ލައިފްސްޓައިލް / ދީން

ސުލޫކު ބަދަލުކުރަން ބޮޑު ދައުރެއް އަދާކުރަނީ ހިތް

ޑރ. ސަޢުދުﷲ ޢަލީ

03 މެއި 2020 - 09:56

1 comments

އިންސާނާގެ ކިބައިން (އިޚްތިޔާރީ) ސުލޫކެއް ފެނުމަށްޓަކައި ބޭނުންވާ އެންމެ ފުރަތަމަ ފިޔަވަޅަކީ، އެ ސުލޫކާ ގުޅޭ ފިކުރު ސިކުނޑިން ގަބޫލުކޮށް އެކަމަށް ކަށަވަރުކަން ލިބުމެވެ. މި ފިޔަވަޅާ ބެހޭ ގޮތުން ކުރީގެ ލިޔުމެއްގައި އަލިއަޅުވާލާފައިވާނެ އެވެ. މިއީ ފެށުމަށްޓަކައި މުހިންމު ފިޔަވަޅަކަށް ވިއަސް، ސުލޫކު ބައްޓަންކުރަން ނުވަތަ ބަދަލުކުރަން އެންމެ މުހިންމު ދައުރެއް އަދާކުރަނީ ދެން އޮންނަ ފިޔަވަޅެވެ. އެއީ ސިކުނޑިން ފޮނުވާ ފިކުރު، ހިތުން ބަލައިގަތުމާއި އެއަށް ރުހުން ލިބުމެވެ. މިކަން ނުވާނަމަ ތިންވަނަ ފިޔަވަޅު ކުރިއަކަށް ނުދާނެ އެވެ. އެއީ ސުލޫކު ތަންފީޒު ކުރުމަށް ގުނަވަންތަކަށް އަމުރު ނެރުމާއި ނަފްސު އެކަމުގައި އިޚްލާޞްތެރި ވުމެވެ. ޝައިޠާނުން އެދޭ ގޮތަށް އިންސާނާގެ އަމަލުތައް ބައްޓަން ކުރުވާ ގޮތް ﷲ ގެ ވަޙީ ބަސްފުޅުގައި (އަލްއަންޢާމް 113) ވާއިރު، ސިކުނޑިން ކުރާ މަސައްކަތުގެ ވާހަކަ ވަކިން ބަޔާންކޮށްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ފުރަތަމަ ވެސް ބަޔާންކޮށްފައި ވަނީ ހިތްތައް ވަސްވާސްތަކަށް ލެންބުމެވެ. މިއީ ހަގީގަތުގައި ސިކުނޑިން ފެށްޓުނު މަސައްކަތުގެ ނަތީޖާ އެވެ. ދެވަނަ އަށް ބަޔާންކޮށްފައި ވަނީ ވަސްވާސްތަކަށް ރުހި ގަބޫލުކުރުވުމެވެ. މިއީވެސް ހިތުގެ އަމަލެކެވެ. އާޔަތުގައި ފަހު ކަމަކަށް ބަޔާންކޮށްފައިވަނީ މި ދެކަންތައް ކާމިޔާބުވެއްޖެ ނަމަ ދެން ނުކުންނާނެ ނަތީޖާ އެވެ. އެއީ ނަފްސު ޝައިޠާނާ އަށް އިޚްލާޞްތެރިވެ ގުނަވަންތަކުން ފާފަތަކަށް އަރައިގަތުމެވެ.

