ނައިބު ރައީސް ފައިސަލް ނަސީމް، ހއ. އަތޮޅުގެ އިސްވެރިންނާ ސަލާމް ކުރައްވަނީ --ފޮޓޯ: ރައީސް އޮފީސް
24 ނޮވެމްބަރ 2019 - 00:16
ނާއިންސާފުން ކަންކަން ދިމާވެދާނެ ކަމުގެ ބިރު މިސަރުކާރާ އެކު ނިމުމަކަށް ގެނެވިއްޖެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.
ހއ. އަތޮޅު ކައުންސިލުން ބޭއްވި އިނާމް ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ފައިސަލް ވިދާޅުވީ ގައުމަށް ހަމަނޭވާއެއް ލުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ. ހައްޔަރުކޮށްފާނެތީ ނުވަތަ ނާއިންސާފުން އެއްވެސް ރައްޔިތަކާ ދޭތެރޭ ކަމެއް ކޮށްފާނެތީ މިހާރު ބިރުން އުޅެން ނުޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މި ސަރުކާރު ގެނައީ ވަރަށް ގިނަ ބައެއްގެ އުންމީދުތަކާ އެކު. ސަރުކާރަށް އަހަރެއްވާއިރު މިއީ އުފާކުރަން ޖެހޭ ކަމެއް،" ދިއްދޫގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ މިސަރުކާރަކީ ދިވެހި އެންމެހާ ރައްޔިތުންގެ ސަރުކާރެއް ކަމަށާއި ސަރުކާރުގެ ހިޔާވަހިކަމުން އެއްވެސް ރައްޔިތެއް ބާކީ ނުކުރާނެ ކަމަށެވެ. ސަރުކާރު ގެނައުމަށް ވޯޓް ދިން ރައްޔިތުންނާއި ނުދޭ ރައްޔިތުންނާ މެދު ތަފާތު ކުރުން ނުގެންގުޅޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އަސާސީ ހިދުމަތް ދިނުމުގައި ކުދި ރަށެކޭ ބޮޑެތި ރަށެކޭ ތަފާތު ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖެއާ ގުޅޭގޮތުން ބޭރުގެ ނޫސްތަކުގައި ކުރިން ލިޔަމުން އައި ނުރައްކާ ވާހަކަތަކަށް ނިމުމެއް ގެނެވިއްޖެ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ. އަދި މިސަރުކާރާ އެކު ބައިނަލްއަގުވާމީ ދުނިޔެ އާއި ރާއްޖެއާ އޮންނަ ގުޅުން ވަރަށް ބޮޑުތަން ބަދަހި ކުރެވިއްޖެ ކަމަށް ވިދާޅުވި އެވެ.
ހއ. އަތޮޅު ކައުންސިލުން ބޭއްވި އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސާއި މިނިސްޓަރު ސަމީރު އަދި އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް
ނައިބު ރައީސް ވިދާޅުވީ ރާއްޖެ ހިންގުމުގެ ނިޒާމް ވަރަށް ބޮޑަށް ބަދަލުވަމުން އަންނަ ކަމަށެވެ. އެގޮތުން މިސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ކައުންސިލްތައް ބާރުވެރި ކުރުވުމަށް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
"ގާނޫނަށް ބަދަލު ގެނެސް ދާދި އަވަހަށް ކަންކަން ފުރިހަމަ ވެގެންދާނެ. އަންނަ އަހަރު ވެގެންދާނީ ކައުންސިލްތަކަށް މާލީ ތަނަވަސްކަން އިތުރުވެގެންދާނެ އަހަރަކަށް. އޭގެ ސަބަބުން ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ކުރާނެ،" ހއ. އަތޮޅު ކައުންސިލްތަކުގެ ވެރިން ތިއްބެވި ޖަލްސާގައި ނައިބު ރައީސް ވިދާޅުވި އެވެ.
ގައުމެއް ކުރިއަރައި ދާނީ އުފެއްދުންތެރި ޖީލެއް ބިނާ ކުރެވިގެން ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ އިސްކަމެއް ދެއްވަނީ ހަރުދަނާ ގާބިލް ޖީލެއް ބިނާ ކުރެއްވުމަށް ކަމަށް ވެސް ނައިބު ރައީސް ފައިސަލް ވިދާޅުވި އެވެ.
"އެކަން ކުރެއްވުމަށް، ތައުލީމީ ދާއިރާ އަށް ދުވަހަކުވެސް ނުކުރާވަރުގެ ހޭދައެއް އަންނަނީ ކުރަމުން. އެކި ދާއިރާތަކުން ޒުވާނުން ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ވަނީ ފައްޓަވާފައި،" ނައިބު ރައީސް ވިދާޅުވި އެވެ.
ދިވެހިންނަކީ ގާބިލް ބައެއްކަން މުޅި ދުނިޔެ އަށް ސާބިތުކޮށްދީފައިވާ ކަމަށާއި އެފަދަ ފަރާތްތަކަށް ބޭނުންވާ އެއްބާރުލުން ދެއްވުމަށް ސަރުކާރުން އޮތީ ތައްޔާރަށް ކަމަށް ވިދާޅުވި އެވެ.
މިރޭގެ ރަސްމިއްޔާތުގައި ވަނީ ގައުމީ ފެންވަރެއްގައި ކާމިޔާބުތައް ހޯދި ހއ. އަތޮޅުގެ ރައްޔިތުންގެ އަގުވަޒަންކޮށް އިނާމްދީފަ އެވެ. އެންމެ ހިންގުންތެރި ކައުންސިލްގެ ގޮތުގައި މާރަންދޫ ހޮވައި ވަނީ އެވޯޑް ހަވާލުކޮށްފަ އެވެ.
