ކުޅިވަރު / ޗެމްޕިއަންސް ލީގު

ހާލަތު މުހިއްމެއް ނޫން، އެތުލެޓިކޯ އަކީ ބިރެއް: ކްލޮޕް

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ކްލޮޕް.-- ފޮޓޯ: އޭއެފްޕީ

18 ފެބުރުއަރީ 2020 - 12:34

މެޑްރިޑް (ފެބްރުއަރީ 18) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި މިރޭގެ މެޗަށް ނުކުންނައިރު އެތުލެޓިކޯ މެޑްރިޑް އޮތް ހާލަތެއް މުހިއްމެއް ނޫން ކަމަށާއި އެ ޓީމާ ދެކޮޅަށް ކުޅޭއިރު ކޮންމެ ޓީމަށް ވެސް ބިރެއް އޮންނާނެ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ލިވަޕޫލުން ހަ ވަނަ ފަހަރަށް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދީ މިދިޔަ އަހަރު ޖޫން މަހު އެތުލެޓިކޯ ދަނޑު ވަންޑާ މެޓްރޮޕޮލިޓާނޯގައި ކުޅުނު ފައިނަލުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން 2-0 އިން މޮޅުވެގެންނެވެ. އެ ފައިނަލަށް ފަހު ފުރަތަމަ ފަހަރަށް އެ ދަނޑުގައި މެޗެއް ކުޅޭއިރު މިއީ ހާއްސަވާނެ ވަގުތެއް ނަމަވެސް ކުރިމަތީގައި އޮތީ އެތުލެޓިކޯއާ ކުޅުމުގެ ޗެލެންޖް އުނދަގޫވާނެކަމަށް ކްލޮޕް ގަބޫލުކުރެ އެވެ.

"މީހުން ބުނޭ އަނިޔާގެ މައްސަލަ އާއި އެތުލެޓިކޯ އެންމެ ފަހުން ކުޅުނު މެޗުތަކުގެ ނަތީޖާ ރަނގަޅެއް ނޫނޭ. މިއީ އަހަރެމެންނަށް ފަސޭހަވާނެ މެޗެކޭ. އަހަރެން ގަބޫލެއް ނުކުރަން. އަހަރެން އެތުލެޓިކޯގެ ހާލަތާ މެދު ވިސްނަން ވެސް ޝައުގުވެރިކަމެއް ނެތް. ފުޓްބޯޅަ ކުޅުންތެރިޔެއްގެ ކެރިއަރުގައި އެންމެ އުނދަގޫވާނެ އެއް ކަމަކީ އެތުލެޓިކޯއާ ކުޅެން ޖެހުން. ޔަގީނުން ވެސް އެތުލެޓިކޯ އަކީ އިދިކޮޅު ޓީމަށް ހަދިޔާއެއް ދޭނެ ބައެއް ނޫން،" މިރޭގެ މެޗުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމުގައި ކްލޮޕް ބުންޏެވެ.

އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީއާ އޭނާއާ އެއްގޮތް ކަމަށް ގިނަ ބަޔަކު ދެކެނީ ދެ ކޯޗުންނަކީ ވެސް ފުޓްބޯޅައިގައި ވަރަށް ޖަޒުބާތީ ދެ މީހުން ކަމަށްވާތީ ކަމަށް ކްލޮޕް ބުންޏެވެ. އެކަމަކު ކްލޮޕަށް ބޮޑަށް ކަމުދަނީ ސިމިއޯނީ އެވެ.

"އަހަންނަކީ ސިމިއޯނީއާ އަޅާކިޔާއިރު ލެވަލް ހަތަރެއް. ސިމިއޯނީ އެހުރީ ލެވަލް 12 ގައި،" ކްލޮޕް ބުންޏެވެ.

ޔޫރަޕްގެ ވަރުގަދަ ލީގުތަކަށް ބަލާއިރު މި ވަގުތު އެންމެ ބޮޑު ލީޑެއްގައި އޮތީ ލިވަޕޫލެވެ. އެންމެ ފަހުގެ ޔޫރަޕާއި ދުނިޔޭގެ ޗެމްޕިއަން ލިވަޕޫލް މިދިޔަ އަހަރެއްހާ ދުވަސް ތެރޭ ބަލިވީ ދެ މެޗުންނެވެ. ސިމިއޯނީ ބުނީ ހަގީގަތަށް ވާހަކަ ދައްކާއިރު ގަބޫލުކުރަންޖެހޭނީ މިއީ ތާރީހުގައި ލިޔެވިގެންދާނެ ލިވަޕޫލް ޓީމެއް ކަމަށެެވެ.

"މޮޅެތި ޓީމުތަކުގެ ވާހަކަ އަހަރެމެން ދައްކާއިރު މި ލިވަޕޫލް ޓީމަށް ވެސް ތާރީހުން ފުރުސަތު ލިބޭނެ. މި ވަރުގެ ޓީމަކާ ދެކޮޅަށް އަހަރެމެން ނުކުންނާނީ ހުރިހާ ގޮތަކުން ތައްޔާރުވެގެން. މި ވަގުތަށް ބަލާއިރު މިއީ 50/50 ގެ މެޗެއް. އަހަރެމެން ވެސް މަސައްކަތްކޮށްފިއްޔާ ފުރުސަތު އެބައޮތް،" ސިމިއޯނީ ބުންޏެވެ.

ޔޫރަޕްގެ ނޮކައުޓު ބުރެއްގައި މިހާތަނަށް ލިވަޕޫލާއި އެތުލެޓިކޯ ބައްދަލުކުރީ 2009-2010 ވަނަ އަހަރުގެ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގަ އެވެ. އެ ފަހަރު ލިވަޕޫލްގެ މައްޗަށް އެތުލެޓިކޯ އިން ވަނީ ކުރިހޯދައިފަ އެވެ. ސްޕެއިންގެ ޓީމުތަކާ ދެކޮޅަށް ލިވަޕޫލުން އެންމެ ފަހުން ރަށުންބޭރުގައި ކުޅުނު ފަސް މެޗުން ވެސް މޮޅެއް ލިބިފައިނުވެ އެވެ. އެންމެ ފަހުން މި މުބާރާތުގައި ސްޕެއިން ޓީމެއް އަތުން ރަށުންބޭރުގައިއި ލިވަޕޫލް މޮޅުވީ 2009 ވަަނަ އަހަރު ރެއާލް އަތުން 1-0 އިންނެވެ.

އެތުލެޓިކޯ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ 1 ޖަހާއިރު އެވެ. ހަމަ އެ ވަގުތު ކުޅޭ އަނެއް މެޗުގައި ބައްދަލުކުރާނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާއި ފްރާންސްގެ ޕީއެސްޖީ އެވެ.

0 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 0%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454