ސިކުނޑިން ފޮނުވާ ފިކުރު، ހިތުން ބަލައިގަނެ އެއަށް ރުހުން ނުދޭހާ ހިނދަކު ފިކުރުތަކާއި ސުލޫކުތަކާ ފުށުއަރާނެ އެވެ. މިއީ އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް ތަޖުރިބާ ކުރެވެމުންދާ ކަމެކެވެ. ދީނީ ވާޖިބުތައް އަދާކުރުމުގައި ފަރުވާތެރިވާން، ނުވަތަ ނުރަނގަޅު ސުލޫކުތަކުން ދުރުހެލިވާން، ސިކުނޑި ކިތަންމެ ވަރަކަށް ބުންޏަސް އަމަލުން އެކަންކަން ނުކުރެވޭތަން އަންނަނީ މަދެއްކޮށެއް ނޫނެވެ. ކުރީގެ ލިޔުމުގައި ފާހަގަކުރި ފަދައިން ސިކުނޑިން ފިކުރެއް ގަބޫލު ކުރިޔަސް ސިކުނޑީގައި އެ ފިކުރަށް ޔަގީންކަން ނުލިބޭނަމަ ހިތާ ހަމައަށް އެ ނުފޯރާނެ އެވެ. އެހެންވިއްޔާ އެއާ ގުޅޭ ސުލޫކު ވެސް ނުފެންނާނެ އެވެ. ހަމަ މި މޭރުމުން، ސިކުނޑީގައި އެ ފިކުރަށް ޔަގީންކަން ލިބިގެން ހިތަށް ފޮނުވާ ފިކުރެއް ވެސް ހިތުން ބަލައިނުގަނެ، ރުހުން ނުލިބިއްޖެ ނަމަ ސުލޫކު ނުފެންނާނެ އެވެ. މިހެން މިވަނީ ކީއްވެހެއްޔެވެ؟

މީގެ ސަބަބަކީ، އިންސާނާގެ ހިތުގެ އިރާދަތު ބަލިކަށިވުމާއި ހަވާނަފްސުގެ ހަނގުރާމާގައި ޢަޤީދާ އަށް ނާކާމިޔާބު ވުމެވެ. މިއިން ހާމަވެގެން މިދަނީ، ސުލޫކު ބައްޓަން ކުރުމުގައި މަރުކަޒީ ދައުރެއް އަދާކުރަނީ ހިތް ކަމެވެ. މި ލިޔުމުގައި "ހިތް" މި މާނަ ކުރަނީ އިންސާނާގެ ފިކުރުތަކާއި ޖަޒުބާތުތައް ކޮންޓްރޯލު ކުރާ "ބާރު" ގެ މާނައިގަ އެވެ. ކީރިތި ޤުރްއާނުގައި ހިތަށް "ޤަލްބު" ގެ ލަފުޒު ބޭނުން ކުރިއަސް ޤުރްއާނުގައި ވެސް މަގުސަދަކީ މިދެންނެވި "ބާރު" އެވެ. މާއްދީ ހިތުގެ ވާހަކައެއް ނޫނެވެ. "ޤަލްބު" ގެ އިތުރުން ޤުރްއާނުގައި "ފުއާދު" އާއި، "ޞަދްރު" ގެ ލަފުޒު ވެސް މި މާނައިގައި ބޭނުން ކުރެ އެވެ. އިންސާނެއްގެ ސުލޫކަށް ބާރުފޯރުވާ، އެންމެހާ ގަބޫލުކުރުންތަކާއި ޖަޒުބާތުތައް ބައްޓަން ވެގެންދަނީ ހިތުގަ އެވެ. އެހެންކަމުން ހިތަކީ މުޅި އިންސާނާ ކޮންޓްރޯލު ކުރާ ބާރެކެވެ. ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީސްފުޅެއްގައިވެ އެވެ. "އިންސާނާގެ ހަށިގަނޑުގައި ގަނޑު މަސްކޮޅެއް ވެ އެވެ. އެ އިޞްލާޙު ވެއްޖެނަމަ މުޅި ހަށިގަނޑު އިޞްލާހު ވެދެ އެވެ. އަދި އެ ފާސިދު ވެއްޖެނަމަ މުޅި ހަށިގަނޑު ފާސިދު ވެދެ އެވެ. ފަހެ އެއީ ހިތެވެ." (މުއްތަފަޤު).

