ދުނިޔެ / ސްރީ ލަންކާ

ކަފާލާތުގެ ދަށުން ރާޖަޕަކްސާގެ ކޮއްކޮ ދޫކޮށްލައިފި

ކުރީގެ ބާރުގަދަ ޑިފެންސް ސެކްރެޓަރީ ގޮތަބަޔާ ކަފާލާތުގެ ދަށުން ދޫކޮށްލި ޝަރީއަތުގެ މަޖިލީހަށް ފަހު ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

02 އޮކްޓޯބަރ 2016 - 12:55

ކޮލަމްބޯ (އޮކްޓޯބަރު 2) - ސަރުކާރުގެ ހަތިޔާރުތައް އަމިއްލަ ކުންފުންޏަކަށް ދީގެން ނާޖާއިޒު ގޮތުގައި ފައިދާ ހޯދާފައިވާތީ ކޮރަޕްޝަނުގެ ދައުވާ މިހާރު އުފުލާފައިވާ ކުރީގެ ބާރުގަދަ ޑިފެންސް ސެކްރެޓަރީ ގޮތަބަޔާ ރާޖަޕަކްސާ ކަފާލާތުގެ ދަށުން ކޯޓުން ދޫކޮށްލައިފި އެވެ.

ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ކޮއްކޮ ގޮތަބަޔާ ކޮލަމްބޯ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު ގިހާން ޕިލަޕިޓިޔާގެ އަމުރަށް ދޫކޮށްލީ ކޯޓުގައި 200،000 ރުޕީސް ބެހެއްޓުމަށް ފަހު އެވެ. ގޮތަބަޔާގެ ޝަރީއަތުގެ އަޑުއެހުމެއް ދެން އޮންނާނީ ޑިސެމްބަރު 1 ގަ އެވެ.

ކޮއްކޮ ގޮތަބަޔާ ކޯޓަށް ހާޒިރުކުރި ޝަރީއަތުގެ މަޖިލީހަށް ހާޒިރުވުމަށް ފަހު ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

ހަތިޔާރު ބޯޓުގެ މައްސަލާގައި އިތުރު ހަތް މީހަކު ވެސް ވަނީ ކޯޓުން ދޫކޮށްލައިފަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ހަތިޔާރު ބޭނުންކޮށްގެން ކަނޑުމަތީގައި ސަލާމަތީ ގޮތުން ޚިދުމަތް ދިން ކުންފުނި ކަމަށްވާ އެވަންޓް ގާޑް މެރިޓައިމް ސާވިސްގެ ޗެއާމަން ނިސާންކާ ސެނާދިޕަތީ ވެސް ހިމެނެ އެވެ.

ކުރީގެ ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތައް ބަލާ ސްޕެޝަލް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ގޮތަބަޔާގެ މައްޗަށް ދައުވާ ކުރަނީ ސަރުކާރުގެ ހަތިޔާރުތައް އަމިއްލަ ކުންފުންޏަކަށް ދީގެން ނާޖާއިޒު ގޮތުގައި ފައިދާ ހޯދާފައިވާތީ އެވެ. ގޮތަބަޔާ ހިންގެވި ކޮރަޕްޝަނުން ދައުލަތަށް 75 މިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ.

ކޮއްކޮ ގޮތަބަޔާ ކޯޓަށް ހާޒިރުކުރި ޝަރީއަތުގެ މަޖިލީހަށް ހާޒިރުވުމަށް ފަހު ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

ކަނޑުމަތީގެ ބޯޓެއްގައި އާމަރީއެއް ހަދައިގެން ހަތިޔާރު ގެންގުޅުމާއި ވެރިރަށް ކޮލަމްބޯ އިން ހަތިޔާރު ގުދަނެއް ފެނިފައި ވަނީ ރާޖަޕަކްސާގެ ވެރިކަން ނިމުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ. ގޮތަބަޔާގެ ނުފޫޒުން ހަތިޔާރު ސަޕްލައިކޮށްދީފައިވާ އެވަންޓް ގާޑް ސެކިއުރިޓީ ސާވިސް ކުންފުނިން ބުނެފައި ވަނީ ކަނޑުމަތީގެ އާމަރީ ބޭނުންކޮށްފައި ވަނީ ކަނޑުފޭރޭ ބޯޓުތަކުން ހިމާޔަތް ހޯދައިދިނުމަށް ކަމަށެވެ.

ރާޖަޕަކްސާ އާއިލާގެ އެހެން ބައެއް މީހުންގެ މައްޗަށް ވެސް ވަނީ ކޮރަޕްޝަނުގެ ދައުވާކޮށްފަ އެވެ. ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެފައި ވަނީ ރާޖަޕަކްސާގެ 10 އަހަރުގެ ވެރިކަމުގައި ސަރުކާރުގެ ފައިސާ އިން ބިލިއަން ޑޮލަރުން ޚިޔާނާތްތެރިވެފައިވާ ކަމަށެވެ. އަދި ކޮރަޕްޝަނުގެ މައްސަލަތައް ބަލާ އެ ފައިސާ އަނބުރާ ހޯއްދަވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އިދިކޮޅު މެންބަރެއްގެ ގޮތުގައި ޕާލަމެންޓުގައި މިހާރު ހިމެނޭ ރާޖަޕަކްސާގެ މައްޗަށް ވެސް ވަނީ ކޮރަޕްޝަނާއި އިންސާނީ ހައްގުތަކާއި ޚިލާފުވިކަމުގެ ތުހުމަތުކޮށްފަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454