ލައިފްސްޓައިލް / ދީން

ކީރިތި ޤުރުއާނުގައި އަޚްލާޤަށް ބާރުއަޅާ މިންވަރު

ޑރ. ސަޢުދުﷲ ޢަލީ

29 ފެބުރުއަރީ 2020 - 08:04

ކީރިތި ޤުރުއާނަކީ އިސްލާމް ދީނުގެ މައިގަނޑު މަޞްދަރެވެ. އެފޮތުގައި ދީނުގެ ހުރިހާ ކަމެއް އެކުލެވިގެންވެ އެވެ. މިގޮތުން އިސްލާމީ ޢަޤީދާ އާއި ޝަރީޢަތާއި އަޚްލާޤު ދެނެގަތުމަށް އޮތް އެންމެ ފުރަތަމަ މަޞްދަރަކީ ކީރިތި ޤުރުއާނެވެ. ޤުރްއާނުގައި އެހުރިހާ ކަމެއް އެކުލެވިފައިވެ އެވެ. އޭގެ ތެރެއިން ބައެއްކަންކަން ތަފްސީލުކޮށެވެ. އަނެއްބައިކަންކަން ޖުމްލަކޮށެވެ. އެހެންނަމަވެސް އިންސާނާގެ އަޚްލާޤު ތަހުޒީބުކޮށް ނަފްސު ތަޒުކިޔާ ކުރަން ބޭނުންވާނޭ ހުރިހާ ކަމެއް އޭގައިވެ އެވެ.

ކީރިތިޤުރުއާނުގައި ރިވެތި އަޚްލާޤަށް ވަރަށް ބޮޑަށް ބާރުއަޅާފައިވެ އެވެ. އަޚްލާޤޭ ކިޔަނީ އިންސާނުންގެ ކިބައިން ފެނިގެންދާ ތަފާތު އެކިއެކި ސުލޫކުތަކުގެ ތެރެއިން ނަފްސުގައި އެ ސުލޫކުތަކެއް ހަރުލެވި އުނދަގުލަކާ ނުލައި ދައްކައިދެވޭ ސުލޫކުތަކަށެވެ. މިގޮތުން ހަރުލާ ސުލޫކުގެ ތެރޭގައި ނުރަނގަޅު ސުލޫކުތައް ހުރި ނަމަވެސް އިސްލާމީ އަޚްލާޤޭ ބުނުމުން އެއިން މާނަ ކުރެވެނީ ހަމައެކަނި ރިވެތި އަޚްލާޤަށެވެ. ކީރިތި ޤުރުއާނުގައި އައިސްފައިވާ އަޚްލާޤީ އެކިއެކި ސިފަތަކަށް ބަލާއިރު މައިގަނޑު ދެބައަކަށް އަޚްލާޤު ބަހާލެވެ އެވެ. އެއް ބަޔަކީ އިންސާނާއާ ﷲ އާ ދެމެދު އޮންނަ އަޚްލާޤެވެ. އެއީ އިންސާނާ ﷲ އާ ގުޅުން ބަދަހިކޮށް އެކަލާނގެއަށް ތަޤުވާވެރިވުން އިތުރުކޮށްދޭ ކަންތައްތަކެވެ. އޭގެ ތެރޭގައި އެކަލާނގެއަށް އިޚްލާޞްތެރިވުމާއި ވަކީލު ކުރުމާއި ރަޙްމަތަށް އުއްމީދު ކުރުމާއި ޢަޛާބަށް ބިރުވެތިވުމާއި ނިޢުމަތްތަކަށް ޝުކުރުވެރިވުމާއި މުޞީބާތްތަކަށް ކެތްތެރިވުމާއި މިންވަރުފުޅަށް ރުހުމާއި އެކަލާނގެ ދެކެ ލޯބިވުމާއި ދުނިޔެއަށް ވުރެ އާޚިރަތަށް އިސްކަން ދިނުން ފަދަ ކަންކަން ހިމެނެ އެވެ. މިފަދަ ސިފަތައް ލިބިގެންވާ މީހުންނަކީ ތަޤުވާވެރި ވުމުގެ އިތުރަށް ޒާހިދު ކަމުގެ ސިފައިން ސިފަ ކުރެވޭ މީހުންނެވެ.

އަޚްލާޤޭ ކިޔަނީ އިންސާނުންގެ ކިބައިން ފެނިގެންދާ ތަފާތު އެކިއެކި ސުލޫކުތަކުގެ ތެރެއިން ނަފްސުގައި އެ ސުލޫކުތަކެއް ހަރުލެވި އުނދަގުލަކާ ނުލައި ދައްކައިދެވޭ ސުލޫކުތަކަށެވެ.

ޤުރުއާނުގައި ބަޔާންކުރެވިފައިވާ އަޚްލާޤުގެ ދެވަނަ ބާވަތަކީ އިންސާނުން އިންސާނުންނާ ދެމެދު އޮންނަ އަޚްލާޤެވެ. އެއީ އެކަކު އަނެކަކާ ނުވަތަ އެއް ބަޔަކު އަނެއް ބަޔަކާ ދެމެދު އޮންނަ ގުޅުންތައް ބަދަހިކޮށް އެންމެހާ މައްސަލަތަކުން އެއްކިބާވެ ދެކޮޅުވެރިކަމާއި ހަމަނުޖެހުންތައް ނައްތާލުމަށްޓަކައި ކޮންމެހެން ބޭނުންވާ ސިފަތަކެވެ. އޭގެ ތެރޭގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ދީލަތި ކަމާއި ވަފާތެރިވުމާއި ޢަދުލުވެރިވުމާއި އިޙުސާންތެރިވުމާއި އޯގާވެރިވުމާއި ހެޔޮކޮށް ހިތަން އަމުރުވެވިގެންވާ ފަރާތްތަކަށް ހެޔޮކޮށް ހިތުމާއި އިޙްތިރާމް ކުރަން އަމުރުވެވިގެންވާ ފަރާތްތަކަށް އިޙްތިރާމް ކުރުމާއި އެހީތެރިކަން ފޯރުވުމާއި ޔަތީމުންނަށް ރިޢާޔަތް ކުރުމާއި ކޮންމެ ޙައްގެއްގެ ވެރިއަކަށް އެ މީހެއްގެ ހައްގު ދިނުން ފަދަ ކަންކަން ހިމެނެ އެވެ.

މި ދެބާވަތުގެ އަޚްލާޤީ ސިފަތަކަކީ ވެސް މީހާގެ އީމާންތެރިކަމާއި ތަޤުވާވެރިކަން ފުރިހަމަވުމަށްޓަކައި ކޮންމެހެން ލާޒިމު ބައެއް ކަން ކީރިތި ޤުރްއާނުން ދޭހަވެ އެވެ. އެހެނީ އެފަދަ އަޚްލާޤީ ސިފަތައް ކީރިތި ޤުރުއާނުގައި ވަރަށް ގިނަ ފަހަރު ބަޔާން ކުކޮށްފައިވަނީ އީމާންތެރިކަމާއި ނުވަތަ ތަޤުވާއާ ގުޅުވައިގެންނެވެ. މިގޮތުން އަލްއަންފާލު ސޫރަތުގެ ދެވަނަ އާޔަތުން ފެށިގެން 4 ވަނަ އާޔަތް ނިމެންދެން ބަޔާންކުރައްވާފައިވާ ސިފަތަކަކީ ހަގީގީ މުއުމިނުންގެ ކިބައިގައި ހުންނަން ޖެހޭ ބައެއް ސިފަތަކެވެ. އެއީ ﷲ ޒިކުރު ކުރެވޭ ހިނދު ހިތްތައް މަޑުމޮޅިވުމާއި، އެކަލާނގެ އާޔަތްތައް ކިޔެވޭ ހިނދު އީމާންތެރިކަން އިތުރުވެގެންދިއުމާއި، އެކަލާނގެއަށް ވަކީލު ކުރުމާއި، ނަމާދު ޤާއިމު ކުރުމާއި، ލިބޭ ރިޒުޤުން ހޭދަ ކުރުމެވެ.

ހަމައެފަދައިން އަލްމުއުމިނޫން ސޫރަތް ފެށިގެން 8 ވަނަ އާޔަތުގެ ނިޔަލަށް މުއުމިނުންގެ ސިފަތައް ކަމުގައި ބަޔާން ކުރައްވާފައިވަނީ ނަމާދުގައި ޚުޝޫޢަތްތެރިވުމާއި، ބޭކާރު ވާހަކަތަކުން ދުރުހެލިވުމާއި، ޒަކާތް ދިނުމާއި، ފަރުޖުތައް ރައްކާތެރިކުރުމާއި، އަމާނާތްތައް އަދާކުރުމާއި، ވަޢުދާއި ޢަހުދުތައް ފުއްދުމެވެ. މިމޭރުމުން ކީރިތ ޤުރުއާނުގައި އަޚްލާޤުގެ ދެބައި އެއްކޮށް އީމާންތެރިކަން ނުވަތަ ތަޤުވާވެރިކަމާއެކުގައި އެތައް ތަނެއްގައި އަޚްލާޤުގެ ސިފަތައް ބަޔާން ވެފައިވެ އެވެ. މިގޮތުން އަލްބަޤަރާ ސޫރަތުގައި ތަޤުވާވެރިންގެ ވާހަކަ ބަޔާން ކުރަމަށާއި، އައްރައުދު ސޫރަތުގައި ބުއްދީގެ އަހުލުވެރިންނަކީ ކޮބައިކަން ބަޔާން ކުރުމަށް ގެނެސްފައި ވަނީ ރިވެތި އަޚްލާޤީ ސިފަތަކެކެވެ. އަދި އަލްފުރުޤާނު ސޫރަތުގައި ރަޙްމާންވަންތަ ރަސްކަލާނގެ އަޅުން ބަޔާން ކުރުމަށާއި، އައްޛާރިޔާތު ސޫރަތުގައި އިޙުސާންތެރިންގެ ސިފަތައް ބަޔާން ކުރަމަށާއި، އަލްއިންސާނު ސޫރަތުގައި ހެޔޮމީހުންގެ ވާހަކަ ބަޔާން ކުރަމަށްވެސް ގެނެސްފައި ވަނީ ހަމަ ރިވެތި އަޚްލާޤީ ސިފަތަކެކެވެ.

މިސާލަކަށް ދޮގުހަދާމީހުން ޤުރުއާނުގައި ސިފަކުރަނީ އެއީ ﷲ ގެ އާޔަތްތަކަށް އީމާން ނުވާ މީހުންގެ ގޮތުގައެވެ. (އައްނަޙްލު 105) އަދި ﷲ އެބަޔަކު ދެކެ ލޯބިވެ ވޮޑިނުގަންނަވާ މީހުން ކީރިތި ޤުރުއާންގައި ބަޔާން ވެފައިވަނީ ނުރަނގަޅު އަޚްލާޤީ ސިފަތަކަށް ނިސްބަތް ކޮށެވެ. މިގޮތުން ޚިޔާނާތްތެރިންނާއި (އަލްއަންފާލް 58)، އަނިޔާވެރިންނާއި (އާލްޢިމްރާން 140)، ފާސިދުންނާއި (އަލްމާއިދަތު 64)، ބޮޑާކަމާއެކު ފަޚުރުވެރިވާ މީހުން (ލުޤްމާން 18) ދެކެ ﷲ ލޯބިވެ ވޮޑިގެން ނުވާކަން ބަޔާން ކުރައްވާފައިވެ އެވެ.

ﷲ އެބަޔަކު ދެކެ ލޯބިވާ މީހުން ނުވަތަ އެކަލާނގެ ޙަޟްރަތުން ކާމިޔާބާއި ނަޞްރު ލިބޭ މީހުން ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައި ވަނީވެސް އެ މީހުންނަށް ލިބިފައިވާ ރިވެތި އަޚްލާޤީ ސިފަތަކަށް ނިސްބަތް ކޮށެވެ. މިގޮތުން އިޙުސާންތެރިންނާއި (އާލްޢިމްރާން 148)، ކެތްތެރިންނާއި (އާލްޢިމްރާން 146)، ތައުބާވާ އަދި ސާފުޠާހިރުކަންމަތީ ތިބޭ މީހުންނާއި (އަލްބަޤަރާ 222)، ﷲ ގެ މަގުގައި ޖިހާދު ކުރާ މީހުން (އައްޞައްފު 4) ދެކެ ﷲ ލޯބިވެވޮޑިގަންނަވާ ކަން ބަޔާން ކުރައްވާފައިވެ އެވެ.

އީމާންތެރިންނާއި ތަޤުވާވެރިން ބަޔާންކުރުމަށް ރިވެތި އަޚްލާޤީ ސިފަތައް ޤުރުއާނުގައި ބަޔާން ކުރާއިރު އަނެއް ކޮޅުން އީމާންތެރިކަން ގެއްލިފައިވާ ނުވަތަ އުނިވެފައިވާ މީހުން ސިފަކުރަނީ ނުރަނގަޅު އަޚްލާޤީ ސިފަތަކުންނެވެ. މިސާލަކަށް ދޮގުހަދާމީހުން ޤުރުއާނުގައި ސިފަކުރަނީ އެއީ ﷲ ގެ އާޔަތްތަކަށް އީމާން ނުވާ މީހުންގެ ގޮތުގައެވެ. (އައްނަޙްލު 105) އަދި ﷲ އެބަޔަކު ދެކެ ލޯބިވެ ވޮޑިނުގަންނަވާ މީހުން ކީރިތި ޤުރުއާންގައި ބަޔާން ވެފައިވަނީ ނުރަނގަޅު އަޚްލާޤީ ސިފަތަކަށް ނިސްބަތް ކޮށެވެ. މިގޮތުން ޚިޔާނާތްތެރިންނާއި (އަލްއަންފާލް 58)، އަނިޔާވެރިންނާއި (އާލްޢިމްރާން 140)، ފާސިދުންނާއި (އަލްމާއިދަތު 64)، ބޮޑާކަމާ އެކު ފަޚުރުވެރިވާ މީހުން (ލުޤްމާން 18) ދެކެ ﷲ ލޯބިވެ ވޮޑިގެން ނުވާކަން ބަޔާން ކުރައްވާފައިވެ އެވެ.

އަޚްލާޤަށް ކީރިތިޤުރުއާނުގައި ދެވިފައިވާ އަހަންމިއްޔަތު ފާޅުވާ އަނެއް ކަމަކީ، އެންމެހާ ޢިބާދާތުތަކުގެ މޭވާއެއް ކަމުގައި ރިވެތި އަޚްލާޤުގެ ވާހަކަ ބަޔާން ކުރެވިފައި ވުމެވެ. މިގޮތުން ނަމާދުގެ ފައިދާއަކީ އެންމެހާ ފާޙިޝް ކަންތަކާއި މުންކަރާތްތަކުން މީހާ ސަލާމަތް ވުންކަމާއި، ޒަކާތުގެ ފައިދާއަކީ ނަފްސު ޠާހިރުވުން ކަމާއި، ރޯދައިގެ އަދި ޙައްޖުގެ ފައިދާއަކީ ތަޤުވާވެރިކަން ވަރުގަދަވުން ކަމުގައި ކީރިތި ޤުރުއާނުގައި ބަޔާން ވެފައިވެ އެވެ.

ކީރިތ ޤުރުއާނުގައި ބަޔާންކުރެވިފައިވާ އެކިއެކި ހާދިސާތަކާއި ވާހަކަތަކަށް ނަޒަރު ހިންގާލާއިރު އޭގެ ތެރެއިން ނަބީބޭކަލުންނާއި ޞާލިޙު އަޅުންގެ ވާހަކަތަކުގައި އެބޭކަލުން ރިވެތި އަޚްލާޤީ ސިފަތައް ހަރުލެއްވުމަށް ކުރެއްވެވި މަސައްކަތްޕުޅުތަކުގެ ވާހަކަ ބަޔާން ކުރައްވާފައިވެ އެވެ. އަދި އެބޭކަލުންގެ ރިވެތި އަޚްލާޤީ ސިފަތަކުން ސިފަކުރައްވައި އެ ވާހަކަތައް ބަޔާން ކުރައްވާފައިވެ އެވެ. މިގޮތުން ނޫޙުގެފާނުގެ ޝުކުރުވެރިވުމާއި، އިބްރާހީމްގެފާނުގެ ވަފާތެރިކަމާއި، ޔޫސުފްގެފާނުގެ ތަޤުވާވެރި ކަން އަދި އިޙުސާންތެރިކަމާއި، މޫސާގެފާނުގެ ވަރުގަދަކަން އަދި އަމާނަތްތެރިކަމާއި، އައްޔޫބުގެފާނުގެ ކެތްތެރިކަމާއި، އަދި ކީރިތިރަސޫލާ މުޙައްމަދުގެފާނުގެ ޚުލްޤުފުޅުގެ މަތިވެރިކަން ބަޔާން ކުރައްވާފައިވެ އެވެ.

