ޖޯޖިއާ ޓޮފޮލޯ ރާއްޖެއަށް އެތެރެވުމަށް ފަހު އިންސްޓްގްރާމްގައި ހިއްސާކޮށްފައިވާ ފޮޓޯއެއް. އެއާޕޯޓްގައި އޭނާ ހިފެހެއްޓީ ޕާސްޕޯޓް ހަލާކުވެފައި އޮތުމުން
23 ޑިސެމްބަރ 2019 - 12:09
އިނގިރޭސިވިލާތުގެ ޓީވީ ތަރިއަކު ރާއްޖެ އައިއިރު ހަލާކުވެފައި އޮތް ޕާސްޕޯޓެއް އޮތުމުން ވެލާނާ އިންޓަނޭޝަލް އެއާޕޯޓްގައި ހިފެހެއްޓުމާ އެކު "ނުވަ ގަޑިއިރު ރޮއިފި" ކަމަށް އޭނާ ބުނެފި އެވެ.
ޓީވީ ސިލްސިލާ "މޭޑް އިން ޗެލްސީ" އިން ވިދާލި ޖޯޖިއާ ޓޮފޯލޯ ވީއައިއޭގައި ހިފެހެއްޓީ އޭނާގެ ޕާސްޕޯޓްގެ ދެ ގަނޑު މަދުވެ، ޕާސްޕޯޓް ހަލާކުވެފައި އޮތުމުންނެވެ.
އެކަމަކު އިނގިރޭސި އެމްބަސީން އޭނާއަށް އާ ޓްރެވަލް ޑޮކިއުމެންޓެއް ލިބެންދެން ހުންނަން ޖެހުނީ، އެފަދަ އެހެން މީހުން ފަދައިން، އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި، އެއާޕޯޓް ބަންދުގަ އެވެ. އެކަމަކު މިއީ ޓޮޕޯލޯއަށް ވަރަށް ހިތްދަތި އަދި "ހުއްޓާނުލާ ރޮވުނު ތަޖުރިބާއެއް" ކަމަށް އޭނާ ބުންޏެވެ.
މި ހާލަތު ދިމާވުމުން މިއަދު ސޯޝަލް މީޑިއާގެ މުހިންމުކަން ވެސް ވަނީ އެނގިފަ އެވެ. އޭނާ ބުނި ގޮތުގައި އާ ޓްރެވެލް ޑޮކިއުމެންޓެއް ލިބި، އެއާޕޯޓުން ނުކުމެވުނީ އިންސްޓަގްރާމާއި ޓްވިޓާގައި އޭނާ ފޮލޯކުރާ ފޭނުންގެ އެހީތެރިކަން ވެސް އޮވެގެންނެވެ.
"މާލޭ އެއާޕޯޓްގައި އަހަރެން ހިފެހެއްޓީ ސަފުހާއެއް މަދުވެގެންނެވެ. މި ހުރީ ވަރަށް ބިރުގެންފަ އެވެ. ހަދާނެ ގޮތެއް ވެސް ނޭނގެ އެވެ،" އޭނާގެ ފޯނު ލިބުމާ އެކު ކުރި ޓްވީޓެއްގައި ލިއުނެވެ.
I have been detained at Male airport for a page missing on my passport. I am very scared I don’t know what else to do I have been here for hours. I am not allowed to board a flight home because of my damaged passport but I am also not allowed to leave the airport. Please help
— Georgia Toffolo (@ToffTalks) December 22, 2019
ޓްވިޓާގައި އޭނާ އެ ވާހަކަ ޖެހުމުން ކަންތައް ކުރަން ވާ ގޮތާއި ހަމްދަރުދީގެ މެސެޖްތަކާއި އެހެން ހިޔާލުތައް ވެސް އެކި މީހުން ފޮނުވި އެވެ. އޭނާގެ އެއް ޕޯސްޓް 400 އަށް ވުރެ ގިނަ ފަހަރު ރިޓްވީޓްކުރި އެވެ.
