އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ މާޒިޔާ އާއި ޑާކާ އަބަހާނީ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
18 މާޗް 2020 - 20:03
ހަލުވިކަމާ އެކު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ރޯގާއާ ހެދި އޭއެފްސީ ކަޕާއި އޭޝިއަން ޗެމްޕިއަންސް ލީގުގެ މެޗުތައް ފަސްކުރަން އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ (އޭއެފްސީ) އިން ނިންމައިފި އެވެ.
އޭއެފްސީން ވަނީ މި މަހުގެ ކުރީކޮޅު ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މި މަހާއި ޖޫން މަހު ކުޅެން ހަމަޖެހިފައި އޮތް މެޗުތައް ވެސް ފަސްކޮށްފަ އެވެ. އަދި މި މަހު ކުރީ ކޮޅުގައި ކުޅެން ރޭވި އޭއެފްސީ ކަޕްގެ ބައެއް މެޗުތައް ފަސްކުރުމަށް ފަހު އަނެއްބައި މެޗުތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެކަމަކު މިއަދު އޭއެފްސީން ނެރުނު ބަޔާނެއްގައި ބުނީ މި މަހާއި އަންނަ މަހު ކުޅެން ރާވާފައިވާ އޭއެފްސީ ކަޕްގެ މެޗުތައް ފަސްކޮށްފައިވާ ކަމަށެވެ.
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަ ގްރޫޕްގައި މި ފަހަރު ރާއްޖޭގެ ދެ ޓީމެއް ވާދަކުރެ އެވެ. އެއީ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މާޒިޔާ އާއި ޓީސީ ވަނީ މި މަހު 12 ވަނަ ދުވަހު ވާދަކޮށްފަ އެވެ. އެ ދުވަހު ޓީސީ ނުކުތީ ބަންގްލަދޭޝްގައި އެ ގައުމުގެ ބަޝުންދުރާ ކިންގްސްއާ ދެކޮޅަށެވެ. އަދި އިންޑިއާގެ ޗެއްނާއީގައި މާޒިޔާ ވަނީ އެ ގައުމުގެ ޗެއްނާއީ ސިޓީއާ ދެކޮޅަށް ކުޅެފަ އެވެ.
ޗެއްނާއީއާ ދެކޮޅަށް ކުޅުމަށް ފަހު މާޒިޔާ ވަނީ އެނބުރި މާލެ އައިސްފަ އެވެ. ބަންގްލަދޭޝްގެ މެޗު ނިންމާލުމަށް ފަހު ޓީސީން އަންނަނީ މި ވަގުތު ސްރީލަންކާގައި ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަމުންނެވެ. އޭއެފްސީ ކަޕްގެ ޝެޑިއުލް ކުރިން އޮތްގޮތުން އަންނަ މަހު 14 ވަނަ ދުވަހާއި 15 ވަނަ ދުވަހު މާލޭގައި ދެ މެޗެއް ކުޅޭގޮތަށް އޮތެވެ. ފުރަތަމަ މެޗުގައި 14 ވަނަ ދުވަހު މާޒިޔާ ކުޅޭނީ ބަޝުންދުރާއާ އެވެ. އަދި 15 ވަނަ ދުވަހު ޓީސީ ބައްދަލުކުރާނީ ޗެންނާއީއާ އެވެ. އޭއެފްސީގެ މިއަދުގެ ނިންމުމާ އެކު މި ދެ މެޗު ކުޅޭނެ ތާރީހެއް ކަނޑައަޅާނީ ކޮވިޑް-19 އާ ބެހޭގޮތުން ސިއްހީ މާހިރުން ދޭ އެކި އިރުޝާދުތަކާ ލަފާތަކަށް ބެލުމަށް ފަހު ފަހުގެ ތާރީހެއްގަ އެވެ.
ރާއްޖޭގެ ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރަން ކުޅިވަރާ ބެހޭ މިނިސްޓްރީން ނިންމާފައިވާއިރު، ގިނަ ކުޅިވަރު އެސޯސިއޭޝަންތަކުން ވަނީ ހަރަކާތްތައް ހުއްޓާލައިފަ އެވެ. އެ ގޮތުން އެފްއޭއެމުން ވެސް ވަނީ ފުޓްބޯޅަ ހަރަކާތްތަކާއި ޓްރެއިނިންތައް މެދުކަނޑާލައިފަ އެވެ.
ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް 13 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މި ބަލި މިހާތަނަށް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށަކުން ނުފެނެ އެވެ. އެކަމަކު އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ވަނީ މުޅި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. އަދި މި މަހު 19-26 އަށް ސަރުކާރު ބަންދުކުރަން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަހުމަދު ބެ ، ބޯގަންވިލާ
19 March 2020
ސުޕުން އާއި އޭން ގެ ޕަޕެޓުން ހާދަދެރަވާނެ ތާ ދޯ ، ބާސްކެޓް ގެ ވެސް އެއްވެސް ހަރަކާތެއް ނުބޭއްވޭނެ ، ސުޕުން ނައް މުސާރަވެސް ލިބޭނެ ދޯ ، މިހާރުވެސް ހުންނެވީ އުފަން ގައުމުގަ ، ލަންކާގަ
ފުއްލާދުލި
18 March 2020
މި އަޑިގަނޑުން އަރައިގަންނަންދެން ފަސްކުރޭ، ދުވަހަކުވެސް މި ކުޅިވަރާ މަޖަލަށް ހަރަދު ނުކުރިއްޔާ ރަނގަޅީވެސް