މި ލިޔުމުގައި "ހިތް" މި މާނަ ކުރަނީ އިންސާނާގެ ފިކުރުތަކާއި ޖަޒުބާތުތައް ކޮންޓްރޯލު ކުރާ "ބާރު" ގެ މާނައިގަ އެވެ. ކީރިތި ޤުރްއާނުގައި ހިތަށް "ޤަލްބު" ގެ ލަފުޒު ބޭނުން ކުރިއަސް ޤުރްއާނުގައި ވެސް މަގުސަދަކީ މިދެންނެވި "ބާރު" އެވެ. މާއްދީ ހިތުގެ ވާހަކައެއް ނޫނެވެ. "ޤަލްބު" ގެ އިތުރުން ޤުރްއާނުގައި "ފުއާދު" އާއި، "ޞަދްރު" ގެ ލަފުޒު ވެސް މި މާނައިގައި ބޭނުން ކުރެ އެވެ.

މި ހިސާބުން އުފެދޭ ސުވާލަކީ، ސިކުނޑިން މި ފޮނުވާ ފިކުރު، ހިތުން ބަލައިނުގަނެ އަނބުރާ ފޮނުވާލަނީ ކީއްވެގެން ހެއްޔެވެ؟ ނުވަތަ މިކަމަށް މި ހުރަސްއަޅަނީ ކޮން ކަމެއް ހެއްޔެވެ؟ މީގެ ޖަވާބުގައި ފުރަތަމަ ދެކަމެއް ފާހަގަ ކޮށްލަން ޖެހެ އެވެ. އެއްކަމަކީ ހިތަކީ އިންސާނާގެ ހުރިހާ ޝުޢޫރުތަކާއި އިހުސާސްތައް ނުވަތަ ޖަޒުބާތުތައް އެތަނެއްގައި ޖަމާވާ ތަނެވެ. ދެވަނަ ކަމަކީ، މި ޖަމާވާ ޖަޒުބާތުތަކަކީ ދެފަރާތަކުން އޭގެ ކޮންޓްރޯލު ހޯދަން ހަނގުރާމަ ކުރެވެމުންދާ އެއްޗެކެވެ. އެއްފަރާތަކީ، އިންސާނާ ގަބޫލުކުރާ ގަބޫލުކުރުންތަކެވެ. ނުވަތަ އީމާންކަމެވެ. އަނެއް ފަރާތަކީ އިންސާނާގެ ހަވާ ނަފްސެވެ. ނުވަތަ ނަފްސުގައިވާ އެދުންތަކެވެ. އިންސާނާގެ އިޚްތިޔާރީ ކޮންމެ ސުލޫކެއް ވެސް ވުޖޫދުވުމުގެ ކުރިން އީމާންކަމާއި ހަވާނަފްސާ ދެމެދު ހަނގުރާމައެއް ހިނގާނެ އެވެ. ކާމިޔާބު ހޯދާނީ މީގެ ތެރެއިން ބާރުގަދަ އެއްޗެކެވެ. އެހެންކަމުން ސުލޫކުގެ ނަސީބުވެރިއަކަށް ވާނީ މި ކާމިޔާބު ހޯދި ފަރާތެވެ. ﷲ ގެ ވަޙީ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ފަހެ، އެއުރެން ކަލޭގެފާނަށް އިޖާބަ ނުދިން ނަމަ (އެބަހީ ކަލޭގެފާނު އެއުރެންގެ ކިބައިން އެދިވަޑައިގެންނެވި ކަންތައް، އެއުރެންނަށް ނުކުރެވިއްޖެ ނަމަ) ފަހެ، ދެނެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން އެއުރެން އެ ތަބާވަނީ ހަމައެކަނި އެއުރެންގެ (ނުބައި) އެދުންތަކަށެވެ." (އަލްޤަޞަޞް 50).

"އިންސާނާގެ ހަށިގަނޑުގައި ގަނޑު މަސްކޮޅެއް ވެ އެވެ. އެ އިޞްލާޙު ވެއްޖެނަމަ މުޅި ހަށިގަނޑު އިޞްލާހު ވެދެ އެވެ. އަދި އެ ފާސިދު ވެއްޖެނަމަ މުޅި ހަށިގަނޑު ފާސިދު ވެދެ އެވެ. ފަހެ އެއީ ހިތެވެ." (މުއްތަފަޤު).

