ޔޫތު ޗެމްޕިއަންޝިޕްގައި ވެލެންސިއާ އާއި ނިއު ރޭޑިއަންޓް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/މިހާރު
11 އޮކްޓޯބަރ 2016 - 19:13
ޔޫތު ޗެމްޕިއަންޝިޕްގެ ލީގު ބުރުގެ ފަހު މެޗުގައި މިއަދު ވިކްޓަރީ އާއި ނިއު ރޭޑިއަންޓް ކުޅުނު މެޗު 3-3 އިން އެއްވަރުވެ، ސެމީގެ ފަހު ޖާގަ ވެލެންސިއާ އަށް ލިބިއްޖެ އެވެ.
މިއަދު ކުޅުނު މެޗުން ކޮންމެ ޓީމެއް މޮޅުވިނަމަވެސް ވެލެންސިއާ ކަޓާނެ އެވެ. އެކަމަކު މި މެޗު އެއްވަރުވުމުން ލީގު ބުރުގެ ހަތަރު ވަނަ ޓީމުގެ ގޮތުގައި ވެލެންސިއާ އަށް ސެމީން ޖާގަ ލިބުނީ އެވެ. ހަތަރު ވަނައިގައި އޮތް ވެލެންސިއާ އާއި ފަސް ވަނައިގައި އޮތް ވިކްޓަރީ ވެސް ލީގު ބުރު ނިންމާލީ ހަތް މެޗުން 10 ޕޮއިންޓާ އެކު އެވެ. އެހެން ނަމަވެސް ލަނޑުގެ ތަފާތަށް ކުރިލިބެނީ ވެލެންސިއާ އަށެވެ.
ހެންވޭރު ދަނޑުގައި މިއަދު ކުޅުނު ފޯރިގަދަ މި މެޗުގައި ވިކްޓަރީ އަށް ލީޑުނަގައިދިނީ މެޗުގެ 35 ވަނަ މިނިޓްގައި މަޖުދާން ސޯލިހު އެވެ. އޭގެ އަށް މިނިޓް ފަހުން ނިއު އަށް އެއްވަރުކޮށްދިނީ މުހައްމަދު ސާމިރު އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ދެ ވަނަ ފަހަރަށް ވިކްޓަރީ އަށް ލީޑުނަގައިދިނީ މުހައްމަދު ރިސްވާން އެވެ.
ޔޫތު ޗެމްޕިއަންޝިޕްގައި ނިއު އާއި ވިކްޓަރީ މިއަދު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ދެ ވަނަ ހާފް ފެށިގެން ފަސް މިނިޓް ތެރޭ ވިކްޓަރީގެ ލީޑު ފުޅާކޮށްދިނީ މަޖުދާން އެވެ. މިއީ މި މެޗުގައި އޭނާ ޖެހި ދެ ވަނަ ލަނޑެވެ. އޭގެ މިނިޓެއް ފަހުން ނިއުގެ އަހުމަދު ސުހައިލް (ބަމްޕުޗު) ވަނީ ލަނޑެއް ޖަހައި ނިއު އަށް މެޗުގެ އުއްމީދުއާ ކޮށްދީފަ އެވެ.
ނިއު އިން އެއްވަރުކުރީ މެޗުގެ ފަހު މިނިޓްގަ އެވެ. އެ ޓީމަށް މި ލަނޑު ކާމިޔާބު ކޮށްދިނީ އަހުމަދު ފިރާޝް އެވެ. އޭގެ ފަހުން ވެސް ލަނޑު ޖަހަން ނިއު އަށް ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.
ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ކުޅޭނީ ލީގު ބުރުގެ އެއް ވަނަ ޓީސީ އާއި ދެ ވަނަ އަށް ދިޔަ އީގަލްސް އެވެ. ދެ ވަނަ ސެމީގައި މާޒިޔާ ނުކުންނާނީ ވެލެންސިއާއާ ދެކޮޅަށެވެ.
ފުރަތަމަ ސެމީން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ބަލިވާ ޓީމު ތިން ވަނަ ސެމީގައި ކުޅޭނީ ދެ ވަނަ ސެމީގައި ލީގު ބުރުގެ ތިން ވަނަ ޓީމާއި ހަތަރު ވަނަ ޓީމު ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ސެމީ އާއި ފައިނަލު މެޗު އޮންނާނީ ގަލޮޅު ދަނޑުގަ އެވެ. ސެމީ ފައިނަލު މެޗުތައް އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy