އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒް، އެމްޓީސީސީގެ މެނޭޖިން ޑިރެޓަރު ޝާހާ ކުރިން ބައްދަލުކުރައްވަނީ.---ފޮޓޯ: އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް
26 ނޮވެމްބަރ 2019 - 13:57
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެމްޓީސީސީން ގަބޫލުކުރަނީ އެއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ދޭންޖެހޭ ކުންފުންޏެއް ނޫން ކަމަށާއި އެހެންވެ އެކަމަށް ހައްލެއް ހޯދައި ދިނުމަށް އެދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.
އެ މައްސަލަ އަށް ހައްލެއް ހޯދައި ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކިބައިން އެދިފައިވީ ނަމަވެސް އެ މައްސަލަ މިހާރު ވަނީ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ) އަށް ހުށަހަޅައިފަ އެވެ. އެހެންވެ، އެމްޓީސީސީން މައުލޫމާތު ނުދިން މައްސަލަ މިހާރު ބަލަނީ އެ ކޮމިޓީންނެވެ.
މި މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ ސަމާލުކަމަށް އައީ އެމްޓީސީސީގެ މުސާރައިގެ އޮނިގަނޑު ހޯދުމަށް އެދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހެޅުމުން، އެ ގާނޫނުގައި ބުނެފައިވާ މުއްދަތު ހަމަވިއިރު ވެސް މައުލޫމާތު ނުދިނުމުންނެވެ. އެހެންވެ، ގާނޫނުގެ ދަށުން އެ ފަރާތުން އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަޙެޅީއެވެ.
އާ އިންފޮމޭޝަން ކޮމިޝަނަރު އަދި ކުރީގެ ނޫސްވެރިޔާ ހުސައިން ފިޔާޒް މޫސާ "މިހާރު" އަށް މިއަދު ވިދާޅުވީ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ސަމާލުކަމަށް އޭނާ އެ މައްސަލަ ގެންނެވީ އެމްޓީސީސީން ވަކި މައުލޫމާތެއް ފޯރުކޮށް ނުދިނުމުގެ ކަންބޮޑުވުމެއް ނޫން ކަަމަށެވެ. އޭގެ ބަދަލުގައި، އެއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބުނާ ފަދަ ދައުލަތުގެ އިދާރާއެއް ކަމަށް ކުންފުނިން ގަބޫލުނުކުރުމުން އެ މައްސަލައިގައި ހައްލެއް ހޯދައި ދިނުމަށް ކޮމިޓީ ގައި އެދިވަޑައިގަތީ ކަމަށް ފިޔާޒް ވިދާޅުވި އެވެ.
ފިޔާޒް ވިދާޅުވި ގޮތުގައި، އެމްޓީސީސީން އެގޮތަށް ގަބޫލު ނުކުރާކަން ކޮމިޝަންގެ ސަމާލުކަމަށް އައީ އޭނާ، މަގާމާ ހަވާލުވެވަޑައިގަތުމުގެ ވެސް ކުރިންނެވެ.
އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒް: މައްސަލަ ހައްލު ކުރަން އޭނާ ވަނީ އެމްޓީސީސީގެ އިސްވެރިންނާ ވެސް ކުރިން ބައްދަލުކުރައްވާފައި.---ފޮޓޯ: މިހާރު
"އެމްޓީސީސީ އަށް ފަރުދަކު ހުށަހެޅީ އެ ކުންފުނީގެ މުސާރައިގެ އޮނިގަނޑު ހޯދަން. އޭޭނާ އަށް ކުންފުނިން ޖަވާބު ދީފައި އޮތީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ބުނާ ފަދަ އިދާރާއެއް ނޫން ކަމަށް އެމްޓީސީސީ އަކީ. ދެން އެމައުލޫމާތު ހޯދައި ދޭން އެދި ހުށަހެޅީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް. މި އޮފީހަށް ވެސް އެމްޓީސީސީން ދިނީ އެ ޖަވާބު،" ފިޔާޒް ވިދާޅުވި އެވެެ.
މި މައްސަލައާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒް ވަނީ އެމްޓީސީސީގެ އިސްވެރިންނާ ވެސް މީގެ ދުވަސްކޮޅެއް ކުރިން ބައްދަލު ކުރައްވައިފަ އެވެ.
އެސްއޯއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އެ މައްސަލަ އެޖެންޑާ ކުރި ނަމަ ވެސް އެކަން ވަނީ އެހެން ދުވަހަކަށް ފަސްކޮށްފަ އެވެ. އެސްްއޯއީ ކޮމިޓީން ބަލަނީ އިންފޮމޭޝަން ކޮމިޝަނަރަށް މައުލޫމާތު ދޭން އެމްޓީސީސީން އިންކާރު ކުރި މައްސަލައެއްގެ ގޮތުގަ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައިވާ ލަފްޒުތައް މާނަކޮށްދީ، އެ ގާނޫނުގެ 72 ވަނަ މާއްދާގެ ޅ. ގައި ގައި ބުނެފައި ވަނީ "އެ ތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓުން ހިންގާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ކޮންމެ ތަނަކީ" ދައުލަތުގެ އިދާރާތައް ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާބަލާ
12 February 2020
ގާނޫނުގެ 72 ވަނަ މާއްދާގެ ޅ. ގައި ގައި ބުނެފައި ވަނީ "އެތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެތަނަކާއި ދައުލަތުގެ ބަޖެޓުން ހިންގާ ކޮންމެތަނަކާއި ދައުލަތުގެ ބަޖެޓުން އެހީލިބިގެން ހިންގާ ކޮންމެ ތަނަކީ" ދައުލަތުގެ އިދާރާތައް ކަމަށެވެ. **** މިތަނުގެ ހިންގުން ޙަވާލުވެ ހުންނެވިބޭފުޅަކީ ދައުލަތުން ޢައްޔަން ކުރިމީހެއްތޯ އެބޭފުޅަކާ އަޅުގަނޑު ސުވާލުކޮށްލާނެވެ. އޭނާ އެއުފުލަނީ ދައުލަތުގެ މަސްއޫލިއްތަތުތޯވެސް ސުވާލުކުރަން ޖެހިއްޖެ.