އެކަކު ސުވާލުކުރީ މަދުވެފައި އޮތީ އޭނާގެ ފޮޓޯ ޖެހި ސަފުހާތޯ އެވެ؟ އޭގެ ޖަވާބުގައި ޓޮޕޯލޯ ބުނީ ނޫން ކަމަށެވެ.
އެހެން މީހަކު ބުނި ގޮތުގައި މަދުވި ސަފުހާ މައްސަލައަކަށް ވީ ރާއްޖެ އާއި ޑިޕްލޮމެޓިކް ގޮތުން ގުޅުމެއް ނެތް ގައުމަކަށް އޭނާ ދަތުރުކޮށްފައި އޮތްތޯ ނުވަތަ ނެތްތޯ ނޭނގިގެން ކަމަށް ވެދާނެ އެވެ.
އެކަމަކު ނުވަ ގަޑިއިރުގެ ބަންދަކަށް ފަހު ޓޮޕޯލޯ އެއާޕޯޓުން ނުކުތީ ހިތްހަމަޖެހިގެން ހުރެ އެވެ. އޭނާ ވަނީ އިމިގްރޭޝަންގެ އޮފިސަރުންނަށް ޝުކުރު އަދާކޮށްފަ އެވެ.
"ހަ އޮފިސަރުން ތިބި އަހަރެންގެ ކައިރީގައި. އެމީހުން ވަރަށް ހިތްހެޔޮ،" ޓޮޕޯލޯ ލިއުނެވެ.
"އިމިގްރޭޝަން އޮފިސަރުންނާ އެކު ހޭން ވެސް ހެވުނު."
އޭނާ ވަނީ ރާއްޖޭގެ ރީތިކަން ދެކިލާނެ ފުރުސަތު ދިނީތީ ކަމާ ބެހޭ ފަރާތްތަކަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.
ޓޮޕޯލޯ އާންމުންގެ ކިބައިން އެދުނީ ބޭރު ގައުމަކަށް ދަތުރުކުރާ އިރު ޕާސްޕޯޓްގެ ހުރިހާ ސަފުހާއެއް ހަމަތޯ ބެލުމަށެވެ.
އިމިގްރޭޝަންގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ހަލާކުވެފައި އޮންނަ ޕާސްޕޯޓް ހިފައިގެން އެއްވެސް ގައުމަކަށް އެތެރެއެއް ނުވެވޭނެ އެވެ. އެފަދަ ޕާސްޕޯޓެއް އޮންނަ މީހުން، ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ބަލާނީ "ކާކުކަން ނޭނގޭ ބައެއް"ގެ ގޮތުގައި ކަމަށް ވެސް އޮފިޝަލުން ވިދާޅުވެ އެވެ.
ޓޮޕޯލޯ ބުނި ގޮތުގައި އިނގިރޭސި އޮފިޝަލުންނާ ވާހަކަ ދެއްކުމުގެ ފުރުސަތު އޭނާއަށް ފުރަތަމަ ނުލިބުނެވެ.
އެކަމަކު އެ އެހީތެރިކަން ހަގީގަތުގައި ފޯރުކޮށްދިނީ، ރާއްޖޭގެ އިމިގްރޭޝަނުންނެވެ. އޮފިޝަލަކު ވިދާޅުވީ އިނގިރޭސި އެމްބަސީގެ މީހުންނާ ގުޅުމުގެ ފުރުސަތު އޭނާއަށް ހޯދައިދިން ކަމަށާއި އޭނާއަށް ރާއްޖެ އެތެރެވެވުނީ އިނގިރޭސި އެމްބަސީން އާ ޓްރެވަލް ޑޮކިއުމެންޓެއް ދިނުމުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހީނުވޭ
24 December 2019
ތިޔަ ފޮޓޯ ބަލާފައި އޭނާ 9 ގަޑިއިރު ރުއިކަމާމެދު ޝައްކު.
