ފިއްލަވާފާނެ ކަމަށް ބުނެ ޝަރީއަތް ނިމެންދެން އަދީބު ބަންދުކުރަން އެދިއްޖެ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދޫކޮޮށްލައިފި ނަމަ ފިއްލަވާފާނެ ކަމަށް ބުނެ އިސްތިއުނާފް ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރަކަށް ދައުލަތުން ހައި ކޯޓުގައި މިއަދު އެދިއްޖެ އެވެ.


މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތާ ގުޅިގެން އަދީބަށް ކުރި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން އަދީބު ވަނީ މިނިވަންވެފަ އެވެ. އެކަމަކު އަދީބު ފުރުން މަނާކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ވަނީ ނެރެފަ އެވެ.

އެ ދައުވާތައް ކޯޓުން ބޭރުކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމަށް ފަހު، ހައި ކޯޓުގައި ޕްރޮސެކިއުޓަ ޖެނެރަލްގެ ފަރާތުން އެދުނީ އެ މައްސަލަތައް ހައި ކޯޓުން ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދިނުމަށެވެ. އެގޮތަށް އެދުނީ އަދީބު ދޫކޮޮށްލައިފި ނަމަ ފިއްލަވާފާނެ ކަމަށް ބުނެ އެވެ.

އަދީބު ވަނީ ގޭ ބަންދުގައި ކުރިން ހުންނަވަނިކޮށް ޓަގް ބޯޓެއްގައި ފިއްލަވަން މަސައްކަތް ކުރައްވައިފަ އެވެ. އެ ފަހަރު އޭނާ ހައްޔަރުކޮށްގެން ރާއްޖެ ގެނައީ އިންޑިއާ އާއި ރާއްޖޭގެ ސަލާމަތީ ބާރުތަކުން ގުޅިގެން ހިންގި އޮޕަރޭޝަނަކަށް ފަހު އެވެ.

ހައި ކޯޓުގެ މިއަދުގެ އަޑުއެހުމަށް އަދީބު ވަޑައިގަތީ ވަކީލަކާ ނުލައި ކަމަށް ވާތީ އަދީބު އެދިވަޑައިގަތީ ވަކީލަކު އައްޔަން ކުރުމަށް ފުރުސަތު ދިނުމަށް ފަހު، އަޑުއެހުން ކުރިއަށް ގެންދިއުމަށެވެ. މައްސަލައިގެ ލިޔުންތައް ވެސް ލިޔުނީ އިއްޔެ މެންދުރު ކަމަށާއި އެހެންވެ، ވަކީލަކު ހޯދަން އެކަށީގެންވާ ފުރުސަތެއް ދޭން އެދިވަޑައިގަތެވެ.

ދައުލަތުން ބުނީ އަދީބަކީ ކުރިން ފިއްލަވަން އުޅުއްވުމުގެ މައްސަލައެއްގައި ކުށް ސާބިތުވެފައި ހުންނެވި ބޭފުޅެއް ކަމަށާއި އެހެންވެ، މާ ދިގު މުއްދަތެއް އަދީބަށް ދީފި ނަމަ، އަނެއްކާވެސް ފިއްލެވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. ވަކީލަކު ހަމަޖައްސަން ފުރުސަތު ދިނަސް، ބަންދާ މެދު ގޮތެއް ނިންމަން އެންމެ ލަސްވެގެން މިއަދުގެ އަޑުއެހުމެއް ބާއްވަން ދައުލަތުން އެދުނެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު (މ) މިއަދު ހައި ކޯޓަށް ވަޑައިގަންނަވަނީ.0-- ފޮޓޯ: އަހްމަދު އަވްޝަން / މިހާރު

ރައްދުގައި އަދީބު ވިދާޅުވީ އޭނާ ފިއްލެވި މައްސަލައިގައި ކުށަށް އިއުތިރާފްވެ، އެކަމުގެ އަދަބު ވަނީ ލިބިވަޑައިގެންފައި ކަމަށެވެ. އެހެންވެ، އަބަދު ފިއްލަވާނެ ކަމަށް ދައުލަތުން ގަބޫލުކުރުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދައުލަތާ އެކު ވީ އެއްބަސްވުމެއްގެ ދަށުން ހެކިބަސް ދެއްވި މައްސަލަތަކާ ގުޅިގެން ފުލުހުން މިހާރު ވެސް 24 ގަޑިއިރު ސެކިއުރިޓީ ދެ އެވެ. އެހެންވެ ފިއްލަވާނެ ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ އޭނާއަށް ނުފިއްލެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މީޑިއާގައި ވިދާޅުވެފައިވާ ކަމަށެވެ.

ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތައް އަވަހަށް ފެށީ ވެސް ބަންދު ކުރުމުގެ އަމުރަކަށް ދައުލަތުން އެދިފައި އޮތުމުން ކަމަށާއި އެހެންވެ، އެފަދަ ކަންކަމުގައި ވަކީލަކު ހަމަޖައްސަން ދިގު މުއްދަތެއް ނުދެވޭ ކަަމަށެވެ. އެހެންވެ އެ ފުރުސަތު ދިނުމަށް ފަހު މިއަދު މެންދުރު 3:00 ގައި އަޑުއެހުމެއް ބާއްވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ އެ ވަގުތުގެ ތެރޭގައި ވަކީލަކު ލިބޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކުރީގެ ނައިބު ރައީސް އަދީބު މިއަދު ހައި ކޯޓަށް ވަޑައިގަންނަވަނީ..---ފޮޓޯ: އަހްމަދު އަވްޝަން / މިހާރު

ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވި ގޮތުގައި، ބަންދުގެ މައްސަލަތަކުގައި ކޯޓުތަކުން އަބަދުވެސް ބަލާނީ ކުށުގެ ރެކޯޑަށް ކަމަށެވެ. އެހެންކަމުން އަދީބަކީ ފިއްލެވުމުގެ ރެކޯޑު އޮތް ބޭފުޅަކަށް ވާތީ، އެކަން އަނެއްކާވެސް ކުރެއްވުމުގެ ފުރުސަތު އޮތް ކަމަށް ބެލެވޭ ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ. ވަކީލަކު ހަމަޖައްސަން މާ ދިގު މުއްދަތެއް ނުދެވޭނެ ކަމަށް އޭނާ ވިދާޅުވީ އެ ހަގީގަތް އިއްވަވައިފަ އެވެ.

އެ މައްސަލަތައް ބައްލަވަނީ ފަނޑިޔާރު ނިޔާޒާއި ހައި ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު ހުސައިން މަޒީދެވެ. އެއް ބެންޗަކުން އެ ހުރިހާ މައްސަލައެއް ކުރިއަށް ގެންދިޔަޔަސް، ތިން ފަނޑިޔާރުންގެ މެދުގައި އެ މައްސަލަތައް ބަހާލާފައި އޮތުމުން އެކި ދުވަހު ބެންޗުގެ ރިޔާސަތު ބަލަހައްޓަވާނީ އެކި ފަނޑިޔާރުންނެވެ. މިއަދު ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުއައިބެވެ.