ދިރާގުން ސީއެމްބީ އާއި އެކު ކޭޝްއިން ހިދުމަތް ގާއިމް ކުރުމަށް
17 ޑިސެމްބަރ 2019 - 08:39
ދިރާގާއި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އާ ގުޅިގެން އެ ބޭންކްގެ ކަސްޓަމަރުންނަށް ދިރާގު ޕޭ ވޮލެޓްތަކަށް ކަސްޓަމަރުގެ ބޭންކިންް ޕޯޓަލް މެދުވެރިކޮށް ފައިސާ ޖަމާކުރުމުގެ ހިދުމަތް ތައާރަފްކޮށްފި އެވެ.
މިއީ، ރާއްޖޭގައި ވެސް އަލަށް ބޭންކަކާއި ދިރާގު ޕޭ ފަދަ އިލެކްޓްރޯނިކް ވޮލެޓެއް އިތުރު އެޕްލިކޭޝަނެއް ނުވަތަ ޕޭމަންޓް ގޭޓްވޭއެއް މެދުވެރި ނުކޮށް ކޭޝް-އިން ކުރެވޭނެ ގޮތުގެ އިންތިޒާމެއް ގާއިމް ކޮށްދިން ފުރަތަމަ ފަހަރެވެ.
ދިރާގު ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ މި ތައާރަފުކުރި ހިދުމަތުގެ ސަބަބުން ދިރާގު ޕޭގެ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މިއީ ކޮމާޝަލް ބޭންކް ފަދަ މާލީ މުއައްސަސާތަކާ އެކު ދިރާގުން އޮންނަ ގުޅުން ބަދަހިކޮށް މުސްތަގްބަލުގައި 'ކޭޝްލެސް' މުޖުތަމައެއް ބިނާ ކުރުމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.
ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑި ދިލަން ރާޖަޕަކްސަ ވިދާޅުވީ މި ޕާޓްނާޝިޕަކީ އެ ބޭންކަށް ޒަމާނީ ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުމުގައި ހާސިލް ކުރެވުނު ލަނޑުދަނޑިއެއް ކަމަށެވެ. ދިރާގު ޕޭގެ ހިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 230 މާޗެންޓުން ފޯރުކޮށްދެ އެވެ. އަދި މި ފަދަ މާޗެންޓް ތަކުން ދިރާގު ޕޭ ގެ ކަސްޓަމަރުންނަށް މި ހިދުމަތް ބޭނުން ކޮށްގެން ކުރާ ވިޔަފާރިތަކަށް 10 ޕަސެންޓާއި 50 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.
ދިރާގު ޕޭ އަކީ 2017 ވަނަ އަހަރު ދިރާގުން ތައާރަފުކުރި ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ އަދި ޕްލާސްޓިކް ކާޑް ނުގެންގުޅެ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ. ރާއްޖޭގައި ނިއާ ފީލްޑް ކޮމިނިކޭޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުން ވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާދެއްކޭނެ ގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެގޮތަށް ތައާރަފްކުރި މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކާމާއި، ރައްކާތެރިކަމާއެކީ ބާޒާރުކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެ ކަމަށް ދިރާގު ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައޫފު
23 December 2019
ކޮމާޝަލް ބޭންކުން އިންވެސްޓްކުރަންވީ ތަފާތު ޑެބިޓްކާޑާއި , ކްރެޑިޓް ކާޑާއި އަދި ޑޮމެސްޓިކް އޭޓީއެމްތަކަށް. އަދި ކްރެޑިޓް ލިމިޓް އެހާ ބޮޑުނޫނަސް , ކާޑަކީ ޕްލެޓިނަމް އަކަށް ހަދާލަންވީ. އޭރުން އޮބި ނޯންނާނެ.
ހަކީމް
17 December 2019
ވަރަށް އިންތިޒާރު ކުރި ފެށުމެއް. ބީ.އެމް،އެލް އިން އަދިވެސް މިކާމާ ދެކޮޅު. ކޮމާޝަލް އިން ދެންމިގެންގުޅޭ ވޮލެޓް ތަކަށްވެސް މިފުރުސަތު ހުޅުވާލާނަމަ ގިނަ ކަސްޓަމަރުން ކޮމާޝަލް ބޭނުން ކުރަން ފަށާނެ. އަދި ބީ.އެމް،އެލް ވެސް އާހިރުގައި ޖެހޭނި އެކްސެސް ދޭން. ބީ.އެމް،އެލް އަކަށް އަބަދު ބަގުޑި ބައްދައިގެން ނޫޅެވޭނެ.