ހައި ކޯޓު: ލޯނެއްގެ މައްސަލާގައި ދައުވާކުރުން ލަސްވި މުއްދަތު އިންޓްރެސްޓާއި ޖޫރިމަނާ ނަގައި ނުދެވޭނެ ކަމަށް ވަނީ އެ ކޯޓުން ވަނީ ހުކުމް ކޮށްފައި -- ފޮޓޯ/މިހާރު
04 ޑިސެމްބަރ 2019 - 15:43
ލޯނެއްގެ މައްސަލާގައި ފައިސާ ހޯދަން ބޭންކުން މަސައްކަތެއް ނުކޮށް އަދި ދައުވާ ވެސް ނުކޮށް ދިގު މުއްދަތެއް ފާއިތުވެފައި ވުމުން އެ މުއްދަތަށް ލޯނުގެ އިންޓްރެސްޓާއި ޖޫރިމަނާ ނަގައި ނުދެވޭނެ ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
ލ. ފޮނަދޫ މީހަކަށް 1988 ގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރި 30،000ރ. ގެ ލޯނަށް، ބޭންކާއި އޭނާއާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދެއްކުމުން އެ ފައިސާ އާއި އެ ފައިސާ ދެއްކުމާ ހަމައަށް ހިނގާ އިންޓްރެސްޓާއި ޖޫރިމަނާގެ ފައިސާ ހޯދަން ބީއެމްއެލްއިން ދައުވާކުރީ 2016 ގަ އެވެ.
އެ މައްސަލާގައި މިދިޔަ އަހަރު ފޮނަދޫ ކޯޓުން ހުކުމްކުރީ ދައުވާކުރުން ލަސްވެފައިވާތީ، ލޯނު އެއްބަސްވުމުގެ މުއްދަތު 2002 ގައި ހަމަވި ތާރީޚުން ފެށިގެން އެ މައްސަލަ 2016 ގައި ކޯޓަށް ހުށަހެޅުމާ ދެމެދު ހޭދަވި މުއްދަތަށް ލޯނުގެ އިންޓްރެސްޓާއި ޖޫރިމަނާ ނަގައި ނުދެވޭނެ ކަމަށެވެ. އެކަމަކު މައްސަލަ ކޯޓަށް ހުށަހެޅުމަށް ފަހު ހިނގި މުއްދަތަށް ފައިސާ ނަގައި ދެވޭނެ ކަމަށް އެ ކޯޓުން ނިންމި އެވެ.
އެ މައްސަލަ ބީއެމްއެލްއިން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުގެ ތިން ފަނޑިޔާރުން ހިމެނޭ ބެންޗަކުން އިއްޔެ ކުރި ހުކުމުގައި ބުނީ ލޯނުގެ އެއްބަސްވުން 2002 ގައި ހަމަވި ފަހުން އެ ފައިސާ ހޯދަން ބީއެމްއެލްއިން މަސައްކަތް ކުރިކަން އެންމެ ފަހުން އެނގެން އޮތީ 2004 ގައި ކަމަށެވެ. އޭގެ ފަހުން މައްސަލަ ކޯޓަށް ހުށަހެޅުމާ ދެމެދު އިތުރު މުއާމަލާތެއް ކޮށްފައިވާ ކަން އެނގެން ނެތް ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
ހުކުމުގައި ބުނީ ލޯނަށް ފައިސާ ނުދައްކާ ނަމަ ފިޔަވަޅު އެޅުމުގެ ބާރު ބޭންކަށް އޮތްއިރު، ފިޔަވަޅު ނާޅައި އަދި ދައުވާ ވެސް ނުކޮށް އެހާ ގިނަ ދުވަސް ހޭދަވާން ޖެހުނު އެކަށީގެންވާ ސަބަބެއް ބޭންކަށް ދެއްކިފައިނުވާ ކަމަށެވެ.
"ފައިސާ ނުލިބި ލަސްވެގެން ދާ ދިއުމަކީ އޭގެ ސަބަބުން ލޯނު ނެގި ފަރާތުން ދައްކަން ޖެހޭ އިންޓްރެސްޓާއި ޖޫރިމަނާތައް އިތުރުވެގެންދާނެ ކަމެއް ކަމާއި، މިއީ ލޯނު ނެގި ފަރާތަށް ލިބިގެންދާނެ ގެއްލުމެއް ކަމާއި، އެހެންކަމުން ބޭންކަށް ލިބެންވާ ލޯނު ފައިސާ އިންޓްރެސްޓާއި ޖޫރިމަނާއާ އެކުު ދައްކަން އެއްބަސްވެފައިވާ މުއްދަތު ހަމަވިއިރު ނުދައްކައި އޮވެ އަދި އޭގެ ފަހުން ވެސް އެ ފައިސާ ނުލިބި ލަސްވާ ނަމަ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ދައުވާ ކުރެވެންވާނެ ކަމަށް،" ހުކުމުގައިވެ އެވެ.
މާނަކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނާ ހަވާލާދީ އެ ހުކުމުގައިވާ ގޮތުން ލޯނުގެ ފައިސާ ހޯދަން ދައުވާ ކުރަން ޖެހޭ ވަކި މުއްދަތެއް އެއްވެސް ގާނޫނެއްގައި ބަޔާން ކޮށްފައި ނެތަސް، އެކަށީގެންވާ އަވަސް މިނެއްގައި އެކަމަށް ފިޔަވަޅު އެޅުމަކީ ބޭންކްގެ ޒިންމާއެކެވެ. ލޯނު ފައިސާ ނުދައްކައި، ލަސްވުމަކީ ލޯނު ނެގި ފަރާތުން ދައްކަން ޖެހޭ އިންޓްރެސްޓާއި ޖޫރިމަނާ ވެސް ބޮޑުވެގެންދާ ކަމަކަށް ވާނެތީ އެ ފައިސާ ހޯދަން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ދައުވާ ކުރަންވާނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.
އެ ހުކުމުގައި ބީއެމްއެލަށް ފައިދާވާނެ ކަމެއް ވެސް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ފައިސާ ހޯދަން ދައުވާ ނުކޮށް ލަސްވާ ހާލަތުގައި ވެސް އެ ފައިސާ ހޯދަން އެކަށީގެންވާ މަސައްކަތެއް ބޭންކުން ކޮށްފައި އޮތް ނަމަ، ދިގު މުއްދަތެއް ފާއިތު ވިޔަސް އެއްބަސްވުމުގައިވާ ގޮތުގެ މަތިން އިންޓަރެސްޓާއި ޖޫރިމަނާ އެ މުއްދަތަށް ނަގައި ދެވިދާނެ ކަމަށް ހުކުމުގައިވެ އެވެ.
އެކަމަކު ހުކުމް އިއްވި މައްސަލާގައި އެފަދަ މަސައްކަތެއް 2004 ގެ ފަހުން ކޮށްފައިވާ ކަން އެނގެން ނެތް ކަން ފަނޑިޔާރުން ވިދާޅުވި އެވެ.
އެ މައްސަލާގައި ދަށު ކޯޓުން ނިންމާފައި އޮތީ އެއްބަސްވުމުގެ މުއްދަތު 2002 ގަައި ހަމަވި ތާރީޚުން ފެށިގެން އެ މައްސަލަ ކޯޓަށް ހުށަހެޅި ދުވަހާ ހަމައަށް އިންޓްރެސްޓާއި ޖޫރިމަނާ ނަގައި ނުދެވޭނެ ކަމަށް ވިޔަސް، ހައި ކޯޓުގެ ނިންމުން ތަފާތެވެ. ހައި ކޯޓުން ނިންމީ 2004 އިން ފެށިގެން 2016 ގައި އެ މައްސަލަ ކޯޓަށް ހުށަހެޅުމާ ދެމެދު ހިނގި މުއްދަތަށް އިންޓަރެސްޓާއި ޖޫރިމަނާ ފައިސާ ނުނެގޭނެ ކަމަށެވެ. ނަމަވެސް ކޯޓަށް މައްސަލަ ހުށަހެޅުމަށް ފަހު ހިނގި މުއްދަތަށް އެ ފައިސާ ނަގައި ދެވޭނެ ކަމަށް ހުކުމުގައިވެ އެވެ.
މި ޝަރީއަތުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްތާ
05 December 2019
ޝޭޚުންގެ ލަގަބް ލިބި ތިބެމެ، ކަނޑައެޅިގެން ބޭންކް އިންޓްރަސްޓަކީ ރިބާ ކަން އެނގި ތިބެމެ، މީހުގެ ފައިސާ ނުހައްގުން ނިގުޅައިދީ ހަދަނީ ދީނީ ކަންފުޅެއްވެސް ނެތީމަހެއްޔެވެ. ރިބާ އަކީ ހާދަހާ ވާ ބިރުވެރި އެއްޗެކެވެ. ރިބާގެ މުޢާމަލާތް ކުރާ މީހުން އެކަން އެކުރަނީ ﷲ އާ ހަނގުރާމަ އިޢުލާން ކޮށްފައެވެ. މިއީ %100 އިސްލާމީ ގައުމެކޭ ކިޔާ އަޑު އިވެއެވެ. އަދި އިތުރަށް އެއްޗެއް ބުނެދޭން ނުޖެހޭނެ ކަމަށް ދަޢުވާވެސް ކުރެއެވެ. އެހެންވީމަ ރިބަވީ ބޭންކެއް ހުރެގެންވާނެބާ
ފަޅުމަސް
04 December 2019
2004 އަކީ އެ ފައިސާ ހޯދަން ބޭންކުން އެންމެ ފަހުން މަސައްކަތް ކުރި އަހަރު ކަމުގައިވާއިރު، އެ އަހަރުން ފެށިގެން އެކަށީގެންވާ މުއްދަތަކަށް ފައިސާ ނަގައިދެވެންޖެހޭނެއެވެ. މުޅި ހުކުމުގައިވަނީ، އެކަށީގެންވާ މުއްދަތެއްގައި ފައިސާ ހޯދަން ދަޢްވާ ކޮށްފައި ނުވާތީ، އެ މުއްދަތުގައި ނަގައި ނުދެވޭނެކަމަށް ކަމުގައިވާތީ، އެކަށީގެންވާ މުއްދަތަކާ ހަމައަށް ނަގައި ދިނުމަށްފަހު، 2016 އާ ހަމައަށް ފައިސާ ނަގައި ނުދިންނަމަ، މިއަށްވުރެ އިންސާފުވެރި ހުކުމަކަށް ވާނެއެވެ.
