މޯލްޑިވްސް އިސްލާމިކް ބޭންކްގެ އޮފީސް--- ފޮޓޯ: މިހާރު
17 ނޮވެމްބަރ 2019 - 20:46
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހިއްސާ، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި މިއަދު ލިސްޓުކޮށްފި އެވެ.
އެމްއައިބީން އާންމުންނަށް ހިއްސާ ވިއްކަން ހުޅުވައިލީ މިއަހަރުގެ ޖޫން 30 ވަނަ ދުވަހު އެވެ. އެ ފަހަރު 6.9 މިލިއަން ހިއްސާ ވިއްކުމަށް ހުޅުވައިލި އެވެ. އެއީ ގާތްގަނޑަކަށް 244 މިލިއަން ރުފިޔާ އެވެ.
އެމްއައިބީގެ މައިގަނޑު އެއް މަގުސަދަކަށް ވީ ވީހާ ވެސް ގިނަ އާންމުންނަށް ހިއްސާ ވިއްކުމެވެ. އެގޮތުން 16،084 އަމިއްލަ ފަރުދުންނާއި 60 އިންސްޓިޓުޝަނަލް އިންވެސްޓަރުން ހިއްސާ ގަތުމުގައި ބައިވެރިވި އެވެ.
ސްޓޮކް އެކްސްޗޭންޖުގައި އެމްއައިބީ ލިސްޓު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، އެ ބޭންކުން ރާއްޖޭގެ އިގްތިސާދުގައި ކުޅޭ މުހިއްމު ދައުރު ސަރުކާރުން އަބަދުވެސް ބަލައިގަންނަ ކަމަށެވެ. ކުރިއަށް އޮތްތަނުގައި އެމްއައިބީ އަށް އިތުރު ކުރިއެރުން ލިބި، ރާއްޖޭގެ އިގްތިސާދުގައި އެ ބޭންކުގެ ދައުރު އިތުރަށް ބޮޑުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއައިބީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މުހައިމިން ވިދާޅުވީ، އެ ބޭންކުގެ އައިޕީއޯ އަކީ މިހާތަނަށް ރާއްޖޭގައި ކައިރި މުސްތަގުބަލުގައި ހިންގާފައިވާ އެންމެ ކާމިޔާބު އައިޕީއޯ ކަމަށެވެ. އަދި މިކާމިޔާބީގެ ސިއްރަކީ އެ ބޭންކްގެ ބޯޑުގެ އިރުޝާދާ އެކު މަސައްކަތް ކުރަމުން އަންނަ ބޭންކުގެ މުވައްޒަފުން ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ހަފްލާގައި، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ގެ ޗެއާމަން އަލާއު އަލީ ވިދާޅުވި ގޮތުގައި، އެމްއައިބީގެ އައިޕީއޯ އިން ހާމަވި އެއް ކަމަކީ ކެޕިޓަލް މާކެޓަށް ދިވެހިންގެ އިތުބާރާއި ޔަގީން ކަން އޮތް މިންވަރު ބޮޑުކަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒޯރޯ
17 November 2019
މިއީ އިދިކޮޅަށް ހިނގާ ގައުމެއް. ސްޓޮކް އެކްސްޗޭންޖް ގަ ލިސްޓު ކޮށްފައެއް ނޫންތަ އާނުމުންނަށް ހިއްސާ ވިއްކަންވާނީ
ގޮޅާބޯބެ
11 December 2019
އާދެ! އެހެންނެއްނޫން އެކަން އޮންނަނީ. ފުރަތަމަ ޝެއަރތައް ވިއްކަނީ ޕްރައިމަރީ މާރކެޓްގަ. އެއީ ޝެއަރގެ ވެރިފަރާތުން ފުރަތަމަ ފަހަރަށް ޝެއަރ ވިއްކާއިރު. އެއަށްފަހު ދެން ވިއްކަން ހުށަހަޅާނީ ސެކަންޑަރީ މާރކެޓްގަ. އެއީ ޕްރައިމަރީ މާރކެޓްގަ ޝެއަރ ގަތްމީހުން އެމީހުން ގަނެފައިވާ ޝެއަތަށް ޓްރޭޑްކުރާ ޕްލެޓްފޯރމް. މިހާރު ނޫހުންވެސް ތަންކޮޅެއް ތަފްޞީލުކޮށް ވާނުވާ ކިޔައިދޭން އެބަޖެހޭ