17 އެޕްރީލް 2020 - 10:00
ދެހާސް ބާރައިގައި ރިލީޒްކުރި ކާމިޔާބު ފިލްމު "ޖެކް ރީޗާ" އަކީ ކުޅެން ވަރަށް ބޭނުންވި ފިލްމެއް ކަމަށާއި އެކަމަކު އެ ފިލްމު ޓޮމް ކްރޫޒަށް ލިބުމުން އުފާކުރާ ކަމަށް ޑްވޭން (ރޮކް) ޖޯންސަން ބުނެފި އެވެ.
ހޮލީވުޑްގައި މިހާރު އެންމެ ބޮޑު އާމްދަނީއެއް ވެސް ލިބޭ ތަރިންގެ ތެރޭގައި ހިމެނޭ ކުރީގެ ރެސްލިން ޗެމްޕިއަން އިންސްޓަގްރާމްގެ ސުވާލާއި ޖަވާބުގައި ބުނެފައި ވަނީ "ޖެކް ރީޗާ" ކުޅެން ލިބި، އެ ފިލްމު އަތުން ބީވުމަކީ ފިލްމީ ދާއިރާގައި ކަންކަން ހިނގާ ގޮތަށް ބަލާ އިރު އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.
"އެކަމަކު ޖެކް ރީޗާ އަކީ އަހަރެން ވަރަށް ބޮޑަށް ކުޅެން ބޭނުންވި ކެރެކްޓާއެއް. އެ ކެރެކްޓާ އަކީ އަބަދު ވެސް އަހަންނަށް ވަރަށް ކަމުދޮޔަ ކެރެކްޓާއެއް. އެކަމަކު ފުރުސަތު ގެއްލުމަކީ އެއްވެސް މައްސަލައެއް ވެސް ނޫން. އެއް ދޮރު ބަންދުވިއްޔާ އަނެއް ދޮރު ހުޅުވޭނެ،" ރޮކް ބުންޏެވެ. "އަހަރެން އުފާ ކުރަން ޓޮމް ކްރޫޒަށް އެ ފިލްމު ލިބުނު ކަމަށްޓަކައި."
އޭނާ ބުނީ "ޖެކް ރީޗާ" ގެއްލުނީ އެ ފިލްމުގައި މަސައްކަތްކުރުމުގެ ނަސީބު ނެތުމުން ކަމަށް ގަބޫލުކުރާ ކަމަށެވެ.
"އެ ފިލްމުގައި މަސައްކަތްކުރުމުގެ ނަސީބު ނެތީމަ އެ އެ ފުރުސަތު ނުލިބުނީ. އެކަމަކު އަހަންނަށް ހާއްސަ ރޯލެއް ކަމަށް ވަންޏާ އެ ރޯލެއް ކޮންމެހެން ވެސް އަހަންނަށް ލިބޭނެ،" ކާމިޔާބު އެތައް ފިލްމެއް މިހާތަނަށް ކުޅެފައިވާ ރޮކް ބުންޏެވެ. "އެއީ އަހަރެން ގަބޫލުކުރާ އުސޫލެއް. އަދި ކޮންމެ ކޮންމެ ރޯލަކީ އަހަންނަށް ލިބެން ޖެހޭ އެއްޗެއް ވެސް ނޫން."
"ޖެކް ރީޗާ" އަކީ ލިޔުންތެރިޔާ ލީ ޗައިލްޑްސް 2005 ގައި "ވަން ޝޮޓް" ގެ ނަމުގައި ގެނެސްދިން ވާހަކަ އަށް ބިނާކޮށް، ކްރިސްޓޯފާ މެކްއަރީ ޑައިރެކްޓްކުރި އެކްޝަން ތުރިލާއެކެވެ. ފިލްމުގައި ކްރޫޒް ކުޅެފައި ވަނީ އޭގެ މައި ކެރެކްޓާ ޖެކް ރީޗާގެ ރޯލެވެ. "ޖެކް ރީޗާ" ގެ ކާމިޔާބީ އަށް ފަހު "ޖެކް ރީޗާ: ނެވާ ގޯ ބެކް" ގެ ނަމުގައި 2016 ގައި ދެވަނަ ބައެއް ވެސް ގެނެސްދީފައިވެ އެވެ. އެ ފިލްމު ޑައިރެކްޓްކުރީ އެޑްވަޑް ޒިވިކެވެ.
ކްރޫޒާ އެކު "ޖެކް ރީޗާ" ކާމިޔާބުވިޔަސް ލިޔުންތެރިޔާ ލީ މީގެ ދެ އަހަރު ކުރިން ދިން އިންޓަވިއުއެއްގައި ވަނީ ކުރިއަށް އޮތް ތަނުގައި އެ ސީރީޒްގެ އިތުރު ފިލްމެއް ހަދާ ނަމަ ކްރޫޒް ނުފެންނާނެ ކަމަށް ބުނެފަ އެވެ. ސަބަބަކީ "ޖެކް ރީޗާ" ގެ އަސްލު އިސްކޮޅަށް ވުރެ އޭނާ ކުރުވުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy