ކޮށްފައި ކަމަށެވެ ގާނޫނާ ޚިލާފަށް އަދި މައްސަލައާ ގުޅުން ނެތް ކަމެއްގައި އެމަނިކުފާނު އެ މައްސަލާގައި ޖަލަށްލި ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އެއްވެސް ކަމެއް ސާބިތު ނުވަނީސް އެމަނިކުފާނުގެ އަމިއްލަފުޅު އާމްދަނީގެ އެކައުންޓްތައް ފްރީޒް ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ގާޒީ އަލީ ރަޝީދު އެ މައްސަަލަ ބެއްލެވުމާ މެދު ހިތް ނުތަނަވަސްވާ ކަންތައްތަކެއް އެބަހުރި ކަމަށް ވިދާޅުވެ، ޔާމީން ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނަށް އެންމެން ވެސް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. އަދި ގާނޫނާ ޚިލާފަށް ގާޒީ އަލީ ރަޝީދަށް ކަމެއް ކުރެއްވިފައިވާ ނަމަ، އެކަމަށް ރިއާޔަތްކޮށް ދެއްވުން އެދިވަޑައިގަންނަވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
އެކަމާ މެދު ގޮތެއް ނިންމުމަށް އަޑުއެހުން މެދުކަނޑާލުމަށް ފަހު އަލުން ފަށައި، ގާޒީ އަލީ ރަޝީދު ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނާ ޚިލާފަށް އެމަނިކުފާނު މީޑިއާ އަށް މައުލޫމާތު ދެއްވާފައި ނުވާނެ ކަމަށެވެ. ގާނޫނު އޮތްގޮތުން މަނާ ވަނީ ސިޔާސީ މީހަކު ނުވަތަ މީޑިއާއަކުން ދައްކާ ވާހަކައަކަށް ރައްދު ދިނުން ކަމަށާއި އޭނާ މީޑިއާގައި ވާހަކަ ދެއްކެވީ އެފަދަ ކަމަކާ ބެހޭގޮތުން ނޫން ކަމަށް ގާޒީ ވިދާޅުވި އެވެ.
މައްސަލައާ ގުޅޭގޮތުން ވެސް އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާނެ ކަމަށާއި އެހެންވެ، ޔާމީންގެ މައްސަލައިން ތަނާޒުލްވާން ޖެހޭ ސަބަބެއް ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އެ މައްސަލަ ބެންޗުން ނިންމާނީ ވަކި ފަރާތަކަށް ނުޖެހި، އިންސާފުވެރިކަމާ އެކު ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ގާޒީ އަލީ ރަޝީދުގެ އިތުރުން އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން ތިިއްބަވަނީ ގާޒީ އަހުމަދު ޝަކީލާއި ގާޒީ އަލީ އާދަމާއި ގާޒީ ހުސައިން ފާއިޒް ރަޝާދުގެ އިތުރުން ގާޒީ މުހައްމަދު ސަމީރެވެ.
އެ މައްސަލަ ބައްލަވަމުން ގެންދެވި އިސް ގާޒީ ހައިލަމް ސަސްޕެންޑް ކުރީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވުމުގެ ގޮތުން އޭނާ ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮނުވި ފޮޓޯއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އިތުރު ބައެއްގެ ކަރުގައި ވާ ޖަހާފައިވާ ކުރެހުމެއް ހުރި މައްސަލާގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު.
18 November 2019
ލައްގަޅޭ ލައްގަޅޭ، މަގޭ އެކައުންޓަށް ލައްގަލޭ، 1 މިލިޔަން ޑޮލަރު ލައްގަލޭ.
ކަހާމަދު
18 November 2019
އެހެން ހަމަ ނުލައްގާނެ ތިހެން ގޭގަ ފައިދަމާފަ މަސައްކަތެއްނުކޮށް ކޮމެންޓްކުރަން އޮންނަހާ ހިނދަކު. ތިހެން ކުރާ ކޮމެންޓްތަކަށް ލިބެނީ ބައި ރުފިޔާއެކޭ އަޑުއަހަން.
ސާއިފް
17 November 2019
ދަވްލަތުން ބޭނުންވީ 1 މިލިޔަން ޑޮލަރ ޔާމީން އަތުން ފްރީޒްކޮށްފައި ބަހައްޓަން. ތަހުގީގުން އެދުނު ހިނދު މަޖްބޫރުކަމެއްނެތި ތަހުގީގަށް އެއްބާރުލުން ޔާމީން ދީފައިވާކަން ސާބިތުވޭ. ޔާމީންކުރާ އިންވެސްޓްމަންޓަކީ އޭނާގެ ފަރުދީ ހައްގެއް. އެސްއޯއެފްގެ ޗެކަކީ ބޭންކް ގަބޫލުކުރާ ސައްޙަ ލީގަލް އެއްޗެއް. އެސްއޯއެފް އިން އެޗެކު ދިނީ އަދި ޔާމީންގެ ކެމްޕެއިން ފައިސާ މެނޭޖްކޮށް މިހުރިހާ ކަމެއް ކުރީ އަދީބުކަމަށް އަދި އަމިއްލަ އިއުތިރާފް އެބައޮތް. ދެން މަނީލޯންޑަރކުރިވާހަކަ އަޑުއިވޭތީ ހައިރާން އެބަވޭ.
އަހުމަދު.
18 November 2019
ތިމާ މީހާއަށް މަނީ ލޯންޑަރ ކުރުމަކީ ކޮބައިކަން ނޭގެންޏާ ފުރަތަމަ އެކަން ދަސްކުރޭ. އެއަށް ފަހު ކޮމެންޓް ކުރާނީ. ނޫންނަމަ ކަމާބެހޭ ގޮތުން ހެދިފަހުރި ޤާނޫނު ތަކާ ޤަވާއިދުތަށް ކިޔާލަބަލަ، އޭރުންވެސް ކޮންމެވެސް އެއްޗެއް އެނގިދާން.
ރައީސް ނަޝީދު
17 November 2019
28 ވަނަ ދުވަހުން ފެށިގެން 13 އަހަރު ޖަލަށް ތަ؟
މަޖްލިސްރައީސް
18 November 2019
13 އަހަރަށް ހުކުމް ކުރީމަ 2 ދުވަހު ޖަލުގަ އުނދޯލި ހެއްލާފަ ދެން އިނގިރޭސިވިލާތަށް ފުރައިގެންދާނީ ބޭސްފަރުވާއަށް.
ދިޔަވަރު
17 November 2019
ސާބިތު ވިޔަސް ނުވިޔަސް ބައެއް ކަންކަން ކޮށްފަހުރޭ . ކަން ކުރުމުގެ ކުރިން ރާވާނީ ހެކިނައްތާލާނެ ގޮތް، އެއަށްފަހު، އެހެންފަރާތަކަށް ތުހުމަތުކުރުވާނެ ގޮތް. ކަންކުރާމީހުން ފިލާ ރައްކާވާނީވެސް ކުރިން ރާވާއިގެން. އެއީ ޓެރަރިސްޓުންގެ ޕުލޭން އޮންނަގޮތް.
ޙހހަ
18 November 2019
ސާބިތު ނުވަނީސް އަދަބު ލިބޭނެތަ
އަލީރާޖާ
17 November 2019
މާ ބޮޑަށް ލަސްވެއްޖެ ކަމެއް ތިއީ. މި ސަރުކާރު ހޮވީ އިންސާފު ހޯދަން.
ބަލީރާޖާ
18 November 2019
މިސަރުކާރު އައިމަ ލިބޭނެ އިދިކޮޅުގަ ތިބޭ މީހުންނަށް ވަރަށް އެހެން ކަހަލަ އިންސާފު
ކޮރަލް
17 November 2019
ކޯޓުތެރެއަށް އަތް ބާނައިފި އެވެ.
ޝޮކްތެރަޕީ
17 November 2019
ރައިސް ޔާމިން ޖަލައްލައިފީޔާ ޔާމިންގެ ތާއީދު ދާނީ އިތުރުވަމުން. ސަޕޯޓަރުންވެސް ގިންވާނެ. ސަބަބުތަ ވަރައްގިނަ ރައްޖެގެ އިގްތިސޯދު ރަގަޅުގޮއް ރާއްޖެއަކީ މިނިވަން ޤައުމެއްގެ ގޮތުގާ ބޭއްވީތީ. މިސަރުކާރު މިދަނީ އިންޑިޔަގެ މުށުތެރެޔަ ރާއްޖެ ލަމުން. ދެރަ ކަންތަ މި ފެންނީ.
އައިސް
17 November 2019
ކޮން ސަޕޯޓެއް، އިތުރު ވާހަކައެއް ނެތި ޖަލަށް ލާން ޖެހޭ ވަރަށް ހެކި އެހުރީ. ލައިވް ކޮށް ރައްޔަތުން ނަށް ފެނިފަ.
އަޙުމަދު.
18 November 2019
ޔާމީނުގެ ވެރިކަމުގައި ސަރުކާރު އޮތީ ޗައިނާގެ މުށުތެރެއަކު ނޫންތަ. އިގުތިސާދު ރަނގަޅުކަމުންދޯ މުޅިދައުލަތް ފުޑިގެންދާވަރަށް ލޯނު ނަގަންޖެހުނީ.
ވަގު ކަދުރު
17 November 2019
އަޅޭ 18 ނޮވެމްބަރަށް ހަމަޖެއްސިނަމަ! ޖަލުގަހުންނަށް ޖެހޭމީހަކު ގޭގަހުރުން އެއީ ޤަޢުމީ ސަލާމަތަށް ހާދަ ބޮޑު ނުރައްކަލެކޭ؟
ޢަބްދުﷲނާފިޒް
17 November 2019
ޔާމީނޫ، އަހަރެން ބުނީކަލޭ ޝުކުރުކޮށްބަލާށޭ، ކަލޭގެ ޝަރީޢަތް ފެށިގެންގޮސް ނިމެންދެން ކަލޭތިހިރީ "ފުނޑާލަން" ގޮވަން މިނިވަންކޮށް ދޫކޮށްފަ، އެކަމަކުވެސް ކަލޭ ތިޝަކުވާ ކުރަނީ، ކުރީގަ ވެރިކަން ކުރި މީހަކަށް 13 އަހަރު ޖަލުހުކުމެއް ކުރީ ޝަރީޢަތް ފެށުނީއްސުރެ ހުކުމް ކުރަންދެން ހުރަގޭގަ ބާއްވައިގެން، އަދިވެސް ކަލޭ ތި އަނގަހުޅުވަނީ، ޝުކުރު ކޮށްބަލަ.
ނާފިޒޫ
18 November 2019
13 އަހަރު މީހާ ހުކުމް ތަންފީޒުނުކުރީމަ އެއީ ހުދުކާފޫރުކޮޅެއްތަ ދެން؟
ބައިރޯ
17 November 2019
5، 28، 29، 11 އެބަވޭތަ؟ އިބުލިސް ކާވެންޏަ ވީހެން އަބަދުވެސް މިއަދު ނޫން މާދަމާ