ޚަބަރު / ހިއުމަން ރައިޓްސް ކޮމިޝަން

އެޗްއާރުސީއެމްގެ މިނިވަންކަމަށް މި ސަރުކާރުން ފުރުސަތު ދޭނަން: ރައީސް

އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ޖަލްސާގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެޗްއާރުސީއެމްގެ ޕޯޓަލް އިފްތިތާހު ކޮށްދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) މިނިވަންކަމާ އެކު މަސައްކަތް ކުރުމަށް މި ސަރުކާރުން ފުރުސަތު ދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި އެޗްއާރުސީއެމުން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އިންސާނީ ހައްގުތައް ހިމާޔަތް ކުރާނެ ކޮމިޝަނެއް މީގެ 16 އަހަރު ކުރިން އުފެއްދީ ވަރަށް މުހިއްމު ބޭނުމެއްގައި ކަމަށް ވިޔަސް އެކި ސަބަބުތަކާ ހުރެ މިދިޔަ އަހަރު ތަކުގައި އެ ކޮމިޝަންގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްފައިވާކަން ދެންނެވެން ނެތް ކަމަށެވެ.

އޭގެ ސަބަބެއް ކަމަށް އެމަނިކުފާނު ވިދާޅުވީ ސަރުކާރު ހިންގާ ފަރާތުގެ ނުފޫޒާއި ނުރަނގަޅު ބާރު އެ ކޮމިޝަނުގެ މައްޗަށް އޮތް އޮތުމަކީ އެކަށީގެންވާ ކަމަކަށް ވެދާނެ ކަމަށެވެ.

އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރަން މިއަދު ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ-2) އަދި އެޗްއާރުސީއެމްގެ ރައީސް އީނާސް (ވ-2) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"މިއަދު ކޮމިޝަންގެ ހުރިހާ މެންބަރުންނަށާއި ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ޔަގީންކޮށް މި އަރުވަނީ، މި ސަރުކާރުން ހިއުމަން ރައިޓްސް ކޮމިޝަނަށް ފުރިހަމަ އަށް އެއްބާރުލުން ދީ، އެހީތެރިވެ މުސްތަގިއްލު ކަމާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ދޭނެ ވާހަކަ،" އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާ ގައި ރައީސް ވިދާޅުވި އެވެ.

އާއްމު ރައްޔިތުންގެ އިންސާނީ ހައްގުތައް ހިމާޔަތްކޮށްދިނުމަކީ ދައުލަތުގެ އެންމެ މަތީ ޒިންމާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ އިރެއްގައި އޮންނަ ސަރުކާރަކުން ގާނޫނުއަސާސީއާ ހިލާފުވެ، ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގުތަކާ މެދު އިހުމާލުވާ ނަމަ، އެ ހައްގުތައް ނެގެހެއްޓޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް އާއްމު ރައްޔިތުންނަކަށް ނޯންނާނެ ކަމަށެވެ.

އެމަނިކުފާނު ވަނީ ދިވެހި ހުރިހާ ރައްޔިތުން، އެއްވެސް ތަފާތުކުރުމެއް ނެތި ގާނޫނުއަސާސިން ކަށަވަރުކޮށްދޭ ހުރިހާ ހައްގުތައް ހިމާޔަތް ކޮށްދީ، ރައްކާތެރި ކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އެކަން ކުރުމަށް ދައުލަތުގެ މުއައްސަސާތަކާއި ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހުކޮށް ހިންގުން ހަރުދަނާ ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ޖަލްސާގައި، ރައީސް ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ރައީސް ވިދާޅުވި ގޮތުގައި، އެ މަގަށް ދައުލަތުގެ ހިންގުން މިސްރާބު ކުރުމަށް ސަރުކާރުން އަޅަން ފަށާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ މިހާރު ވެސް ފެނެ އެވެ. އަދި ވިދާޅުވީ، އެ ފިޔަވަޅުތަކުގެ ސަބަބުން ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތައް ޒިންމާއާ އެއްގޮތަށް ހިދުމަތްދީ ދުސްތޫރީ އަދި އަސާސީ ހައްގުތައް ނެގެހެއްޓުމުގެ ގާބިލްކަން އިތުރުވަމުން އަންނަ ކަމަށެވެ.

"މި ވެރިކަމާ ރާއްޖެ ކުރިމަތިލިއިރު، ރާއްޖޭގައި އަށަގަންނަމުން ދިޔަ ސަގާފަތަކީ، އާރާއި ބާރުގައި ތިބެ، ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމަށް ފަހު، އެއްވެސް އަދަބަކާ ކުރިމަތިލާން ނުޖެހި، އެ ކަންކަމުން ބޯ ދަމައިގަތުން. މި ސަރުކާރުގެ އިންތިގާލީ އަދާލަތުގެ ތެރެއިން، އަޅުގަނޑުމެން މި އަންނަނީ، މި ދެންނެވި ނުބައި ސަގާފަތް ރާއްޖެ އިން ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން،" ރައީސް ވިދާޅުވި އެވެ.

އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރަން މިއަދު ބޭއްވި ޖަލްސާގައި ބައިވެރިވި މީހަކު-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިންސާނީ ހައްގުތަކުގެ ތެރެއިން މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ދިރިހުރުމުގެ ހައްގު ހިމާޔަތް ކޮށްދީ، ރައްކާތެރިކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އިންސާނީ ހައްގުތަކުގެ ވާހަކަ ދައްކާއިރު މިންތީގެ ހަމަހަމަކަމުގެ ވާހަކަ ހަރުއަޑުން ދައްކަންޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، އަންހެނުންގެ ހައްގުތައް ހިމާޔަތްކޮށް، މުޖުތަމައުގައި އަންހެނުން ބާރުވެރިކޮށް، ހައްގު މަގާމު ހޯދައިދިނުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެކެވެ. އަދި ސަރުކާރުގެ ސިޔާސަތު ބިނާކޮށްފައިވާނީ އެކަމަށް އިސްކަންދީގެން ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރުމާއި ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރުމާއި މި ސަރުކާރުގެ ކެބިނެޓްގެ 35 ޕަސެންޓް ހިއްސާ ކުރަނީ އަންހެން ބޭފުޅުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިހެއުމުން ލިބޭ ޗުއްޓި ހަ މަހަށް އިތުރު ކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެ ކަންކަމުން އެނގެނީ، ރައީސް ވިދާޅުވި ގޮތުގައި، ދައުލަތުގެ މަތީ މަގާމުތަކުގައި އަންހެނުންގެ ދައުރު ފުޅާކޮށް، ސިޔާސީ މައިދާނުގައި އެ މީހުންގެ ބައިވެރިވުން އިތުރު ކުރުމަށް ސަރުކާރުން ދޭ ސަމާލުކަމެވެ.

6 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަޤީރުކޮއެ

10 December 2019

ދިވެހިބަހުގެ ހަމަތަކުން ތިހެންވިދާޅުވުމުން ނެގޭ މާނައަކީ މަނިކުފާނު ދެއްވީޔާ ލިބޭނެއޭ. ހަޤީޤަތަކީ މިނިވަންކަން ކަށަވަރުކޮށްދެނީ ޤާނޫނުން

The name is already taken The name is available. Register?

ގައިދީޔާމީނު

10 December 2019

އެޗްއާރުސީޥެސް ގައިދީ ޔާމީނު އޮތީ އަނދަގޮނޑީގަ ބާއްވާފަ ނަތީޖާއެއްގެ ގޮތުން ޔާމީނު އެއޮތީ ހުރަގެއަށް ލާފަ

The name is already taken The name is available. Register?

ޛިމް

10 December 2019

ޤައުމުގެ އެންމެ ދަތި ޙާލުގައި އޮތް އިރު ގާނޫނީ ޒިންމާ އަދާކުރަން ނުކުޅެދިފައި އޮތް ކޮމިޝަނެއް ތިއީ. ހަމަ އާދައިގެ ރައްޔިތުންގެ ޙައްގު ޗުއްޕުވެސް ބުނަން ނުކުރެނު. އަދިވެސް ރައްޔިތުންނަށްވުރެ ގަދައީ ތިޔަ ކޮމިސަންގަ ތިބި 5 މެމްބަރުން. ވަކި ކުރޭ~!

The name is already taken The name is available. Register?

ޖަމްބޯ

10 December 2019

ޖަލު ބަންދުގައި ހުއްޓާ އަބްދުﷲ ރަޝީދު މަރުވިއިރު ތިޔަ ކޮމިޝަނުގެ އީނާޒަކާއި ދެންވެސް ހުރި މެމްބަރުން ތިބީ މުސާރަ ނަގައިގެން އުފަލުގަ. އަދިވެސް މަރުޙޫމް ރަޝީދުގެ އާޢިލާއަށް އިންސާފު ނުލިބޭ. ތިޔަ ކޮމިޝަން އެންމެންގެ މައްޗަށް ތަހުގީގު ހިންގެން ޖެހޭނެ ކަމަށް ދެކެން.

The name is already taken The name is available. Register?

ބިލި

10 December 2019

މި ޚަބަރުގެ ތިރީގައި އޮތް މި ލިޔުމާއި ގުޅޭ ބައިގައި އެ އޮތީ.. ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ޒިންމާ އަދާ ނުކުރާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ކޮމިޝަނަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ. 10 ޑިސެމްބަރ 2017 ދެން ކީއްވެބާ މިހާރު 1 އަހަރު ވީ އިރުވެސް އެ މީހުން ވަކި ނުކުރެވިގެން އުޅެނީ. 100 % ޕަސެންޓް މެޖޯރިޓީ މަޖިލީހުން ނުލިބުނީމަ ތޯ"؟

The name is already taken The name is available. Register?

ނިޔާމް

10 December 2019

އެޗްއާރުސީއެމް ގައި އަދިވެސް މިތިބީ ޔާމީންގެ ވެރިކަމުގައި ރިޔާސީ އިންތިހާބުގެ ވޯޓުލުމާއި ހަމައަށްވެސް ހުރިހާ ކަމެއް ރަނގަޅޭ، ހުރިހާ ހައްގުތަކެއް ކެންޑިޑޭޓުންނަށް ހަމަހަމައަށް ލިބިފައޭ ކިޔާފަ އުޅުނު މެމްބަރުން ؟؟ މި މީހުން އަދިވެސް ބޭރު ނުވެގެންއުޅެނީ މި ވެސް ކޯލިޝަނަށް ސޮއިކުރީތޯ މިހާރު؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454