ހުސައިން
26 November 2019
ބަލަ ތިއީ ޕަބްލިކް ކުންފުންޏެއް. ތިކުންފުނީގެ ހާމަކުރަންޖެހޭ މައުލޫމާތަކީ ކޮންމެ އަހަރަކުވެސް ބަޔާންކުރެވި އެގެން ހުރި ކަންކަން އެކަނި. ދެން އިންފޮމޭޝަން ކޮމިޝަނަރ ބޭނުންވިޔަސް , ދަވްލަތުގެ ޝެއަރ އެއް އޮތޭ ކިޔާފައި ޕަބްލިކަށް ހާމަކުރަންޖެހޭ އެއްޗެއް ފިޔަވައި އެހެން އެއްޗެއް ލިބިގެންނުވާނެ. މީ ކޮންތާކުން ވެރިކަންކުރަން ދަސްކޮށްގެން އައި ބަޔެއްބާ. ތިވަރުން ދަންޏާ ތިކޮމިޝަނަރ މާދަމާ ގަދަކަމުން ތިކުންފުނީގެ އެމްޑީގެ ގޮޑިއަށްވެސް އަރާނެ ތޯއްޗެއް. ބޯހަލާކު.
ޖާނޫ
26 November 2019
ސަރުކާރު އޮފީސް ތަކުންދޭ ހިދުމަތުގެ ފެންވަރާއި މެދު ރައްޔިތުން ހިތްހަމަ ޖެހޭތޯ ނުވަތަ ނުޖެހޭ ތޯ، މި މައުލޫމާތު ހޯދައި އާމު ކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ގޮވާލަން
333223
26 November 2019
ތިއުޅެނީ އޮޅިގެން، އިންފޮމޭޝަން ކޮމިސަނުގެ މަސްއޫލިއްއަތެއްނޫން ތީ.
ކަކުނިބޯ
26 November 2019
އެމް ޓީ ސީ ސީ ގެ މެޖޯރިޓީހިއްސާ އަކީ ދައުލަތުގެ ހިއްސާ ކަމަށްވަތީވެ ޖަވާބުދާރީވާންޖިހޭނެ ސަރުކާރުން ބޯޑުގެ މެމްބަރުން ކޮންޓްރޯލްކުރެވޭއިރު މިކަމުން އިސްތިސްނާވާކަމަށްވަންޔާ ތިޔަ އެމްޓީސީސީ އަށް އައްޔަނުކޮށްފަ ހުރި ވެރިޔާވެސް އެގޮތުން ދައުލަތުގެ ރޯލެއްނެތި އައްޔަނުވާންޖިހޭނީ
ލުތުފީ
26 November 2019
ރައްޔިތުންނަށް ވީހާވެސް ބޮޑަށް ކަންކަން ސާފުވާގޮތަށް ދައުލަތުގެ ކޮންމެ މުއައްސަސާއަކުންވެސް ކަންކަންކުރަންވާނީ. އެމްޓީސީސީ ވިޔަސް އަދި ދައުލަތުގެ އެހެން ކުންފުންޏެއް ވިޔަސް ހާމަކަންބޮޑުކޮށް މައުލޫމާތު ރައްޔިތުންނަށް ހިއްސާކުރަންޖެހޭ. ކަމެއް ހާމަނުކުރަން އުޅެންޖެހޭނީ ސިއްރުކުރަންޖެހޭ ކަމެއް އޮވެގެން.
ޒާރިޔާ
26 November 2019
ކުންފުނިން ހާމަކުރަންޖެހޭނީ ޝެއަރހޯލްޑަރސް އަށާއި ރެޖިސްޓްރަރ އޮފް ކޮމްޕެނީސް އަށް. ޢެހެން ބަޔަކަށް ކުންފުންޏާބެހޭ މައުލޫމާތު ހިއްސާކުރާކަށް ނޯވޭ
ލޯޔަރު
26 November 2019
ރަނގަޅު ވާހަކައެއް އެމްޓިސީސީއިން އެ ބުނަނީ. ޢެއީ ކުންފުންޏެއް. ޢެތަނަށް ހިނގާނީ ކުންފުންޏަބެހޭ ޤާނޫނާއި ބޯޑުގެ ނިނުންތައް.ދައުލަތުގެ އާންމު އިދާރީ ގާނޫނު ކުންފުނީގެ މައްޗަށް ނުހިނގާނެ. ހިނގަންޏާ އެ ފުނޑާލެވެނީ ކުންފުނީގެ މަފްހޫމް