އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ލަންޑަނުގައި ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
05 ޑިސެމްބަރ 2019 - 12:27
ވޮޝިންޓަން (ޑިސެމްބަރު 5) - ޔޫކްރޭނުގެ ރައީސް އަށް ފޯނުން ގުޅުއްވައި ސިޔާސީ ވާދަވެރިއަކާ ދެކޮޅަށް ނާޖާއިޒް ފައިދާ ނެންގެވި ކަމަށް ބުނާ މައްސަލައިގައި މަގާމުން ދުރުކުރަން ޑިމޮކްރެޓިކުން ތައްޔާރުކުރި ރިޕޯޓަކީ ބޮޑު ޖޯކެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
"އެ މީހުން ކުރަން އެ އުޅެނީ ގައުމަށް ވަރަށް ގެއްލުން ހުރި ކަމެއް،" ނޭޓޯ ސަމިޓަށް ވަޑައިގެން ލަންޑަންގައި ހުންނަވައި ޓްރަމްޕް އިއްޔެ ވިދާޅުވި އެވެ.
ހައުސްގެ އިންޓަލިޖެންސް ކޮމިޓީން ތައްޔާރުކުރި ރިޕޯޓް ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވި ގޮތާމެދު ވެސް ޓްރަމްޕް ވަނީ ފާޑުވިދާޅުވެފަ އެވެ. އިމްޕީޗްމަންޓް ލިޔުން ތައްޔާރު ކުރަން ޖުޑިޝަރީ ކޮމިޓީން އިއްޔެ ފެށި މަސައްކަތަށް އިޝާރާތް ކުރައްވައި ޓްރްމަޕް ވިދާޅުވީ އެމަނިކުފާން ގައުމުގައި ވެސް ނެތި އެފަދަ ކަމެއް ކުރައްވަން އުޅުމަކީ ލަދުވެތިވާން ޖެހޭ ކަމެއް ކަމަށެވެ. ޓްރަމްޕުގެ އިމްޕީޗްމަންޓް ރިޕަބްލިކަން ޕާޓީން ސިފަކޮށްފައި ވަނީ ޑިމޮކްރެޓިކުން ގެންނަން އުޅޭ ބަޣާވާތެއްގެ ގޮތުގަ އެވެ.
ޓްރަމްޕުގެ އިމްޕީޗްމަންޓް މަރުހަލާތައް ފަށާފައި ވަނީ ޖުލައި 25 ވަނަ ދުވަހު ޔުކްރޭނުގެ ރައީސް ވޮލްޑޮމީރް ޒެލެންސްކީ އަށް ފޯނުން ގުޅުއްވައި ކުރީގެ ނައިބް ރައީސް ޖޯ ބައިޑަންގެ މައްސަލައެއް ތަހުގީގުކޮށްދޭން އެދިވަޑައިގަތް މައްސަލައިގަ އެވެ. ބައިޑަން ވަނީ ޑިމޮކްރެޓިކް ޕާޓީން ރިޔާސީ ރޭހަށް ނުކުންނެވުމަށް ނިންމަވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy