ދުނިޔެ / މެދު އިރުމަތި

މުޒާހަރާތައް ހޫނުވެ އިރާގުގެ ބޮޑުވަޒީރު އިސްތިއުފާ ހުށަހަޅުއްވައިފި

އިރާގުގެ ބޮޑުވަޒީރު އާދިލް އަބްދުލް މަހްދީ

01 ޑިސެމްބަރ 2019 - 12:17

ސަރުކާރާ ދެކޮޅު މުޒާހަރާތައް ވަރުގަދަވެ އަދި މުޒާހަރާގެ ތެރެއިން އެތައް ބަޔަކު މަރާލި މައްސަލާގައި ފިއްތުންތައް އިތުރުވެފައި ވަނިކޮށް އިރާގުގެ ބޮޑުވަޒީރު އާދިލް އަބްދުލް މަހްދީ، ގާނޫނު ހަދާ މަޖިލީހަށް އިސްތިއުފާ ހުށަހަޅުއްވައިފި އެވެ.

ސަލާމަތީ ބާރުތަކުން މުޒާހަރާތަކުގެ ތެރެއިން 40 މީހަކު ވަނީ ބުރާސްފަތި ދުވަހު މަރާލައިފަ އެވެ. އެއާ އެކު ސަރުކާރަށް އަމާޒުވި ފާޑުކިޔުންތަކާ އެކު ބޮޑުވަޒީރު އިއްޔެ ވަނީ އިސްތިއުފާ ދެއްވާނެކަން އިއުލާނުކުރައްވައިފަ އެވެ.

ބޮޑުވަޒީރު ރަސްމީކޮށް އިސްތިއުފާ ހުށަހަޅުއްވާފައި މި ވަނީ ކެބިނެޓްގެ ކުއްލި ބައްދަލުވުމަކަށް ފަހުގަ އެވެ. މި ބައްދަލުވުމުގައި ބޮޑުވަޒީރާއި އޭނާގެ ޗީފް އޮފް ސްޓާފާއި އިސް އެހެން ބައެއް މުވައްޒަފުންގެ އިސްތިއުފާއާ ގުޅޭ ލިޔުންތައް ވެސް ކެބިނެޓުން ދިރާސާކޮށް ބަލައިގެންފައިވެ އެވެ.

ބޮޑުވަޒީރު އިސްތިއުފާ ހުށަހެޅުއްވި ނަމަވެސް އިސްތިއުފާ ގަބޫލުކުރުމާ މެދު ގޮތެއް ނިންމާނީ ގާނޫނު ހަދާ މަޖިލީހަށް މިއަދު އެކަން ހުށަހަޅައިގެންނެވެ.

މުޒާހަރާގައި މީހުން މެރި މައްސަލާގައި ސަރުކާރާ މެދު ހިތްހަމަނުޖެހި، ޝިއައީންގެ އިސް ލީޑަރު ވަނީ ސަރުކާރަށް ކުރި ތާއީދު އަނބުރާ ގެންދިޔަކަން ވެސް އިއްޔެ އިއުލާނުކޮށްފަ އެވެ.

އިސްތިއުފާއާ ބެހޭ ގޮތުން އާންމުކުރެއްވި ހިތާބެއްގައި ބޮޑުވަޒީރު ވިދާޅުވީ ގާނޫނު ހަދާ މަޖިލީހުން އޭނާގެ އިސްތިއުފާ ގަބޫލުކޮށްފި ނަމަ ކެބިނެޓް ބަދަލުވާނީ ވަގުތީ ކެބިނެޓަކަށް ކަމަށާއި އެ ހާލަތުގައި މަޖިލީހުން އެއްވެސް ގާނޫނެއް ވެސް ފާސް ނުކުރެވޭނެ ކަމަށެވެ. އަދި މުހިންމު އެއްވެސް ކަމެއްގައި ގޮތެއް ނިންމުމުގެ ބާރު ވެސް ނޯންނާނެ ކަމަށް ވިދާޅުވި އެވެ. އަނެއް މައްސަލަ އަކީ ގާނޫނު ހަދާ މަޖިލީހުން ބޮޑުވަޒީރުގެ އިސްތިއުފާ ބަލައިގަތުމުގައި އަމަލުކުރާނެ ގޮތެއް ސާފު ގޮތެއްގައި ގާނޫނުތަކުގައި ބަޔާންކޮށްފައި ނެތުމެވެ.

ގާނޫނުން ބަޔާންކޮށްފައި އޮންނަނީ ބޮޑުވަޒީރުގެ އިސްތިއުފާ ރައީސަށް ހުށަހެޅުމަށެވެ. ނަމަވެސް ގާނޫނު ހަދާ މަޖިލީހުން އިސްތިއުފާއާ މެދު ގޮތެއް ނިންމަންޖެހޭ ގޮތެއް ސާފުކޮށް ބަޔާންކޮށްފައެއް ނޯވެ އެވެ. އެހެންވެ، ވޯޓަށް އަހާނީ އިސްތިއުފާ ގަބޫލުކުރުމާ މެދުގައި ކަމެއް ނުވަތަ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރުމަށް ކަމެއް އަދި ކަށަވަރެއް ނޫނެވެ.

ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ސަރުކާރު ގޮސްފައިވާއިރު ވެރިރަށް ބަޣްދާދާއި އިރާގުގެ ދެކުނުގައި މުޒާހަރާތައް ވަނީ ވަރުގަދަކޮށްފަ އެވެ. މުޒާހަރާކުރާ މީހުން ދަނީ މަގުމަތީގައި ޓަޔަރު ފަދަ ތަކެތި އަންދައި ހަމަނުޖެހުން ހިންގަމުންނެވެ.

ސަރުކާރުގެ އެކި ކަންކަން އިސްލާހުކުރުމަށް ގޮވާލައި އޮކްޓޫބަރު 1 އިން ފެށިގެން މުޒާހަރާކުރަމުން އަންނަ އިރު ހަމަނުޖެހުންތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 400 އަށް އަރައިފަ އެވެ. މުޒާހަރާކުރާ މީހުން އަންނަނީ ސަރުކާރުގައި ކޮރަޕްޝަން އާންމުވެފައި އޮތުމާއި ހިދުމަތްތައް ދޯދިޔާ ވުމާއި ވަޒީފާ ނުލިބުމުގެ މައްސަލަތައް ވެސް ހައްލުކުރުމަށް ގޮވާލަމުންނެވެ. މުޒާހަރާކުރާ މީހުން ކޮންޓްރޯލްކުރުމަށް ސަލާމަތީ ބާރުތަކުން އަންނަނީ ބަޑި އާއި ކަރުނަ ގޭސް ބޭނުންކުރަމުންނެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 40%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454