ޖަސްޓިސް ބިލްޑިން: ކޯޓުތަކަށް ދައްކަންޖެހޭ ފައިސާ ކޮންމެ ކޯޓަކުން ވެސް ބަލައިގަންނަ ގޮތަށް ވަނީ ހަމަޖައްސާފައި -- ފޮޓޯ/މިހާރު
09 ޖެނުއަރީ 2020 - 16:15
ޝަރުއީ ކޯޓުތަކަށް ދައްކަންޖެހޭ ފައިސާ ރާއްޖޭގެ ކޮންމެ ކޯޓަކަށް ވެސް ބަލައިގަންނަ ގޮތަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހަމަޖައްސައިފި އެވެ.
އެ އިދާރާ އިން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ ކޯޓުތަކުން ހޯދާ ޚިދުމަތްތަކާ ގުޅިގެންނާއި ފައިސާ އާއި ހުކުމްތަކާއި އަމުރުތަކުގެ ދަށުން ކޯޓުތަކަށް ދައްކަންޖެހޭ ފައިސާތައް ވެސް ޑީޖޭއޭ އާއި ރާއްޖޭގެ ކޮންމެ ކޯޓަކަށް ވެސް މިހާރު ބަލައި ގަންނަ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ. އެހެންވެ، ކޮންމެ ކޯޓަކަށް ފައިސާ ދެއްކިޔަސް، އެ ފައިސާ ލިބުނީ ކަމަށް ބަލަން ޖެހޭނެ ކަމަށް އެ ސާކިއުލާގައިވެ އެވެ.
ޑީޖޭއޭ އިން ބުނާ ގޮތުން އެގޮތަށް އެހެން ކޯޓަކުން ފައިސާއެއް ބަލައިގެންފި ނަމަ، އެ ފައިސާއެއް އަސްލު ލިބެންޖެހޭ ކޯޓަށް އެކަން އަންގަން ޖެހޭނެ އެވެ. އަދި ހުކުމްތަކާއި އަމުރުތަކުގެ ދަށުން ކޯޓުތަކަށް ދައްކާ ފައިސާގެ ތެރެއިން ފައިސާ ލިބެންޖެހޭ ފަރާތަށް އެ ފައިސާއެއް ހަވާލު ކުރާނީ ވެސް ފައިސާއެއް ބަލައިގަތް ކޯޓަކުން ކަމަށް ސާކިއުލާގައިވެ އެވެ. އެގޮތުން، ފައިސާ ލިބެންޖެހޭ ފަރާތުގެ ބޭންކް އެކައުންޓަށް އެ ފައިސާއެއް ޖަމާ ކުރުމަށް ފަހު، އެ ފައިސާ ދައްކަން އަމުރުކުރި ކޯޓަށް އެކަން އަންގަން ޖެހޭނެ ކަމަށް ވެސް ސާކިއުލާގައިވެ އެވެ.
މީގެ އިތުރުން، އެގޮތަށް ބަލައިގަންނަ ފައިސާގެ ތެރެއިން ޕަބްލިކް އެކައުންޓަށް ޖަމާކުރަން ޖެހޭ ފައިސާތައް އެ އެކައުންޓަށް ޖަމާ ކުރަން ޖެހޭނެ ކަމަށާއި ޖަމާ ކުރުމަށް ފަހު، އެ ފައިސާއެއް ލިބެންޖެހޭ ކޯޓަށް އެކަން އަންގަން ޖެހޭނެ ކަމަށް ޑީޖޭއޭ އިން ބުނެ އެވެ.
ސާކިއުލާގައިވާ ގޮތުން އެގޮތަށް އަމަލު ކުރަން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަސްކަން
09 January 2020
ވަރަށް ރަގަނޅު ނިންމުމެއް. ވަކިން ޚާއްޞަކޮށް ދަރިންގެ ޚަރަދު ފައިސާ ލިބޭ އަންހެނުންނަށް މީގެ ސަބަބުން ވަރަށް ފަސޭހަވާނެ. ކުރިން ހޯރަފުށި ކޯޓުން ކުރި ހުކުމަށް ދައްކާ ފައިސާ އެކޯޓަކުން ނޫނީ އެމީހާއަށް ލިބޭ ގޮތެއް ނުވޭ. މިވީ ގޮތުން ހޯރަފުށި ކޯޓުން ފައިސާ ލިބޭ މީހާ ރާއްޖޭގެ ކޮންމެ ރަށެއްގައި ހުއްޓަސް އެފައިސާ އެކައުންޓަށް ވަންނާނެ!