ލައިފްސްޓައިލް

ސުލޫކު ބަދަލުކުރަން އެންމެ ފުރަތަމަ ފިކުރު އިސްލާހު ކުރުން

ޑރ. ސަޢުދުﷲ ޢަލީ

28 އެޕްރީލް 2020 - 15:11

އިންސާނާގެ ކިބައިން ސުލޫކެއް ފެނިގެންދާނީ އޭނާގެ ނަފްސުގައި ތިން ކަމެއް ތަރުތީބުވެގެންނެވެ. ފުރަތަމަ ކަމަކީ އެ ސުލޫކާ ގުޅޭ ފިކުރަށް ސިކުނޑިން ކަށަވަރުކަން ލިބި ހަރުލުމެވެ. ދެވަނަ ކަމަކީ ހިތުން އެ ފިކުރު ބަލައިގަނެ އެއަށް ރުހުން ލިބުމެވެ. ތިންވަނަ ކަމަކީ، އެ ތަންފީޒު ކުރުމަށް ގުނަވަންތަކަށް ހިތުން އަމުރު ނެރުމެވެ. ޝައިޠާނުން އެދޭ ގޮތަށް އިންސާނާގެ އަމަލުތައް ބައްޓަން ކުރުވަނީ ވެސް މި ތިން މަރުހަލާގެ ތެރެއިންކަން ކީރިތި ޤުރްއާނުން އެނގެއެވެ. ﷲ ގެ ވަޙީ ބަސްފުޅުގެ މާނައިގައި ވެއެވެ. "އަދި (އެ ޝައިޠާނުން ވަސްވާސްދީ އުޅެނީ) އާޚިރަތް ދުވަހަށް އީމާންނުވާ މީހުންގެ ހިތްތައް އެ ވަސްވާހަށް ލެންބުމަށާއި، އެއުރެން އެކަމަށް ރުހި ގަބޫލު ވުމަށާއި، އެއުރެން އެ އަރައަރައިގަންނަ ފާފަތަކަށް އަރައިގަތުމަށްޓަކައެވެ. (އަލްއަންޢާމް 113). ހަމަ މި އުސޫލުން ﷲ ގެ އަމުރުތަކަށް ކިޔަމަންވެ ރަނގަޅު އަޚްލާޤީ ސުލޫކުތައް ފެނިގެން ދާނީ ވެސް މި މަރުހަލާތައް ކަޑައްތު ކުރެވިގެންނެވެ. އެއީ ފުރަތަމަ އީމާންކަމެވެ. ދެން ތަޤުވާ އެވެ. އެއަށްފަހު ތަބާވުމެވެ. މި ލިޔުމުގައި މި ބަލައިލަނީ މި މަރުހަލާތަކުގެ ތެރެއިން ފުރަތަމަ މަރުހަލާ އަށެވެ.

