އަނިލް އާއު ދަރިފުޅު ހާޝް.
18 ފެބުރުއަރީ 2020 - 07:38
ކަންގަނާ ރަނާވަތު އެއާފޯސް ޕައިލެޓެއްގެ ރޯލް ކުޅޭ ފިލްމު "ތޭޖާސް" ގެ ފަސްޓްލުކް ދައްކާލައިފި އެވެ.
މި ފިލްމަކީ ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާގެ ފިލްމު ކުންފުނި އާރްއެސްވީޕީ އަށް އަލަށް ޑައިރެކްޝަނަށް ނުކުންނަ ސަރްވޭޝް މެވާރާ ޑައިރެކްޓްކުރާ ފިލްމެކެވެ. ކަންގަނާ ވަނީ "ތޭޖާސް" އިން އޭނާ އަށް އިންޑިއާގެ އަސްކަރިއްޔާގައި މަސައްކަތްކުރާ މީހެއްގެ ރޯލް ކުޅެން ލިބުމުން މިއީ ވަރަށް ބޮޑު ޝަރަފެއް ކަމަށް ބުނެފަ އެވެ.
މި ފިލްމަށް ތައްޔާރުވުމުގެ ގޮތުން އޭނާ ޕައިލެޓެއްގެ ޓްރޭނިންތަކެއް ވެސް ހަދަން ވަނީ ނިންމައިފަ އެވެ. ކަންގަނާ މި ވަގުތު އަންނަނީ ޖަޔަލަލީތާގެ ބައޮގްރަފިކަލް ޑްރާމާ "ތަލައިވީ" ގެ މަސައްކަތްކުރަމުންނެވެ.
IT'S OFFICIAL... #KanganaRanaut as Air Force pilot in #Tejas... Produced by Ronnie Screwvala... Will be RSVP's second film [after #Uri] on our brave soldiers... Directed by Sarvesh Mewara... April 2021 release. #TejasFirstLook pic.twitter.com/s2nIhD8eNS
— taran adarsh (@taran_adarsh) February 17, 2020
"ތޭޖާސް" އަކީ އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ ފިލްމެކެވެ.
މިދިޔަ މަހު ރިލީޒްކުރި "ޕަންގާ" އިން ފެނިގެން ދިޔަ ކަންގަނާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި އޭނާ ވަރުގަދަ އެކްޝަން ކެރެކްޓާއަކުން ފެނިގެންދާ "ދާކަޅް" ވެސް ހިމެނެ އެވެ.
އަބީޝެކް ބައްޗަން މިހާރު ކުޅެމުން އަންނަ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ދަ ބިގް ބުލް" މި އަހަރުގެ އޮކްޓޯބަރު މަހުގެ 23 ގައި ރިލީޒްކުރަން ނިންމައި، ފިލްމުގެ ޕޯސްޓަރެއް ވެސް ދައްކާލައިފި އެވެ.
#TheBigBull releases on 23rd October!! Stay Tuned@Ileana_Official @s0humshah @nikifyinglife @anandpandit63 @kookievgulati @KumarMangat @ajaydevgn @ADFFilms @Meena_Iyer @vicky1980 #TheBigBullOn23rdOctober pic.twitter.com/tLhwJDL05i
— Abhishek Bachchan (@juniorbachchan) February 13, 2020
އަޖޭ ދޭވްގަން ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ މި ފިލްމަކީ ކޫކީ ގުލާޓީ ޑައިރެކްޓްކުރާ ބައޮގްރަފިކަލް ފައިނޭންޝަލް ކްރައިމް-ޑްރާމާއެކެވެ. "ދަ ބިގް ބުލް" ގައި ކިޔައިދޭނީ 1990-2000 އަހަރުތަކުގެ ތެރޭގައި އިންޑިއާގެ ވިޔަފާރީގެ ބާޒާރުގައި ހަރުޝަދު މެހެތާ ކިޔާ ހިންގާފައިވާ ޖަރީމާތަކެއްގެ ވާހަކަ އެވެ.
މި ފިލްމުގެ ބަތަލާ އަކީ އިލިއާނާ ޑި ކްރޫޒެވެ. އިތުރު ކާސްޓުންގެ ތެރޭގައި ނިކިތާ ދައްތާ، ސުމިތު ވިއާސް، ރާމް ކަޕޫރް އަދި ސޯހަމް ޝާހް ހިމެނެ އެވެ.
އަބީޝެކް މި އަހަރު ފެނިގެންދާނެ ފުރަތަމަ ފިލްމަކީ ޑައިރެކްޓަރު އަނޫރާގް ބާސޫ އެޕްރީލް 24 ގައި ގެނެސްދޭ "ލޫޑޯ" އިންނެވެ. ބަތަލާ އައިޝްވާރިޔާ ރާއީގެ ފިރިމީހާ މިހާރު އަންނަނީ ޝާހްރުކް ޚާން ޕްރޮޑިއުސްކުރާ "ބޮބް ނިވާސް" ގެ މަސައްކަތް ވެސް ކުރަމުންނެވެ.
