12 މާޗް 2020 - 09:24
ލިވަޕޫލް (މާޗް 12) – ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް އަތުން 3-2 އިން ބަލިވެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން އެންމެ ފަހުގެ ޗެމްޕިއަން އިންގްލެންޑުގެ ލިވަޕޫލް ރޭ ކަޓައިފި އެވެ.
އެތުލެޓިކޯއާ އެކު ކުއާޓާ ފައިނަލުން ރޭ ދެން ޖާގަ ހޯދީ އަމިއްލަ ދަނޑުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް 2-0 އިން ބަލިކޮށް ދެ ލެގުގެ އެގްރިގޭޓުން 3-2 އިން ކުރި ހޯދި ފްރާންސްގެ ޕީއެސްޖީ އެވެ. ޑޯޓްމަންޑުގައި ކުޅުނު ފުރަތަމަ ލެގު އެ ޓީމު ކާމިޔާބުކުރީ 2-1 އިންނެވެ. ރޭގެ މެޗުގައި ޕީއެސްޖީ އަށް ލަނޑު ޖަހައިދިނީ ނޭމާ އާއި ހުއާން ބާނާޓެވެ.
އެތުލެޓިކޯގެ ދަނޑުގައި އެ ޓީމުން ލިވަޕޫލް ބަލިކުރީ 1-0 އިންނެވެ. އެހެންވެ ރޭގެ މެޗުގެ 43 ވަނަ މިނެޓުގައި ލިވަޕޫލުގެ ޖޯޖީނިއޯ ވައިނަލްޑަމް ޖެހި ލަނޑާ އެކު ފުރިހަމަ ވަގުތު ހަމަވިއިރު ލިވަޕޫލް 1-0 އިން ކުރީގައި އޮތުމާ އެކު ދެ ޓީމު އެގްރިގޭޓުން 1-1 ހަމަހަމަވީ އެވެ.
އެކަމަކު ފުރިހަމަ ވަގުތުގެ ތެރޭގައި ނަތީޖާ ނެރެން ލިވަޕޫލަށް ރަނުގެ ފުރުސަތުތަކެއް ލިބުނެވެ. މުހައްމަދު ސަލާހާއި ރޮބާޓޯ ފިރްމީނިއޯ އަދި އެލެކް އޮކްސްލޭޑް ޗެމްބަލައިންގެ ހަމަލާތައް އެތުލެޓިކޯގެ ގޯލްކީޕަރު ޔާން އޮބްލަޗް މަތަކުރިއިރު އެންޑްރޫ ރޮބަޓްސަން ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑި އަށެވެ.
ދެ ޓީމު އެގްރިގޭޓުން ހަމަހަމަވުމުން ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ރޮބާޓޯ ފިރްމީނިއޯ ލަނޑު ޖަހައި ލިވަޕޫލަށް ކުރި ހޯދައިދިނެވެ. އެއާ އެކު އެގްރިގޭޓުން ލިވަޕޫލަށް ކުރި ލިބުނެވެ. އެކަމަކު އެއް ވަނަ ގޯލްކީޕަރު އެލިސަން ބެކާ އަނިޔާގައި ހުރުމުން ލިވަޕޫލުގެ ގޯލް ބެލެހެއްޓި އެޑްރިއެން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އެތުލެތިކޯގެ މާކޯސް ލޮރެންޓޭ 97 ވަނަ މިނެޓުގައި ލަނޑު ޖެހި އެވެ.
އަދި 105 ވަނަ މިނެޓުގައި އޭނާ އިތުރު ލަނޑެއް ޖަހައި އަދި ފަހު މިނެޓުގައި އަލްވާރޯ މޮރާޓާ ޖެހި ލަނޑާ އެކު އެތުލެޓިކޯ ކުއާޓާ އަށް ދަތުރުކުރި އެވެ.
މި މެޗުގައި އެތުލެޓިކޯގެ ކީޕަރު އޮބްލަޗް މޮޅު ކުޅުމެއް ދެއްކިއިރު ލިވަޕޫލުގެ ކީޕަރުވީ އެ ޓީމުގެ ބަދުނަސީބަށެވެ. ޗެލްސީ އަތުން ބަލިވެ އެފްއޭ ކަޕުގެ ފަސް ވަނަ ބުރުން ލިވަޕޫލް ދާދި ފަހުން ކެޓި މެޗުގައި ވެސް ޗެލްސީގެ ފުރަތަމަ ގޯލް ވިލިއަން ޖެހީ އެޑްރިއެން އަށް ހެދުނު ގޯހަކުންނެވެ.
