އަދީބު ކޯޓަށް ވަޑައިގަންނަވަނީ: އޭނާގެ ތިން ޝަރީއަތެއް މިއަދު ބާއްވަން ތާވަލްކުރި .---މިހާރު ފޮޓޯ
31 މެއި 2016 - 10:40
ކުރީގެ ނައިބު ރައީސް އަހުމަަދު އަދީބުގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރެއިން ތިން މައްސަލައެއްގެ ޝަރީއަތް މިއަދު ބާއްވަން ތާވަލްކޮށްފައި ވަނިކޮށް، މައްސަލަ ބައްލަވާ ފަނޑިޔާރަކު ސަލާމުގައި ހުންނެވުމުން އޭގެ ތެރެއިން ދެ ޝަރީއަތެއްގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.
އެކި މައްސަލަތަކުގައި އަދީބަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން މިއަދު އޮތީ ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ"ގައި ބޮމެއް ގޮއްވާލި މައްސަލާގައި ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތާއި އެ މައްސަލާގައި އޭނާގެ މައްޗަށް ކުރާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާގެ ޝަރީއަތް އަދި އަދީބު ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތެވެ.
ހެކިބަސް ނަގަން މިއަދު ހަމަޖައްސާފައިވާ އެ ތިން މައްސަލައިގެ ތެރެއިން ކެންސަލްކުރީ ޓެރަރިޒަމްގެ ދެ ދައުވާގެ ޝަރީއަތެވެ. އެ ދެ ޝަރީއަތް ކެންސަލްކުރީ އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ގާޒީ ސައީދު އިބްރާހިމް ސަލާމުގައި ހުންނެވުމުން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
ގާޒީ ސައީދު ސަލާމުގައި ހުންނެވިއިރު، އޭނާ ޖުވެނައިލް ކޯޓަށް ބަދަލުކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ވަނީ ނިންމައިފަ އެވެ.
މިއަދަށް ތާވަލްކުރި ތިން މައްސަލައިގެ އިތުރުން އެހެން ދެ ދައުވާއެއް ވެސް އަދީބުގެ މައްޗަށް ކުރެެ އެވެ. އެއީ މާލެ އަތޮޅު ފަޅެއް ގަވާއިދާ ޚިލާފަށް ބަޔަކަށް ދިން ކަމަށް ބުނެ ކުރާ ދައުވާއަކާއި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވުމުގެ ދައުވާ އެކެވެ. އެކަމަކު އެ މައްސަލަތައް ގެންދަނީ ވަކިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެޔޮބަސް
31 May 2016
ޖުޑީޝަރީގެ މިނިވަން ކަން ގެއްލިއްޖެ އެވެ. މުސްތަޤީއްލު ހުރީ ހަމަ އެއްމެ ކޯޓެކެވެ. އެހެން ކޯޓެއްގެ އެއްވެސް ފަނޑިޔާރަކަށް ރައްކާ ތެރި ކަމެއް ނެތެވެ. އިންސާފު ދޭން ތިބި މީހުނަށް އިންސާފު ނުލިބިގެން އުޅޭއިރު ރައްޔިތުން ނަށް އިންސާފު ލިބޭނީ ކިހިނެއް ތޯއެވެ؟
ވިސްނާލީމާ
31 May 2016
އަވަހަށްކުރަންވާ ކަންކަން ބޮޑަށް ލަސްވާތީ ވަރަށް ފޫހިވޭ! ކީތްވެތަ ބާރަށް ބާރަށް ކުރިޔަށް ނުދަނީ! -އިބްރާހީމް-
ގޮހޮޑާ
31 May 2016
އޮ!