ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ފުޓްބޯޅަ: ބަންގްލަދޭޝް އަތުން ވެސް ރާއްޖެ އަށް ޕޮއިންޓެއް

ލަނޑު ޖެހުމަށް ފަހު ރާއްޖޭގެ ފޭދޫ އިއްބެ އުފާފާޅުކުރަނީ.- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ކަތުމަންޑޫ އިން،  އައްޒާމް އަލިފުޅު، މިހާރު

03 ޑިސެމްބަރ 2019 - 19:30

5 comments

ނޭޕާލުގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖެ ކުޅުނު ދެ ވަނަ މެޗުން ބަންގްލަދޭޝްއާ 1-1 އިން އެއްވަރުވެއްޖެ އެވެ.

އެންމެ ފަހުން 2016 ވަނަ އަހަރު އިންޑިއާގެ ގުވަހާޓީގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ތިން ވަަނަ ހޮވި މެޗުން ރާއްޖެ ވަނީ ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް އަތުން ބަލިވެފަ އެވެ.

ލީގު އުސޫލުން ކުޅޭ މި ފަހަރުގެ ފުޓްބޯޅަ އިވެންޓުގައި ކުޅުނު ދެ މެޗުން ލިބުނު ދެ ޕޮއިންޓާ އެކު ރާއްޖެ އޮތީ ތިން ވަނައިގަ އެވެ. އެއް ވަނައިގައި އޮތީ މިއަދު ބޫޓާން އަތުން 4-0 އިން މޮޅުވި ނޭޕާލެވެ. އެ ޓީމަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ބޫޓާނަށް ވެސް ވަނީ ދެ މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. އެއީ އިއްޔެ ބަންގްލަދޭޝް އަތުން 1-0 އިން މޮޅުވުގެން ހޯދި ތިން ޕޮއިންޓެވެ. ނޭޕާލަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.

މި ފަހަރުގެ ގޭމްސްގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި އިއްޔެ ސްރީ ލަންކާއާ އެކު ލަނޑެއް ނުޖެހި ވަނީ އެއްވަރުވެފަ އެވެ. އެ މެޗުގައި ބޭނުންކުރި ފުރަތަމަ 11 އަށް ވަނީ މިއަދު ދެ ބަދަަލެއް ގެނެސްފަ އެވެ. އެއީ ހަސަން ރާއިފް (ހަންނަ) އާއި އަބްދުﷲ ޔާމީން (ޔާން)ގެ ބަދަލުގައި ރިހާމް އަބްދުލް ގަނީ (ބޮބީ) އާއި މުހައްމަދު ޖައިލަމް (އޮގީ) އެރުވުމެވެ.

ނޭޕާލުގެ ދަސްރަތު ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު ފަށައިގެން ރާއްޖޭން މެޗު ކޮންޓްރޯލް ކޮށްގެން ކުޅެން މަސައްކަތްކުރި ނަމަވެސް ބަންގްލަދޭޝް އިން ވެސް ދިޔައީ ފުރުސަތުތަކުގެ ބޭނުން ހިފައި ނުރައްކާކުރަމުންނެވެ. އެ ގޮތުން މެޗުގެ އަށް ވަނަ މިނިޓްގައި ބަންގްލަދޭޝްގެ ރަބިއުލް ހަސަން އޭރިއާ ބޭރުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. މެޗުގެ 19 ވަނަ މިނިޓްގައި ބަންގްލަދޭޝް އިން ލަނޑެއް ޖެހިއިރު، އެ ބޯޅަ ބޭރުވި ކަމަށް ނިންމައި ލައިންސްމަން ދިދަ ނެގުމުން ރެފްރީ ނިންމީ ކޯނަރެއް ކަމަށެވެ. އެ ކަމާ ހިތްހަމަ ނުޖެހި ބަންގްލަދޭޝް ކުޅުންތެރިންގެ އިތުރުން ބެންޗުން ވެސް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރި އެވެ. ބަންގްލަދޭޝް އިން ހިތްހަމަނުޖެހުނީ ގޯލުގެ ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައި ބޯޅައެއް ބޭރުވި ކަމަށް ނިންމުމުންނެވެ.

މިއަދުގެ މެޗަށް ނުކުތް ރާއްޖޭގެ ފުރަތަމަ އެގާރަ ކުޅުންތެރިން.-- ފޮޓޯ: ހުސެއިން ވަހީދު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ރާއްޖޭގެ ފުރަތަމަ ހަމަލާ މެޗުގެ 27 ވަނަ މިނިޓްގައި ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލުމުން، ބަންގްލަދޭޝްގެ ކީޕަރު އަނީސުރް ރަހުމާން ވަނީ ފަސޭހަކަމާ އެކު ބޯޅަ އަތަށް ނަގައިފަ އެވެ. އޭގެ ދެ މިނިޓް ފަހުން ބަންގްލަދޭޝް އިން ވަނީ ލީޑުނަގައިފަ އެވެ. އަރިމަތިން ރަބިއުލް އެއްލި ބޯޅައެއް އެ ޓީމުގެ ސާދުއްދީން ބޮލުން ފޮނުވާލުމުން ރާއްޖޭގެ ކީޕަރު ހުސެއިން ޝަރީފް (ހުސެން) އަތުގައި ޖެހިފައި އެ ބޯޅަ ގޯލަށް ވަނީ ރާއްޖޭގެ ކުޅުންތެރިއެއްގެ އަތުގައި ޖެހިފަ އެވެ.

