މުނިފޫހިފިލުވުން / ރަންބީރް ކަޕޫރު

ރިޝީ ކަޕޫރްގެ މަރު: ބޮލީވުޑަށް ހިތާމައިގެ މައްޗަށް ހިތާމަ

އެކްޓަރު އިރުފާން ޚާން އިއްޔެ މަރުވެ، މުޅި އިންޑިއާ ހިތާމައިން ފެންކަޅިވެފައި ވަނިކޮށް، ހަމަ އެ ފެންވަރުގެ އެހެން އެކްޓަރެއް ކަމަށްވާ ރިޝީ ކަޕޫރްގެ މަރާ އެކު، އިތުރު ހިތްދަތިކަމެއް ލިބިއްޖެ އެވެ. ހިންދީ ސިނަމާގެ ފުރަތަމަ އާއިލާ ކަޕޫރް ޚާންދާނަށް ނިސްވަތްވާ ރިޝީ، 67، މަރުވީ ކެންސަރަށް ފަރުވާ ހޯދާތާ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ. އޭނާ މަރުވީ އިއްޔެ ވަގުތެއްގައި މުމްބާއީ އެޗްއެން ރިލަޔަންސް ހޮސްޕިޓަލްގެ އެޑްމިޓްކޮށް، އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

އިންޑިއާގެ ވަރުގަދަ ފިލްމީ ދެ ތަރިއަކު ޖެހިޖެހިގެން ދެ ދުވަހުގައި މަރުވެފައި މި ވަނީ ކޮރޯނާވައިރަހާ ހެދި އެ ގައުމު ލޮކްޑައުންކުރުމާ ގުޅިގެން މިދިޔަ މަހުން ފެށިގެން މުޅި ފިލްމު އިންޑަސްޓްރީ ހުއްޓުމަކަށް އައިސްފައިވާ ހިތްދަތި ވަގުތެއްގަ އެވެ. ސިނަމާތައް ހުރީ ބަންދުކުރެވިފަ އެވެ. ފިލްމީ ފަންނާނުން ތިބީ މަސައްކަތެއް ނުކުރެވި ގޭގަ އެވެ.

ރިޝީގެ މަރާ އެކު ބޮލީވުޑްގެ ފަންނާނުން މިހާރު އަންނަނީ ޓްވިޓާގައި ހިތާމަފާޅުކޮށް، އާއިލާ އަށް ތައުޒިޔާކިޔަމުންނެވެ.

ފިލްމީ އާއިލާއެއް

ރިޝީ އަކީ އިތުރު ތައާރަފަކަށް ބޭނުންނުވާ ކުރީގެ އެކްޓަރު/ޑައިރެކްޓަރު ރާޖް ކަޕޫރްގެ ފަސް ދަރިންގެ ތެރެއިން ފިލްމީ ދާއިރާ އިން އެންމެ ވިދައިލި ތަރިއެ އެވެ. އޭނާގެ ބޭބެ ރަންދީރް ކަޕޫރާއި ކޮއްކޮ ރާޖިވް ކަޕޫރަކީ ފިލްމީ ދާއިރާ އަށް ނުކުތް ނަމަވެސް، މާ މަޝްހޫރު ތަރިންނެއް ނޫނެވެ. ރަންދީރަކީ މަޝްހޫރު ދެ ބަތަލާއިން ކަމަށްވާ ކަރިޝްމާ ކަޕޫރާއި ކަރީނާ ކަޕޫރްގެ ބައްޕަ އެވެ.

ރިޝީއާ އެއްބަނޑު އެއްބަފާ ދެން ތިބީ ދެ އަންހެނުންނެވެ. އެއީ ރީމާ ކަޕޫރާއި ރީތޫ ނަންދާ އެވެ. އެ މީހުންނަކީ ފިލްމީ ތަރިންނެއް ނޫނެވެ. ރީތޫ ވަނީ މިދިޔަ ޖެނުއަރީ މަހުގެ 14 ގައި މަރުވެފަ އެވެ.

ރިޝީ އަކީ ކުރީގެ ބަތަލާ ނީޓޫ ސިންގްގެ ފިރިމީހާ އެވެ. އޭނާ އަކީ މަޝްހޫރު އެކްޓަރު ރަންބީރް ކަޕޫރްގެ ބައްޕަ އެވެ. މުޅި އެ އާއިލާ އަށް ބަލައިފި ނަމަ މުޅިން ވެސް ތިބީ ހިންދީ ސިނަމާގެ އަގުހުރި ޝަހުސިއްޔަތުންނެވެ. އޭގެ ތެރޭގައި ރިޝީގެ ކާފަ ޕްރިތުވީރާޖް ކަޕޫރާއި ބޮޑުބޭބެއިން ކަމަށްވާ ޝަޝީ ކަޕޫރާއި ޝައްމީ ކަޕޫރް ފާހަގަކޮށްލެވެ އެވެ. މިއިން އެއްވެސް މީހަކު މިހާރު ދުނިޔެއަކު ނެތެވެ.

