ގައިދީ ދޫކޮށްލި މައްސަލާގައި ފިޔަވަޅު ނާޅައި ތިއްބާ ވަޒީފާ އިން ވަކިވެއްޖެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާފު ދެއްވާފައި ނުވާ ގައިދީއަކު ޖަލުން ދޫވި މައްސަލައިގައި މަގާމު ދަށްކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޑިސިޕްލިނަރީ ބޯޑުން އެންގި އެއް އޮފިސަރަކާ މެދު އެ ފިޔަވަޅު ނޭޅި ހުއްޓައި އޭނާ އަމިއްލަ އަށް އެދިގެން މަގާމުން ވަކިކޮށްފި އެވެ.


ގައިދީ ދޫވި މައްސަލައިގައި ޑިސިޕްލިނަރީ ބޯޑުން މިދިޔަ އަހަރުގެ ޖޫން މަހު ލަފާދިނީ، އޮފެންޑާ މެނޭޖްމަންޓް ޑިޕާޓްމަންޓުގެ އިސްވެރިޔާ އެސިސްޓެންޓް ސުޕްރިންޓެންޑެންޓު މުހައްމަދު ތޮލާލާއި ޗިޓް ތައްޔާރުކުރި ސްޓާފް ސާޖަންޓް އަހުމަދު ސަރުވަޝް ސަސްޕެންޑް ކުރުމަށާއި މަގާމު ދަށްކުރުމަށެވެ. އެކަމަކު އެ ދެ މީހުންގެ މަގާމު ދަށެއް ނުކުރި އެވެ.

ކަރެކްޝަނަލް ސާވިސްގެ ގަވައިދު ބުނާގޮތުން މުވައްޒަފަކު ސަސްޕެންޑް ކޮށްފައި ބެހެއްޓޭނީ ގިނަ ވެގެން 21 ދުވަހަށް ކަމަށް ވާތީ އެ މުއްދަތު ހަމަވުމުން އެ ދެ މީހުން ވެސް ފަހުން ވަޒީފާ އަށް ނެރުނެވެ. އެކަމަކު، މައްސަލަ އަކަށް ވީ ބޯޑުން ދިން ލަފައާ އެއްގޮތަށް މަގާމު ދަށް ކުރުމުގެ ފިޔަވަޅު އެޅުމަށް ކޮމިޝަނަރު އޮފް ޕްރިޒްންސް އަބްދުﷲ މުނާޒް އަމަލު ނުކުރެއްވުމެވެ.

ސަރުވަޝްގެ މަގާމު ދަށް ކުރުމަށް ބޯޑުން ނިންމި ނިންމުމަށް އަމަލު ނުކޮށް މަޑުކުރުމަށް އެދިވަޑައިގެން ޕްރިޒްންސް ކޮމިޝަނަރު މުނާޒް އެ ބޯޑަށް ސިޓީއެއް ފޮނުއްވި ކަމަށް ވެސް ވެ އެވެ. އެކަމަކު، އެ އަކަށް ބޯޑުން އަމަލެއް ނުކޮށް ދެމެހެއްޓީ ބޯޑުގެ ނިންމުމެވެ.

ކަރެކްޝަނަލް ސާވިސްގެ ގަވައިދު ބުނާގޮތުން މުވައްޒަފަކު ސަސްޕެންޑް ކޮށްފައި ބެހެއްޓޭނީ ގިނަ ވެގެން 21 ދުވަހަށް ކަމަށް ވާތީ އެ މުއްދަތު ހަމަވުމުން އެ ދެ މީހުން ވެސް ފަހުން ވަޒީފާ އަށް ނެރުނެވެ. އެކަމަކު، މައްސަލަ އަކަށް ވީ ބޯޑުން ދިން ލަފައާ އެއްގޮތަށް މަގާމު ދަށް ކުރުމުގެ ފިޔަވަޅު އެޅުމަށް ކޮމިޝަނަރު އޮފް ޕްރިޒްންސް އަބްދުﷲ މުނާޒް އަމަލު ނުކުރެއްވުމެވެ.

