ލާހޫރުގެ ހަނޑޫ ދަނޑެއްގައި ބަޔަކު މަސައްކަތްކުރަނީ: އޭޝިއާގައި ހަނޑޫ ހައްދާ މިންވަރު އިތުރުވެ އަގު ދަނީ ދަށަށް. -- ފޮޓޯ: ވައިޓް ސްޓާ
10 އޮކްޓޯބަރ 2016 - 12:35
މޫސުން ރަނގަޅުވެ ހަނޑުލުގެ އުފެއްދުންތެރިކަން ވަރަށް ބޮޑަށް އިތުރުވެގެން ދިއުމާ އެކު ބައިނަލްއަގުވާމީ ބާޒާރުގައި ހަނޑުލުގެ އަގު ރެކޯޑް މިންވަރަކަށް ދަށަށް ހިނގައްޖެ އެވެ.
އޭޝިއާގައި ހަނޑުލުގެ އަގު ކަނޑައެޅުމަށް ބަލާ ބެންޗު މާކު ކަމަށްވާ، އާދައިގެ ހުދު ހަނޑުލުގެ އަގު މި އަހަރުގެ ފަހު ތިން މަސް ދުވަހުގެ ތެރޭ 10 ޕަސެންޓް ދަށަށް ދިއުން އެކަށީގެންވާ ކަމަށް ވިޔަފާރި ޚަބަރުތައް ގެނެސްދޭ ބްލޫމްބާގް ނޫހުގައި މިއަދު ބުނެފައިވެ އެވެ.
ހަނޑުލުގެ ވިޔަފާރިކުރާ ސްވިޓްޒަލެންޑުގެ ކުންފުންޏެއް ކަމަށްވާ ސެޓް ސްވިސް އެގްރި ޓްރޭޑިންގެ ސީއީއޯ ޖެކް ލުޔެންޑިޖިކް ބްލޫމްބާގް އަށް ވިދާޅުވެފައިވާ ގޮތުގައި، މި އަހަރު ހަނޑޫ ކަނޑާ މޫސުން ކުރިއަށް އޮތް އިރު މިހާރުވެސް ޑިމާންޑް ހުރީ ދަށުގަ އެވެ. އެހެންވެ ކުރިއަށް އޮޮތް ދުވަސްތަކުގައި އަދިވެސް އަގު ވެއްޓޭނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ.
މިދިޔަ ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހަނޑުލުގެ އަގު ވަނީ، ބްލޫމްބާގް އިން ބުނާ ގޮތުގައި، 14 ޕަސެންޓް ދަށަށް ގޮސްފަ އެވެ. މިއީ 2013 ވަނަ އަހަރުގެ ތިން ވަނަ ކުއާޓަރުގެ ފަހުން އެންމެ ބޮޑަށް އަގު ދަށްވި ފަހަރެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ (ޔޫއެސްޑީއޭ) އިން ލަފާކުރާ ގޮތުގައި 2016-17 ގެ މޫސުމުގައި 481.7 މިލިއަން ޓަނުގެ ހަނޑޫ މުޅި ދުނިޔޭގައި އުފައްދާނެ އެވެ. މިއީ ރެކޯޑް އަދަދެކެވެ. އިންޑިއާ އަކީ 2012 ވަނަ އަހަރުން ފެށިގެން އެންމެ ގިނައިން ހަނޑޫ އެކްސްޕޯޓްކުރާ ގައުމު ކަމަށް ވާއިރު އެ ގައުމުގެ ވިއްސާރަ މޫސުން ތިން އަހަރަށް ފަހު މި އަހަރު ރަނގަޅުވެފައި ވާތީ ހަނޑޫ ހެއްދުން ވެސް ވަރަށް ބޮޑަށް އިތުރުވެގެން ވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
"ކުރިއަށް އޮތް 4-6 މަސް ދުވަހު ވެސް ފެންނަނީ އަގުތަށް ދަށަށް ދާނެ ކަމަށް،" ލުޔެންޑިޖިކް ވިދާޅުވެފައިވެ އެވެ.
ޔޫއެސްޑީއޭ އިން ލަފާކުރާ ގޮތުގައި އިންޑިއާ އިން މި އަހަރު 10 މިލިއަން ޓަނުގެ ހަނޑޫ އެކްސްޕޯޓްކުރާނެ އެވެ. އަންނަ އަހަރު 8.8 މިލިއަން ޓަނުގެ ހަނޑޫ އެކްސްޕޯޓްކުރާނެ ކަމަށް ކުރިން ލަފާކުރި ނަމަވެސް މިހާރު ވަނީ މި އަދަދު 9.5 މިލިއަނަށް އިތުރުކޮށްފަ އެވެ. އަދި ތައިލެންޑުން އެކްސްޕޯޓްކުރާ މިންވަރު 4.5 ޕަސެންޓް އިތުރުވެ 25 މިލިއަން ޓަނަށް އަރާނެ ކަމަށް ވެސް އަންދާޒާކޮށްފައިވެ އެވެ.