ހޫރޭ
04 December 2019
ބޭންކް އިން ލޯނު ނެގީ އިންޓަރެސް ވެސް ދައްކާގޮތަށެވެ. އޭނާފައިސާނު ދެއްކުމުން އޭނާ އެ ފައިސާ ބޭނުނކޮށް ހަދަމުން އައި މުއްދަތައް އޭނާގެ އަތުން އިންޓަރެސްޓް އާއިއެކު ފައިސާ ނެގެން ޖެހޭނެއެވެ. ރިބާއަކަށް ވެގެން ފައިސާނުދައްކަން ނެގުމަށްފަހު ނުނިއްމޭނެއެވެ. އެ މުއްދަތުގައި ބޭންކަށް ލިބެންވާފައިސާނުލިބުމުން ބޭނކް ގެ އެތަކެއް ހިސާދާރުންނަށް ލިބޭނެ ގެއްލުން ކޯޓުން ބަލައިނުގަތުމަކީ އެއީ އިންސާފެއް ކަމަކަށް ނުބެލެވޭނެއެވެ.
ޙުސަންބޭ
04 December 2019
ބޭންކްތަކުން މީހުންނަށް ލޯނު ދީފައި، އެމީހުން ފޭރެނީއެވެ. ބުނާނެ އެންމެ %9 އޭ އިންޓަރެސްޓް ނަގާނީ. އެކަމަކު ލޯނެއް ނެގުމަށްފަހު ރަނގަޅަށް ބެލުމުން މިއެނގެނީ %50 ޕަސެންޓަށްވުރެ ބޮޑުއެއްޗެއް ނަގާކަން.
ފަރޭ
04 December 2019
ރަނގަޅު. ދަރަނި އަނބުރާނުދައްކާނަމަ، އެއްބަސްވފައިވާގޮތަށް ޢަމަލުކުރަންވީ، މީހުން އިތުރަށްދަރުވަނީ ބޭންކުތަކުން ނާޖާއިޒުފައިދާހޯދަން. ދަޢުވާނުކޮށް ވިހިބާވީސްއަހަރުކޮށްފަ ދަޢުވާކުރީމަ ކިހާފައިދާ!
ޢެއްބަސްވުން
04 December 2019
ލޯނު އެއްބަސްވުމުގައި ލޯނުގެ ފައިސާ ދައްކަން އޮތީ ބޭންކުގެ ފަރާތުން ކޯޓުގައި ދައުވާކުރުމުންނޭތޯއޮތީ؟؟؟؟!!!! ލޯނުގެ ފައިސާ އަނބުރާ ދައްކަންޖެހޭ ކަމާއި ދައްކަންޖެހޭ ގޮތާއި، ނުދައްކައިފިނަމަ އިންޓްރެސްޓް އަރާނެކަން ވެސް އެއްބަސްވުމުގައި ނެތީތޯ؟؟؟!!!
މުހައްމަދު ހަނީފް
04 December 2019
މޮރިށަސް ކޮމާށަލް ބޭންކަކީ މިކަމައް އަރާހުރިބޭންކެއް އަޅުގަނޑަކީ މިކަމުގަ ހިތިރަހަ ލިބިފަ ހުރިމީހެއް ހައިކޯޓުގެ ނިންމުމައް މަރުހަބާކިޔަން
މުލޭ
04 December 2019
30،000 ރުފިޔާ ނެގީމަ ކިހާވަރެއް ދައްކަންޖިހިގެން މިއުޅެނީ.
ސަމާލުވޭ
04 December 2019
ދީނުގެ ގިނަ ޢިލްމުވެރިން ބޭންކު އިންޓަރެސްޓަކީ ރިބާ ކަމަށް ވިދާޅުވާއިރު ސައްތައިން ސައްތަ މުސްލިމުގައުމެއްގެ ކޯޓުން އިންޓަރެސްޓް ނަގައިދޭންޖެހޭ ސަބަބެއް ނުވިސްނޭ!
ހަކީމް
04 December 2019
މަގޭ ބޭންކުމީ ހާދަހާ ނުލަފާ ބަޔެކޭ. ދައުވާ ލަސްކޮއްފަ އެފަކީރު އަތުން ލަސްވި ދުވަހަށްވެސް ރިބާ ނަގަން މިއޮތީ މަސްތްކަތް ކޮއްފަ.