ނައިބު ރައީސް މިއަދު މެންދުރު މި ރަށަށް ވަޑައިގެން މިރަށުގެ ކައުންސިލާއި މި އަތޮޅު ކައުންސިލްގެ ވެރިންނާ ބައްދަލު ކުރެއްވި އެވެ. އަދި މި ރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ވެސް ބައްދަލު ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެނގޭ
24 November 2019
އެހެންވެގެންތޯ އައިޕީ ހޯދަން ކޯޓުއަމުރު ތިހޯދަނީ.
ހޭލާ ތިބޭ
24 November 2019
ނާ އިންސާފު ކެނޑި މިހާރު ލާއިންސާފަށް ގައުމުގެ ދިޔައި މިކަން ރައްޔިތުންނަށް އިނގޭ އެކެއްގެ މުށު ތެރެއަށް މުޅި ގައުމު ވަދެއްޖެ. ކޮންމެ އިރަކުން އަތް ހުޅުވާލާ އިރަށް އެންމެން ފުންމާލާނެ ބޭރަށް. އޭރުން އެހެން ބަޔަކު އިންސާފު ގެނައުމުގެ ޒިންމާ އަށް ނުކުންނާނެ.
ކޮންބިރު
24 November 2019
އަހަރުމެން ވެރިކަމުގަ ތިބޭއިރު އަހަރުމެން ހައްޔަރުނުވާނެ ކަމުގެ ޔަގީންކަން އޮންނާނެ. އަދި އަހަރުމެން ދެން ވެރިކަމުގަ ނުތިބޭ ދުވަހެއް އަޔަސް އަހަރުމެންނަށް ދެރަ ގޮތެއް ވާ ކަހަލަ ހުކުމެއް ނުކުރާނެ ބަޔަކު ފަނޑިޔާރުންނަށް ލީމަ އެއަށް ކިޔާނީ އިންސާފެއްނޫން. އަދި ދެން އޮތްހާ މިނިވަން މުއައްސަސާއަކަށް އެއް ފިކުރެއްގެ މީހުން ލުމަށް ކިޔާނީ ބާރު ގެއްލޭ ދުވަހަކަށް ތިމާމެންގެ ކޮންޓްރޯލް އޮންނާނެ ގޮތް މިހާރު ހޯދާފަ ބޭއްވުން.
މިއަދު
24 November 2019
އެބިރުކެޑުނީ ކޮންކަމެއްކުރީމަތަ: 3 ބާރު އެއްވުމުންތަ؟ ނޫނީ ހިބަރުވަދުދޫކުރި ފަޑިޔާރުން ބޭރުކުރެވުނީމަތަ؟ ނޫންނަމަ 32 މިލިއަން ރުފިޔާގެ ބަޖެޓެއް ފެންފޮދަކާނުލާ ދިރުވާލެވުނީމަތަ؟
އަމީނާ
24 November 2019
އަޅެ މިވެރިންގެ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތް އުތަ. މަ ބުނާނީ މީގެ އިދިކޮޅަށް ނާއިންސާފުގެ ބިރު މިހާރު އާލާވެ އާއްމު ވެއްޖެ. އަސްލު މީ ނައިބުރައީސް ބުނަންވީ ގޮތަކީ މީ ރިއަލިޓީއަކީވެސް.
ާއަލީ.ޝ
24 November 2019
ޔާމީން އަށް ވުރެ މާ ގޯސްް. ނާ އިންސާފު އޭގެ އިންތިހާގަ.
އަލިތައްހާނު ކުޑަ
24 November 2019
ވަޒީފާގެ ބިރުމިހާރު މާބޮޑު ޔާމީނުގެސަރުކާރަށްވުރެއް އެހެންވީމާ ބިރުވަރަށް ބޮޑު މިހާރު
ބޮޑުމީހާ
24 November 2019
ބިރެއް ނުގަންނާނެ ނުން 32 ބިލިއަން ބަޖެޓްވެސް ވީނުވީ ނޭގި ހުސްވީ. 233 މިލިއަން ރުފިޔާގެ އެސްއެމްއީ ލޯނު ދީފި އެ ލިބުނު ބަޔެއް ނެތް
ކިނިކްސް
24 November 2019
ކާކު ބުނީ ނާއިންސާފުގެ ބިރެއް ނެތޭ؟ އިންސާފު ގާއިމު ނުވީ އިންސާފު ސިޔާސީ ކުރާތީކަމަށް ބުނި މީހުން އިންސާފު ސިޔާސީ ކުރުން ކުރިއަށް ގެންދާ އިރު އިންސާފު ކޮބައިތޯ؟ ކުރިއަށްވުރެ ނާއިންސާފުކަން ބޮޑު.
މާދުރު ތަރި
24 November 2019
ނާދޮގެއް! ރައީސް ނަޝީދުގެ އަނދިރި ދައުލަތް މިދަނީ ހުރިހާ ދިމާލަކުން ގަދަކަން ހޯދާ މީހުން ބުލީކޮށް ނިކަމެތި ކުރަމުން. އަދުލްއިންސާފު ކިޔާ އެއްޗެއް ހޯދާ ހޯދާ މަށަކަށް ނުފެނޭ! ނައިބު ރައީސް އިންނަވާ އޮފީހުގަ އަދި ކާރުގެ ތެރެއިން ތިޔަ އިންސާފެއް ފެންނަނީ ތޯއްޗެއް! ރައީސް އޮފީސްގެ އެންމެ ސީނިޔަރ ސިޔާސީ މީހުންނަކީ ވެސް ނަޝީދުގެ އަޅުން. ވެދުން