ވަކީލް އެދިވަޑައިގަތީ ހައި ކޯޓު މައްސަލަ ނިމެންދެން އަދީބު ގޭ ބަންދަށް ބަދަލުކޮށްދޭން

ސުޕްރީމް ކޯޓުގެ އަމުރަކުން ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޓަގެއްގައި ރާއްޖެ އިން ފިއްލެވުމުން ހައްޔަރުކުރި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ބޭސްފަރުވާއާ ގުޅޭ ގޮތުން ހައި ކޯޓުގައި ކުރިއަށްދާ މައްސަލަ ނިމެންދެން އަދީބު ގޭ ބަންދަށް ބަދަލުކޮށްދޭން ކްރިމިނަލް ކޯޓުގައި އޭނާގެ ވަކީލް މަހްފޫޒް ސައީދު ރޭ އެދިވަޑައިގެންފި އެވެ.


އަދީބު ބަންދުގައި ބަހައްޓަންޖެހޭ ފަދަ ހާލަތެއް އޮތް ކަަމަށް މަހްފޫޒް އެއްބަސްވެވަޑައިގަންނަވަ އެވެ.

ކްރިމިނަލް ކޯޓުގައި އޭނާ އެދިވަޑައިގަތީ ހައި ކޯޓުން މައްސަލަ ނިމެންދެން ގޭ ބަންދަށް ބަދަލުކޮށްދިނުމަށެވެ. އަދީބު ގޭ ބަންދުގައި ބަހައްޓަން ހައި ކޯޓުން ނެރުނު ވަގުތީ އަމުރު ދެމިއޮންނާނީ އެ ވަގުތީ އަމުރު ނެރުނު ގަޒިއްޔާ ނިމެންދެން ކަމަށާއި އަދީބު ގޭ ބަންދަށް ބަދަލުކުރި ހާލަތު ބަދަލުވެއްޖެތޯ ކަނޑައެޅޭނީ ވެސް ހައި ކޯޓަށް ކަމަށް ވަކީލް ވިދާޅުވި އެވެ.

މަހްފޫޒު އެދިވަޑައިގަތީ އަދީބު ގޭ ބަންދުގައި ބެހެއްޓުމުން ފިލާފާނެ ކަމަށް ބެލެވޭ ނަމަ އެކަން މެދުވެރިވިޔަ ނުދިނުމަށް އެޅެން ހުރި ފިޔަަވަޅުތައް އެޅުމަށެވެ. އެ ގޮތުން އަދީބުގެ ގޭގެ ބޭރުގައި ފުލުހުން ބޭތިއްބުން ވެސް އެންމެ ރަނގަޅު ކަމަށް ވިދާޅުވި އެވެ.

އެކަމަކު އަދީބުގެ ބަންދަށް ކްރިމިނަލް ކޯޓުން ރޭ ވަނީ 15 ދުވަސް ދީފަ އެވެ.

ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމަކަށް ފަހު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކްރިމިނަލް ކޯޓުން ނިކުމެވަޑައިގަންނަަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މަހްފޫޒް ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވީ ދައުލަތާ އެކު އޮތް އެއްބަސްވުމާއި ސުޕްރީމް ކޯޓުގެ އަމުރަކާ ޚިލާފަށް ފިލައިގެން ދިއުމުން އަދީބު ބަންދުގައި ބަހައްޓަން ޖެހޭ ފަދަ ހާލަތެއް އުފެދިފައިވާ ކަމަށެވެ.

ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ދަށުން އެ މީހަކީ ފިލާފާނެ މީހެއްތޯ ކަނޑައެޅުމަށް، ކުރިން އަމަލުކޮށްފައިވާ ގޮތަށް ބަލަން ޖެހޭ އިރު، އަދީބު ފިލަން މަސައްކަތް ކޮށްފައިވާ ކަން އެނގެން އޮތުމުން އޭނާ އަކީ ދެން ވެސް ފިލާފާނެ މީހެއް ކަަމަށް ކޯޓަށް ބެލެވިދާނެ ސަބަބުތައް ހުރި ކަމަށް ވެސް މަހްފޫޒް އެއްބަސްވެވަޑައިގަންނަވަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނުގައި ބުނެފައިވާ ސާފު ވާހަކަތަކާއި ފެންނަން ހުރި ހަގީގަތްތަކާ ދެކޮޅަށް ވަކާލާތެއް ނުކުރައްވާނެ އެވެ. އެކަމަކު ހަމައެކަނި އެދެނީ އަދީބު ބަންދުކުރާ ނަމަ ގޭ ބަންދުގައި ބެހެއްޓުމަށް ކަމަށް މަހްފޫޒް ވިދާޅުވި އެވެ.

މަހްފޫޒް ވިދާޅުވީ އަދީބު ފިލަން މެދުވެރިވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅުންހުރި ނުފޫޒު ގަދަ ފަރާތްތަކުގެ ބިރު ދެއްކުންތަކާއި ނުފޫޒުތަކާ ހެދި ކަމަށް އޭނާ ވިދާޅުވާ ކަމަށެވެ.

އަދީބުގެ ބަންދުގެ މުއްދަތު އިތުރުކުރަން ބޭއްވި މަޖިލީހުގައި އޭނާ ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތް ހިންގެވި ކަމަށް އިއުތިރާފްވެވަޑައިގެންފަ އެވެ. އެ ފައިސާ ލޯންޑަ ކުރެއްވި ގޮތާއި ދައުރުވި ގޮތް ވެސް ފުލުހުންގެ ތަހުގީގަށް ކިޔައިދީފައި ވާނެ ކަމަށް އަދީބު ވިދާޅުވި އެވެ.