ސަބްސިޑީ ހުއްޓާލުމުގެ ކުރިން ހުއްޓަންވީ ބޭކާރު ޚަރަދުތައް: އެމްޑީޕީ

ކާޑުގެ ބާވަތްތަކުގެ ސަބްސިޑީ ކަނޑާލަން ސަރުކާރަށް ޖެހުނީ ބޭކާރު ޚަރަދުތައް ގިނަވެގެން ކަމަށާއި ސަބްސިޑީ ކަނޑާލުމުގެ ބަދަލުގައި ހުއްޓާލަންވީ ސަރުކާރުގެ ބޭކާރުގެ ޚަރަދުތައް ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.


އެމްޑިޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ސަބްސިޑީ ކަނޑާލަން ޖެހުނު އެންމެ ބޮޑު ސަބަބަކީ ބޭކާރު ޚަރަދުތައް ގިނަވުން ކަމަށާއި ބޭކާރު ގޮތުގައި އެތައް ކަމަކަށް ފައިސާ ހޭދަކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން ވެސް ގަބޫލުކުރަން އެބަޖެހޭ ދުވަހެއް އަންނަން ސަބްސިޑީތައް ވީހާ ވެސް ކުޑަކުރަން. އެކަމަކު އެ ދުވަހެއް އަދިއެއް ނާދޭ. ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އިމާރާތަށް 144 މިލިއަން ޑޮލަރު. އައިޖީއެމްއެޗް އިމާރާތަށް 145 މިލިއަން ޑޮލަރު. ބްރިޖް ހަދަން 300 މިލިއަން ޑޮލަރު. އަޅުގަނޑުމެން މިއެއް ބޭނުމެއް ނޫން މިވަގުތަކު ރާއްޖެއަށް،" ފައްޔާޒު ވިދާޅުވި އެވެ.

ސަބްސިޑީ ހުއްޓާލުމަކީ ބޭރުގެ މާލީ އިދާރާތަކުން ފާޑު ކިޔާ ކަމެއް ކަމަށް ސަރުކާރުން މިއަދު ބުނެފައި ވިޔަސް އެއީ އެންމެ ރަނގަޅު ވާހަކައެއް ނޫން ކަމަށާއި ސަބްސިޑީގެ ކުރިން ހުއްޓާލަން ޖެހެނީ ސަރުކާރުގެ ބޭކާރު ޚަރަދުތައް ކަމަށް މާލީ އިދާރާތަކުން ރާއްޖެއަށް އަންގާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"އެއްވެސް ގޮތަކަށް ހިލޭ އެއްޗެހި ބެހުމަކީ ރަނގަޅު އިގްތިސާދީ ސިޔާސަތެއް ނޫން. އެކަމަކު ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެކަން ކުރަނީ އިގްތިސާދީ ގޮތުން އެންމެ ރަނގަޅު ކަންކަން ނޫން ކަމަށް ގަބޫލު ކުރެވުނަސް މުޖްތަމައަށް ރަނގަޅު ކަމަކަށްވާތީ. އޭގެ ސަބަބުން ނިކުންނަ އިތުރު ފައިދާތަކެއް ހުރޭ،" ފައްޔާޒު ވިދާޅުވި އެވެ.

"މާލީ އިދާރާތަކުން ބުނަނީ ހަމައެކަނި ސަބްސިޑީ ހުއްޓާލާށެކޭ ނޫން. އެ މީހުން އެބަ ބުނޭ ވައްކަން ނުކުރާށޭ. ކޮރަޕްޝަން ކުޑަކުރަން. ބޭކާރު ޚަރަދުތައް ހުއްޓާލަން. ތާކުންތާކު ނުޖެހޭ ޕްރޮޖެކްޓްތައް ނުހިންގަން. އެކަން ކޮށްފައި މިކަން ކުރާނީ،" ފައްޔާޒު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި އެމްޑީޕީގެ އިގްތިސާދީ ކޮމެޓީގެ މެމްބަރު ހުސައިން އަމްރު ވިދާޅުވީ ސަބްސިޑީ ކަނޑާލުމުގެ ނަތީޖާއަކަށް ވެގެންދާނީ ތަކެތީގެ އަގު ބޮޑުވެ، ހުރިހާ އެންމެންގެ މުސާރަތައް ވެސް ބޮޑު ކުރަން ޖެހުން ކަމަށާއި އޭގެ ނުބައި އަސަރު ވިޔަފާރިތަކާއި އިގްތިސާދަށް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން މި ބުނަނީ ރާއްޖޭގައި މި އުޅޭ ބޭރު މީހުންނަށް ދޭކަށް ބޭނުމެއް ނުވެޔޭ. އެހެން ބުނާއިރު އެ މަސައްކަތު މީހާއަށް ކޮއްތު ފައިސާ މި ދެނީ ދިވެހިން. އެ މީހުންގެ ގައުމަކުން ނޫން އެ މީހުންނަށް މުސާރަ މި ފޮނުވަނީ." އަމްރު ވިދާޅުވި އެވެ.

އަމްރު އިތުރަށް ވިދާޅުވީ ކިތަންމެ ވަރަކަށް ޓެކުހާއި ފައިސާ ރައްޔިތުންގެ އަތުން ނެގިޔަސް ބޭކާރު ޚަރަދުތައް ގިނަވާ ނަމަ ދައުލަތުގެ ދަރަނި ބޮޑުވާނެ ކަމަށާއި ސަރުކާރުން މިހާރު މަޝްރޫއުތައް ހިންގާ ގޮތަކީ ޚަރަދު ބޮޑުވާ އެއް ސަބަބު ކަމަށް އޭނާ ވިދާޅުވި އެވެ. ތަޖްރިބާ ނެތް ފަރާތްތަކަށް ބޮޑެތި މަޝްރޫއުތައް ދިނުމުން ކުރަންޖެހޭ ޚަރަދުތައް ބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕްރޮޖެކްޓްތައް އާންމުކޮށް ދީ މި އުޅެނީ ރައްޓެހިންނާއި ގާތް ތިމާގެ މީހުންނަށް. އެ މީހުންނަކީ ކުރިއަކުން މިފަދަ ޕްރޮޖެކްޓްތައް ހިންގާފައި ތިބި ބައެއް ނޫން. އެހެންވެ ޕްރޮޖެކްޓް ހިންގަން ހިނގާ ޚަރަދުގެ ތިން ގުނަ ނުވަތަ ހަތަރު ގުނަ އިތުރަށް އެބަދޭ ޚަރަދުވެގެން. އަނެއްކާ ޕްރޮޖެކްޓް ނިމުނީމަ އެބަޖެހޭ ޕްރޮޖެކްޓަށް ޚަރަދު ކުރިވަރު ކުރަން އެބަޖެހޭ އެތަން އަނެއްކާ މަރާމާތު ކުރަން ވެސް. މިސާލަކަށް ރަސްފަންނު..،" އަމްރު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ސަބްސިޑީ ކަނޑާލުމާ ދެކޮޅަށް ހަރަކާތްތަކެއް ހިންގަން އެމްޑީޕީން ރާވަމުންދާ ކަމަށާއި ރައްޔިތުންގެ މަޖިލިސް ތެރެއިން ވެސް ކުރަންޖެހޭ ކަންކަން ކުރަން މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.