ކުރީގެ ވަރަށް މަޝްހޫރު ލަވައެއް ކަމަށްވާ "ޕިޔާރު ބިނަ ޗޭން ކަހަ ރޭ" ގެ އާ ވާޝަނެއް ފިލްމު "ޝުބް މަންގަލް ޒާދާ ސާވްދާން" ގައި ހިމަނައި، އޭގެ ވީޑިއޯ ދައްކާލައިފި އެވެ.
War nahi, pyaar karenge! #AreyPyaarKarLe out now!https://t.co/YeEU6edIho#ShubhMangalZyadaSaavdhan 👬 ♥@raogajraj @Neenagupta001 @Farjigulzar @iammanurishi @SunitaRajwar @maanvigagroo @VijayGanguly @purevayu @fsobombay @mep29492 @ikkanomics @Panawasthy_31 #NeerajSingh
— Ayushmann Zyada Khurrana (@ayushmannk) February 10, 2020
ފޯރިގަދަ ނެށުންތަކެއް ފެނިގެންދާ "އަރެ ޕިޔާރު ކަރް ލޭ" ލަވައިން ފެނިގެންދާނީ އަޔޫޝްމަން ކްރާނާ އާއި ޖިތެންތުރަ ކުމާރާއި ނީނާ ގުޕްތާ އާއި ގަޖްރާކް ރާއޯ އެވެ. "ޕިޔާރު ބިނަ ޗޭން ކަހަ ރޭ" އަކީ 1985 ގައި އަނިލް ކަޕޫރާއި އަމްރިތާ ސިންގް ކުޅުނު ފިލްމު "ސާހެބް" ގެ ލަވައެކެވެ.
ކުރީގެ ލަވައިގެ މިއުޒިކް ހަދައި، އެ ލަވަ ކިޔާފައި ވަނީ ބައްޕީ ލެހެރީ އާއި އެސް ޖަނަކީ އެވެ. އާ ލަވަ ކިޔާފައި ވަނީ ބައްޕީ އާއި އަޔޫޝްމަން ކްރާނާ އެވެ. މީގެ މިއުޒިކާ މި ފަހަރު ކުޅެފައި ވަނީ ތަނިޝްގް ބަގްޗީ އެވެ.
ހިތޭޝް ކެވަލިއާ ޑައިރެކްޓްކޮށްފައިވާ "ޝުބް މަންގަލް ޒާދާ ސާވްދާން" ސިނަމާތަކަށް އަންނާނީ އަންނަ ހުކުރު ދުވަހު އެވެ.
މީގެ ތިން އަހަރު ކުރިން އިއުލާންކުރި އިންޑިއާގެ ކުރީގެ ޝޫޓަރު އަބިނާވް ބިންދުރާގެ ބައޮގްރަފިކަލް ޑްރާމާގެ ޝޫޓިްނ ފެށުމަށް ތައްޔާރުވެއްޖެ އެވެ.
#HeerazMafatia's #TheAbhinavBindraBiopic, starting @HarshKapoor_ to go on floors by the end of the year.@AnilKapoor @Abhinav_Bindra #SaiwynQuadras pic.twitter.com/ylE9VDDY6H
— Box Office India (@boxofficeindia) February 16, 2020
މި ފިލްމަކީ އަނިލް ކަޕޫރާއި އޭނާގެ ފިރިހެން ދަރިފުޅު ހާޝްވަރުދަން ކަޕޫރް އެކީގައި ފެނިގެންދާނެ ފިލްމެކެވެ.
ފިލްމުގައި ހާޝް، އަބިނާވްގެ ރޯލް ކުޅޭ އިރު، އޭނާގެ ބައްޕަގެ ރޯލް ކުޅޭނީ އަނިލް އެވެ. ފިލްމުގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފަށަން ތައްޔާރުވަމުން އަންނަކަން އަނިލް ވަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ.
މީގެ ޑައިރެކްޓަރަކީ ހީރާޒް މާފަތިއާ އެވެ. ފިލްމުގެ ވާހަކަ ބިނާކުރަނީ އަބީނާވްގެ އޮޓޮބައޮގްރަފީ "އަ ޝޮޓް އެޓް ހިސްޓްރީ: މައި އޮބްސެސިވް ޖާނީ ޓު އޮލިމްޕިކް ގޯލްޑް އެންޑް ބިޔޯންޑް" އަށެވެ.
ހާޝް ބޮލީވުޑަށް ނުކުތީ 2016 ގައި ރިލީޒްކުރި "މިރުޒިޔާ" އިންނެވެ. އޭގެ ފަހުން އޭނާ ކުޅުނު ފިލްމަކީ 2018 ގެ "ބަވޭޝް ޖޯޝީ: ސުޕަހީރޯ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy