މާލޭ ޖަލުގެ ގޮޅިއެއް: ޖަލުތައް އިސްލާހު ނުވެ ކަސްވާ މައްސަލައިގައި ވަނީ ހިތްހަމަނުޖެހުން ބޮޑުވެފައި.
07 ޖެނުއަރީ 2020 - 14:47
ޖަލުތަކުގެ ކަންކަން އިސްލާހު ކުރަން އެކުލަވައިލި ރިޕޯޓުގައިވާ ކަންކަން ތަންފީޒު ނުވެ، އެތަން ހިންގުން "ބޮއްސުންލާފައިވާ" ކަމަށް ބުނެ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބައެއް އޮފިސަރުންނާއި ގައިދީންގެ ހިތްހަމަނުޖެހުން ބޮޑުވެއްޖެ އެވެ.
އަސާސީ ހައްގުތަކާއި ބޭސްފަރުވާ އިން ގައިދީން މަހްރޫމް ވެފައި ތިބުމާއި ލާއިންސާނީ އަމަލުތައް ހިންގުމާއި ތޮއްޖެހުން ބޮޑުވެ، ތަކުލީފް އުފުލަން ޖެހުމުގެ ޝަކުވާ ބޮޑެވެ. މި ހިތްހަމަނުޖެހުންތަކުގައި ގައިދީން އޮފިސަރުންނަށް އަނިޔާ ކުރުމާއި ބަދަލު ހިފުމުގެ ރޫހުގައި އޮފިސަރުން ގައިދީންނަށް އަނިޔާކުރުމުގެ މައްސަލަ ވެސް ބޮޑެވެ. ޚާއްސަ އިސްކަމެއް ދީގެން މި މައްސަލަތައް އިސްލާހު ކުރަން މި ސަރުކާރުން ވައުދުވެ، ޖަލުތަކުގެ ހާލަތު ދެނެގަނެ ރިޕޯޓެއް ވަނީ އެކުލަވާލައިފަ އެވެ.
އެކަމަކު އެ ރިޕޯޓުގައި އިސްލާހު ކުރަން އަންގާފައިވާ މުހިއްމު ކަންކަމާ މެދު މިހާތަނަށް އެކަށީގެންވާ ފިޔަވަޅެއް ނާޅަ އެވެ.
"މިހާރު" އާ ވާހަކަ ދެއްކެވި ކަރެކްޝަނަލް ސާވިސްގެ ބައެއް އޮފިސަރުން އެކަން ކަށަވަރު ކޮށްދެއްވި އެވެ. ގައިދީންނާއި ބައެއް އޮފިސަރުން ދަނީ ޕްރިޒަންސް ކޮމިޝަނަރު އަބްދުﷲ މުނާޒާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
ޖަލުގައި މިފަހުން ހަމަނުޖެހުން އުފެދުނީ މިދިޔަ ހުކުރު ދުވަހު ރިމާންޑް ޖަލުގަ އެވެ. އެތަނުގައި ބައިތިއްބަނީ ޝަރީއަތް ނިމެންދެން ބަންދުކުރާ ނުވަތަ "ވާނުވާ" ޖަހާ ގައިދީންނެވެ. ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ ގައިދީންގެ އަދަދު (ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އެންމެ ފަހުން އާއްމުކުރި ހިސާބުތައް) 256 އަށް އަރަ އެވެ. މީގެ ތެރެއިން ރިމާންޑް ޖަލުގައި، މިވަގުތު 140 އަށް ވުރެ ގިނަ ގައިދީން ބައިތިއްބާފައިވާ ކަމަށް ވެ އެވެ.
މި ގޮޅިތަކުގައި ތިބި ގައިދީން މިދިޔަ ހުކުރު ދުވަހު ހިތްހަމަނުޖެހުން ފާޅުކުރަން ފެށީ، އެ މީހުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ބުނެ އެވެ. ކުރި ކުށަށް ހުކުމް ކުރި ނަމަ އެ ހުކުމް ތަންފީޒުވެ ނިމި މިނިވަން ވެފައި ތިބެން ޖެހޭ މީހުން ވެސް "ވާނުވާ ބަންދުގައި" އެބަތިބި ކަމަށް ކަމާބެހޭ އިދާރާތަކުން ވެސް ވަނީ ހާމަކޮށްފަ އެވެ.
މާފުށީ ޖަލު: އެތަނުގައި މިދިޔަ ހުކުރުދުވަހު ހިނގި ހަމަނުޖެހުން ކޮންޓްރޯލްވެ ޖަލު އާއްމު ހާލަތަށް ބަދަލުވެފައިވާ ކަމަށް ކަރެކްޝަންސް އިން ބުނޭ.-- ފޮޓޯ: މިހާރު ފައިލް ފޮޓޯ
ގޮޅިތަކުގެ ޖާގަ އަށް ވުރެން އިތުރަށް މީހުން ބަންދުކޮށްފައި ބޭތިއްބުމަކީ ވެސް ބޮޑު ޝަކުވާ އެކެވެ. އެތަނުގެ ބައެއް ގޮޅިތަކުގައި ހަތް ގައިދީން ވެސް ބައިތިއްބާފައި ތިބި ކަމަށް "މިހާރު" އާ ވާހަކަ ދެއްކެވި ބައެއް އޮފިސަރުން ވިދާޅުވި އެވެ.
"ޖާގައިގެ ދަތިކަމާއި ވާނުވާގައި އެ މީހުން ތިބުން ވެސް ހިތްހަމަނުޖެހުމެއް. އެ ހިތްހަމަނުޖެހުން ބޮޑުވި ކަމަކަށް މިވީ ޖަލުގެ ވަށާ ފާރު އުސްކުރުން ވެސް. މީގެ ސަބަބުން ޖަލަށް ފޯނާއި މަސްތުވާތަކެތި ފަދަ ތަކެތި ވެއްދުމަށް ހުރަސްތަކެއް ކުރިމަތިވީ،" އޮފިސަރު ވިދާޅުވި އެވެ.
މި ރުޅީގައި، ޖަލު އޮފިސަރުންނާ ޒުވާބުކޮށް، އެ މީހުންނާ ދިމާލަށް ކާއެއްޗިއްސާއި މިރުސް ފެން ޕެކެޓް އުކުން ފަދަ ކަންކަން ގައިދީން ކުރެ އެވެ. ބައެއް ފަހަރަށް ވަރަށް ބޮޑަށް އަނިޔާ ވެސް ކުރެ އެވެ.
އޮފިސަރަކު ވިދާޅުވި ގޮތުގައި މިދިޔަ ހުކުރުދުވަހު ޖަލުގައި ހަމަނުޖެހުން ހިނގީ މުނާޒް އިސްވެ ހުންނަވައި ވަކި ސަބަބެއް ނެތި ގޮޅިއެއް ބަލައި ފާސްކުރަން އޮފިސަރުން ވެއްދުމުންނެވެ. ގައިދީން، އެ އޮފިސަރުންނާ ކުރިމަތިލުމުން، ގޮޅިން ނެރެން ޖެހުނީ ޕެޕަ ސްޕްރޭ ޖަހައި ބާރުގެ ބޭނުން ކޮށްގެންނެވެ. އެ ކަންތައްގަނޑުގައި ގައިދީއެއްގެ ބޮލަށް އަނިޔާވެ ފަރުވާދީފައި ވެ އެވެ.
އިންސްޕެކްޓާ އޮފް ކަރެކްޝަންސް އަހްމަދު މުހައްމަދާއި ފުލުހުންގެ ހާޒިރުގައި ގޮޅިއެއް ބަލައި ފާސްކުރަން މުނާޒް ބޭނުންވީ، އެއް އޮފިސަރަކު ވިދާޅުވި ގޮތުގައި، ގައިދީން ކުރާ އަނިޔާތައް ދެއްކުމަށެވެ. އެކަމަކު ވަކި ސަބަބެއް ނެތި ގޮޅި ބަލައި ފާސްކުރުމަކީ ގައިދީން ހަމަނުޖެހުން އުފައްދަފާނެ ކަމެއް ކަން ބައެއް އޮފިސަރުން މުނާޒްގެ ސަމާލުކަމަށް ގެނައި ކަމަށް ވެ އެވެ.
މި ތުހުމަތުތަކަށް މުނާޒްގެ ބަހެއް ހޯދަން "މިހާރު" އިން ގުޅުމުން ވިދާޅުވީ އޭނާ އިންނެވީ ބައްދަލުވުމެއްގައި ކަމަށާއި ގުޅާލަން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަކަށް ދަންނަވާނެ ކަމަށެވެ.
މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުން މިހާރު ހަމައަކަށް އެޅިފައި އޮތް ނަމަވެސް މާލޭ ޖަލުގެ ގައިދީން ވަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފަ އެވެ. އެއީ، މާފުށީ ޖަލުގެ ގައިދީންނާ އެއްބައިވުމުގެ ގޮތުން ކަމަށް ވެ އެވެ. މި ހަޅުތާލުގެ ވާހަކަ ކަރެކްޝަންސް އިން ދޮގު ކުރެ އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕްރިޒަންސް މުނާޒް މާފުށީގައި: ޖަލުތައް އިސްލާހުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނޭ. --ފޮޓޯ: ހޯމް މިނިސްޓްރީ
މާފުށީ ޖަލުގެ ހަމަނުޖެހުމާ ގުޅިގެން ހަތަރު ގައިދީއަކު މާލެ ބަދަލުކުރި ފަހުން، މާލޭގެ ގްރޫޕަކުން ވަނީ މާލޭ ޖަލަށް ގޮސް އޮފިސަރުންތަކަކަށް ބިރުދައްކައި އިންޒާރު ދީފަ އެވެ. އަދި މިދިޔަ އާދީއްތަދުވަހުގެ ރެ އާއި ރޭ ވެސް ވަނީ ޖަލަށް ގާ އުކައި އެތަނުގައި ހުންނަ ފިހާރައިގެ ބިއްލޫރި ތަޅާލައިފަ އެވެ.
މިއީ ކޮން ބަޔަކު ކުރި ކަމެއްތޯ ތަހުގީގު ކޮށްދޭން ކަރެކްޝަންސް އިން ވަނީ ފުލުސް އޮފީހަށް ހުށަހަޅައިފަ އެވެ.
ޖަލުތައް އިސްލާހު ކުރަން މި ސަރުކާރުން ހަވާލުކުރި ކޮމިޝަނުން ނެރުނު 290 ސޮފްހާގެ ރިޕޯޓުގައި، ޖަލުތައް ތޮއްޖެހުމުން ފެށިގެން ހައްގުތަކުން މަހްރޫމްކުރުމާއި ބޭސްފަރުވާ ލިބުމުގެ ދަތިތަކާއި ތަފާތުކުރުން ގެންގުޅުމާއި އާއިލީ ބައްދަލުވުންތަކާއި ޕެރޯލްގެ ނިޒާމަށް ގެންނަން ޖެހޭ އިސްލާހުތަކާއި ޖަލުތަކުގެ އޮފިސަރުންގެ ރައްކާތެރިކަަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ލިއެފައިވެ އެވެ.
ރިޕޯޓުގައި ބުނިގޮތުގައި ރާއްޖޭގެ ޖަލުތަކަކީ މީހުން ބަންދުކޮށްގެން ގެންގުޅެން އެކަށީގެންވާ ތަންތަނެއް ނޫނެވެ. ޖަލުތަކުގެ ހާލަތު އިސްލާހުކުރުން މާބޮޑަށް ލަސްވެފައިވާ ކަން ފާހަގަކޮށް، ވީއެންމެ އަވަހަކަށް 180 ކަމެއް އިސްލާހުކުރަން ލަފާދީފައިވެ އެވެ.
މީގެެ ތެރެއިން، ބައެއް ކަންކަން އިސްލާހުކުރަން ފަށާފައިވާ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެކަމަކު އިސްލާހުކުރި ކަންކަމުގެ ތަފްސީލު މިހާތަނަށް އާއްމުކޮށްފައެއް ނުވެ އެވެ.
ޖަލުތަކުގެ އޮޑިޓުގައިވާ ކަންކަން އިސްލާހުކުރޭތޯ ބަލަން ހޯމް މިނިސްޓްރީން ވަނީ "ޕްރިޒަންސް ރިފޯމް މޮނިޓަރިން ކޮމެޓީ"ގެ ނަމުގައި ފަސް މެމްބަރުންގެ ކޮމިޓީއެއް ވެސް އެކުލަވާލައިފަ އެވެ.
ޖަލުތައް އިސްލާހު ކުރެވެން އޮތީ އޮފިސަރުންގެ ވެސް ބައިވެރިވުމާ އެކުގައި ނަމަވެސް މި އަހަރަށް ކަނޑައަޅާފައި ހުރި އަމާޒުތަކެއް އޮފިސަރުންނާ މިހާތަނަށް ހިއްސާ ކޮށްފައެއް ނުވެ އެވެ. މިއީ، ބައެއް އޮފިސަރުންގެ ހިތްހަމަނުޖެހުން އޮތް މައްސަލަ އެކެވެ.
"ކޯޑިނޭޝަނެއް ނެތް، ޖަލުތައް އިސްލާހު ކުރުން ވާނުވާގައި މިއޮތީ. މިސާލަކަށް މި އަހަރަށް ކަނޑައަޅާފައި ހުރީ ކޮން ކަމެއް ކަމެއް މިތަނުގައި އިސްކޮށް ތިބޭ މީހުންނަކަށް ނޭނގެ. ސީޕީ [މުނާޒް] އަމިއްލަ އަށް ކަންކަން ނިންމަވަނީ. އެ ހިތްހަމަނުޖެހުން އެބައޮތް މިތަނުގެ ތެރޭގައި،" އޮފިސަރަކު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖްވާ
08 January 2020
މި ކަން އަދިވެސް ހައްލެއް ނުވޭތަ؟ ކޮންޓްރޯލުން ނެއްޓޭ ފަށަށް ދަނީ ކަންނޭނގެ! މީގެ އަޑީގަ ކޮންމެވެސް ބަޔެއް އެބަ ތިބި ކަމަށް ލަފާ ކުރެވެނީ އެއީ ޔާމީނު ޖަލަށް ލީމަ، އެ މީހުންނަކީ ވަރަށް އެ ޒާތުގެ ޓެކްޓިކްސް ގެންގުޅޭ ބަޔެއް! އެމްޑީޕީ އިން ޖައްސާ ކަހަލަ ގުއި ރޯނެއް ދަމައިގެން އުޅެނީ ކަމަށް ބޮޑަށް ލަފާ ކުރެވެނީ!
ބަޖުވާ
08 January 2020
ޔާމީން ޖަލަށްލުމާ ޖަލުގަ ރަނގަޅު ކުރަންޖެހޭ ކަންކަން ރަގަޅުނުކޮށް ހުރުމާ ގުޅުވާލާލެއް ހާދަ މޮޅޭ. ރަގަޅުކުރަންޖެހޭ ކަންކަން ރަގަޅުކޮށްފައި ހުރިނަމަ ބަޔަކަށް މައްސަލައެއް ނުޖެއްސޭނެ. ހުރިހާ ސިޔާސީ ބޮޑުން ޖަލުން މިނިވަންވީމަ ދެން އަނެއްހެން ޖަލުގަ ތިބި ބަޔަކާ އަޅާލުމަކީ ނުވާނެ ކަމެއް. ގައިދީންނާމެދު އޯގާތެރިވީ އޭރު އަމިއްލަ މަސްލަހަތު އޮތީތީ. ހަގީގަތަކީ މިހާރު އެތާ ތިބީ އަގެއްނެތް ބައެއްގެ ގޮތުގައި ދެކެވޭތީ އެމީހުންނާ އަޅާނުލަނީ.
އަސްލު މައްސަލަ
08 January 2020
އަސްލު މައްސަލަ އަކީ މުނާޒު އިމްރާނުގެ އަމުރަށް ތަބާ ނުވާތީވެ. އިމްރާނަށް ވުރެ ޖަލު އަނގަޅަކަށް އިނގޭ މީހެއް ނުހުންނާނެ.
ބުއްޅަބޭ
08 January 2020
މާފުދީފައި އެންމެން ދޫކޮށް ގޭބަންދު ފުރުސަތު ދޭންވީ. ގަޅި ޖެހުނީމައި އަންބުރާ ގެންދާނީ
ކާސިންޖީ
08 January 2020
ކަންކަން ގޯސް ވަނީ ތަންތަން ބަލަހައްޓަން ތިބޭ ވެރިންގެ އިހުމާލުން
ކިޔާނެ
08 January 2020
ކެންސަރު ބަލިހެން ތިޔަ އިހުތިޖާޖު ނުފެތުރެނީސް ރައީސް ޖެހޭ މުނާޒު ވަކިކުރަން
ޔާގު
08 January 2020
ޖަލު ހޫނު ވާނެ ދޯ ވައުދު ވެފައި ވައުދު ނުފުއްދަންޏާ.
ފައިސަލު
08 January 2020
މާފުށީ ރައްޔިތުން މުއްސަންދިވީ ޖަލަށް މަސްތުވާތަކެތި ވައްދައި ވިއްކައިގެން. ހަފްތާ އަކު 50 ހާސް އިން މަތިން ފައިދާ ވައްދާ އޮފިސަރުންނާއި ވެރިންނަށް ލިބޭ
ނޫރާނީއާ
08 January 2020
ރައީސް އިބޫ އަކީ ފިނޑިއެއް. އެނާ ހުންނަނީ ދަށުވެފައި. މުނާޒަކަށް ފިޔަވަޅެއްވެސް ނާޅާނެ.
ޖާއްޅޮ
08 January 2020
މީހުން ޖަލަށްލާ ފަދަ ކުށް ކުރަނީ ރާއްޖޭގައި އެކަށީގެންވާ ވަޒީފާގެ ފުރުސަތު ނެތިގެން
ހަކީމު
08 January 2020
ކޮބާތަ އަނިޔާވެރިކަން ނައްތާލަން އައި އިބޫ؟ ހަމަ ލޮލައްވެސް ނުފެންނަނީ ބާ؟