ބަންގްލަދޭޝް އިން ލީޑުނެގުމާ އެކު ރާއްޖޭން ކުރިއަށް ޖެހިގެން ކުޅެ މެޗުގެ 38 ވަނަ މިނިޓްގައި ލަނޑެއް ޖެހި އެވެ. އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) މި ލަނޑު ޖެހި ނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ފޭދޫ އިއްބެ އާއި ނާއިޒު ހަސަން (ދާދު) އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ބޮބީ ހުސްކޮށްލާފައި އޭރިއާ ތެރެއަށް މަތިން ހުރަސްކޮށްލި ބޯޅަ ދާދު ފޮނުވާލަން މަސައްކަތްކުރި ނަމަވެސް އޭނާ ފައިގައި ބޯޅަ ލައްވާލާ ގޮތެއްނުވި އެވެ.

ރާއްޖޭން ދެ ވަނަ ހާފަށް ނުުކުތީ އޮގީގެ ބަދަލުގައި ހަންނަ ކުޅެން އަރުވައިގެންނެވެ. އެެއާ އެކު ރާއްޖޭގެ އެޓޭކްގައި ކުޅޭ ބޯޅަތައް ރަނގަޅުވާން ފެށި އެވެ. މި ހާފްގެ ކުޅުން ފަށައިގެން ދެ މިނިޓް ތެރޭ ހަންނަ ހުސްކޮށްލާފައި ފޭދޫ އިއްބެ އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މެޗުގެ 59 ވަނަ މިނިޓްގައި ރާއްޖޭން އަނެއްކާވެސް ނުރައްކާކުރި އެވެ. ދާދު ޖެހި ބޯޅައެއް ކީޕަރު ރަހުމާން މަތަކުރުރި އިރު އެ ބޯޅަ ދެ ވަނަ ފަހަރަށް ފޭދޫ އިއްބެ ޖެހި އެބެ. އެ ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. އޭގެ ދެ މިނިޓް ފަހުން އޭރިއާތެރެއިން ހުސްކޮށް ލިބުނު ބޯޅަ ހަންނަ ފޮނުވާލި ނަމަވެސް ކީޕަރު ރަހުމާން ވަނީ ފަސޭހަކަމާ އެކު އެ ބޯޅަ މަތަކޮށްފަ އެވެ.

ރާއްޖެ އަށް އެއްވަރުކޮށްދިނީ މެޗުގެ 70 ވަނަ މިނިޓްގައި ފޭދޫ އިއްބެ އެވެ. ހަންނަ ފެށި އެޓޭކެއްގައި ބަންގްލަދޭޝް ހާފުގެ ތެރެއިން ދާދު އަށް ލިބުނު ބޯޅަ ހިފައިގެން އައިސް އޭރިއާތެރެއިން ދިނީ ހުސްކޮށް ހުރި ފޭދޫ އިއްބެ އަށެވެ. އޭނާ ވަނީ ހަމަޖެހިލާފައި ހަނި އޭންގަލުން ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިފަ އެވެ. އޭގެ ދެ މިނިޓް ފަހުން ހަންނަ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ހަންނަ އަށް އެ ފުރުސަތު ތަނަވަސްކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ސާމިރު އެވެ.

ބަންގްލަދޭޝްގެ ޑިފެންޑަރުން ކައިރިން ދާދު (ކ) ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

މި މެޗުން ރާއްޖެ މޮޅުކޮށްދޭން، މެޗުގެ ފަހުކޮޅު އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ދާދު އަށެވެ. ހަމްޕު ހުސްކޮށްލާފައި އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅަ ދާދު ފޮނުވާލަން މަސައްކަތްކުރި ނަމަވެސް ފައިގައި ރަނގަޅަށް ލައްވައެއް ނުލި އެވެ. ބަންގްލަދޭޝް އިން ވެސް ފަހު ވަގުތު ނުރައްކާކުރި އެވެ. ބަންގްލަދޭޝްގެ ޖަމާލް ބުޔާން ބޮލުން ޖެހި ބޯޅަ ކީޕަރު ހުސެން ހުށިޔާރުކަމާއެކު މަތަކޮށް ރާއްޖެ ސަލާމަތްކޮށްދިނެވެ.