މި ވަގުތު ޔޫރަޕުގައި އޮތް އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ ލިވަޕޫލަށް މިއީ ހިތްދަތި ދުވަސްކޮޅެވެ. އެފްއޭ ކަޕާއި ޗެމްޕިއަންސް ލީގުން ކެޓުމުގެ އިތުރުން ޕްރިމިއާ ލީގުގައި ވަޓްފޯޑް އަތުން 3-0 އިން ބަލިވެ ލީގުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ވަނީ ނިމުން އައިސްފަ އެވެ. އެކަމަކު އެ ޓީމަށް ދެން އޮތީ އަނެއްކާ ވެސް ބޮޑު އުފާވެރިކަމެއް ލިބުމުގެ ވަގުތެވެ. އެ ޓީމަށް 30 އަހަރަށް ފަހު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދަން ބާކީ އޮތް ނުވަ މެޗުން ދެން ބޭނުންވަނީ އެންމެ ހަ ޕޮއިންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިންސް މައިކަލް އޮވެން
12 March 2020
މިފަހަރު ޗެމްޕިއަންސް ލީގު ނުލިބޭނެ ކަން ހީވެފަ އޮތީ ވަރަށް ކުރިން. އެކަމަކު ސެމީ އާ ހިސާބަށް ދާނެ ކަމަށް ބެލީ. އެޓްލެޓިކޯ އާއި ޖެހުނީމަ އެނގުނު ދެން މިފަހަރު ރައުންޑް އޮފް 16 އިންކަން ދާނީ. އެމީހުން ކައިރި ނުކުޅެވޭ އަސްލު. ކޮންމެ އަކަސް ބަލި ގަބޫލް ކުރަން. މިފަހަރު ހަމަ އެކަނި ލީގުން ފުއްދާލާނީ!
ބުލަޑީފޫލް
12 March 2020
الحمد الله ފުއްޕާފަ އުޅުނު ލިވަޕޫލު... ޥަގުތުޖެހުނީ
މެންޗެސްޓާއިޒް ރެޑް
12 March 2020
ބާސެލޯނާއޭ ކިޔައިންގެން ކޮމެންޓްކުރާ ފޭކް ފޭނުންގެ ސަމާލުކަމަށް.ބާސެލޯނާ ލިވަޕޫލްއަތުން ބަލިވިއިރު އެއީ އެންމެފަހުގެ ޗެމްޕިއަނުންނެއް ނޫން.ނަމަވެސް ރޭގަ ބަލިވީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން.މެންޗެސްޓާ އޮންނާނީ އަބަދުވެސް ރަތް ކުލައިގަ.މެންޗެސްޓާއެއީ އިނގިރޭސި ކްލަބް ފުޓްބޯޅައިގެ ރަސްގެފާނު.ލިވަޕޫލް އަންނާނީ މެންޗެސްޓާގެ ފަހަތުން 5 ވަނަ މަގާމަށް.
ޝުލައިމަަން
12 March 2020
ޥަގުތުޖެހުނީ މަ ކޮން މެ ކަ މެއްވެސް ނި މޭނެ.
ނިއުމާާ
12 March 2020
ހެހެހެހެ. ބާރސާ ކުދިން މީ މޮޅުވާ ހުރިހާ ޓީމެއްގެ ސަޕޯރޓަރުން އޮތަ؟
ސަނީީ
12 March 2020
ބާރސާ ސަޕޯރޓަރުން ހާދަ އެތްލެޓިކޯވެގެން އުޅޭ ދުވަހެކޭ. ކިތަންމެ ވަރަކަށް ސަޕޯރޓްކުރިޔަސް ލިވަރޕޫލް އަތުން 4-0 އިން ބާރސާ ބަލިނުވާކަމަކަށް ނުވާނެދޯ. އެތްލެޓިކޯގެ އެބަ ހުރި ތަމެން ހުރިހާ ޓީމެއް ބަލިކުރެވޭ ފެންވަރު. ބަސްޕާރކޭ ޕޮޒެޝަނޭ ނުކިޔާ މަޑުން ތިބިއްޔާ ރަނގަޅުވާނީ. ބާރސާ ކުދިން ރަނގަޅުވާނީ ނަޕޯލީ އަތްދަށުނުވެ ސަލާމަތްވޭތޯ ދުއާކުރިއްޔާ.
އޭނަ
12 March 2020
ލިވަޕޫލް ފޭނުންނަށް އެއްޗެއް ވިސްނޭނެކަމަށް އުންމީދުކުރަން. ތިމާމެންވަރުގެ ބައެއް ނެތި އެހެން ކްލަބުތަކުގެ އޮފިޝިއަލް ޓްވިޓާ ޕޭޖަށްވަދެ ކޯނާ ޓޭކަން ކުއިކްލީ ޖަހާފައިވާ ގިފް އަޕްލޯޑު ކުރަމުންދިޔައިރު ނޭނގެ އަމިއްލަ ޓީމަށްވެސް އެފަދަ ހާލަތެއް މެދުވެރިވެދާނެކަމެއް. އަހަރެން ލިވަޕޫލްދެކެ ރުޅިއަންނަނީ އެމީހުންގެ ފޭނުންނާހެދި. ކްލޮޕް އަދި ބައެއް ކުޅުންތެރިންނަށް ވަރަށް ރެސްޕެކްޓްކުރަން (ޚާއްޞަކޮށް ސަލާ، މާނޭ، ވެން ޑައިކް، ފާމީނިއޯ).
