ލަނޑު ޖެހުމަށް ފަހު ޑީބަލާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
29 ސެޕްޓެމްބަރ 2016 - 10:48
ބާސެލޯނާ (ސެޕްޓެމްބަރު 29) - ޔުވެންޓަސް އަށް ކުޅޭ އާޖެންޓީނާގެ އުއްމީދީ ފޯވާޑް ޕައޮލޯ ޑީބަލާ ގެންނަން ބާސެލޯނާ އިން އެ ޓީމުގެ ތަރި ލިއޮނަލް މެސީގެ އެހީ ހޯދަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 22 އަހަރުގެ ޑީބަލާ އަކީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ވެސް ބާސެލޯނާ އިން ފާރަލި ކުޅުންތެރިއެކެވެ. ބާސެލޯނާ އިން 90 މިލިއަން ޕައުންޑް ހުށަހަޅަން ތައްޔާރަށް އޮތް ނަމަވެސް ޔުވެންޓަސް އިން ޑީބަލާ ވިއްކާލަން ބޭނުމެއް ނުވި އެވެ.
ބާސެލޯނާގެ ޗީފް އަރިއެޑޯ ބްރައިޑާ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނީ ޑީބަލާ އަކީ ބާސެލޯނާ އަށް މުހިއްމު ކުޅުންތެރިއެއް ކަމަށާއި ބޮޑު އަގުގައި އޭނާ ގެންނަން ތައްޔާރަށް ތިބި ކަމަށެވެ.
ޑިބަލާ ގެންނަން ކުރަމުން އަންނަ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި ވަރަށް ގިނަ ގޮތްގޮތުން އެހީ ހޯދަމުން އަންނަ ކަމަށް ބްރައިޑާ ބުންޏެވެ.
އާޖެންޓީނާ ގައުމީ ޓީމަށް ވެސް ކުޅޭ ޑިބަލާ ގެންނަން ބާސެލޯނާ އިން ވަނީ މެސީއާ ވެސް މަޝްވަރާކޮށްފަ އެވެ. ވާތު ފައިން ކުޅޭ ޑީބަލާ އަކީ މުސްތަގުބަލުގައި އާޖެންޓީނާ ގައުމީ ޓީމުގައި މެސީ ނެތްތަން ފޫބައްދާނެ ކުޅުންތެރިއާ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ބާސެލޯނާ އިން ވަނީ ކޮންމެ އަގެއް ދީފައިވެސް ޑީބަލާ ގެންނަން ނިންމައިފަ އެވެ.
މިދިޔަ އަހަރު ޕަލާމޯ ދޫކޮށް ޑީބަލާ ޔުވެންޓަސް އަށް ބަދަލުވީ 33 މިލިއަން ޕައުންޑަށެވެ. ޔުވެންޓަސްއާ އެކު ޑީބަލާ ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު އެބައޮތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy