ކްރިމިނަލް ކޯޓު: ބަންދުގައި ތިބި ބައެއް މީހުންނަށް އަނިޔާ ކުރުމާއި އިހުމާލުވުމުގެ މައްސަލަތައް ބަލަން ކަރެކްޝަންސްއަށް އަންގަން ކޯޓުން ވަނީ ނިންމާފައި -- ފޮޓޯ/މިިހާރު
07 ޖެނުއަރީ 2020 - 16:48
މާފުށީ ޖަލުގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކުގައި، ބަންދުގައި ތިބި ބައެއް މީހުންނަށް އަނިޔާ ކުރުމާއި އިހުމާލުވުމުގެ ޝަކުވާތަކާ ހެދި އެކަންކަން ބެލުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އަށް އަންގަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
މާފުށީ ޖަލުގައި ހިނގަން ފެށި ހަމަނުޖެހުންތަކުގައި، ބަންދުގައި ތިބި ބައެއް މީހުންނާއި ކަރެކްޝަންސްގެ އޮފިސަރުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިންގި މައްސަލަ ވަނީ ބޮޑުވެފަ އެވެ. އޭގެ ތެރޭގައި ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބި ބައެއް މީހުން ވެސް ހިމެނެ އެވެ.
ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބި ބައެއް މީހުންނަށް އަނިޔާ ކުރުމާއި އިހުމާލުވުމުގެ ޝަކުވާތަކާ ހެދި އެކަންކަން ބެލުމަށް ކަރެކްޝަންސްގެ މައްޗަށް އަންގަން ކްރިމިނަލް ކޯޓުން ނިންމީ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި، ދައުވާ ލިބޭ ބައެއް މީހުންގެ ފަރާތުން ފާހަގަކުރި ކަންބޮޑުވުންތަކާ ގުޅިގެންނެވެ.
އޭޕްރީލް، 2017 ގައި، ޔާމީން ދިރިއުޅުނު ގޭގެ ސިޑި ގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަޒު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.
މިއަދުގެ އަޑުއެހުމުގައި، ދައުވާ ލިބޭ ޒިހާން ބުނީ މިދިޔަ އާދިއްތަ ދުވަހު އޭނާގެ ގައިގެ އެކި ތަންތަނަށް ޕެޕާ ސްޕްރޭ ޖެހުމަށް ފަހު، އޭނާ އަށް ކަރެކްޝަންސްގެ އޮފިސަރުން އަނިޔާކުރި ކަމަށާއި އެ އަނިޔާތަކުގެ ނިޝާންތައް އޭނާގެ އަތާއި ބުރަކަށީގައި މިހާރު ވެސް އެބަހުރި ކަމަށެވެ.
ޒިހާންގެ ވަކީލް އަބްދުﷲ ހަސީން ވިދާޅުވި ގޮތުގައި، ދައުވާ ލިބޭ މީހުން ބަންދުގައި ބައިތިއްބާ ނަމަ، އެކަން ކުރަން ޖެހޭނީ ރައްކާތެރި ތަނެއްގަ އެވެ. ޖަލުގައި އަނިޔާ ކުރާ މައްސަލަތަކަކީ ސީރިއަސް ގޮތެއްގައި ބަލަންޖެހޭ ކަންތައްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އެކަންކަން ބެލުމަށް އަމުރު ކުރަންޖެހޭ ކަމަށް ހަސީން ވިދާޅުވި އެވެ.
ދައުވާ ލިބޭ އިސްމާއިލް ރަޝީދު ބުނީ، މާފުށީ ޖަލުގައި ހަމަނުޖެހުންތަކެއް ހިންގާކަން އެނގުމުން އެފަދަ ކަމެއް މާލޭގައި ޖަލުގައި ނުހިންގާނެ ކަމުގެ ޔަގީންކަން ދޭން ކަރެކްޝަންގެ އޮފިސަރުންގެ ކިބައިން އެދުނު ކަމަށެވެ. އޭގެ ފަހުން އެއްވެސް ސާފުތާހިރު ކަމެއް ނެތް ގޮޅިއަކަށް އޭނާ އާއި އިތުރު މީހަކު ބަދަލުކުރި ކަމަށާއި އެތަން އެ މީހުން އަމިއްލަ އަށް ސާފުކޮށްފައި ވަނިކޮށް، އަނެއްކާވެސް ސާފުތާހިރު ކަން ނެތް ގޮޅިއަކަށް އެ މީހުން ބަދަލުކުރި ކަމަށް އިސްމާއިލް ބުންޏެވެ.
