ދުނިޔޭގެ ކުޅިވަރު / ޔުއެފާ

ކުއްލި ބައްދަލުވުމަކަށް ގޮވާލައިފި! ޔޫރޯ ފަސްކުރަނީ؟

ނިޔޯން (މާޗް 13) – ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ، ޔުއެފާ އިން އަޅާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރަން އަންގާރަ ދުވަހު ބާއްވާ ކުއްލި ބައްދަލުވުމުގައި، ޖޫން މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތް އެއް އަހަރަށް ފަސްކުރަން މަޝްވަރާކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މުޅި ދުނިޔެ އަށް ފެތުރިފައިވާ ބަލިމަޑުކަމަކަށް ބަދަލުވެފައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ކަނޑައަޅާފައިވާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ބައެއް ގައުމުތަކުން ވަނީ ލީގު މެދުކަނޑާލައިފަ އެވެ. އެކަމަކު ޔުއެފާ އިން ބާއްވާ ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގު މެދުކަނޑާލާފައެއް ނުވެ އެވެ. އެހެންވެ މި ބައްދަލުވުމުގައި އެ ދެ މުބާރާތާ މެދު ވެސް ގޮތްތަކެއް ނިންމާނެ އެވެ.

ވީޑިއޯކޮންފަރެންސް މެދުވެރިކޮށް ބާއްވާ މި ބައްދަލުވުމުގައި ޔުއެފާގެ 55 މެމްބަރު ގައުމުންނާއި ޔޫރަޕުގެ ލީގުތަކުންނާއި ޔޫރަޕުގެ ކްލަބް އެސޯސިއޭޝަނުންނާއި ދުނިޔޭގެ ކުޅުންތެރިންގެ ޔޫނިއަން (ފިފްޕްރޯ) އިން މަންދޫބުން ބައިވެރިވާނެ އެވެ. ޔުއެފާއާ ގުޅުން އޮންނަ މީހަކު އޭއެފްޕީ އަށް ބުނީ މުބާރާތް ފަސްކުރުން، ފޯމެޓް ބަދަލުކުރުން އަދި ވެނިއު ބަދަލުކުރުމަކީ ވެސް މަޝްވަރާގެ މޭޒުމަތީގައި އޮތްކަންކަން ކަމަށެވެ.

ބެލެވޭ ގޮތުގައި އެންމެ ކައިރި ގޮތަކީ ޔޫރޯ އަންނަ އަހަރަށް ފަސްކުރުމެވެ. އޭގެ ސަބަބުން، ކޮވިޑް-19 ހަމަޔަކަށް އެޅުމާ އެކު ލީގުތައް އަލުން ފަށައި މޭ މަހު ސީޒަން ނިމެންވާއިރަށް ކްލަބް މުބާރާތްތައް ފުރިހަމަކުރަން ފުރުސަތު ލިބޭނެ އެވެ. ނުވަތަ ފަހަރެއްގައި ފޯމެޓް ބަދަލުކޮށްގެން، ކުރު މުބާރާތެއްގެ ގޮތުގައި ޔޫރޯ މިހާރު އޮތް ޝެޑިއުލަށް ބާއްވަފާނެ އެވެ. މި އަހަރު ރާވާފައި އޮތީ ތަފާތު 12 ގައުމެއްގެ 12 ސިޓީގައި ކުޅޭގޮތަށެވެ. އޭގެ ސަބަބުން އެހެން އަހަރުތަކަށް ވުރެ ދަތުރުފަތުރު ގިނަވާނެ އެވެ.

ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގު މިވަގުތަށް މެދުކަނޑާލުމުގެ ފުރުސަތު އެބައޮތެވެ. ނުވަތަ މިހާރު ކުރިއަށްދާ ނޮކްއައުޓް ބުރު، ދެ ލެގުގެ ބަދަލުގައި ޕްލޭއޮފް އެއް މެޗު ކުޅޭ ގޮތަކަށް ވެސް ބަދަލުކޮށްފާނެ ކަމަށް ބެލެވެ އެވެ.

ސްޕެއިނާއި އިޓަލީއާ ދެމެދު ވައިގެ ދަތުރުތައް ހުއްޓާލުމާ ގުޅިގެން ޔުރޮޕާ ލީގުގައި ރޭ ރޯމާ އާއި ސެވިއްޔާ އަދި އިންޓަ މިލާނާއި ގެޓަފޭގެ ކުޅެން އޮތް މެޗު ވަނީ ފަސްކޮށްފަ އެވެ. ރޭ ކުޅުނު ބައެއް މެޗުތައް ކުރިއަށް ގެންދިޔައީ ސަޕޯޓަރުން ނުވައްދަ އެވެ. އަދި ޔުވެންޓަސްގެ ޑެނިއަލް ރުގާނީ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ޗެމްޕިއަންސް ލީގުގައި އަންނަ ހަފުތާގައި އޮލިމްޕިކް ލިޔޯނާ ދެކޮޅަށް ޔުވެންޓަސް ކުޅެން އޮތް މެޗު ވަނީ ފަސްކޮށްފަ އެވެ. އަދި ރެއާލް މެޑްރިޑުގެ ބާސްކެޓްބޯޅަ ކުޅުންތެރިޔަކު ޕޮޒިޓިވްވުމުން، އެ ކްލަބުގެ ފުޓްބޯޅަ ޓީމު ކަރަންޓީންކުރުމާ ގުޅިގެން، ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ ކުޅެން އޮތް މެޗު ވެސް ވަނީ ފަސްކޮށްފަ އެވެ.

ވަކިވަކި ގައުމުތަކުގެ ލީގަށް ބަލާއިރު އިޓާލިއަން ލީގު ވަނީ އޭޕްރިލް 3 ވަނަ ދުވަހުގެ ނިޔަލަށް ސަސްޕެންޑްކޮށްފަ އެވެ. ސްޕެނިޝް ލީގު މަދުވެގެން ކުރިއަށް އޮތް ދެ ހަފުތާ އަށް ސަސްޕެންޑްކޮށްފައިވާއިރު މި މަހުގެ 31 ގެ ނިޔަލަށް ނެދަލެންޑްސް ލީގު ވަނީ ސަސްޕެންޑްކޮށްފަ އެވެ. ޕްރިމިއާ ލީގުގެ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި ޗެލްސީގެ ކަލުމް ހުޑްސަން-އޮޑޯއީ ޕޮޒިޓިވްވުމުން ޕްރިމިއާ ލީގު ވެސް ހުއްޓާލަފާނެ ކަމަށް ބެލެވެ އެވެ.

0 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 40%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454