ހައި ކޯޓް: ނޫރުގެ މަަރުގެ މައްސަލާގައި އިތުރު މީހަކު 10 އަހަރަށް ޖަލަށްލާން އެ ކޯޓުން ވަނީ ހުކުމް ކޮށްފައިި -- ފޮޓޯ/މިހާރު
27 ފެބުރުއަރީ 2020 - 12:00
އައިޖީއެމްއެޗް ކައިރީގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ނޫރު އާދަމް ހަސަންފުޅުގެ މަރުގެ މައްސަލާގައި ދަށު ކޯޓުން ކުށް ސާބިތުނުވި މީހަކު 10 އަހަރަށް ޖަލަށް ލާން ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
މާޗް، 2015 ގައި ސައިކަލުތަކެއްގައި ދިޔަ ގްރޫޕަކުން އައިޖީއެމްއެޗް ކައިރީގައި ނޫރަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ޖުވެނައިލް ކޯޓުގައި ދައުވާކުރި ދެ ކުދިންގެ ތެރެއިން އެކަކު މަރަން ހުކުމް ކުރިޔަސް، ދެވަނަ ކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް އެ ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އެ ހާދިސާ ހިނގި ފަހުން އެ ކުދިންނަށް މިހާރު 18 އަހަރު ފުރިފަ އެވެ. ނަމަވެސް ކުޑަކުދިންގެ ގޮތުގައި ތިބެ ކުށްކުރާ ކުދިންގެ މައުލޫމާތު ހާމަކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.
ކުށް ސާބިތުނުވި މީހާގެ މައްޗަށް ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައި ބުނީ ނޫރަށް ހަމަލާދިން މީހާ ދަތުރުކުރި ސައިކަލާ އެކު އޭނާ ވެސް އެހެން ސައިކަލެއްގައި އެތަނަށް ގޮސް މަޑުކޮށްގެން ހުރި ކަމަށެވެ. އަދި ހަމަލާ ދިނުމުން ދެ ސައިކަލު އެއްފަހަރާ އެތަނުން ދިޔަ ކަން ހެކިންގެ ބަހުން އެނގޭ ކަމަށް ވެސް ހުކުމުގައިވެ އެވެ. އެހެންކަމުން ހަމަލާ ދިނުމުގައި އަމަލީ ގޮތުން އޭނާ ބައިވެރި ނުވިޔަސް، އެފަދަ އަމަލެއް ހިންގި ބަޔަކާ އެކު އެތަނަށް ގޮސް ހަމަލާދިން މަންޒަރު ބަލަން ހުރުމަށް ފަހު ދެ ސައިކަލުގައި އެއްފަހަރާ ގޮސްފައިވާތީ އެއީ އެކަމުގައި ބައިވެރިވުމުގެ ގޮތުން ކުރި ކަމެއް ކަމަށް ބެލެވޭނެ ކަމަށް ވެސް ފަނޑިޔާރުން ކަނޑައެޅުއްވި އެވެ.
އެ ހުކުމުގައިވާ ގޮތުން ކުށެއް ހިނގާ ވަގުތު އެތަނުގައި ހާޒިރުވެ އިންނަ އިނުމަކީ އާންމު އުސޫލުން އެ މީހަކު އެކަމުގެ ޒިންމާ އުފުލަން ޖެހޭ ކަމަކަށް ނުވިޔަސް، އެކަމުގެ މައުލޫމާތު ދުރާލާ އެނގި ހުރެ އަދި ކުށުގެ އަސްލު އަމަލު ހިންގާ މީހާއަށް އެހީތެރިވުމަށް ނުވަތަ ހިތްވަރު ދިނުމަށް އެތަނެއްގައި އިނުމަކީ/ހުރުމަކީ އެ ކުށެއްގެ ޒިންމާ އުފުލަން ޖެހޭނެ ކަމެކެވެ. އަދި އެ ހާލަތުގައި އޭނާ އެތަނުގައި ހުންނަ ހުރުމަކީ ކުށުގެ އަސްލު އަމަލު ހިންގާ މީހާއަށް އެހީވާން ނުވަތަ ނުރައްކަލުން ސަލާމަތް ކުރުމަށް ނުވަތަ ފިލަން އެހީވުމަށް ހުންނަ ހުރުން ކަމަށް ބެލެވޭނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
ފަނޑިޔާރުންގެ ނިންމެވުމަކަށް ވީ ނޫރަށް ހަމަލާދިނީ ދެ ސައިކަލުގައި ތިބި މީހުން ބައިވެރިވެގެން ކަމަށް ވެފައި އޭގެ ތެރެއިން އެއް ސައިކަލުގައި ދައުވާ ލިބުނު މީހާ އިނުމަކީ އޭގައި ބައިވެރިވުމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ.
ކުށް ސާބިތުވެ، 10 އަހަރުގެ ޖަލު ހުކުމެއް އޭނާއަށް އިއްވީ، ފަނޑިޔާރުން ވިދާޅުވި ގޮތުގައި، ބިރުދެއްކުމާއި ނުރައްކާތެެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގަ އެވެ.
އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުން އެގޮތަށް ނިންމެވީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަބްދުﷲ ހަމީދުގެ އަޣުލަބިއްޔަތުންނެވެ.
އެ މައްސަލާގައި ރައުޔު ތަފާތުވި ފަނޑިޔާރު އަލީ ސަމީރުގެ ރައުޔަކީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށާއި ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ. ސަބަބެއްގެ ގޮތުގައި ފަނޑިޔާރު ސަމީރު ދެއްކެވީ އޭގެ ތެރެއިން އެއް ސައިކަލުގައި އެ މީހާ އިން އިނުން ފިޔަވައި އިތުރު އަމަލެއް އޭނާ ކުރިކަން ހެކިންގެ ބަހުން އެނގެން ނެތުމެވެ. އަދި އޭނާ އިން ސައިކަލާ އެކު ދަތުރުކުރި އެހެން ސައިކަލެއްގައި އިން މީހަކު ނޫރަށް ހަމަލާ ދިނުމަކީ އެކަމުގައި އޭނާ ބައިވެރިވުން ކަމަށް ބެލެވޭނެ ހަރުދަނާ ހުއްޖަތެއް ނޫން ކަމަށް ވެސް އެ ރައުޔުގައިވެ އެވެ.
އެކަމަކު އޭނާ ޖަލަށް ލާން ހުކުމް ކުރިޔަސް، ކުޑަކުދިން އިސްލާހުކޮށް، އަނބުރާ މުޖްތަމައުއަށް ގެންނަ ޕްރޮގްރާމެއްގައި ބައިވެރިިވާން ހުރަހެއް ނެތް ކަމަށް ހުކުމުގައިވެ އެވެ. އެފަދަ ޕްރޮގްރާމެއް ފުރިހަމަކޮށްފި ނަމަ، އަދަބަށް ލުޔެއް ދޭން ހުރަހެއް ނެތް ކަމަށް ވެސް ކަނޑައެޅުއްވި އެވެ.
ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު އޮންނަ ގޮތުން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ އަދަބަކީ 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އެކަމަކު އެ މައްސަލާގައި 10 އަހަރުގެ ޖަލު ހުކުމެއް އިއްވީ ކުޑަކުދިންގެ ގޮތުގައި ތިބެ ކުރާ ކުށްތަކަށް ދޭން ޖެހެނީ ގާނޫނުގައި ބުނާ އެންމެ ލުއި އަދަބުގެ ތިން ބައި ކުޅަ ދެ ބައި ކަމަށް ވާތީ އެވެ.
ނޫރުގެ މަރާ ގުޅިގެން އެހެން ދެ މީހެއްގެ މައްޗަށް ވެސް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލި އެވެ. އެކަމަކު އެ މައްސަލަ އަދި ނުނިމެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެއްސެއް...
27 February 2020
ފަޑިޔާރު އަލީ ސަމީރު މިމައްސަލާގައި ރައުޔު ނެރެފަ އޮތްގޮތް އެއްގޮތަކަށްވެސް ރަގަޅެއް ނޫން. ހިތައްއަރާ ފަޑިޔާރަކަށް ވުމުގެ ފެންވަރު ސަމީރުގެ ނެތީޔޭވެސް. ކުށުގަ ބައިވެރި ވުމަކީ ހަމައެކަނި ސީދާ ކުށުގެ ވެށީގައި އަމަލީ ގޮތުން ބައިވެރިވުމެއްނޫން. އަކަންތައް ޕްލޭނު ކުރުމާއި، ކުއްކުރާއިރު ފާރަލުމަށް ތިބުމާއި، ފިލުމަށް އެހީވުންވެސްމިއީ ހަމަ ބައިވެރިވުން. މިކަންތައްތަށް ނުވިސްނޭ ފަޑިޔާރަކަށް އިންސާފުވެރިކޮށް ހުކުމްއިއްވެނީ ކިހިނެއްބާއޭ ހިތައްއަރާ.
ވަހީދު
27 February 2020
ދަރިން ޅަ އިރުގައި ކުށަށް ހުށަހެޅި މުސްތަގުބަލު ހަލާކުވަނީ މައިން ބަފައިންގެ ސަބަބުން. ޢިތުރަށް މިވާހަދަ ދެއްކުމުގެ ބޭނުމެއް ވެސް ނެތް. މަގުމަތީގައި ކުޑަކުޑަ ކުދިން ބޮޑެތި ސުއްޓާ ބޯ މަންޒަރު ފެނުމުން ހާދަ ހިތައް އަސަރު ކުރެއޭ.
ދޮންބެއްޔާ
27 February 2020
ފަނޑިޔާރުން ވެސް ޤާނޫނު މާނަ ކުރުމުގައި ތަފާތުވަނީ.
ހަކީމް
27 February 2020
ހުކުން ރަނގަޅު.
211111
27 February 2020
އެންމެ 10 އަހަރު