އުރީދޫގެ ސީއީއޯ ވިކްރަމް މިރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ. ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު
14 އޮކްޓޯބަރ 2016 - 00:20
ރާއްޖޭގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މުއާސަލާތީ ހިދުމަތް ދިނުމަށް 10 އަހަރުގެ ތެރޭގައި 250 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) އިންވެސްޓްކޮށްފައިވާ ކަމަށާއި މިހާރު އެ ކުންފުންޏަކީ ފައިދާވަމުން އަންނަ ކުންފުންޏެއް ކަމަށް އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިކްރަމް ސިންހަ މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދެމުން އަންނަ ގަތަރުގެ ކުންފުނިން މިރޭ ވަނީ އާއްމުންނަށް ހިއްސާ ވިއްކުމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓްކޮށްފަ އެވެ. މިއީ ރާއްޖޭގައި ހިއްސާ ވިއްކަން ފަށާ ފުރަތަމަ ބައިނަލްއަގުވާމީ ކުންފުންޏެވެ.
އުރީދޫ މޯލްޑިވްސް ލިސްޓްކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެ ކުންފުނިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށާއި އެގޮތުން މިހާރު އެ ކުންފުންޏަށް ފައިދާވާން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އާއްމު ގޮތެއްގައި މުއާސަލާތީ ކުންފުންޏެއް ފައިދާވާން ނަގާ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތެއް. އަޅުގަނޑުމެން ނެގި ނުވަ އަހަރު،" ވިކްރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކުންފުނިން ވޭތުވެދިޔަ ތަނުގައި އިސްކަން ދިނީ ފައިދާ ހޯދުމަށްވުރެ އިންވެސްޓްކުރުމަށް ކަމަށެވެ. ފާއިތުވި ދެ އަހަރު 40 ޕަސެންޓްގެ ކުރިއެރުމެއް ހޯދާފައިކަން ވިކްރަމް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު ބޭނުން ދިވެހި ރައްޔިތުންނަށް ހާއްސަ ޝުކުރެއް އަދާކުރަން. އެ މީހުންގެ ލޯތްބާއި ސަޕޯޓް ނުލިބޭ ނަމަ މިހާ ބޮޑުކުރިއެރުމެއް ނުލިބުނީސް،" އޭނާ ވިދާޅުވި އެވެ.
އޮގަސްޓް 1، 2005 ގައި ރާއްޖޭގައި ހިދުމަތް ދޭން ފެށި ކުންފުންޏަކީ މާކެޓް އަގަށް ބަލާއިރު ގާތްގަނޑަކަށް 2.5 ބިލިއަން ޑޮލަރުގެ ކުންފުންޏެއްކަން ފާހަގަކުރައްވަމުން ވިކްރަމް ވިދާޅުވީ މިފަދަ ކުންފުންޏެއް ރާއްޖޭގައި އިންވެސްޓްކުރުމުން ދިވެހިން ފަޚުރުވެރިވާން ޖެހޭ ކަމަށެވެ.
އުރީދޫގެ ޗެއާމަން އަބްދުﷲ ބިން މުހައްމަދު މިރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ. ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ ޗެއާމަން އަބްދުﷲ ބިން މުހައްމަދު ބިން އަލްސައުދު އަލްސާނީ ވިދާޅުވީ ވޭތުވެދިޔަ ހައެއްކަ އަހަރުގެ ތެރޭގައި އުރީދޫ މޯލްޑިވްސް ވެފައި ވަނީ އެ ގްރޫޕްގެ ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅަށް ކުރިއަރަމުން އަންނަ އެއް ކުންފުނި ކަމަށެވެ. އަދި އުރީދޫ މޯލްޑިވްސްގެ އައިޕީއޯ ވެގެންދާނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ކުންފުނީގެ ކާމިޔާބީގައި ހިއްސާވުމަށް ލިބޭ ފުރުސަތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭނާ ވަނީ ގަތަރުގެ ސަރުކާރުގެ އެހީގައި ރާއްޖޭގައި ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ސްޓޭޑިއަމެއް އަޅަން ނިންމާފައިވާކަން އިއުލާންކުރައްވައިފަ އެވެ. އޭގެ އިތުރުން ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާގެ އަގުހުރި ތިން ސީ އެމްބިއުލަންސް ވެސް ހަދިޔާކުރައްވައިފަ އެވެ. އަދި ތިން ސަރަހައްދެއްގައި ޒުވާނުންނަށް ހާއްސަ އިންކިއުބޭޓަރެއް ހެދުމަށް ވެސް ނިންމާފައިވާކަން އިއުލާންކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
15 October 2016
އަހަރެންވެސް ގޭގެ ކުލި، ޓެކްސް، ކަރަންޓް ބިލް ފެން ބިލް ދައްްކަިގެން ސަރުކާަރައް އެއްވެސް ފައިދާއެއް ނެތި އިންވެސްޓޮ ކޮއްފިން....