ތޮއްޑުމޫސާފުޅު
24 December 2019
ދޮން މީހުންނަށް ވަރަށް ވަރުވާނެ، މިކަލަ ކަންތައްތަކުގަ. އުފަންވީއްސުރެ ދޮންކަމުގެ އިނާޔަތުގަ، ހަޔާތުގަ ހުރިހާކަމެއް ފަސޭހަވެފަ އޮތީމަ، މިކަހަލަ ކަންތައްތަކާ ހިތުގަ ޖެހޭލެއް އަވަސްވާނެ. މިދައްކަނީ ޤާނޫނީ ޑޮކިއުމަންޓްއަކުން ގަނޑެއް މަދުވި ވާހަކަ. އެހާ ހިސާބުން އެ ޑޮކިއުމަންޓްކުގެ ސައްޚަކަން ގެއްލުނީ. ދޮނަސް ޖަންބަކަސް. އެމީހުން ޤައުމުގަ އަހަރަމެން ކަޅު ކުދިން، ހޮޓާ ބުކިން ނަހަދާ އޮތަސް އަނބުރާ ފޮނުވާލާ. އަހަރަމެން ރުޔަސް ކީކްކުރާނީ. ނާރާނެނޫހަކަށް
މާންބެ
24 December 2019
އައިސްއޭޖް ގަ އުޅޭ ސިޑް އާ ވަރައް ވައްތަރު.
ހައްހަހްހްހްހާ
24 December 2019
އަސްލުވެސް ތިހެން ބުނީމާ މަ އަލުން ފޮޓޯ ބެލިއިރު ވަރަށް ވައްތަރު
އުމަރުބެ
24 December 2019
މިއީ މިކަން ދިމާވާންޖެހޭ ގޮތެއްނޫން، ޕާސްޕޯޓް ނެތަސް އަދި އޮވެ ހަވާކުވިޔަސް އޭނާގެ އައްޑީ އޮތިއްޔާ އޭނާއަށް ހިދުމަތްދެވިދާނެ، އަދި އިމިގްރޭޝަނުން އެކަން ތަންކޮޅެއް ފަސޭހަގޮތަށް ހަމަޖެއްސިދާނެ، އެއީ ހަމަ މެނޭޖުމަންޓުގެ މައްސަލައެއް، އާކަންތަށް ދިމާވީމަ ހަދާނެގޮތް ހަމަ ނެއެނގެނީ، ސޯޝަލް މީޑިއާގެ އެހީގައި ކަމެއް ކުރަންޖެހެނީ އެމައްސަލަ ބަލާ ބަޔަކު އެކަމަށް އެހީނުވީމަ
ދިލް
24 December 2019
ސޯޝަލް މީޑިއާ ބޭނުންކުރަނީ ފޭނުން ތިބޭ މީހުން އިތުރަށް މަޝަހޫރުވެ ކަންތައް ބޮޑުކުރަން، ތި ސޯޝަލްމީޑިއާގެ ފޭނަކު ބުނިބުނުމަކަށް އޭނާއަށް ޓްރެވަލް ޑޮކިއުމަންޓް ހަދައި އެކަން އަވަހެއްވެސް ނުކޮށްދޭނެ. މަޝްހޫރު އެމެރިކާ މީހާ ވީމަ، މީ މިކަން އޮންނަނަވާ ގޮތަށް ނުވެ، މި ގޯސްވީ، އެކަމު ގޮތްނޭންގޭ މީހަކު ތިބުނާ ބީދާއިން ރާއްޖެ އެތެރެވެ ބަޔަކު މަރައިފިއްޔާ ބުނާނެ، ސައްހަކަން ގެއްލިފައިވާ ޕާސްޕޯޓެއްގައި އޭނަ ރާއްޖެ އެތެރެވާން ފުރުސަތުދިނީ ކާކުހޭ. އަޖައިބެއް
ގެއްލުން
24 December 2019
ކަނޑާފައި އޮތް ގަނޑުގައި އޭނާޔަކީ ގައުމަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުމީހެކޭވެސް ލިޔެފައި އޮވެދާނެ. ވަކި އުސޫލުތަކަކާއި ގަވައިދު ތަކެއް އޮންނަކަމެއް އެއީ. މޮޅުކޮމަންޓް ކުރެވިދާނެ ވާނުވާނޭނގުނަސް.
ވަހީދު
24 December 2019
ތަނެއް ދޮރެއް އުޑެއް ބިމެއް ނޭނގުނަސް ކޮމެންޓް ކުރަން ވާނެ. ގަޅިބެމެން.
ގަނޑުވީދާ
24 December 2019
މިނިވަންފިކުރަކީ ކޮންމެހެން ބަލަންޖެހޭ ރައްކާތެރިވާންޖެހޭ ކަންކަމާއި، ޤަވާޢިދާއި، އެހްނ ޤައުމުތަކާއި މީހުންގެ ޙައްޤުތަކާއި، އަމިއްލަ ލިޔެކިޔުން ހުންނަޖެހޭކަމަށް ދެކި އުޅެންޖެހޭ ބައެއް ނޫންކަން މިދޭހަވަނީ . މަޝްހޫރުވުމުން އެހެން މީހުން މިޖެހޭނީ ކޮޑަށްލައިގެން އުދުއްސައިގެން ގެންގުޅެންކަމަށް މިފިކުރުގައި ތިބޭމީހުން އަބަދުދެކޭތީ ޤައުމުތަށް އަބަދުމެ މިޖެހެނީ މިކަންކަމާ އެލަރަޓަށް އައިސް 9 ގަޑިއިރު ހިތާމަކުރަން
ބްރިޓިޝްބަސްޓާޑް
24 December 2019
ޓޮފޯލޯމެންނަށް އެނގެންޖެހޭނެ ވަގުޕާސްޕޯޓުގަޔާއި ހަލާކުވެފައޮތް ޕާސްޕޯޓެއްގައި ދަތުރެނުކުރެވޭނެކަން، ޓްވީޓްގަ ކަލޭހުރީ އިިމިގްރޭޝަން އޮފިސަރުންނަށް ވައްބަހުން މަލާމާތްކޮށްފައި، ވިސްނާލާ ސައުތުއޭޝިޔާ މީހަކަށް ލަންޑަން އެއަރޕޓުަގއި ތިަކަހަލަ ކަމެއް ދިމާވިނަމަ، ވަގުތުން ޖަލަށް ނުވަތަ ޑީޕޯޓުކޮށްލާނީ.
ސޯކާބެ
24 December 2019
އިނގިރޭސިއެއްވީމާ ހިފެހެއްޓީ ފަހަރެއްގާ އޭނާގައުމައްގޮސްފަ ބުނެފާނެ މީހާދަފަސޭހައިން އެތެރެވެތަނެކޭ މިޔޮއްމާލެތެރޭ ތެޅޭނެ ވައތަރަކައް ތެޅެން ކުރާނެކަމެއް ކުރަން އެތިބަދުވާ ބަންގުލާމީހުން ނުހިފެއޓެނީ ކީއްވެގެންތޯ ތިޔަބުނާ ޑޮކިއުމެންޓް ތައް ހަމަތޯ އެމީހުންގެ އައިޑީކާޑާ ޕާސްޕޯޓާދިމާވޭތޯ އެއޮއް ސުޕޭނުގެ މެޑްރިޑް އެއަރޕޯޓައް ދުވާލަކު 500ފުލައިޓް ޖައްސާ 70000 ހާސް ދަތުރުވެރިން ޒިޔާރައް ކުރާއިރު އައިޑީ ކާޑާ ޕާސްޕޯޓާ ދިމާނުވެއް ޖެއްޔާ ވަގުތުން ޑީޕޯޓް
އަދުރޭސް
24 December 2019
ދުވާލަކު 500 ފްލައިޓް 70000 ދަތުރުވެރިން ، ވީމާ އެވްރެޖްކޮށް ފްލައިޓކުން 140 ، މީހަމަ ރަނގަޅު ހިސާބެތޯ، މެޑްރިޑް އެއާރޕޯރޓް އަށް ޖައްސާ ފްލައިޓް ގިނަޔަސް އެރައިވަލްސް ހާދައްކޮށޭ ދެއްތޯ، އަދުރަމެޓިކްސް
ބޮޑު ފޫހި ގަނޑެއް
24 December 2019
އޭނަގެ އަޑެއް ނީވޭތާ ދުވަސްވީމަ ސްޓަންޓެއް ޖައްސަން ފްލައިޓުގަ އިނދެފަ ޕާސްޕޯޓުން ގަނޑު އުފުރާ އުކާލީކަމަށް ވާނީ. އިނގިރޭސިވިލާތުގެ އެއަރޕޯޓަކީ އެންމެ ސެކިއުރިޓީ ރަނގަޅު އެއް އެއަރޕޯޓް. ޔަގީން އެމީހުން ޗެކްކުރިއިރު ޕާސްޕޯޓަށް ތިވަރު ގެއްލުމެއް ވެފަ އޮތް ނަަމަ ފުރިޔަނުދީ ހިފަހައްޓާނެކަން. މި އަމިއްލައަށް ސެލެބްރިޓީވެގެން އުޅޭ ޑްރާމާ ކުއީންސް އާއި ރިއަލިޓީ ޓީވީ މީހުންނާ އިންސްޓަގްރާމުން ޝޯއޮފް ވެގެން އުޅޭ މީހުން އުޅޭނީ މިފާޑަށް ސަމާލުކަން ހޯދަން
ހޯގުޅާ
24 December 2019
ދެން ނެއްތަ ވެދާނޭ ކިޔާފަ ބުނެލާނެ އެއްޗެއް؟
އަކޫ
24 December 2019
ތިޔައީ އާދައިގެ މީހެއްނަމަ ތިފުރުސަތެއް ނުދޭނެ، ވަރަށް ވާހަކަ މިބުނީ
ދަސްކުރަމާ
24 December 2019
9 ގަޑި އިރު ތެރޭ ކަމާބެހޭ ފަރާތްތަކުން އެޓެންޑް ކޮށް އޭނަ އަށް ޓްރެވަލް ޑޮކިއުމެންޓް ލިބިއްޖެ.ސުވާލަކީ ރާއްޖޭގެ އިދާރާ ތަކުން މިހާ އަވަސް ނޫނީ އެއަށްވުރެ ހަރުދަނާ އަވަސް ނިޒާމެއް ގާއިމް ވެފަ އޮވޭތޯ؟ފޯރު ކޮށްދޭތޯ؟ކޭސް އެއް އައިތޯ.އައިސްފިނަމަ ތައްޔާރުތޯ؟އިޓްސް އަ މެޓާރ އޮފް ކްރިއޭޓިންގ ހައި ޝޯޝަލް ސެކިއުރިޓީ.އޯލްސޯ ވީ ކެނޮޓް އަންޑާމައިން ޕަވަރ އޮފް ޝޯޝަލް މީޑިޔާ.ނޫންތަ؟
ވަހީދު
24 December 2019
މިނިޓެއްގެ ތެރޭގައި އިނގިރޭސި އެމްބަސީން އާ ޕާސްޕޯޓެއް ދިންނަމަ އޭނައަށް އެއަށްވުރެ އަވަހަށް އޭނާއަށް ރިސޯޓަށް ދެވުނީސް.