ވެލާ ޕްރައިވެޓް އައިލެންޑުގެ އިންފިނިޓީ ޕޫލް: އެ ރިސޯޓުން ވަނީ މިދިޔަ މަހުގެ ސާވިސް ޗާޖު ލިސްޓުން އެއްވަނަ ހޯދާފައި-- ފޮޓޯ: ވެލާ ޕްރައިވެޓް އައިލެންޑް
06 ފެބުރުއަރީ 2020 - 11:22
ވެލާ ޕްރައިވެޓް އައިލެންޑުގެ މުވައްޒަފުންނަށް މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި 3006.26 ޑޮލަރު (46،356ރ.) ބަހައިފި އެވެ.
"މޯލްޑިވްސް ސާވިސް ޗާޖް" ގައި އާއްމު ކޮށްފައިވާ މިދިޔަ ޖެނުއަރީ މަހުގެ ސާވިސް ޗާޖުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައި ވަނީ ވެސް ވެލާއިންނެވެ. މިއީ އޭގެ ކުރީގެ މަހާ [މިދިޔަ އަހަރުގެ ޑިސެމްބަރު މަސް] އަޅާ ބަލާއިރު 25،859ރ. އިތުރު ވުމެކެވެ. މިދިޔަ ޑިސެމްބަރު މަހު އެ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި ބަހާފައިވަނީ 1،329 ޑޮލަރު (20،497ރ) އެވެ.
ދެވަނަ އަށް އެންމެ ގިނައިން ސާވިސް ޗާޖު ދިނީ ޝަވަލް ބްލާންކް ރަންދެލިންނެވެ. އެ ރިސޯޓުން މިދިޔަ މަހު ވަނީ ސާވިސް ޗާޖުގެ ގޮތުގައި 2533.33 ޑޮލަރު (39،063ރ.) މުވައްޒަފުންނަށް ބަހައިފަ އެވެ. މިއީ ޑިސެމްބަރު މަހާ އަޅާ ބަލާއިރު 9715ރ. ގެ ކުރިއެރުމެކެވެ.
ވެލާ އާއި ރަންދެލި ރިސޯޓަކީ މިދިޔަ އަހަރު ވެސް ސާވިސް ޗާޖުގެ ލިސްޓުގައި އެންމެ ކުރީގައި އުޅޭ ދެ ރިސޯޓެެވެ. މީގެ އިތުރުން، ވޮއްމުލި ރިސޯޓަކީ ވެސް މި ލިސްޓުގެ ކުރީގައި އުޅޭ ރިސޯޓެކެވެ. ނަމަވެސް މިދިޔަ މަހުގެ ލިސްޓުގައި ވޮއްމުލި ވަނީ ހަވަނައަށް ވެއްޓިފަ އެވެ. އެ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި މިދިޔަ މަހު ބެހީ 1,940.25 ޑޮލަރު (29,918ރ.) އެވެ.
"މޯލްޑިވްސް ސާވިސް ޗާޖް" ލިސްޓަކީ ރާއްޖޭގައި އޮޕްރޭޓް ކުރާ ރިސޯޓުތަކުގެ މުވައްޒަފުން ފޮނުވާ މައުލޫމާތަށް ބަލައި ތައްޔާރު ކުރާ ލިސްޓެކެވެ. މި ލިސްޓަށް މިދިޔަ މަހު 67 ރިސޯޓުން ވަނީ މައުލޫމާތު ފޮނުވައިފަ އެވެ. މިލިސްޓަށް މައުލޫމާތު ފޮނުވާފައި ރިސޯޓުތަކުގެ ތެރެއިން 24 ރިސޯޓުގެ ސާވިސް ޗާޖު އުޅެނީ 1،000 ޑޮލަރަށް ވުރެ މަތީގަ އެވެ.
ލިސްޓުގެ އެންމެ ފަހަތުގައި އުޅެނީ ހޮނޑާފުށި އައިލެންޑް ރިސޯޓެވެ. އެ ރިސޯޓުން މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި ބެހީ 56 ޑޮލަރު (863ރ) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުލޭ
08 February 2020
46،356ރ ބެހީމަ މީހަކަށް ޖެހޭނީ ވަރަށް ކުޑައެއްޗެއް. ހަގީގަތަކީ ސާރވިސްޗާޖު ބެހީމަ މީހަކަށް ލިބުނީ 46،356ރ. ބަސްމަގު ރަނގަޅުކޮށްލާއްވާ.
ގުރާ
06 February 2020
ވެލާ އިން އެކަނި ދޯ ސާވިސް ޗާޖު ނަގަނީ؟ ސަރުކާރަކަށް ނުވާނެެ އެއްކަމެއްވެސް ރަގަޅަކަށް. އެއަށްވުރެ ހިންގުން ދޯހަޅިވެފަ އިދާރާތަކުގެ ވެރިންނަށް ތިބޭ މީހުން ގަޅި. މަމެން ބޭނުންވާ އިސްޕީޑުގަ މިކަން ނުހިނގާ. އިނގިއްޖެ!
ކޮރަލް
06 February 2020
ސަވިސްޗާޖް ގެ މައްސަލަ މިހާރު ހައްލު ނުވެ އޮތީ އެމްޑީޕީގެ ފަރުވާ ކުޑަ ކަމުންނެވެ. މަޖްލީހާ ވެރިކަން އެމީހުންނަށް ވަނި ލިބި ފަ އެވެ. ކަންކަން ހައްލު ނުވާނަމަ ގާނޫނު ވެސް ހެދުމަކީ ފަސޭހަ ކަމެކެވެ.
އޮނަރަބްލް އަފީފު ދީދީ
06 February 2020
މާލޭސަރުކާރާއި ރިސޯޓް ހިންގާ 10 ވަރަކަށް ދިވެހި ސައުދާޤަރުން ބޭނުމެއްނުވޭ މުޅިރާއްޖޭގެ ރައްޔިތުންނަށް ޓްއަރިޒަމްގެ ޙަޤީގީ ފައިދާލިބޭގޮތަށް ރާއްޖޭގެ އެންމެ އުތުރަށާއި ދެކުނަށް ޓްއަރިޒަމް ގެންދާކަށް. # ހަނިމާދުއާއި ގޭންއެއަރޕޯޓް ތަރައްޤީކޮށް ހުވަދޫ އަތޮޅުން 80 ވަރަކަށްރަށް 50 އަހަރަށް ކުއްޔަށް ދިނުމަށް ޔޯރޮޕާއި، އެމަރިކާ އަދި ރަޝިޔާގައި އިސްތިހާރުކޮށް މިފަދަ ކިތަންމެ ވެލާއެއް ރާއްޖޭގައި އުފެއްދިދާނެ.
ރުޅި
06 February 2020
ހޮޑާފުށި ލަދުވެތި. އަހަރެން ހިންގާ ކުޑަކުޑަ ކެފޭއަކުން ވެސް މިދިޔަމަހު ހޮޑާފުއްޓަށްވުރެ ގިނައިން ސާރވިސްޗާޖްދިނިން.
އައިޝާޝާ
06 February 2020
މީހަކަށްތަ 46 ހާސް ރުފިޔާ؟ ނޫނީ އެންމެންނަށް އެއްކޮށް 46ހާސް ރުފިޔާތަ؟ ނޭގުނު
ޖާދު
08 February 2020
ކަމަނާ އެއީ ބޮލަކަށް. ހިނގާ ދާން ދެކުދީން ވަޒީފާއަށް އެ ރިސޯޓަށް ދޯ