ބަންގްލަދޭޝްގެ ކޯޗު ޖޭމީ ޑޭ ބުނީ އެ ޓީމުން ތަނަވަސްކުރި ފުރުސަތުތަކަށް ބަލާއިރު މޮޅުވުން ހައްގުވާކަމަށާއި ރާއްޖެ އާއި ނޭޕާލަކީ މުބާރާތުގެ ފޭވަރިޓުންކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. މި މެޗުގައި ބަންގްލަދޭޝްގެ ރަނގަޅު ގޯލެއް ގޯލަކަށް ނުގުނުމަކީ އެ ޓީމަށް މެޗުގެ ތިން ޕޮއިންޓް ނުލިބުނު ސަބަބެއްކަން ފާހަގަކުރަމުން ޑޭ ބުނީ އަދިވެސް ކުރިއަށް އޮތް ދެ މެޗުން މޮޅުވެގެން ގަދަ ތިން ޓީމު ތެރޭގައި ހިމެނި މެޑަލެއް ހިފައިގެން ދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

ރާއްޖޭގެ ކޯޗް ސެގާޓް ބުނީ މި މެޗަކީ ވެސް މޮޅުވެވޭ ވަރަށް ފުރުސަތު ތަނަވަސްކުރެވުނު މެޗެއް ކަމަށާއި ކުޅުންތެރިންކުރި މަސައްކަތް ފާހަގަކުރާ ކަމަށެވެ. އަދި ކުރިން މެޗަށް ވުރެން ޕޮޒިޓިވް އެއް ކަމަކީ ލަނޑެއް މި މެޗުގައި ޖެހުން ކަމަށާއި ދެން އޮތް މެޗުތަކަށްދާއިރު ޓީމުގެ ރޫހު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ސެގާޓް ބުންޏެވެ.

މުބާރާތުގައި ދެން ރާއްޖެ ކުޅޭ މެޗުގައި އަންނަ ބުރާސްފަތި ދުވަހު މެންދުރު ކުޅޭނީ ބޫޓާނާ ދެކޮޅަށެވެ. އެ މެޗު ފަށާނީ ރާއްޖެ ގަނޑިން 12:15 ގަ އެވެ.

5 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 49%
icon sad icon sad 11%
icon angry icon angry 41%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔަލަމްލަމް

04 December 2019

ގިނައިރު ބޯޅަ ގެންގުޅެ ގިނަފުރުސަތުތަށް ލިބި ގޯލުނުޖެހި ދާތަން ފެނުމުން ވަރަށް ހިތަށް ދަތިވޭ

The name is already taken The name is available. Register?

ކަމާލާހެރިސް

04 December 2019

ލަދުވެތި ދެއްތޯ. އިންޑިއާ ބައިވެރިނުވާ މުބާރާތެއްގަ ފޭވަރިޓުންނަށް ވާނީ ރާއްޖެ.. އެކަމަކު ދެމެޗުންވެސް އެއްވަރުވީ... (ވެދާނެ ޖެހިޖެހިގެން 2 ދުވަހު ކުޅެންޖެހުނީމަ ކަމަށްވެސް..) އެކަމަކު ވެސް އަހަރެމެން އެކްސްޕެކްޓް ކުރަން ރާއްޖެ ސަރަހައްދީ މުބާރާތްތަކުގަ މޮޅުވާން ހުރިހާ މެޗަކުން.

The name is already taken The name is available. Register?

ވަންނަ

04 December 2019

ދިވެހި ބޯޅައިގެ ރަން ޒަމާން މާޒީވެ ހިނގައްޖެ! ޤަބޫލު ކުރިއަސް ނުކުރިއަސް އަޝްފާޤަކީ ދިވެހި ފުޓުބޯޅަ! މިއަށްވުރެ ރަގަޅުވާނެ ރާއްޖޭގައި ފުޓުސަލް ކުތި އަރުވަން މަސައްކަތް ކުރިއަސް!

The name is already taken The name is available. Register?

ޢަޒީން

04 December 2019

ރާއްޖެއަކީ ބުރެޒިލޭ ހީވާ ބަެއެއް މީހުންވެސް އެބައުޅޭ... ހަމ ކުޅޭ ކޮންމެ މެޗަކުން މޮޅުވެވޭވަރުގެ ޓީމެއް ރާއްޖެއަކު ނެތް... ހަޤީޤަތަކީ ހިތި އެއްޗެއް

The name is already taken The name is available. Register?

‫ފުޓްބޯލް ފޭން

03 December 2019

‫ވަރަށް ދެރަ. މިޓީމުތައް އަތުން ކިރިޔަކިރިޔާ ސަލާމަތްވުން ނުވަތަ އެއްވަރުވުން އެއީ ގަބޫލު ކުރެވޭނެ ނަތީޖާއެއް ނޫން. ދިވެހި ޓީމުގެ ކުޅުންތެރިން ގޯލާހިސާބަށް ދާން ވަރަށް ކުޅަދާނަ އެކަމު ނިންމައެއް ނުލެވޭ. މިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ތަމުރީނުތަކެއް ކުރަން ފެނޭ. އެކިއުރެސީ ރަނގަޅުކުރުމަށާއި ޗާންސްތައް ބޭކާރުވެގެން ނުދާނެފަދަ ގޮތަކަށް ކުޅުންތެރިން ބިނާކުރުން ވަރަށް މުހިންމު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454