ޟައުޒޫން
15 October 2016
ޢަހަރެމެންގެ އަތުން ލިބުނީ ކިތަށް މިލިޔަން ރުފިޔާތޯ؟
އިބިރިހިން ތައްކާނު
14 October 2016
ލާރި ޚަރަދު ކުރިވާހަކަ. ދެން ލިބޭފައިދާގެ ވާހަކަ. މަބޭނުން މުވައްޒަފުންނަށް އެއްޗެއްނުދީ ފައިދާހޯދުން ނޫން ޚިޔާލެއް ސީއީއޯގެ ސިކުޑީގައެއް ނެއްކަމަށް ބުނެލަން. ދެންވާނީ ބަގުރޫޓް ތޯއްޗެއް.
ފަލަޑޭ
14 October 2016
ހޭދަކުރި ވަރުގެ ވާހަކަ ދައްކަނީ އަޅެ ރާއްޖެއިން ހޯދި ފައިދާގެ އަދަދުވެސް ބުނަންވީނުން؟
މެންޓަލިސްޓް
14 October 2016
މަވެސް ރާއްޖެއަށް 100މ ޑޮލަރު ޙަަރަދުކޮއްފިން އެކަމު ދެނެހުރި އެކަކުވެސް ނުހުންނާނެ ،، އެއީ ސިއްރިއްޔާތުގައި އެކަން ކުރެވުނީމައި ،، އުރީދޫވެސް އެކަންކުރީ އެހެން ،،،،
ގޯނިބެކުޑަ އަލީ
14 October 2016
އުރީދޫ އައް ޝުކުރުވެރިވާ ހާލުބުނެލަން ބޭނުންވަނީ، ކުރިޔައް ގެންދަވަންވީ އެވެ ތިބޭފުޅުންގެ ސަބަބުން އެތައް އަހަރެއްވަންދެން ދިވެހި ރައްޔިތުންނަށް އުނދަގޫ ކުރަމުން ދިޔަ ދިރާގު މިހާރުވަނީ ވަރއްފަހަތައް ވެއްޓފައެވެ ތިގޮތުގައި ފައިތިލަ ސާބިތުކޮއްފިނަމަ ދެން މާކަ ގިނަދުވަހެއްނުވެ ދިރާގުގެ ޖަނާޒާ ބާއްވަން ޖެހިދާނެކަމުގެ ފެހިސިގްނަލް ލިބެމުން ދެއެވެ..
މުގާބޭ
14 October 2016
ދިރާގު ޖަނާޒާ ބާއްވައިގެން ކަމަކުނުދާނެ. ޑިރާގުވެސް އޮންނަންޖެހޭނެ. ނޫނީ އަނެއްކާ ވަތަނިޔާއިން ދިވެހިރައްޔިތުން ފެލަންފަށާނެ.
އަހުމަދު
14 October 2016
ދިރާގު ނެތިއްޖެނަމަ އުރީދޫއިން އަގުތައް ބޮ'ޑުކުރާނެ، ސަބަބަކީ ވާދަވެރިއެއް ނެތުން. ވިޔަފާރި ކުންފުނިތަކުގެ މެދުގައި ވާދަވެރިކަން އުފެދުނުވަރަކައް، އާއްމު ރައްޔިތުންނައް ކަސްޓަމަރުން ނައް ފައިދާވާނީ..
މުއްލެ އެންޑް ގުއްލެ
14 October 2016
ޝުކުރިއްޔާ ވަތަނިއްޔާ. ދިރާގު ދިވެހި ރައްޔިތުން ފެލަމުންދިޔުން ހުއްޓިގެންދިޔައީ ވަތަނިޔާ އައިމާ.
މުހައްމަދު
14 October 2016
ރާްއްޖެ އައް މުއާސަލާތީ އިންގިލާބެއް ގެނެސް ދެއްވި މިދްހަތް ހިލްމީ އައް ފައްފަށުން ޝުކުރިއްޔާ. ޖެހުނު ގަދަ ވަޔާ ވިއްސާރަ އާ ދެކޮޅއް ކުރެއްވި ހަގުރާމައިގެ ފޮނި ނަތީޖާ.