މިސާލަކަށް ދޮގުހަދާމީހުން ޤުރުއާނުގައި ސިފަކުރަނީ އެއީ ﷲ ގެ އާޔަތްތަކަށް އީމާން ނުވާ މީހުންގެ ގޮތުގައެވެ. (އައްނަޙްލު 105) އަދި ﷲ އެބަޔަކު ދެކެ ލޯބިވެ ވޮޑިނުގަންނަވާ މީހުން ކީރިތި ޤުރުއާންގައި ބަޔާން ވެފައިވަނީ ނުރަނގަޅު އަޚްލާޤީ ސިފަތަކަށް ނިސްބަތް ކޮށެވެ. މިގޮތުން ޚިޔާނާތްތެރިންނާއި (އަލްއަންފާލް 58)، އަނިޔާވެރިންނާއި (އާލްޢިމްރާން 140)، ފާސިދުންނާއި (އަލްމާއިދަތު 64)، ބޮޑާކަމާ އެކު ފަޚުރުވެރިވާ މީހުން (ލުޤްމާން 18) ދެކެ ﷲ ލޯބިވެ ވޮޑިގެން ނުވާކަން ބަޔާން ކުރައްވާފައިވެ އެވެ.

މި އިޝާރާތް ކުރެވުނު ފަދަ ތަފާތު ގޮތްގޮތުން ކީރިތި ޤުރުއާނުގައި އަޚްލާޤުގެ ވާހަކަ ބަޔާން ކުރެވިފައި ވެއެވެ. ސަބަބަކީ އަޚްލާޤަކީ އިންސާނާގެ ދިރިއުޅުމުގެ ޙަޔާތަށާއި އޭނާގެ އުޚްރަވީ ޙަޔާތަށް ނުހަނު ބޭނުންތެރި އެއްޗަކަށް ވުމެވެ. އޭނާގެ ދީން ފުރިހަމަ ވެވެނީ އެފަދަ އަޚްލާޤާ އެކުގަ އެވެ. ކީރިތި ޤުރުއާނަކީ މުޅި ދީން އޭގައި އެކުލެވޭ ފޮތަކަށް ވާތީ މިފަދައިން ރިވެތި އަޚްލާޤުގެ ވާހަކަވެސް އޭގައި ބަޔާންވެގެންވަނީ އެވެ. އަދި މިކަން ކީރިތި ޤުރުއާނުގައި ވަރަށް މަތީ ދަރަޖައަކަށް އޮތުމުން އެއިން މީސްތަކުން ލިބިގަންނަން ޖެހޭ ފިލާވަޅަކީ، އަޚްލާޤަކީ އެއާ ނުލައި ދީން ފުރިހަމަވާން ނެތް އެއްޗެއް ކަމެވެ. ކީރިތި ރަސޫލާގެ ރިސާލަތުގެ އެންމެ މުހިންމު ކަމަކީ ރިވެތި އަޚްލާޤީ ސިފަތައް ފުރިހަމކޮށްދިނުން ކަމަށް އެކަލޭގެފާނު ބަޔާން ކުރައްވާފައި ވަނީ ވެސް މިހެންވެގެންނެވެ. ވީމާ ޤުރްއާނުން ހިދާޔަތް ލިބިގަނެ ރިވެތި އަޚްލާޤީ ސިފަތައް ހަރުލެއްވުމަށް ކޮންމެ މުސްލިމަކު ވެސް ގަދައަޅައި މަސައްކަތް ކުރަން ޖެހެ އެވެ.

0 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 13%
icon angry icon angry 19%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454