މޯހަން
12 March 2020
ލިވަރޕޫލް ފޭނުންނަށްވުރެ ބާރސާ ފޭނުން އުޅޭ ވައްތަރު ކަޑައީ. މެޗަކުން ބަލިވީމަ ލެޖެންޑުންނާ ދިމާކޮށް ފުރައްސާރަކުރަނީވެސް ބާރސާ ސަޕޯރޓަރުން. މި ކޮމެންޓް ސެކްޝަން ހިސާރުކޮށްގެން ބާރސާ ފޭނުން އުޅޭ ވައްތަރު ނުފެންނަނީތަ؟
މޯހަން
12 March 2020
ލިވަރޕޫލް ފޭނުންނަށްވުރެ ބާރސާ ފޭނުން އުޅޭ ވައްތަރު ކަޑައީ. މެޗަކުން ބަލިވީމަ ލެޖެންޑުންނާ ދިމާކޮށް ފުރައްސާރަކުރަނީވެސް ބާރސާ ސަޕޯރޓަރުން. މި ކޮމެންޓް ސެކްޝަން ހިސާރުކޮށްގެން ބާރސާ ފޭނުން އުޅޭ ވައްތަރު ނުފެންނަނީތަ؟
މެސީ
12 March 2020
މިސާލަކަށް ރަދީފް އުޅޭ ވައްތަރުން ބާރސާ ދެކެ ފޫހި ނުވަނީ ކީއްވެ؟ އާރސެނަލް، ޔުވެންޓަސް، އެތްލެޓިކޯ، ބަޔާރން، ޕީއެސްޖީ، ސިޓީ، ޗެލްސީ، ޕޯރޓޯ، ނިއުރޭޑިއަންޓް، މިއީ ހައްތަހާވެސް ރަދީފްގެ ކްލަބްތައް
އޭނަ
12 March 2020
މިތާގައި އުޅޭ ދިވެހި ލިވަޕޫލް ފޭނުންނަށް. ކިތަންމެ ޤަބޫލުކުރަން ބޭނުންނުވިޔަސް ދުނިޔޭގައި މިވަގުތުއޮތް އެންމެ ޓޮކްޒިކް ފޭންބޭސް އޮތީ ލިވަޕޫލްގައި. އަހަރެން މިބުނީ އެހެން ޤައުމުތަކުގެ ފޭނުންގެ ވާހަކަ. ދިވެހި ފޭނުންގެ ވާހަކައެއްނޫން. ލިވަޕޫލްގެ މިބުނާ ފޭނުން ބަލި ޤަބޫލެއްނުކުރާނެ. އަހަރެން ލިވަޕޫލަށް ރެސްޕެކްޓްކުރިޔަސް އެމީހުންގެ ޓޮކްސިކް ފޭންބޭސްއާ ވަރަށް ދެކޮޅު. މިކަން އެހެން ކްލަބުތަކުގެ ފޭނުން (ދިވެހިން ނުލައި) އެއްބަސްވާނެ.
ފަތައްސީލާ އާދަނު
12 March 2020
އޭރެއްގައި އެންމެ ވަރުގަދަކޮށް އޮންނަ ޓީމަކީ މަގޭ ޓީމޭ އެކޮއި އުފަންނުވަނީސް ވެސް މަ ސަޕޯރޓްކުރަނީ މިޓީމަށޭ ބުނާ ކުދިން ވިސްނަންވާނެ އަބަދަކު މޮޅެއްނުވާނެކަމާއި ވީއޭއާރު ވެސް ހުން އައިސްދާނެކަން.
ފަތައްސީލާ އާދަނު
12 March 2020
އޭރެއްގައި އެންމެ ވަރުގަދަކޮށް އޮންނަ ޓީމަކީ މަގޭ ޓީމޭ އެކޮއި އުފަންނުވަނީސް ވެސް މަ ސަޕޯރޓްކުރަނީ މިޓީމަށޭ ބުނާ ކުދިން ވިސްނަންވާނެ އަބަދަކު މޮޅެއްނުވާނެކަމާއި ވީއޭއާރު ވެސް ހުން އައިސްދާނެކަން.
ލީގް ވޮޗް
12 March 2020
މެޗުން ބަލިވި ޓީމްގެ ސަޕޯޗަރުން އެއްގޮތަކަށް ވެސް ބަލި ގަބޫލުނުކުރަން އުޅޭތަން ކޮމެންޓްތަކުން ފެންނަނީ.ނިއުޓްރަލް ދަނޑެއްގަ 3ވަނަ ލެގް މެޗް ކުޅުމަށް ކަލޭމެން ޔުއެފާއަށް ޕެޓިޝަނެއް ފޮނުވަންވީއެއްނު.3 ވަނަ ލެގުން ބަލިވީމަ އެހެން ބައްރެއްގަ 4ވަނަ ލެގެއްވެސް ކުޅެވޭތޯ ބަލާބަލަ.އުޅޭ ވައްތަރެއް ދޯ ދެން.