ވީމާ އިންސާނާގެ ކިބައިން އުރެދުމެއް ފެނިއްޖެ ނަމަ އޭގެ މާނައަކީ، އޭނާގެ އީމާންކަމުގެ މައްޗަށް ހަވާ ނަފްސު ކުރިހޯދައިފި ކަމެވެ. އަދި ނުކިޔަމަންތެރިކަމެއް ފެނިއްޖެ ނަމަ އޭގެ މާނައަކީ، އޭނާގެ ހަވާ ނަފްސުގެ މައްޗަށް އީމާންކަން ކުރިހޯދައިފި ކަމެވެ. ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީސްފުޅެއްގެ މާނައިގައިވެ އެވެ. "ޒިނޭކުރާ މީހާ ޒިނޭކުރާ ހިނދު މުއުމިނެއް ކަމުގައި ނުވެ އެވެ. އަދި ވައްކަންކުރާ މީހާ ވައްކަންކުރާ ހިނދު މުއުމިނެއް ކަމުގައި ނުވެ އެވެ. އަދި ރާބޯ މީހާ ރާބޯ ހިނދު މުއުމިނެއް ކަމުގައި ނުވެ އެވެ. އަދި މުއުމިނެއް ކަމުގައިވާ ހިނދު ޤަތުލެއް ނުކުރާނެ އެވެ." (ބުޚާރީ). މިތަނުގައި އީމާންކަން ނުވަތަ ޢަޤީދާ މި މާނަ ކުރަނީ ސިކުނޑިން ގަބޫލުކޮށް ޔަގީންކަން ދިން ސައްހަ ފިކުރުތަކަށެވެ. ސައްހަ ނޫން ނަމަ ހިތުން އެއަށް ރުހުންދިނަސް ސުލޫކު ފެންނާނީ ސައްހަނޫން ގޮތުގަ އެވެ. އަދި ސައްހަކަން މިތަނުގައި މިބަލަނީ އިސްލާމީ ނަޒަރުންނެވެ. އެހެން ޢަޤީދާތަކުގެ ނަޒަރުން ސައްހަ ކަމަކީ ނިސްބީ ކަމެކެވެ. ވީމާ މި ހަދީސްގައި މިފާހަގަކުރި ކަންކަން އެހެން ނަޒަރަކުން ބަލައިފި ނަމަ އެއީ އުރެދުން ކަމުގައި ނުވުން އެކަށީގެންވެ އެވެ.

"ޒިނޭކުރާ މީހާ ޒިނޭކުރާ ހިނދު މުއުމިނެއް ކަމުގައި ނުވެ އެވެ. އަދި ވައްކަންކުރާ މީހާ ވައްކަންކުރާ ހިނދު މުއުމިނެއް ކަމުގައި ނުވެ އެވެ. އަދި ރާބޯ މީހާ ރާބޯ ހިނދު މުއުމިނެއް ކަމުގައި ނުވެ އެވެ. އަދި މުއުމިނެއް ކަމުގައިވާ ހިނދު ޤަތުލެއް ނުކުރާނެ އެވެ." (ބުޚާރީ).

ސިކުނޑިން ޔަގީންކުރާ ކަންކަން ހިތުން ބަލައިނުގަންނަނީ އީމާންކަމުގެ މައްޗަށް އެދުންތައް ކުރިހޯދާތީ ކަމަށްވާނަމަ އެދުންތަކުގެ ބާރު ދަށްކޮށް އީމާންކަމުގެ ބާރު ގަދަ ކުރެވޭނެ ގޮތެއް ހޯދަން އެބަ ޖެހެ އެވެ. ކީރިތި ޤުރްއާނުން އެނގޭ ގޮތުގައި ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވާ މީހުން، މިކަންކަމަށް ދެކޮޅުވެރިވާ މީހުން ދެކެ ލޯތްބެއް ނުވާނެ އެވެ. މި ދެކޮޅުވެރިންނަކީ އެމީހުންގެ އެންމެ ގާތް މީހުން ކަމުގައިވިއަސް މެ އެވެ. އަދި މިދަރަޖަ އަށް މިދަނީ އެ މީހުންގެ ހިތްތަކުގައި ﷲ އީމާންކަން ލިޔުއްވައި އެކަލާނގެ ދެއްވަވާ ރޫޙަކުން، އެ މީހުންނަށް ގަދަކަން ލިބިގެންދާތީ އެވެ. (އަލްމުޖާދަލާ 22)

ވީމާ، ބޭނުންވަނީ މިފަދަ އީމާންކަމަކާއި ރޫޙާނީ ގަދަކަމެއް ލިބޭތޯ ބެލުމެވެ. އިސްލާމްދީން ވަނީ މިކަމަށް ވަރަށް ގިނަ ވަސީލަތްތައް ފަހިކޮށްދީފަ އެވެ. މިގޮތުން އެންމެ މުހިންމު ވަސީލަތަކީ، ޖާހިލުކަން ފޮހެލައި ޢިލްމު އިތުރު ކުރުމެވެ. މި ޢިލްމުގެ އަސާސީ މަޞްދަރަކީ ކީރިތި ޤުރްއާނާއި ނަބަވީ ސުންނަތެވެ. މި ދޭތިން ހިދާޔަތު ހޯދަން މަސައްކަތް ކުރާ މީހަކު ގެއްލިގެން ނުދާނެ އެވެ.

ކީރިތި ރަސޫލާ، ހިތަށް އިޝާރާތް ކުރައްވައި ހަދީސް ކުރައްވަނީ، "ތަޤުވާ ވަނީ މިތަނުގައެވެ".

ދެވަނަ ވަސީލަތަކީ، ޤުރްއާނާއި ސުންނަތުގައި އެކުލެވޭ ފިކުރުތަކާއި މަފްހޫމްތަކުގެ މައްޗަށް އީމާންކަން ބައްޓަން ކުރުމެވެ.

ތިންވަނަ ވަސީލަތަކީ، މި އީމާންކަމާއި، ﷲ އާ ގާތްކަން އުފެއްދުމަށްޓަކައި ކުރާ އަޅުކަންތަކާއި، އެނޫންވެސް ގޮތްގޮތުން ތަޤުވާވެރިކަން ވަރުގަދަ ކުރުމެވެ. ތަޤުވާގެ ބޭނުމަކީ ނަފްސު ތަހުޒީބުކޮށް ސުލޫކު ހެޔޮލަފާ ކުރުމެވެ. ތަޤުވާގެ މަރުކަޒަކީ ހިތެވެ. ކީރިތި ރަސޫލާ، ހިތަށް އިޝާރާތް ކުރައްވައި ހަދީސް ކުރައްވަނީ، "ތަޤުވާ ވަނީ މިތަނުގައެވެ". ތަޤުވާ އިތުރުކުރަން ކުރާ މަސައްކަތަކީ ގޮންޖެހުންތައް ހުރި މަސައްކަތެކެވެ. އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ޝައިޠާނާގެ ވަސްވާސްތަކެވެ. ވީމާ މިކަމަށް ވަރަށްބޮޑަށް ފާރަވެރިވާން ޖެހޭނެ އެވެ. އަދި ތަޤުވާ އިތުރުކުރުމުގެ މަސައްކަތުގައި ހިތަށް އަސަރުކުރުވާ ފަދަ ތަރުބަވީ ގޮތްތައް ބޭނުން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންނޫން ނަމަ އީމާންކަމުގެ މައްޗަށް ހަވާނަފްސު ކުރިހޯދާނެ އެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 25%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައިމިނަތ

07 May 2020

ވަރަށް ރަނގަޅު ލިޔުމެއް. ތެދުމަގު ހޯދަން މަސައްކަތް ކޮށް އެކަމަށް ކާމިޔާބު ލިބި އިސްލާމް ދީނުގެ އަލިކަމަށް އައިސް ތިބި މީހުން އަންނަނީ މިފަދަ ވިސްނުން ތަކެއް ވިސްނައިގެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454