ފިސްތޯލަ ގެންގުޅުމުގެ ތުހުމުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިރޭ ހުކުމްކޮށްފި އެވެ.
އަދީބުގެ މައްޗަށް މި ދައުވާކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު މާލޭގައި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއާ ދިމާކޮށް ދެ ފިސްތޯލަ ގެންގުޅުނު ކަމަށް ބުނެ އެވެ. އަދީބު ދެ ފިސްތޯލަ ގެންގުޅެނިކޮށް ފެނުނު ކަމަށް ދެ މީހަކު ވަނީ ކޯޓުގައި ހެކިބަސް ދީފަ އެވެ.
އަދީބަށް ހުކުމް ކުރުމަށް މިރޭ ޝަރީއަތުގެ މަޖިލިސް ބާއްވާފައި ވަނީ އާންމުކޮށް ހުޅުވާނުލައި، ސިއްރުންނެވެ.
އަދީބުގެ ވަކީލުން ވިދާޅުވީ އަދީބު ޖަލަށް ލުމަށް ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށެވެ.
ހުކުމް ކުރުމަށް ފަހު އަދީބު ކޯޓުން ނެރުނު އިރު ހުންނެވީ ހިނިތުންވެ ވަޑައިގެންނެވެ. ކޯޓު ބޭރުގައި ތިބި މީހުންނަށް، އާދައިގެމަތިން އަދީބު ހިނިތުންވެ ވަޑައިގެން ހުންނަވާ އަތުން އިޝާރާތްކޮށްލެއްވި އެވެ. ހުކުމަށް ފަހު ފުލުހުންގެ ލޯންޗެއްގައި އަދީބު އަލުން ވަނީ ޖަލަށް ގެންގޮސްފަ އެވެ.
އަދީބުގެ މައްޗަށް މި ކުށް ސާބިތުވެފައި ވާއިރު ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެެރިވި ކަމަށް ބުނެ އަދީބާއި އޭނާގެ ގާތް ދެ ބޭފުޅުން ކަމަށްވާ އަބްދުﷲ ޒިޔަތާއި ހާމިދު އިސްމާއިލަށް ކުރާ ދައުވާގެ ވެސް ވަނީ ހުކުމާ ހަމަޔަށް ގޮސްފަ އެވެ.