އިދިކޮޅުގެ ޖަލްސާއެއްގައި އަބްދުއްރަހީމާއި ކުރީގެ މިނިސްޓަރު ސައީދު މަޝްވަރާ ކުރައްވަނީ.---ފޮޓޯ: މިހާރު
31 ޑިސެމްބަރ 2019 - 12:31
އިދިކޮޅު ޕީޕީއެމް ހަރުދަނާ ކުރުމަށް އެ ޕާޓީ އަށް ބާޒެއް ނުވަތަ ސިންގާއެއް ބޭނުންވާ ކަމަށް ވިދާޅުވެ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދެއްކެވި ވާހަކަތަކަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ރައްދު ދެއްވައިފި އެވެ.
ސީއެންއެމްގެ ޕްރޮގްރާމެއްގައި އުމަރު ސިފަކުރެއްވި ގޮތުގައި، ސިޔާސީ މަސްރަހުގައި ޕީޕީއެމް އޮތީ ހަރަކާތް ހުސްވެފަ އެވެ. ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމުން، އެމަނިކުފާނު މިނިވަންކުރަން "ފިނި ކޮޓަރީގައި" ތިބެ ވާހަކަ ދެއްކުމަކީ އެކަށީގެންވާ ގޮތުގައި އެ މަސައްކަތް ކުރުން ކަމަކަށް އުމަރު ގަބޫލެއް ނުކުރައްވަ އެވެ.
އުމަރު ވިދާޅުވީ އެ މަސައްކަތާއި ޕީޕީއެމްގެ މުޅި މަންޒަރު ބަދަލުކުރަން ވެސް ބޭނުން ވަނީ އެކަން ކުރެއްވޭ ވަރުގެ ލީޑަރެއް ކަމަށެވެ.
"އެ ބޭފުޅުންނަށް ބޭނުންވަނީ ވަރުގަދަ ބާޒެއް، އެ ބޭފުޅުންނަށް ބޭނުންވޭ ސިންގާއެއް. ބާޒެއް ނުވަތަ ސިންގާއެއް އެ ބޭފުޅުން ގޮވައިގެން ލީޑުކޮށްގެން މަގުމައްޗަށް ވެސް ނުކުންނަން ޖެހޭ ނުކުންނަން ޖެހިއްޖިއްޔާ،" މިދިޔަ އާދިއްތަ ދުވަހުގެ ރޭ އުމަރު ވިދާޅުވެފައި ވެ އެވެ.
ލ. މާވަށުގައި ޕީޕީއެމް/ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި އުމަރަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، އެ ދެ ޕާޓީ އަށް ބެލެހެއްޓޭ ވަރުގެ ބާޒާއި ސިންގާ އެބަތިބި ކަމަށާއި ޔާމީނަށް އިހުލާސްތެރިކަމާ އެކީގައި މަސައްކަތް ކޮށްދޭން ދުރުން އަންނާކަށް މީހަކު ނެތް ކަަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމާއި ޕީއެންސީގައި މިހާރު ތިބި މީހުންނަށް ވުރެ ޔާމީނަށް އިހުލާސްތެރި އަދި ވަފާތެރިވާނެ ބަޔަކު ނޫޅޭނެ އެވެ.
"ސިޔާސީ ގޮތުުން އަރާނެ އޮޑިއެއް ނެތީމާ، ސިޔާސީ ގޮތުން ވަންނާނެ ޖަގަހައެއް ނެތީމާ ދެން ކޮންމެހެން ޓީވީ ޕްރޮގްރާމްތަކަށާއި ނޫސް މަޖައްލާތަކަށާއި ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް، ދެން ކޮންމެހެން ޕީޕީއެމް/ޕީއެންސީއާ ބެހި ވަޑައިގަންނަވާނެ ކަމެއް ނެތް އެއްވެސް ބޭފުޅަކު،" އުމަރުގެ ނަން ވިދާޅުވެ، ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.
އުމަރު އުޅުއްވަނީ 2023 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް ޕީޕީއެމްގެ ޓިކެޓު ހޯއްދަވަން ކަމަށް ނުސީދާ ގޮތެއްގައި އަދުރޭ ތުހުމަތު ކުރެއްވި އެވެ. އޭނާ ވިދާޅުވީ، އެ އިންތިޚާބަށް ޕީޕީއެމްގެ ޓިކެޓް ޔާމީނަށް އަރުވާފައި ކަަމަށެވެ.
"އެ ބަދަލެެއް ނުކުރެވޭނޭ،" ޔާމީންގެ ދިފާއުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބްދުއްރަހީމް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލ ހުޅަގު ދެކުނު ދާއިރާ
31 December 2019
މާވަށު ދާއިރާގެ އެއްމެ ގޮޑިއެއް ވެސް ޕީޕީއެމް އަށް ލިބޭނެ ކަމަށް އުއްމީދު ނުކުރާށެވެ.
