ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕްރިޒަންސް ކޮމިޝަނަރު މުނާޒް މާފުށީ ޖަލުގައި. --ފޮޓޯ/ކަރެކްޝަންސް
08 ޖެނުއަރީ 2020 - 22:33
މާފުށީ ޖަލާއި މާލޭ ޖަލުގައި މިދިޔަ ހަފުތާ އިން ފެށިގެން ގައިދީން ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ހިންގާ ތަހުގީގަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެދެވޭ އެއްބާރުލުން ނުދޭއިރު، ސައްހަ ނޫން މައުލޫމާތު ވެސް ދީފައިވާ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ހިތްހަމަނުޖެހިއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން މާފުށީ ޖަލުގަައި ގައިދީން އަންނަނީ ހަމަނުޖެހުން ހިންގަމުންނެވެ. މި މައްސަލައިގައި ކަރެކްޝަންސްގެ އިހުމާލެއް ނެތް ކަމަށް ދައްކައި ދިފާއުވާން މީޑިއާ އަށް ވެސް ފުށުއަރާ މައުލޫމާތުތަކެއް އެ ތަނުން ދީފައި ވަނިކޮށް، އެޗްއާރުސީއެމުން ވެސް މިރޭ މިވަނީ ކަރެކްޝަންސްގެ އަމަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ގައިދީން ހިތްހަމަނުޖެހުންފާޅުކުރަމުން ދަނީ "ވާނުވާ" ބަންދުގައި ގިނަ ދުވަސްތަކެއް ވަންދެން ތިބެން ޖެހުމުގެ އިތުރުން އަސާސީ ގިނަ ޚިދުމަތްތައް ލިބުން ދަތިވެފައިވާ މައްސަލައިގަ އެވެ. އެކަމަކު ޕްރިޒަންސް ކޮމިޝަނަރު އަބްދުﷲ މުނާޒް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައި ވަނީ ގައިދީން ބޭނުންވާ ކަންކަން ކަރެކްޝަންސުން އަންނަނީ ފޯރުކޮށްދެމުން ކަމަށެވެ. ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދެއްކުން ފިޔަވައި ހުރިހާ ކަމެއް ވެސް ގައިދީންނަށް ފަހިކޮށްދީ ޖަލުގެ ކަންކަން އިސްލާހުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނީ ޖަލުގެ ހާލަތު މީޑިއާތަކުން ރިޕޯޓްކުރުމުން އެ ކޮމިޝަނުން ތަހުގީގެއް ކުރަމުން އަންނަ ކަަމަށެވެ. މި ތަހުގީގަށް ގައިދީންނާއި ޖަލުގެ އިސްވެރިންނާއި މުވައްޒަފުންގެ ފަރާތުން ވެސް ވަނީ މައުލޫމާތު ސާފުކޮށްފަ އެވެ.
ޖަލުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ ގައިދީންނާއި ބަންދުކޮށްފައިވާ ފަރާތްތަކުން ކަރެކްޝަންސްގައި ތަކުރާރުކޮށް އެދެމުން އަންނަ ޒަރޫރީ ބޭނުންތައް ފުއްދައި ނުދެވޭތީ ކަން ލިބުނު މައުލޫމާތުތަކުން އެނގޭ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ. ޝަރުއީ މަރުހަލާ ދިގުލައިގެން ދިއުމާއި އެކަށީގެންވާ އަވަަސް މިނެއްގައި ސިއްހީ ފަރުވާ ފޯރުކޮށްނުދެވޭ ކަން ފާހަގަވެފައިވާ ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެ.
މި މައްސަލަތައް ތަހުގީގުކުރަމުންދާ އިރު ކޮމިޝަނުގެ ތަހުގީގަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެންމެ އެދެވޭ މިންވަރަށް އެއްބާރުލުން ލިބެމުން ނުދާ ކަމާއި ކޮމިޝަނަށް ސައްހަ ނޫން މައުލޫމާތު ދީފައިވާ ކަން ހިތާމައާ އެކު ފާހަގަކުރަމެވެ. --އެޗްއާރުސީއެމް
އެކަމަކު ކަރެކްޝަންސުން ހަގީގަތާ ޚިލާފަށް ދިނީ ކޮން މައުލޫމާތެއް ކަމެއް އެޗްއާރުސީއެމްގެ ބަޔާނުގައި ނެތެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުންތަކެއް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި. --ފޮޓޯ/މިހާރު
ކޮމިޝަނުން ބުނީ މާލޭ ޖަލުގައި މިވަގުތު ތިބި ގައިދީން ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރަމުންދާ ކަމާއި މާލޭ ޖަލުގެ ތިން ތަނެއްގައި އަލިފާން ރޯކުރި ކަން ފާހަގަވެފައިވާ ކަމަށެވެ.