ތައި ރައިސް އެކްސްޕޯޓާސް އެސޯސިއޭޝަނުން ބުނާ ގޮތުގައި އިންޑިއާ އިން އެކްސްޕޯޓްކުރާ ހަނޑުލުގެ އަގު ތައިލެންޑު ހަނޑުލަށް ވުރެ ޓަނަކުން 20 ޑޮލަރު ކުޑަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައިސަމް
10 October 2016
ތީތާ މައްސަލައަކީ. ދުނިޔޭގެ ބާޒާރުގަ ތެޔޮ އަގުހެޔޮވީމާ ރާއްޖޭގެ ކަރަންޓު ބިލަކަށްވިޔަސް، ތެލަކަށް ވިޔަސް ހެޔޮ ބަދަލެއް އަންނަ ތަނެއް ނުފެނޭ. އޭގެ ބަދަލުގަ ކަރަންޓުގެ އަގުވެސް މައްޗަށް ދިޔައީ. ހަމަ އެގޮތަށް، ދުނިޔޭގެ ބާޒާރުގަ ހަނޑުލުގެ އަގު ދަށަށްދާއިރަށް ރާއްޖޭގަ ހަނޑުލުގެ އަގު ދަނީ މައްޗަށް.
ރޯނުއެދުރު
10 October 2016
ތިކަމުން އުފަލެއްނެތް! ދުނިޔޭގަހުރި އެންމެމޮޅު އިކޮނޮމިސްޓާއެކު އަހަރެމެން މިދަނީ ދުވަހެއްދުވަހަކަށް ދަށަށް!
ފާތުން
10 October 2016
ތެޔޮވެސް އެންމެ ހެޔޮވިދުވަސްވަރު ކަރަންޓްގެ އަގުބޮޑުކުރީ. މީ ސަރުކާރުގެ ސިޔާސަތެއް.
މިރައީސް
10 October 2016
ރާއްޖޭގަ ވަނީބޮޑު ސަރުކާރު ހިންގާނެ ފައިސާނެތިގެން އަދިވެސް ބައިނަލްއަގުވާމީ ގާނޫނައް ޔާމިނު ބޯނުޖަހަ ހަރުކަށިކަން ދައްކަނީ
ވިސްނާ
10 October 2016
ކީއްކުރަނީ... ވިއްކި އަގަކަށް ޖެހޭނީ ގަންނާކަށްނު.. ދެން އޮތް ގޮތަކީ އެކޮއޮމިކް މިނިސްޓްރީން ކާޑު އެތެރެކުރަން ބޭނުން މީހަކަށް ހުއްދަ ދޭންވީ....
nadheem
10 October 2016
ދުނިޔޭގެ ބާޒާރުގަ އެއްޗެއްގެ އަގު ކިތަންމެ ދަށްވިޔަސް ރާއްޖޭގަ އަގެއް ދަށެއް ނުވާނެ. އެކަމު މާދަމާ އަގު ބޮޑުވާކަމަށް ހަބަރު ލިބުނަސް މިއަދު އަގު ބޮޑުވާނެ ހުރިހާއެއްޗަކުން. ތެލުގެ އަފު ފެނަށް ވުރެއ ހެޔޮ އެކަމު ކަރަންޓްގެ އަގު ބޮޑުވަނީ ފްލައިޓް ޓިކެޓް ޓެކްސީ ދަތުރުތަކަކަށް ބަދަލެއް ނާދޭ. ހަނޑޫ އަގު ދުނޔޭގަ ހެޔޮވާއިރ ރާއްޖޭގަ އަގު ބޮޑުވަނީ.
އަހްމަދު
10 October 2016
އެކަމަކު އިޤްތިޞޯދީ މާހރުގެ މި ޤައުމުގައި ވީ އަގު ބޮޑުތަ.
އަދުރޭ
10 October 2016
ހާދަ ހީނުވޭ ދަށަށް ދިޔަހެން، ރަންގަޅަށް އަދިއެއްފަހަރު ބާލާފަ މިހަބަރު ސާއިރުކުރޭ
އަހުމަދު
10 October 2016
ހަނޑުލުގެ މައްސަލައިގާ ރާއްޖެ ހަމައަކަށް އެޅުވޭނޫ ރައްޔިތުން ކެރިގެން ބަސް ބުނެގެންނެވެ.
ދަނޑުވެރިޔާ
10 October 2016
އޯކޭ އޭ. ޕެޓުރޯލުގެ އަގު އެންމެ ދަށަށް ދިޔާމާ ކަރަންޓުގެ އަގުބޮޑުކުރީ. ހަނޑުލުގެ އަގު އެންމެ ބޮޑަށް ދަށަށް ދިޔާމާ ކާޑު އަގުބޮޑުކުރީ. ރައްޔިތުން ވާނުވާގަ.