ޖަޒީރު
31 December 2019
ކަލޭމެން ނަކަށް ލޯކަލް ކައުންސިލް އިންތިހާބުން 2 ރަށް ކާމިޔާބުވިޔަސް ރަގަޅު. ތިއީ ނެތް ޕާޓީއެއް. މިފަހަރުވެސް އެޖެންޑާ 20. އެމްޑީޕީ. ހިތާހިތުގެ ގުޅުން. ކަލޭމެން ހަމަ ތިބެން ޖެހޭނީ ދެންވެސް.
އިބުރާޙިމް
31 December 2019
އިއްޔެ މެންދުރު ފިޔޯއް ކުކުޅެއް ނިކުމެ ބާޒެއް ކަމައް ދަޢުވާ ކުރިޔަސް އެނުވާނެ ހަގީގަތަކައް
ޝޮކްތެރަޕީ
31 December 2019
ޕީޕީއެމް ހިންގާގޮތެއް ކަމަކުނުދޭ. ހިކްމެއްތެރިކަމާ އެކީ ޕީޕީއެއް ބައްޓަމްކުރަން ޖެހޭ.
އީދުކަޅުބެ
31 December 2019
ތިޔަކަމުގައި އައްޑޫގެ ދޮންދީނިތައް މިތިބީ އަދުރޭއާއެކު. ބާޒަށް ނުކުރޭނެ އެންމެ ފިޔޮކެއްވެސް ޖަހައިގަންނާކަށް.
ޖާބެ
31 December 2019
ހައް ހައް ކޮބާ އުމަރު ، ނާޒިމް އިށީންނާނެ ގަލެއް ނުލިބުނުތާ ދޯ މިހާރު އަބްދުﷲ ރިޔާޒު އުޅެނީ އެމް.ޑީ.ޕީ މީހަކައް ހެދިގެން
ހެއްވާ
31 December 2019
ބާޒެއްވެސް ތި ޕާރޓީއަކަށް ކައިރިއެއްނުވާނެ. ވަކިއަޅައި ކާލާނެ ފިޔޮއްގަނޑެއްވެސް މިހާރު ތިތާކު ނެތްވިއްޔަ ޤައުމު ސަލާމަތް ކުރުމުގެ ވާހަކަ ދައްކަން ޕޯޑިއަމަށް ތި އަރުވަނީ، ފަސާދައިގެ ފައިސާގޯނި ހިފައިގެން ބަހަމުން ދިޔަކަމަށް އަމިއްލައަށް އިޢުތިރާފުވެފަހުރި މީހަކާ، ޔާމީނަށް ޘަނާ ކިޔަމުންގޮސް ފިނިމެން މަލަކަށް ޔާމީނު ހަދައިގެން އުލުނު ބޮޑާ ކުއްޖެއް ތިކަމެއް ދެން ނުވާނެ. ޕާރޓީ މައުމޫނާ ޙަވާލުކުރޭ. އަދުރޭ މައުމޫނަށް މާފަށް އެދޭ
ޒިންމާ
31 December 2019
އަދުރޭ މެންނަކީ ސިޔާސީގޮތުން ފެއިލްވެފައި ތިބި ލީޑަރުން އިސްތިއުފާ ދީފައި ދުރަށްދޭ. އާ ލީޑަރުންނަށް ޖާގަދީ. އަދުރޭއާއި ޔާމިން ޕާޓީޔެނޫން. ތީއިދިކޮޅު ފިކުރު، ތިފިކުރު ހިސޯރުކޮށްގެނެ ނުއުޅެވޭނެ.
ބޮޑުމީހާ
31 December 2019
ސިޔާސީ ޕާޓީތައް ހީވަނީ މީ މިމީހުންގެ ތަރިކަ މުދާހެން. ބަަލަ ތީ ރައްޔިތުންގެ ޓެކްސް ލާރިން ހަރަދުކޮށްގެން ހިންގާ ޕާޓީތަކޭ. ކޮންމެ މީހަކު ބޭނުންވީމަ ވަދެފަ، ނުކުމެފަ މަޤާމުތަކަށް ޕާޓީގެ އާއްމު ގަވާއިދާއި އެއްގޮތަށް ކުރިމަތިލުމުގައި އެއްވެސް ހުރަހެއް އޮވެގެންނުވާނެ. ކޮން ޔާމީނެއް ކިޔާކަށް! ހުކުމް ތަންފީޒުކުރާ މީހުންނަށް ރިޔާސީ ޓިކެޓާއި އެއްޗިހި ހިބަކޮށްދެވޭތަ. އިންތިހާބުތަކުން ބަލިވަނީ ތިކަހަލަ ސަަބަބުތަކާއި ހެދިކަން އިގޭނީ ކިތައްފަހަރު ބަލިވީމަ
ކަރީމުއްދީން ބާޝާ
31 December 2019
އަދުރޭއާ ޔާމީނު ބޮލުގާ ކުޑަކުޑަ އުނިކަމެއް އުޅޭހެން ހީވަނީ. ބާޒަކީ މިނިމަސްކާ ދޫންޏެއްނޫން.