ގައިދީން މާފުށީ ޖަލުގައި ހިންގި ހަމަނުޖެހުންތަކުގައި އެއް ގައިދީއަކު އަނެއް ގައިދީއަކަށް ހަމަލާދިނުން ކަމަށް ބުނެ ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން މިދިޔަ ހުކުރު ދުވަހު ގޮޅިތަކަށް ވައްދައި ފާސްކުރަން އުޅުމުން ގައިދީން އިތުރަށް ނުރުހުންވި އެވެ. ގޮޅިތަކަށް ވަން އޮފިސަރުންނާ ކުރިމަތިލުމުން، ގައިދީން ގޮޅިން ބޭރަށް ނެރެން ޖެހުނީ ޕެޕަ ސްޕްރޭ ޖަހައި ބާރުގެ ބޭނުންކޮށްގެންނެވެ. އެއް ގައިދީގެ ބޮލަށް އަނިޔާވެ ފަރުވާ ވެސް ދޭން ޖެހުނެވެ.
ވަކި ސަބަބެއް ނެތި ގޮޅިތައް ފާސްކުރަން މުނާޒް އެންގެވުމުން ޖަލުގެ ބައެއް އޮފިސަރުން ވެސް ތިބީ ހިތްހަމަނުޖެހިފަ އެވެ. އިންސްޕެކްޓާ އޮފް ކަރެކްޝަންސް އަހްމަދު މުހައްމަދާއި ފުލުހުންގެ ހާޒިރުގައި ގޮޅިއެއް ބަލައި ފާސްކުރަން މުނާޒް ބޭނުންވީ، އެއް އޮފިސަރަކު ވިދާޅުވެފައިވާ ގޮތުގައި، ގައިދީން ކުރާ އަނިޔާތައް ދެއްކުމަށެވެ. އެކަމަކު ވަކި ސަބަބެއް ނެތި ގޮޅި ބަލައި ފާސްކުރުމަކީ ގައިދީން ހަމަނުޖެހުން އުފައްދަފާނެ ކަމެއް ކަން ބައެއް އޮފިސަރުން މުނާޒްގެ ސަމާލުކަމަށް ގެނައި ކަމަށް ވެ އެވެ.
މުނާޒް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ހަމަނުޖެހުން ހިންގި ގައިދީން ހަމައަކަށް އެޅި ޖަލުގައި މިހާރު ހަމަނުޖެހުމެއް ނެތް ކަމަށެވެ. ގައިދީން އެދޭ ގޮތަށް، ޖަލުތައް އިސްލާހުކުރަމުން އަންނަ ކަން އެ މީހުން ގަބޫލުކުރާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ގައިދީންނާ ގުޅޭ ގޮތުން މުނާޒް ދައްކަވާ ވާހަކަތައް، އެހެން މުއައްސަސާތަކާ ތަފާތުވާތީ ނޫސްވެރިން ސުވާލުތައް ކުރިމަތިކުރި އެވެ. އެކަމަކު، ޖަވާބެއް އަދި ގިނަ ސުވާލުތަކަށް ފުރުސަތު ވެސް ނުދެއްވައި ބައްދަލުވުން ނިންމާލެއްވީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޯޓް
09 January 2020
މާދެން އެޗް.އާު.ސީ.އެމް. ވަނީއޭ. ކަލޭމެނަށް އެއްމެ 24 ގަޑިއިރުވެސް އެ ގައިދީން ކައިރީ ހިފަހައްޓާ ނުލެވޭނެ. ގައިދީންނޭ ކީމަ އަޑުއަަން ފަސޭހަ ނަމަވެސް ކިޔަމާ ވަގުން، މީހުން މަރާ މީހުން ފޭރޭ މީހުން ފަތްބޯ މީހުން، އޭރުން އެނގޭނެ އެމީހުންގެ އަޙްލާގާއި އަމަލު ހުންނާނެގޮތް. ކޮން ހިޔުމަން ރައިޑެކޭ ކިޔާކަށްތަ މިއުޅެނީ. މިމީހުން ލާން ކަނޑު އަޑީގައި ގުދަނެއް ހަދަންފެނޭ.
ނަހީދު
09 January 2020
ކަރެކުޝަނުން އެކަށީގެންވާ މެޑިކަލް އަދި ބެލެނިވެރިން އެދުނީނަމަ އެންމެ ފުރިހަމައަށް މެޑިކަލްޑޮކުއިމުންޓްސް ފޯރު ނުކޮށްދޭ. ހަމަނުޖެހުން ހިގަން މެދުވެރިވީ މެޑިކަލް ދިނުން ދަތި ކުރުމުން. ބޭސް ފަރުވާގެ ބަދަލުގަ ފުލުހުންގެ ވެސް ހާޒިރުގަ މުގުރުބުރިޔާ އެންކަލްބޫޓުން ތަޅާ ކުރީ އަނިޔާ. ކަމާ ނުބެހޭ ގައިދީންވެސް ގޮޅިތަކުން ނެރެގެން ކުރީ އަނިޔާ. މުނާޒު އެއީ ދޮގުވެރިއެއް. ވަކި ވަކި ޖަލު އޮފިސަރުންނަށް ވެސް އެބަ ޖެހޭ ފިޔަވަޅު އަޅަން. މެޑިކަލް އަންމަޑޭ އެކެއް.
ޖައިސާމް
09 January 2020
އީނާސް އިސްތިއުފާ! ކޮންވީނިއެންޓް ވީމަ އަނގަ ހުޅުވާ "މިނިވަން" މުއައްސަސާތަކުގެ ރައީސުން އިސްތިއުފާ! މީކީ ކަރެކްޝަންސްގެ މީހުންނަށް ތާއީދުކޮށް ލިޔުނު އެއްޗެއް ނޫން.
ނަހުލާ /ފޯކްލެންޑް
09 January 2020
ކުށްކުރާ މީހުންގެ ޠަބީޢަތް ހުންނަ ގޮތުން އެމީހުންނާ އަބަދު މުޢާމަލާތް ކުރާ މީހަކަށް އެގޭނެ ކިތަމެ ވަރަކަށް ހެޔޮކޮށް ހިތިޔަސް ކުށްކުރުމަށްޓަކައި މިނިވަން ވުމަށްބޭނުންވާނެ ކަމާ ބުނިހާ ކަމެއް ކޮށް ދިނަސް ގޮޅީގައި ތިބުމަށް ނޭދޭނެކަން
ހުތް އާދަނު
09 January 2020
ރައްޔިތުންގެ ލާރި ކައިގެން ، ކުއްވެރިންގެ ހައްޤު ހޯދަން ޖަދަލުކުރާބައެއް.
ނަސޭހަތް
09 January 2020
މުނާޒަކީ ޖަލެއް ހިންގޭ ފެންވަރުގެ ބޭފުޅެއް ނޫން. އެކަ މަކު އެ މް. ޑީ ޕީ ގެ ވެރި ކަ މެއްގަ ވިއްޔާ މުނާޒަށް އެ ވަޒީފާ ދޭނެ. އެއީ އެ މް. ޑީ. ޕީ ގެ އިސް ވެރިން މީ ހުން ވަޒަންކޮށް މިން ކުރަނީ ޕާޓީ އަށް ވަފާތެރި ކަ މަ ށް ބަލާފަ. ތަޖްރިބާ އާއި ތައުލީ މަށް ބެލު މެއްނެތި.
ލަދް
09 January 2020
ޔާ މީނުގެ އަނިޔާވެރި 5 އަހަރު ނިދާފައިތިބި މީހުން ހޭލައިފި
ބަދު
09 January 2020
ނިދާފައި ތިބި މީހުން ހޭލީމަވެސް ކަމަކުނުދޭ...ހިތްރުހޭ ކަހަލަ ވާހަކަ އަބަދު އަޑުއިވެންވަނީ ހަގީގަތް ކޮންމެ ގޮތަކަށް އޮތަސް.
އާރީ
09 January 2020
އަޑެއްކިއްޔާ ރެދެއްލާނެ
ބޮރިސް
08 January 2020
ކިހާ ދެރަ ކަމެއްތަ! ޖަލު މީހުންނަކީ ޖަލު މީހުން. އެމީހުން ގެންގުޅެން ޖެހޭނީ ފިރުމައިގެނެއް ނޫން. ޖަލުގެ ގަވައިދާ ހިލާފަށް އުޅެންޏާ ހަމައަކަށް އަޅުވަން ޖެހުނު ބާރެއް ބޭނުންކުރަން ޖެހޭނެ. އެމެރިކާ ކަހަލަ ތަންތަނުގައި ނިކަން ތި ގައިދީން ތިކަހަލަ ކަމެއް ކޮށްބަލަ. ހުރި ވަރު ދައްކާލާނެ ވަގުތުން. ހަރުކަށިވެގެން ނޫނީ ޖަލު ނުބެލެހެއްޓޭނެ.
ގުލާމު
08 January 2020
އެޗްއާރުސީއެމްގެ އެހުރި ޒާހިދު އެއީ ހުދު ކާފޫރުތޯ؟
މުމުމުމުމވައްޑެ
09 January 2020
އެއީ ޔާ މީނުގެ އަޅެއް