އެކްޓިން ކެރިއަރު

ރިޝީ އަކީ ވަރަށް ކުޑަ އިރު ފިލްމީ މަސައްކަތަށް ނުކުތް ތަރިއެކެވެ. އޭނާ އެންމެ ފުރަތަމަ ކުޅުނު ފިލްމަކީ ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި ފެނުނު ބައްޕަ ރާޖް އާއި ނަރުގިސްގެ 1955 ގެ ކާމިޔާބު ފިލްމު "ޝްރީ 420" އިންނެވެ. އޭގެ ފަހުން ރާޖް 1970 ގައި ގެނެސްދިން "މޭރާ ނާމް ޖޯކަރް" ގައި ފުރާވަރުގެ ދުވަސްވަރު މަސައްކަތްކުރި އެވެ. އެ ފިލްމުން އޭނާ އަށް ބެސްޓް ޗައިލްޑް އާޓިސްޓްގެ ނެޝަނަލް އެވޯޑް ވެސް ލިބުނެވެ.

ރިޝީ ބޮލީވުޑްގެ ލީޑިން އެކްޓަރެއްގެ ގޮތުގައި ނުކުތީ ރާޖް 1973 ގައި ޑައިރެކްޓްކުރި "ބޮބީ" އިންނެވެ. މިހާރު ވެސް ގިނަ ބައެއްގެ މެދުގައި ވަރަށް ރީީތި ލޯބީގެ ފިލްމެއްގެ ގޮތުގައި މަޝްހޫރު އެ ފިލްމަކީ އެހާމެ މަޝްހޫރުވި "ހަމް ތުމް އޭކް ކަމްރޭ ބަންދު ހޯ" ލަވަ ހިމެނޭ ފިލްމެވެ.

ރިޝީގެ ދިގު ފިލްމީ ކެރިއަރުގައި ކާމިޔާބު އެތައް ފިލްމެއް ކުޅުނެވެ. އޭނާ ކުޅުނު ފިލްމުތަކުގެ އަދަދު 120 އަށް ވުރެ ގިނަ އެވެ. ރިޝީގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި ރަފޫ ޗައްކަރް (1975)، އަމަރް އަކްބަރު އެންތަނީ (1977)، ކަރަޒް (1980)، ޕްރޭމް ރޯގް (1982)، ސާގަރް (1985)، ޕްރޭމް ގްރާންތު (1986) އަދި ދަރާރު (1996) ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.

ރިޝީ އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ މިދިޔަ ޑިސެމްބަރު މަހު ރިލީޒްކުރި "ދަ ބޮޑީ" އިންނެވެ. އަދި އޭނާ މަރުވި އިރު "ޝަރުމާޖީ ނަމްކީން" ކިޔާ ފިލްމެއްގެ މަސައްކަތް ފަށާފައި އޮތެވެ. އެއީ ޖޫހީ ޗާވްލާއާ އެކު ކުޅެމުން ދިޔަ ޑައިރެކްޓަރު ހިތޭޝް ބާޓިއާގެ ފިލްމެކެވެ. އަދި ދީޕިކާ ޕަދްކޯން ޕްރޮޑިއުސްކޮށް، ބަތަލާގެ ރޯލް ކުޅޭ ހޮލީވުޑްގެ ފިލްމު "ދި އިންޓާން" ގެ ހިންދީ ރިމެމަކަކީ ވެސް ރިޝީ ސޮއިކޮށްފައި އޮތް ފިލްމެކެވެ.

ފިލްމު ކުޅުމުގެ އިތުރުން ރިޝީ ވަނީ ބައްޕަ ރާޖް ފަދައިން ޑައިރެކްޝަން ވެސް ތަޖުރިބާކޮށްފަ އެވެ. އެކަމަކު ކެރިއަރުގައި ޑައިރެކްޓްކުރީ އެންމެ ފިލްމެކެވެ. އެއީ 1999 ގައި އައިޝްވާރިޔާ ރާއީ އާއި އަކްޝޭ ކަންނާއާ އެކު ހެދި "އާ އަބް ލޯޓް ޗަލޭ" އެވެ.

ރިޝީ ބަލިވުން

ރިޝީ ބަލިވެގެން ފަރުވާ ހޯދަން އެމެރިކާ އަށް ދާ ވާހަކަ ޓްވިޓާގައި ހިއްސާކުރީ ސެޕްޓެމްބަރު 29، 2018 ގަ އެވެ. އެ ޓްވީޓްގައި، ފަރުވާ ހޯދަނީ ކޮން ބައްޔަކަށް ކަމެއް ހާމަނުކޮށް ބުނެފައި ވަނީ މަސައްކަތްތަކާ ދުރަށް ޖެހިލައި، ދުވަސްކޮޅަކަށް ފަރުވާ އަށް ދަނީ ކަމަށާއި ވަރަށް އަވަހަށް އެނބުރި އަންނާނެ ކަމަށެވެ.

އޭގެ ފަހުން އަހަރެއް ވަންދެން އެމެރިކާގެ ނިއު ޔޯކްގައި ފަރުވާ ހޯދި އެވެ. އެކަމަކު ފަރުވާ ހޯދަނީ ސީދާ ކޮން ބައްޔަކަށްކަން ރިޝީ އާއި އާއިލާ އިން ސިއްރުކުރި އެވެ.

ނަމަވެސް މީޑިއާތަކުން ވަނީ އެކި ފަހަރު މަތިން ރިޝީ ފަރުވާ ހޯދީ ކެންސަރަށް ކަމަށް ބުނެފަ އެވެ. އަދި މިކަމާ ގުޅިގެން އާއިލާ އިން މީޑިއާ އަށް ނުރުހުން ފާޅުކޮށްފައިވެ އެވެ. ރިޝީ ފަރުވާ ހޯދަނީ ހަމަ ކެންސަރަށްކަން ކަށަވަރުކޮށް ދިނީ އޭނާގެ ގާތް އެކުވެރިޔާ އަދި ކުރީގެ ޑައިރެކްޓަރު ރާހުލް ރަވައިލް ފޭސްބުކްގަ އެވެ. އެއާ އެކު ސީދާ ރިޝީގެ އާއިލާ އާއި ރިޝީ ވެސް އެކަން ކަށަވަރުކޮށްދިނެވެ.

އެމެރިކާގައި ފަރުވާ ހޯދުމަށް ފަހު، އޭނާ އެނބުރި އިންޑިއާ އަށް ދިޔައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ގަ އެވެ. ގައުމަށް އެނބުރި ގޮސް ރިޝި އަލުން ފިލްމީ މަސައްކަތްތަކާ ގުޅުނެވެ. އޭނާ ފަރުވާގައި ގައުމުން ބޭރުގައި ހުއްޓައި ލިބުނު އެންމެ ބޮޑު ހިތާމަ އަކީ މަންމަ ކްރިޝްނާ އޮކްޓޯބަރު 1، 2018 ގައި މަރުވުމެވެ. މޫނު ވެސް ދެކޭނެ ފުރުސަތެއް ނުލިބި ރިޝީ އަށް ޖެހުނީ ފަރުވާގައޮ މަޑުކޮށްގެން ހުންނާނެވެ. އެ ދަނޑިވަޅުގައި އޭނާއާ އެންމެ ގާތުގައި އަބަދު ވެސް ހުރީ އަންހެނުން ނީޓޫ އެވެ.

ރިޝީގެ ވަކިވުން ވެގެން ދާނީ މުޅި ބޮލީވުޑަށާއި ހިންދީ ސިނަމާ އަށް ލިބުނު ވަރަށް ބޮޑު ނިކަމެތިކަމަށެވެ. އޭނާ އަކީ ކޮންމެ ކަހަލަ ރޯލެއް ވެސ ވަރަށް ފުރިހަމަ އަށް، އެހާމެ މޮޅަށް ކުޅެލާ އެކްޓަރެކެވެ.

4 ކޮމެންޓް, 56 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 84%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފެންވަރު އޮޅުނީ

30 April 2020

އެކްޓަރު އިރުފާން ޚާން އިއްޔެ މަރުވެ، މުޅި އިންޑިއާ ހިތާމައިން ފެންކަޅިވެފައި ވަނިކޮށް، "ހަމަ އެ ފެންވަރުގެ" އެހެން އެކްޓަރެއް. އަލުން ރަގަޅަށް ދިރާސާކޮށްފަ ހަބަރު ލިޔެލާ!!!

The name is already taken The name is available. Register?

ރިޝް

30 April 2020

ރިޝީ. ވ މިސް ވާނެ!

The name is already taken The name is available. Register?

ރިހޭފައި

30 April 2020

އެހެންވީމާ ބޮލީވުޑުގެ ރިހޭ ފައިމައްޗަށް ފޮއިވެއްޓުނީތާއެވެ!

The name is already taken The name is available. Register?

ތުނިޔަ

30 April 2020

ކީތްވެ ދިހައެއް ވާހަކަޔަށް ކޮމެންޓް ނުކުރެވެނީ؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454