މިހާރު އެ މީހުން ތިބި ގޮޅީގެ ފާޚާނާގައި ވެސް އެއްވެސް ސާފުތާހިރު ކަމެއް ނެތް ކަމަށް އިސްމާއިލް ބުނެ އެވެ. އަދި އެތަނުގައި ފެން ލިބޭނެ އިސްކުރެއް ވެސް ނެތް ކަމަށް އޭނާ ބުންޏެވެ. ބައެއް ގޮޅިތަކުގެ ޖާގައަށް ވުރެ އިތުރަށް މީހުން ބައިތިއްބަމުންދާ ކަމުގެ ޝަކުވާ ވެސް އިސްމާއިލް ކުރި އެވެ.
އިސްމާއިލްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ އެފަދަ ކަންކަމަކީ ޓޯޗާގެ އަމަލުތައް ކަމަށާއި އެކަންކަން ބަލަން ވަގުތުން ވަގުތަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
ދައުލަތުން ވެސް ބުނީ ބަންދުގައި ބައިތިއްބާ މީހުން ތިބެން ޖެހޭނީ ރައްކާތެރި ތަނެއްގައި ކަމަށާއި އެފަދަ އަމަލުތަކެއް އެ މީހުންނާ މެދު ހިންގާ ނަމަ، އެއީ ބަލަންޖެހޭ ކަންތައްތަކެއް ކަމަށެވެ. އެހެންވެ، އެކަންކަން ބެލުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަން ޖެހޭނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސައިން ވިދާޅުވީ އެކަންކަން ބެލުމަށް ކަރެކްޝަންސްގެ މައްޗަށް ކޯޓުން އަންގާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސީލަތު އާސިޔާ
08 January 2020
ކޯޓަކީ މައްސަލަ ބަލަން އަންގާ ތަނެއްތަ؟ ފުލުހެއްގެ ދައުރު ކޯޓުން ކުޅެން އުޅުމަކީ ކޯޓާވާކަމެއްނޫން. ކޯޓަކީ އެތަނަށް ވައްދާމައްސަލަތައް ބަލަން ހުންނަތަނެއް. ތަނެއްގައި މާރާމާރިއެއް ހިންގައި ތަޅައިގަނެގެން އުޅޭހަބަރުލިބުނީމާ ކޯޓުންނެއްނޫން އަނގާނީ އެތަނަށް ގޮސް ވީނުވީއެއްބަލާ މައްސަލަބަލަން.
ފަހީމާއިބުރޭ
08 January 2020
ދަންނަވަންތޯ މީ %100 އިސްލާމް ޤައުމެކޯ . އަޅެ ކޮންމެ ޝަރީޢަތެއް ފެށުމުގެ ކުރިން އިއްޒަތްތެރިޤާޒީ ގެ ފުރަތަމަ ސުވާލަކަށް " ޝަރީޢަތާ ހިސާބަށް އައުމާ ހިސާބަށް ލާއިންސާނީ އެއްވެސް އަނިޔާއެއް ލިބިފަވޭތޯ " މިސުވާލުވެސް ކުރަންވީ ނޫންތޯ ؟ މަޖިލީހުގައި ޙުކުމް ތަންފީޒް ކުރާމީހުންގެ ޙާލަތު ބަލާ " ކޮމެޓީ އެއް " ހަދަންވީ ނޫންތޯ . މަހަކު އެއްފަހަރު ޖަލުތަކަށް މެމްބަރުން ޒިޔާރަތް ކުރަންވީ ނޫންތޯ ؟ ތެދުނިޔަތުގައި މިޤައުމުގައި ކަންކަން ކުރާވަރު ކުޑައީހަމަ ސަލާމް
ކަބުރު
07 January 2020
މި ނޫނީ ގައުމެއް ނޯއްނާނެ ކުށްވެރިންގެ ހައްގުތަށް ރައްޔިތުމީހާޔަށް ވުރެ މަތީގަ އޮންނަ ގައުމެއް
ހަނުހުންނަ މީހާ1
07 January 2020
ހެޔޮނުވާނެ ތިހެންނަހަދާ ގައިދީން ބާރުވެރިކުރުވާ ގައުމު ބިރުވެރިކަމުގެ ތެރެއަށް އެއްލާނުލާ. ހިމާޔަތާއި ރައްކާތެރިކަމަކީ ކުށްވެރިންނަށް އޮތްއެއްޗަކަށްވެ ނިމެނީ. މިފަދަ ޑިމޮކުރަސީ އެއް ބޭނުމެއްނޫން.
ދުރުމި
07 January 2020
ކޮންމެ ކަމެއް ކޯޓުން ނިންމާނަމަ ބޮޑުމުސާރަ ދީފަ މަގާމުތަކުގަ އެކި ދަރަޖައިގެ ވެރިން ބޭތިއްބުމުގެ ބޭނުމަކީކޮބާ؟