ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ (ކ) އާއި ލިވަޕޫލްގެ ކޯޗު ކްލޮޕް.-- ފޮޓޯ: އޭއެފްޕީ
19 ޖެނުއަރީ 2020 - 09:24
ލިވަޕޫލް (ޖެނުއަރީ 19) - އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީހުގައި އެންމެ މޮޅީ މިހާރު އޮތް ލިވަޕޫލް ޓީމު ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް މި ވަގުތަށް އެއްބަސްވެވެން ނެތް ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.
ލިވަޕޫލް މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތީ ކުޅުނު 21 މެޗުގެ ތެރެއިން 20 މެޗުން މޮޅުވެ 61 ޕޮއިންޓާ އެކު އެވެ. މިއީ މި އަދަދަށް މެޗު ކުޅެގެން ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގައި ވެސް ޓީމަކުން އެންމެ ގިނައިން ޕޮއިންޓް ހޯދި ފަހަރެވެ. ލިވަޕޫލްގެ މި ޓީމަށް ތައުރީފް ކުރުން ހައްގު ކަމަށާއި އެކަމަކު އެންމެ މޮޅީ މި ޓީމު ކަމަށް އަދި ބުނުމަކީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށް ސޯލްޝެއާ ވަނީ ބުނެފަ އެވެ.
"އެންމެ މޮޅު ޓީމަކީ 1999 ވަނަ އަހަރު ތިން ތަށި ހޯދި ޓީމު. އެލެކްސް ފާގަސަންގެ އެ ޓީމުން ސާބިތުކޮށްދިނީ ތަށި ހޯދައިގެން. ލިވަޕޫލުން އަދި އެކަމެއް ހާސިލެއް ނުކުރޭ. އަހަންނެއް ނުބުނަން ނުވާނެއެކޭ. ލިވަޕޫލް ޓީމުގައި އެ ފެންވަރު އެބަހުރި. އެކަމަކު މެއި މަސް އަންނައިރު ވާ ގޮތެއް ބަލަން ތިބެމާ،" މިރޭ ލިވަޕޫލް ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ސޯލްޝެއާ ބުންޏެވެ.
ލިވަޕޫލުން 18 ފަހަރު ލީގު ތަށި އުފުލާލި ފަހުން ލީގު ޕްރިމިއާ ލީގަކަށް ބަދަލުކުރި ފަހުން އެ ޓީމަށް ލީގު ނުލިބޭތާ މި އަހަރަށް 30 އަހަރު ވާނެ އެވެ. ޔުނައިޓެޑުން 1993 ވަނަ އަހަރު ފާގަސަންގެ ކޯޗުކަމުގައި ލީގު ހޯދީ އެ ކާމިޔާބީ ނުހޯދައި 26 އަހަރުވީ ފަހުންނެވެ. ފާގަސަން 2013 ވަނަ އަހަރު ރިޓަޔާކުރި ފަހުން ޔުނައިޓެޑަށް އަދި ލީގެއް ނުލިބެ އެވެ. ސޯލްޝެއާ ބުނީ އެ ކާމިޔާބީ ނުލިބި ގިނަ އަހަރުތަކެއް ގުނަން ނުޖެހޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"ކްލަބް މިދާ މިސްރާބަށް ބަލާއިރު 26 އަހަރެއް ނުވާނެ. އެއީ މި ކްލަބުން ކުޅުންތެރިން އުފައްދައިގެން ވެސް އެކަން ކޮށްފައި އެބަހުރި،" ސޯލްޝެއާ ބުންޏެވެ.
ޔުނައިޓެޑްގެ ކޯޗުކަމާ ސޯލްޝެއާ ހަވާލުވި ފަހުން ލިވަޕޫލާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް ވަނީ އެއްވަރުވެފަ އެވެ. މި ސީޒަނުގައި ލިވަޕޫލް ހުއްޓުވި ހަމައެކަނި ޓީމަކީ ޔުނައިޓެޑެވެ. ސޯލްޝެއާ ބުނީ އެކަން ތަކުރާރުކުރުމުގެ ފުރުސަތު ޔުނައިޓެޑަށް އެބައޮތް ކަމަށެވެ.
"ސިޓީ އާއި ޕީއެސްޖީއާ ދެކޮޅަށް ދެއްކި ވަރުގެ ކުޅުމެއް މި މެޗުގައި ފެންނަން ޖެހޭ. އަހަރެމެންގެ ދަނޑުގައި ކުޅުނު ދެ މެޗަށް ބަލާއިރު ވެސް މޮޅުވުމުގެ ފުރުސަތު ލިބުނު. އެ ގޮތަށް ބަލާނަމަ އަހަރެމެންގެ މޮޅު ކުޅުން ދައްކައިގެން މި މެޗުން (ލިވަޕޫލް އަތުން) މޮޅުވެވޭނެ،" ސޯލްޝެއާ ބުންޏެވެ.
އެފްއޭ ކަޕްގައި ބުދަ ދުވަހުގެރޭ ވުލްވްސް އަތުން މޮޅުވި މެޗުގައި ޔުނައިޓެޑްގެ މާކަސް ރެޝްފޯޑަށް ވަނީ އަނިޔާވެފަ އެވެ. މިރޭ ލިވަޕޫލާ ދެކޮޅަށް ކުޅޭ ވަރަށް ރެޝްފޯޑް ފިޓްވުމުގެ ފުރުސަތު ކުޑަކަމަށް ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ ވަނީ ބުނެފަ އެވެ. އެކަމަކު އިނގިރޭސި ފުޓްބޯޅައިގެ ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި ރެޝްފޯޑް މިރޭ ކުޅޭނެ އެވެ. އެއީ މީގެ ކުރިން ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އަނިޔާކަމަށް ބުނުމަށް ފަހު ފަހު ވަގުތު އޭނާ ކުޅެފައިވާތީ އެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އަމިއްލަ ދަނޑުގައި ކުޅުނު ކަމުގައި ވިޔަސް ލިވަޕޫލަށް މޮޅުވެވޭނީ އެކަން ހާސިލްކުރެވޭވަރުގެ މޮޅު ކުޅުމެއް ދައްކައިގެން ކަމަށާއި ކުޅުންތެރިންގެ ފަރާތުން އެދެނީ ވެސް ފަސޭހަކޮށްނުލައި އެ ވަރުގެ ކުޅުމަކަށް ކަމަށެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 21:30 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟާ
19 January 2020
ނުވާނެ
މާއިސް
19 January 2020
ނޭރޭނެ
ހަޖަމް ޕްލީސް
19 January 2020
ހަޖަމްކުރަން ދަސްކުރޭ، ދެން މިފަހަރު ކެތްކުރޭ، މީ އެނގޭ ޙަޤީގަތޭ، ލިވަޕޫލް މާ މޮޅޭ ......... !!!!!
މީނާ
19 January 2020
ލިވަޕޫލަކީ މިހާރު އެއްވަނަ. އެކަމަކު މިސީޒަނުގައި އެމީހުންނަށް ރެފްރީ، ވީއޭއާރ އަދި ނަސީބު އެހީވެގެން ލީގުގައި އެހާ ބޮޑު ލީޑެއްގައި އޮތީ.