ފިޔަވަޅު ނޭޅި ހުއްޓައި އަމިއްލަ އަށް އެދިގެން މީގެ ދެ މަހެއްހާ ދުވަސް ކުރިން ވަޒީފާ އިން ވަކިކުރި ސަރުވަޝްގެ މަގާމު ދަށްކުރަން ބޯޑުން ލަފާދިނީ ސާޖަންޓަކަށެވެ. ރައީސުލްޖުމްހޫރިއްޔާ އަށް މާފު ނުދެވޭ ކުށެއްގައި ބެދިގެން 25 އަހަރުގެ ހުކުމެއްގައި ހުރި ގައިދީ ދޫކުރިއިރު އެ އޮފިސަރު ހުރީ ސްޓާފް ސާޖަންޓުގެ މަގާމުގަ އެވެ.

މި މައްސަލައިގައި ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރު އަބްދުލް ގާދިރު މިއަދު ވިދާޅުވީ، ސަރުވަޝް މަގާމުން ވަކިވާން އެދުނީ، އޭނާގެ މަގާމު ދަށްކުރުމާ ގުޅޭ ކަންކަން ކުރިއަށް ގެންދަނިކޮށް ކަމަށެވެ.

"އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ މަސައްކަތް [ޑިސިޕްލިނަރީ ބޯޑުގެ ލަފައާ އެއްގޮތަށް ފިޔަވަޅު އެޅުން] ކުރަމުން ދަނިކޮށް އޭނާ މަގާމުން ވަކިވާން އެދުނީ،" މީގެ ހަތް މަސް ކުރިން ޑިސިޕްލިނަރީ ބޯޑުން ދިން ލަފައާ ގުޅޭ ގޮތުން ގާދިރު ވިދާޅުވި އެވެ.

ނުބައިކޮށް ޗިޓް ހެދިގެން ދޫވި ގައިދީ ހައްޔަރުކޮށްފައި ހުރީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވުމުންނެވެ. ޖަލު އޮފިސަރުންތަކެއްގެ "އިހުމާލުން" ދޫވި އެ ގައިދީން ފަހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އެ ގައިދީ ދޫކުރުމަށް ޗިޓް ތައްޔާރުކުރި ސަރުވަޝްގެ މައްސަލައިގައި ސީޕީ މުނާޒްގެ މަސްލަހަތު ވެސް ހިމެނޭ ކަމަށް ތުހުމަތު ކުރެ އެވެ. އެއީ ކުށްވެރިން ޖަލުން ދޫވާނީ އޮފެންޑާ ޑިޕާޓްމެންޓުގެ އިސް ވެރިޔާ ތޮލާލާއި ސީޕީ މުނާޒް ވެސް ޗިޓުގައި ސޮއި ކުރެއްވުމުން ކަމަށް ވާތީ އެވެ. ނަމަވެސް މުނާޒް ވިދާޅުވެފައި ވަނީ އެހެން ބަޔަކު ކުރި ކަމަކަށް އޭނާ ޒިންމާވާން ނުޖެހޭނެ ކަމަށެވެ.

ގައިދީއަކު ދޫކުރި މައްސަލައިގައި ޒިންމާވާން ޖެހޭ އޮފިސަރުންނަށް ފިޔަވަޅު އެޅުމުގައި ދޯދިޔާވެ، އެ ތަނުން އެކަކު އަމިއްލަ އަށް އެދިގެން ވަޒީފާ އިން ވަކިވިއިރު، މި މައްސަލަ ފުލުހުން ވެސް އަންނަނީ ބަލަމުންނެވެ. އެކަމަކު، ފުލުހުންގެ ތަހުގީގު އަދި ނިމުނު ކަމެއް ނޭނގެ އެވެ.