18 މާޗް 2020 - 07:52
ކޮވިޑް-19 ގެ ބަލިމަޑުކަން މި ވަގުތު ދުނިޔެ އަށް ވަރަށް ބޮޑަށް ފެތުރިފައިވާތީ، ކާންސް ފިލްމު ފެސްޓިވަލް ބޭއްވުމާ މެދު އަންނަ މަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް އެ ފެސްޓިވަލްގެ ޑިރެކްޓަރު ތިއެރީ ފެރްމޯޒް ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލް ކޮރޯނާވައިރަހާ ހެދި ނުބާއްވަން ނިންމާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާތީ އެކަން ދޮގުކޮށް ޑިރެކްޓަރު ނެރުއްވި ބަޔާނުގައި ވިދާޅުވީ ފެސްޓިވަލް ބޭއްވުމާ ދޭތެރޭ ގޮތެއް ނިންމުމާ ގުޅޭ ގޮތުން މިހާރު ވަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މިކަމުގައި ރަސްމީކޮށް ގޮތެއް ނިންމާނީ ފެސްޓިވަލް ބާއްވާ ފްރާންސްގެ ސިޓީ ކާންސްގެ މޭޔަރު ޑޭވިޑް ލިޒްނާޑާއި ފެސްޓިވަލް އިންތިޒާމުކުރާ ސީއެންސީން މަޝްވަރާކޮށް ގޮތެއް ނިންމުމަށް ފަހު އެވެ.
"އަހަރެމެން އަންނަނީ ވަރަށް ގާތުން ކޮރޯނާވައިރަހުގެ ހާލަތު ބަލައި ދިރާސާކުރަމުން. އެހެންވީމާ ފެސްޓިވަލް ބާއްވާނެތޯ ނޫންތޯ ނިންމާނަން އަންނަ މަހުގެ މެދުތެރޭގައި،" ތިއެރީ ވިދާޅުވި އެވެ. "ފެސްޓިވަލް ކެންސަލްކުރި ކަމަށް ބައެއް މީޑިއާތަކުގައި ފަތުރާފައިވާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް."
އޭނާ ވިދާޅުވީ ފެސްޓިވަލާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރަން އަންނަ މަހުގެ 16 ވަނަ ދުވަހު ނޫސް ކޮންފަރެންސެއް ބާއްވާނެ އެވެ. އަދި އެ ދުވަހު ފެސްޓިވަލް ބޭއްވުމާ ދޭތެރޭ ނިންމާ ގޮތެއް އިއުލާންކުރާނެ ކަމަށް ޑިރެކްޓަރު ވިދާޅުވި އެވެ.
މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލް ތާވަލުކޮށްފައި ވަނީ މެއި މަހުގެ 12-23 އަށެވެ. މި ފެސްޓިވަލަކީ ކޮންމެ އަހަރަކު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވާ ފެސްޓިވަލެކެވެ.
ފްރާންސްގައި ވެސް ކޮވިޑް-19 ފެތުރިފައިވާތީ މިހާރު އަންނަނީ ރައްކާތެރިކަމުގެ އެކި ކަހަލަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ގިނަ މީހުން އެއް ތަނަކަށް ޖަމާވާ ހަރަކާތްތައް ބޭއްވުން މަޑުޖައްސައިލަން ސަރުކާރުން ވަނީ އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy