ގައުމީ ލަފާދޭ ކޮމިޓީގެ މިއަދުގެ ހެނދުނުގެ ބައްދަލުވުމުގައި އީސީގެ ރައީސް ޝަރީފް ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
11 މާޗް 2020 - 19:30
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅޭ ކަންކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ލަފާދޭ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވަން އެ ކޮމިޝަނުން ނިންމައިފި އެވެ.
އެކަމަކު، އަންނަ މަހުގެ ހަތަރެއްގައި ބާއްވާ އިންތިޚާބާ ގުޅޭ ގޮތުން މިރޭ 9:00 ގައި ބާއްވާ ބައްދަލުވުން މީޑިއާ އަށް ސިއްރެވެ. މި ފަހަރުގެ އިންތިޚާބާ ގުޅޭ ގޮތުން އުފައްދާފައިވާ ގައުމީ ލަފާދޭ ކޮމިޓީން މިހާތަނަށް ބޭއްވި ބައްދަލުވުންތައް ކުރިއަށް ގެންދިޔައީ މީޑިއާ އަށް ހުޅުވާލައިގެން ކަމަށް ވިޔަސް މިރޭ އެ އުސޫލު ބަދަލުވީ ކީއްވެ ކަމެއް ނޭނގެ އެވެ.
ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ހެނދުނު ވެސް ބޭއްވި އެވެ.
އެ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާއިރު، ކޮވިޑް-19އާ ގުޅިގެން އިންތިޚާބު ފަސްކުރުމާ މެދު ހެނދުނު ވަނީ މަޝްވަރާ ކޮށްފަ އެވެ. ހެނދުނުގެ ބައްދަލުވުމުގައި ބައެއް ޕާޓީތަކުންނާއި ބައެއް މަންދޫބުން ވަނީ، ކޮވިޑް ބަލީގެ ހާލަތާ ގުޅޭ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފައެއް ހޯދުމަށް ފަހު، އިންތިޚާބު ބޭއްވުމާ މެދު ވީހާ ވެސް އަވަހަކަށް ގޮތެއް ނިންމަން އީސީގައި އެދިފަ އެވެ.
ނަމަވެސް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، އިންތިޚާބު ފަސްކުރާ ނަމަ އިތުރަށް 30 ވަރަކަށް މިލިއަން ރުފިޔާ ޚަރަދު ކުރަންޖެހޭ ކަމަށެވެ. މިހާރު ވެސް 25-30 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅޭ ގޮތުން އެކުލަވައިލާފައިވާ ގައުމީ ލަފާދޭ ކޮމިޓީގެ މިއަދުގެ ހެނދުނުގެ ބައްދަލުވުން ކުރިއަށް ގެހްދަނީ.---ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު
މިއަދުގެ ހެނދުނުގެ ބައްދަލުވުމުގައި އީސީގެ ރައީސް ޝަރީފް ވިދާޅުވީ، އިންތިޚާބު ފަސް ކުރުމުގެ އެއްވެސް ވިސްނުމެއް އެ ކޮމިޝަނުން އަދި ނުގެންގުޅޭ ކަމަށެވެ. އަދި، 2،000 އަށް ވުރެ ގިނަ ކެންޑިޑޭޓުން ބައިވެރިވާ އެ އިންތިޚާބު ބޭއްވުމަށް ގިނަ ޚަރަދުތައް ވެސް މިހާރު ވަނީ ކޮށްފައި ކަމަށް ވިދާޅުވި އެވެ.
ނަމަވެސް އިންތިޚާބު ފަސްކޮށްދިނުމަށް އެދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމުން ވަނީ ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވައިފަ އެވެ. އަދި އެހެން ބައެއް ސިޔާސީ ބޭފުޅުން ވެސް ގެންދަވަނީ ރާއްޖެ އިން ކޮވިޑް-19 ބަލި ޖެހިފައިވާ އަށް މީހަކު ފެނިފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިންތިޚާބު ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަންގައި އެެދިފަ އެވެ.
އިންތިޚާބު ފަސްކުރުމާ ގުޅޭ މަޝްވަރާ އަށް ދިއުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ޝަރުތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރުމެވެ. އެކަމަކު، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ކުރެެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންތިޚާބު ފަސްކުރަންޖެހޭ ހާލަތަކަށް ގޮސްފި ނަމަ އެކަމަށް އިދިކޮޅު ކޯލިޝަނުން ވެސް ތާއީދު ކުރާނެ ކަމަށެވެ.
