ކުޅިވަރު / އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް

ވެލެންސިއާ-މާޒިޔާ: ކުރީގެ ދެ ޗެމްޕިއަނުންގެ ސެމީ އެއް

ޔޫތު ޗެމްޕިއަންޝިޕްގައި މާޒިޔާ އާއި ވެލެންސިއާ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މާޒިޔާ

15 އޮކްޓޯބަރ 2016 - 08:44

ޔޫތު ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި މިރޭ ވެލެންސިއާ އާއި މާޒިޔާ ވާދަކުރާއިރު މި ދެ ޓީމަކީ މީގެ ކުރިން މި މުބާރާތް ކާމިޔާބު ކޮށްފައިވާ ދެ ޓީމެވެ.

މާޒިޔާ މި މުބާރާތް ކާމިޔާބުކުރީ 2011 ވަނަ އަހަރު މި މުބާރާތް އަލަށް ބޭއްވި އަހަރެވެ. ވެލެންސިއާ އިން މި މުބާރާތުގެ ތަށި އުފުލާލީ 2013 ވަނަ އަހަރު އެވެ. މި މުބާރާތް ކާމިޔާބުކުރީ އަނެއް ދެ ޓީމަކީ ވިކްޓަރީ އާއި އީގަލްސް އެވެ.

މާޒިޔާ ސެމީން ޖާގަ ހޯދީ ލީގު ބުރުގެ ތިން ވަނަ ޓީމުގެ ގޮތުގަ އެވެ. ވެލެންސިއާ އަށް ޖާގަ ލިބުނީ ލީގުގެ ހަތަރު ވަނައިގެ ގޮތުގަ އެވެ. ސެމީ އަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިފައިވަނިކޮށް ވެލެންސިއާ އަށް ސެމީން ފުރުސަތު ލިބުނީ ލީގު ބުރުގެ ފަހު މެޗުގައި ވިކްޓަރީ އާއި ނިއު ރޭޑިއަންޓް އެއްވަރުވުމުންނެވެ. ނިއު އާއި ވިކްޓަރީ ކުޅުނު މެޗުން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް ވެލެންސިއާ ކަޓާނެ އެވެ.

ވެލެންސިއާގެ ޔޫތު ޓީމުގެ ކޯޗު އިލްމާއު ހުސެއިން (މައު) "މިހާރަ"ށް ބުނީ ސެމީގެ ޖާގަ ހޯދުނީ ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް އެންމެ ފަހު ވަގުތާ ހަމައަށް ވެސް ކުޅުންތެރިން އުއްމީދު ދޫކޮށްނުލުމުން ކަމަށެވެ.

"އެންމެ ފަހު ވަގުތާ ހަމައަށް ވެސް އުއްމީދު އޮތް. ފުރުސަތު ލިބުނީމަ ބޭނުން ހިފަން ބޭނުން. ސެމީގައި ރަނގަޅު ކުޅުމެއް ދައްކަައިގެން މޮޅުވުން އަޒުމަކީ. އެއް ފަހަރު މާޒިޔާއާ ވާދަކޮށް މި ފަހަރު މޮޅުވެއްޖެ. އެއީ ވެސް ކޮންފިޑެންސަށް ބަލާއިރު އޮތް ކޮންމެވެސް ވަރެއްގެ އެޑްވާންޓޭޖެއް،" މައު ބުންޏެވެ.

ސެމީގައި ވާދަކުރާ ޓީމުތަކަށް ބަލާއިރު ވެލެންސިއާގެ ސްކޮޑުގައި ތިބި ކުޅުންތެރިންގެ ތެރޭގައި ސީނިއާ ޓީމުން ފުރުސަތު ލިބޭ ކުޅުންތެރިއަކު ނެތުމަކީ މައްސަލައެއް ނޫން ކަމަށް އޭނާ ބުންޏެވެ.

"ސެމީގައި ދެން އޮތް ޓީމުތަކުގައި އެބަތިބި ސީނިއާ ޓީމުގައި ވެސް ގަވައިދުން ކުޅޭ ކުޅުންތެރިން. އެކަމަކު ވެލެންސިއާގައި ނެތް އޭގެ ކުޅުންތެރިއެއް. އެކަމަކު އެއީ މާބޮޑު ސަމާލުކަމެއްދޭ ކަމެއް ނޫން. ވެލެންސިއާ ޔޫތު ޓީމާއި ސީނިއާ ޓީމުގެ ޕްރެކްޓިސް އެއްކޮށް ގެންދަނީ. އެ ފަސޭހަތައް ވެސް އޮންނާނެ. ސީނިއާ ކުޅުންތެރިންނާ އެކު ވެސް މި ކުޅުންތެރިން ޕްރެކްޓިހުގައި ކުރާ ހިތްވަރު ފެނޭ،" މައު ބުންޏެވެ.

