ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި ބޭއްވި އެ ސްކޫލުގެ އިނާމުދިނުމުގެ ޖަލްސާގައި، ދަރިވަރުން ބައިވެރިވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
01 މެއި 2020 - 23:34
ވިލާ އިންޓަނޭޝަނަލް، މި ސަރަހައްދުގައި ފާހަގަކޮށްލެވޭ ހައި ސްކޫލަކަށް ހެދުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށް އެ ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.
މާލޭގައި މަތީ ސާނަވީއަށް ކުރިން ކިޔަވައިދެމުން އައި ހަމައެކަނި ސްކޫލު، ސީއެޗްއެސްއީއަށް ބާރު ބޮޑުވެ، ދަރިވަރުންތަކެއް ބާކީވަމުން ދިޔުމުގެ ސަބަބުން ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ވިލާ ހައި ސްކޫލު އުފެއްދީ މީގެ 10 އަހަރު ކުރިންނެވެ.
މިއަދު ފާހަގަކުރާ އެ ސްކޫލުގެ އަހަރީ ދުވަހާ ގުޅިގެން ސައީދު "މިހާރު" އަށް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ކުރެއްވުނު މަސައްކަތްތަކާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. ޒިންމާދާރު، އަހުލާގު ރަނގަޅު ދަރިންތަކެއް ބިނާކުރެވުމަކީ އެ ސްކޫލުގެ ވަރަށް ބޮޑު ކާމިޔާބީއެއްކަން ފާހަގަކުރެއްވި އެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން މިދިޔަ އަހަރު ބޭއްވި އިނާމު ދިނުމުގެ ޖަލްސާގައި، އެ ސްކޫލުގެ ޕްރިންސިޕަލް ސައީދު ވާހަކަދައްކަވަނީ.- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ސައީދު ވިދާޅުވީ 10 އަހަރަށް ބަލާއިރު، އެންމެ ބޮޑު ކާމިޔާބީއަކީ ވީހާ ވެސް ގިނަ ދަރިވަރުންތަކަކަށް މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. މިހާތަނަށް އެ ސްކޫލުން 4،000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކޮށްފައި ވެ އެވެ.
މީގެ 10 އަހަރު ކުރިން އެ ސްކޫލުގައި ކިޔަވައިދޭން ފެށީ، ސީއެޗްއެސްއީގައި އޭރު ތިބި 459 ދަރިވަރުންނާ އެކުގަ އެވެ. ސައިންސާއި ބިޒްނަސް ސްޓްރީމް ކިޔަވައިދޭ ސްކޫލުގައި މިވަގުތު 600 ދަރިވަރުން އެބަތިއްބެވެ.
ވިލާ ހައި ސްކޫލުން ވަނީ އޮންލައިންކޮށް ކިޔަވައިދޭނެ މޫޑުލް ޕޯޓަލް ބޭނުންކޮށްގެން މީގެ ހަތަރު ވަރަކަށް އަހަރު ކިޔަވައިދޭން ފަށައިފަ އެވެ. އެއިން، ޓީޗަރުންނާ ވާހަކަދައްކައި، ފިލާވަޅުތައް އަޕްލޯޑު ކުރެވޭނެ އެވެ. ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ ސްކޫލުތަކުގައި ކިޔަވައިދިނުން މެދުކަނޑާލި ކަމުގައި ވިއަސް ވިލާ ހައި ސްކޫލުން އަންނަނީ މޫޑުލް އަދި ގޫގުލް ކްލާސްރޫމް ބޭނުންކޮށްގެން ކިޔަވައިދެމުންނެވެ.
ވިލާ ހައި ސްކޫލުން 2018 ވަނަ އަހަރު ބޭއްވި އިނާމު ދިނުމުގެ ޖަލްސާގައި، އެވޯޑު ހޯދި ބައެއް ދަރިވަރުން ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"މިވީ އަހަރުތަކުގެ ތެރޭގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މި ސްކޫލުގެ ދަރިވަރުން ފަހުރުވެރި ކާމިޔާބުތަކެއް ހޯދައިފި. އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ވިލާ ހައި ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި އަށް އަހަރު ހޭދަކުރައްވާފައިވާ ސައީދު ވިދާޅުވި އެވެ.
ކިޔެވުމަށް އިތުރު ހިތްވަރެއް ދިނުމަށް ވިލާ ހައި ސްކޫލުން އަންނަނީ ސްކޮލަޝިިޕްތަކެއް ވެސް ދެމުންނެވެ. އެގޮތުން އޯ ލެވެލްގެ ގަދަ ތިނެއްގައި ހިމެނޭ ދަރިވަރުންނަށް ޕޮކެޓް މަނީގެ ގޮތުގައި ވަކި ވަރެއް އަންނަނީ ދެމުންނެވެ. އޭގެ އިތުރުން ވަކި ވަކި މާއްދާތަކުން އެއްވަނަ ހޯދައި އަދި އިތުރު ހަރަކާތްތަކާއި ކުޅިވަރުން ގައުމީ ފެންވަރުގައި ކާމިޔާބު ހޯދާ ދަރިވަރުންނަށް ވެސް ސްކޮލަޝިޕާއެކު އަންނަނީ ޕޮކެޓް މަނީ ދެމުންނެވެ.
ސްކޮލަޝިްތަކުގައި މިހާރު ވެސް 30 ވަރަކަށް ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.
ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ ސްކޫލު ފީ ދައްކައިދޭނީ ސަރުކާރުންނެވެ. އެ ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް، ސަރުކާރުން ވެސް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy