މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ހިއްސާ އާއި ބޮންޑު ވިއްކައިގެން އެކި ކުންފުނިތަކުން 2.3 ބިލިއަން ރުފިޔާ ހޯދައިފި އެވެ.
ސްޓޮކް އެކްސްޗޭންޖުގެ ސީއީއޯ އައުޝަން ލަތީފު ވިދާޅުވީ، ރާއްޖޭގެ ސްޓޮކް މާކެޓް މެދުވެރިކޮށް ކުންފުނިތަކަށް ބޭނުންވާ އާމްދަނީ ލިބޭވަރު އިތުރުވާ ކަމަށެވެ.
ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ކުންފުނިތަކަށް ހިއްސާ އާއި ބޮންޑު ވެސް ވިއްކޭނެ އެވެ. ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި މިހާތަނަށް ނުވަ ކުންފުންޏެއް ހިއްސާ ވިއްކާފައިވެ އެވެ. އަދި ތިން ފަހަރެއްގެ މަތިން ބޮންޑު އިޝޫކޮށްފައިވާ އިރު ހަތަރު ފަހަރަކު ސުކޫކް އިޝޫކޮށްފައިވެ އެވެ.
އޭނާ ވިދާޅުވީ އެންމެ ފަހުން ހިއްސާގެ ބާޒާރަށް ވަން ކުންފުނި، މޯލްޑިވްސް އިސްލާމިކް ބޭންކުގެ އައިޕީއޯގައި ވެސް އެ ކުންފުންޏަށް ލިބުނު ތަރުހީބުން މިއީ ރާއްޖޭގައި ކުރި އެރުވޭނެ ދާއިރާއެއްކަން ސާފުވާ ކަމަށެވެ.
"އިސްލާމިކް ބޭންކުގެ އައިޕީއޯގައި ވެސް 46 ޕަސެންޓް އިތުރަށް ޕަބްލިކުން ހިއްސާ ގަންނަން އެދިފައި އޮތް. އެއީ ވަރަށް ކާމިޔާބު އައިޕީއޯއެއް. މި މާކެޓުގެ ޑިމާންޑް އެބައޮތް،" އޭނާ ވިދާޅުވި އެވެ.
އައުޝަން ވިދާޅުވީ، މި ދާއިރާ އަށް ދިވެހިންގެ ޝައުގުވެރިކަން އެބައޮތް ކަމަށާއި ސަރުކާރު ކުންފުނިތަކަށް ވެސް ރާއްޖޭގެ ހިއްސާގެ ބާޒާރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އުފައްދާފައި ވަނީ 2008 ވަނަ އަހަރު އެވެ. ވޭތުވެދިޔަ 13 އަހަރުގެ ތެރޭ ސްޓޮކް އެކްސްޗޭންޖް ހަތް ޕަސެންޓަށް ކުރިއަރާފައިވެ އެވެ. ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ކުންފުނިތަކަށް 42،000 ވުރެ ގިނަ މީހުން އިންވެސްޓްކޮށްފައިވެ އެވެ.