މާޒިޔާގެ ކޯޗު މުހައްމަދު ސުވައިދު (ސްވޭޓޯ) ބުނީ ލީގު ބުރުގައި ކުޅުނު ގިނަ މެޗުތަކުގައި ކުޅުންތެރިންގެ ފަރާތުން ގޯސްތަކެއް ފެނުނު ކަމަށާއި އެކަން ރަނގަޅުކުރުމަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި މާޒިޔާ އާއި ވެލެންސިއާ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މާޒިޔާ

"ލީގު ބުރުގައި ވެލެންސިއާ އަތުން ބަލިވި މެޗުގައި ވެސް ވަރަށް ގިނަ ފުރުސަތުތަކެއް ލިބުނު. އެކަމަކު އެ ބޭނުން ނުކުރެވިގެން ބަލިވީ. ދެން ކުޅުނު މެޗުތަކުގައި ވެސް ފަރުވާކުޑަ ކޮށްލުމުގެ ސަބަބުން މެޗު ގެއްލިފައިހުރީ. މި ކަންތައް ރަނގަޅުކުރުން ފުރަތަމަ ކަމަކީ. އެއީ އެކަން ރަނގަޅުކޮށްފިނަމަ ނަތީޖާ ނެރެވޭނެ ފަދަ ކުޅުންތެރިން އެބަތިބި،" ސްވޭޓޯ ބުންޏެވެ.

ސެމީގައި ވާދަކުރާ ހަތަރު ޓީމު ވެސް ދާދި އެއްވަރު ކަަމަށާއި ކުޅުންތެރިންނަށް ބަލާއިރު އީގަލްސްގައި ސީނިއާ ޓީމަށް ކުޅޭ ގިނަ ކުޅުންތެރިން ތިބުމުން އެ ޓީމަށް އެ އެޑްވާންޓޭޖް އޮތް ކަަމަށް ސްވޭޓޯ ދެކެ އެވެ.

"އީގަލްސްގެ އެބަތިބި ސީނިއާ ޓީމުގައި ހިމެނޭ 16 ކުޅުންތެރިން. އެއީ އެ ޓީމަށް އޮތް އެޑްވާންޓޭޖެއް. ކުޅުމަށް ބަލާއިރު ބުނެވޭނީ ދާދި އެއްވަރެއްގެ ހަތަރު ޓީމު ސެމީގައި މިއޮތީ. ފަސޭހައެއް ނުކޮށްލާނަން،" ސްވޭޓޯ ބުންޏެވެ.

މާޒިޔާގެ ސީނިއާ ޓީމަށް ކުޅޭ ގައުމީ ޓީމުގެ ޑިފެންޑަރު ސަމޫހް އަލީ (ސަމުއްޓެ) މި މުބާރާތުގެ ބައެއް މެޗުތަކުގައި ނުފެނެ އެވެ. އެކަމަކު މިރޭ އޭނާ ކުޅޭނެ އެވެ.

މި މުބާރާތުގެ ލީގު ބުރުގެ މެޗުތައް ހެންވޭރު ދަނޑުގައި ކުޅުނު ނަމަވެސް ސެމީ އާއި ފައިނަލް އޮންނާނީ ގަލޮޅު ދަނޑުގަ އެވެ.

ސެމީގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ކުޅޭނީ ޓީސީ އާއި އީގަލްސް އެވެ. މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭނެ އެވެ. ބަލިވާ ޓީމެއް ދާނީ ތިން ވަނަ ސެމީ އަށެވެ. ތިން ވަނަ ސެމީގައި އެ ޓީމު އަންނަ ބުުދަ ދުވަހު ކުޅޭނީ ދެ ވަނަ ސެމީގައި މިރޭ މާޒިޔާ އާއި ވެލެންސިއާ ކުޅެގެން މޮޅުވާ ޓީމަކާ އެވެ

ވެލެންސިއާ އާއި މާޒިޔާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454