ނަމަވެސް މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގެންދަވަނީ އިންތިޚާބު ފަސްކުރުމާ ދެކޮޅު ހައްދަވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އީސީ
11 March 2020
25 މިލިޔަން ޚަރަފުވެފައިވާތީ އިންތިޚާބު ބަައްވާ ރާގަށް ވާހަކަ ދެއްކެވުމުގެ ބަދަލުގައި ރައްޔޮތުންގެ އެތަކެއް ބައެއްގެ ފުރާނަ އާއި ގުޅޭ ކަމެއްގައި ހެލްތު ޕްރޮޓެކްޝަންގެ ލަފާ ހޯދުމުގެ ވާހަކަ ދެއްކުން ރަގަޅު.
آم
11 March 2020
އެއީދެފުއްފެންނާތީ ވާގޮތޭ ސިއްރުކުރިޔަސް ފެންނާނެ
ރޯނޭ
11 March 2020
އިންތިހާބު ބާއްވަން ހަދައިގެން ވައިރަސް ފެތުރި އައުޓްބްރޭކެއް މެދުވެރިވުން ފަދަ ކަމެއް ދިމާވެއްޖެނަމަ ކިތައް 30 މިލިޔަނާއި، ކިތައް ފުރާނަ ހިނގައިދާނެކަމާ ދޭތެރޭ އެއްޗެކޭ ހިތަކަށް ނާރާތަ. މުޅި ގައުމު އޯވަލޯޑްވެ، އައިސީޔޫތަކާއި ވެންޓިލޭޓަރުތަކާއި ހޮސްޕިޓަލް އެނދުތައް ހުސްވެ، އާއްމު ބަލިތަކުގެ މީހުންވެސް މަގުމަތިވެ ފުރާނަ ދުއްވާލަން ޖެހިދާނެކަމާ ދޭތެރޭ ނުވިސްނަންދޯ.އިޓަލީއަށް ވީގޮތް ނުފެނޭތަ؟ މަޖިލީހުގެ ރޯނުއެދުރު ދެކެ ބިރުންދޯ ތި އުޅެނީ.
ޑަބިޔާ
11 March 2020
މިސަރުކާރުގަ ހާދަކަމެއްނެތޭ ތެދުވެރި އޯގާތެރި ސަރުކާރުން ކޮނަކަމަކާ ސިއްރުން ބައްދަލުވުން މިބާއްވަނީ އަނެއްކާ ސަރީފް މިލިއަނުން ލާރި ބަހަނީތަ މިރޭގެ ބައްދަލުވުނުގަ ނޫނި އަންނި ތިޔަ ބައްދަލުވުމުގަ ބައިވެރިވަނީތަ.
ގަލީބު
11 March 2020
އަޅުގަނޑަށް ރަނގަޅީ މިފަހަރު އިންތިޚާބު ފަސްނުކުރުން. އޭރުން މަޖިލިސް އިންތިޚާބުގައި ޕީޕީއެމް އަރުތެރެއިން ލިވަރަށްވުރެ އެތައް ގުނައެއް ހިތިކޮށް އެމްޑީޕީ އަށް ރައްޔިތުންނަށް ފުރައްސާރަކުރުމުގެ ހިތިކަން ފެންނާނެ.
ފިރޫ
11 March 2020
ތިހާ ފަސޭހައިން ވާނެ ކަންތައް އެނގޭނަމަ ޕާޓީތަކުން ބޮޑު އަގުދީފަ ކަލޭ ގެންދާނެ ކޮންސަލްޓަންޓަކަށް.
ކޮމެންޓް.
11 March 2020
އަސްލުވެސް ފަސްނުކުރަންޏާ ލަނޑު ލިބޭނީ ބޮޑަށް ސަރުކާރަށް. މިކަހަލަ ދަނޑިވަޅެއްގަ ވޯޓުލާން ގިނައިން ދާނީ ބޮޑަށް ބަދަލަކަށް ބޭނުންވެފަ ތިބި މީހުން. އެއީ އިދިކޮޅު މީހުން.
ހަމަ ބުއްދި
11 March 2020
ރައްޔިތުން ނަށް ކޮންކަމެއް ސިއްރު ކުރަން ތަ ތި އުޅެނީ؟
ދެ ފުއް ފިހި ފައި
11 March 2020
"ދެެ ފުއް ފެންނަ ސަރުކާރު" ގައި ހާދަ ހިއްވަރެއް ނެތޭ