އިންސާނާގެ ގުނަވަންތަކުން ފެންނަ ސުލޫކަށް އަމުރު ކުރަނީ އޭނާގެ ޖަޒުބާތު ތަކުގެ (އިހުސާސްތަކާއި ޝުޢޫރުތަކުގެ) މަރުކަޒު ކަމުގައިވާ ހިތުން ކަމަށް ވިއަސް ހިތުގައި މި ޖަޒުބާތުތައް ހަރަކާތް ކުރުވަނީ އިންސާނާގެ ސިކުނޑިން ގަބޫލުކޮށް އެއަށް ކަށަވަރުކަން ލިބި ހަރުލާފައިވާ ފިކުރުތަކުންނެވެ. އިންސާނާގެ ވަރަށް ގިނަ ސުލޫކުތަކެއް މާބޮޑު ވިސްނުމަކާ ނުލައި އޮޓޮމެޓިކުން ހިނގަމުންދާތީ ފެންނާނެ އެވެ. މިހެން މިވަނީ އެއްގޮތަކަށް ވެސް އެ ސުލޫކުތަކާ މެދު އިންސާނާގެ ފިކުރެއް ނުވާތީއެއް ނޫނެވެ. އެހެންނަމަވެސް އެކަން އެވާ ގޮތަކީ ސިކުނޑިއަށް މަޢުލޫމާތުތައް ބަލައިގަނެ އެ ފަހުމްކޮށް އެއަށް މާނައެއް ދީ ދޭހަ ކުރުމަށްފަހު ވަކި ފިކުރެއްގެ ގޮތުގައި އިންސާނާ ގަބޫލުކޮށް އެއަށް ކަށަވަރުކަން ދެވުމުން ސިކުނޑީގައިވާ ހޭވެރިނުވާ ބައިގައި އެ ހަރުލާތީ އެވެ. މިގޮތަށް ކަށަވަރުކަން ދެވި ހަރުލީމާ އެ ފިކުރެއް އެވަނީ ހިތުން ބަލައިގަނެ އެއަށް ރުހުން ދޭ މަރުހަލާއަށް ގޮސްފަ އެވެ. ނަތީޖާއެއްގެ ގޮތުން މި ފިކުރުގެ މައްޗަށް ބިނާވާ ސުލޫކުތަކަކީ އެއާ މެދު އަލުން ވިސްނައި ފިކުރުކޮށްގެން ހަރަކާތްތެރިވާ ސުލޫކުތަކެއް ނޫނެވެ. މިސާލަކަށް ނަން އެހުމުން އަމިއްލަ ނަން ބުނުމާއި، ކަރުހިއްކީމާ ފެންބުއިމާއި ބަނޑުހައިވީމާ ކެއުން ފަދަ ކަންކަން ކުރަން އިތުރު ފިކުރެއް ކުރާކަށް ނުޖެހޭނެ އެވެ. ސަބަބަކީ މި ސުލޫކުތަކާ ގުޅޭ ފިކުރުތައް ހުރީ ސިކުނޑީގައި ކަށަވަރުކަން ލިބި ހަރުލާ ނިމިފައި ކަމަށްވާތީ އެވެ.

އިންސާނާގެ ކިބައިން ސުލޫކެއް ފެނިގެންދާނީ އޭނާގެ ނަފްސުގައި ތިން ކަމެއް ތަރުތީބުވެގެންނެވެ. ފުރަތަމަ ކަމަކީ އެ ސުލޫކާ ގުޅޭ ފިކުރަށް ސިކުނޑިން ކަށަވަރުކަން ލިބި ހަރުލުމެވެ. ދެވަނަ ކަމަކީ ހިތުން އެ ފިކުރު ބަލައިގަނެ އެއަށް ރުހުން ލިބުމެވެ. ތިންވަނަ ކަމަކީ، އެ ތަންފީޒު ކުރުމަށް ގުނަވަންތަކަށް ހިތުން އަމުރު ނެރުމެވެ.

މިއިން އެނގިގެން ދަނީ އިންސާނާގެ ކިބައިގައި ވަކި ސުލޫކެއް ބައްޓަން ކުރަންވެއްޖެ ނަމަ ކަށަވަރުކަން ލިބިފައިވާ ފިކުރެއް އޮންނަން ޖެހޭ ކަމެވެ. އަދި ކަށަވަރުކަން ލިބިފައިވާ ފިކުރެއްގެ މައްޗަށް ބިނާވެފައިވާ ސުލޫކެއް ބަދަލު ކުރަންވެއްޖެ ނަމަ ވެސް އެންމެ ފުރަތަމަ ކަމަކަށް މި ފިކުރު ބަދަލު ކުރަން ޖެހޭ ކަމެވެ. މިކަން ކުރެވޭނީ އެންމެ ފުރަތަމަ ސިކުނޑީގެ ހޭވެރިވާ ބައިން އެ ފިކުރެއް ގަބޫލު ކުރާ ހިސާބުން ފެށިގެންނެވެ. މިގޮތުން ފިކުރު ގަބޫލުކުރުން އެތައް ފަހަރަކު ސިކުނޑީގައި ތަކުރާރުވެއްޖެ ނަމަ އެ ފިކުރަށް ކަށަވަރުކަން ލިބި ސިކުނޑީގެ ހޭވެރިނުވާ ބައިގައި ހަރުލާނެ އެވެ. މިސާލަކަށް ތަޖުވީދުގެ ހުކުމްތަކުގެ ތެރެއިން އިޡްހާރަކީ ކޮބައިކަމާއި އިޡްހާރުކޮށް ކިޔާނީ ކިހިނެއްކަން ދޭހަވުމަށް ފަހު އެގޮތަށް ކިޔަން ޖެހޭނެކަން ގަބޫލު ކޮށްފިނަމަ އަދި މިފިކުރަށް ބަދަލެއް ނައިސް ތަކުރާރު ކުރެވިއްޖެ ނަމަ އެއީ ސިކުނޑިން ކަށަވަރުކަން ދެވިފައިވާ ފިކުރަކަށްވީ އެވެ. އެ ހިސާބުން ޤުރްއާން ކިޔަވާއިރު ބަރާބަރަށް އިޡްހާރުކޮށް ކިޔަވާނެ އެވެ. ފަހުން އެކަމާމެދު އިތުރު ވިސްނުމަކާ ނުލައި އޮޓޮމެޓިކުން މި ސުލޫކު ފެނިގެންދާނެ އެވެ.

އެކަމަކު މި ކަށަވަރުކަމާ ހަމަޔަށް ނުގޮސް ސިކުނޑިން ކަމެއް އަދި ގަބޫލު ކުރިއަސް އޮޓޮމެޓިކް ސުލޫކު ނުފެނިދާނެ އެވެ. މިވެނި ކަމެއް ކުރަން ޖެހޭނެ ކަމަށް ނުވަތަ މިވެނި ކަމެއް ކޮށްގެން ނުވާނެ ކަމަށް ބުނެ ދައުވާކުރާ މީހުންގެ ކިބައިން ބައެއް ފަހަރު އެއާ މުޅިން އިދިކޮޅަށް ޢަމަލުތައް ފެނިގެން ދަނީ މިހެންވެގެންނެވެ. އަދި ވަކި ފިކުރެއް ސިކުނޑީގައި ކަށަވަރުވެފައި ވަނިކޮށް އެއާ ޚިލާފު ގޮތަކަށް ފަހުން ގަބޫލުކޮށް އެ ފިކުރާ އެއްގޮތަށް ސުލޫކު ބައްޓަން ކުރަން މަސައްކަތް ކުރާއިރު ކުރީގެ ފިކުރު ފިލައި ނުދާނަމަ ސުލޫކު ބަދަލު ކުރަން އުނދަގޫވަނީ ވެސް ހަމަ މިހެންވެގެންނެވެ. މިސާލަކަށް މުދަލަށް ދަހިވެތިކަން އޮންނަ އާއިލާއެއްގައި ތަރުބިޔަތުވެފައިވާ މީހަކަށް، ﷲ ގެ މަގުގައި ހޭދަކުރުމުގެ މުހިންމުކަން ގަބޫލު ކުރެވިގެން އެގޮތަށް ހޭދަކުރަން ފެށިއަސް ވަކި ހިސާބަކުން މި ގަބޫލުކުރުމަށްވުރެ ބޮޑަށް އޭނާގެ ސުލޫކަށް ބާރު ފޯރުވާނީ އޭނާގެ ސިކުނޑިއަށް ކުރިން ކަށަވަރުކަން ލިބިފައިވާ ދަހިވެތިކަމުގެ ފިކުރެވެ. ނުވަތަ ނަފްސުގައިވާ އެދުންތަކަށް ޝައިޠާނާގެ ވަސްވާހުން ޒީނަތްތެރި ކުރާ އިރު އެއަށް ލެނބެމުގެ ފިކުރު އެއްވެސް ވަރަކަށް ކުރެވޭނަމަ އެއީ ހަރާމްކަމެއް ކަމަށް ގަބޫލު ކުރިއަސް ކަށަވަރުކަން ލިބުމުގެ މަރުހަލާއަށް އަދި އެ ނުދެ އެވެ. އެހެންކަމުން ޝައިޠާނާ އަށް ތަބާވެވޭނެ އެވެ.

ވީމާ ނުރަނގަޅު ސުލޫކުތައް ބަދަލު ކުރުމަށްޓަކައި ފިކުރުތައް ސައްހަ ކުރުމާއި މި ސައްހަ ފިކުރުތައް ސިކުނޑީގައި ކަށަވަރުކޮށް ހަރުލައްވަން މަސައްކަތް ކުރަން ޖެހެ އެވެ. މިކަމުގައި ތަރުބިޔަތުގެ ދައުރު ވަރަށް މުހިންމެވެ. މިކަމަށް އޮތް ވަސީލަތަކީ އންސާނާގެ ފިކުރުތަކުގެ މަސްދަރުތަކެވެ. ކޮންމެ މަޞްދަރަކުން އަޔަސް ސިކުނޑިއަށް ކަށަވަރުކަން ލިބިގެންދާން ޖެހޭނީ ސައްހަ ފިކުރުތަކެވެ. އިންސާނާގެ ސުލޫކު އިސްލާމީ ގިއުގަނޑަށް ފައްތަން ބޭނުންވާ ނަމަ އޭނާގެ ސިކުނޑީގައި ކަށަވަރުކަން ހޯދައި ހަރުލާ ފިކުރުތަކެއް ކަމުގައި ޤުރްއާނާއި ސުންނަތުގެ ފިކުރުތައް ވާން ޖެހޭނެ އެވެ. ފިކުރުތަކަށް ސިކުނޑީގައި ކަށަވަރުކަން ހޯދުމުގައި ޅަ އުމުރަކީ ވަރަށް މުހިންމު މަރުހަލާ އެކެވެ. ސަބަބަކީ ވެށީގެ ތެރެއިން ލިބޭ ނުރަނގަޅު ފިކުރުތަކުގެ ސަބަބުން ސައްހަ ފިކުރުތަކާ ޖަދަލު ކުރުމުގެ ޖާގަ ޅަ އުމުރުގައި ހަނިވާނެތީ އެވެ.

ދެވަނަ މަސްދަރަކީ ސައްހަ ފިކުރުގެ މަތީ ތަރުބިޔަތުވެފައިވާ ނަމޫނާތަކެވެ. މި ނަމޫނާ އެންމެ ފުރިހަމަކޮށް ދައްކައިދެވޭނީ ގޭތެރެއިންނެވެ. ޚާއްޞަކޮށް މައިންބަފައިންނަކީ ދަރިންގެ އެންމެ މަޤްބޫލު ނަމޫނާ ކަމުގައިވާ އިރު މައިންބަފައިންގެ ސުލޫކު ޤުރްއާނާއި ސުންނަތާ ޚިލާފު ވެއްޖެ ނަމަ އިސްލާމީ ފިކުރުތަކުގެ މައްޗަށް ބިނާވެފައިވާ ފިކުރުތަކެއް ދަރިންގެ ސިކުނޑީގައި ކަށަވަރުކޮށް ހަރުނުލެއްވޭނެ އެވެ.

މިސާލަކަށް ލުއިބުއިންތައް ވިއްކާ ބައެއް ކުންފުނިތަކުން، ފިލްމު އުފައްދާ މީހުންނަށް ފައިސާދީގެން ފިލްމުތަކުގައި އެ ބުއިންތައް ކޮންމެވެސް ގޮތަކުން ވަރަށް ކުޑަ ހިނދުކޮޅަކު ދެތިން ފަހަރު ތަކުރާރުކޮށް ދައްކަ އެވެ. މިހެން ހެދުމުން ފިލްމު ބަލާ މީހުން އެއްވެސް ފިކުރެއްނެތި އެ ބުއިންތައް ގަނެ އެވެ. މިއީ ރަނގަޅުކަމެއްތޯ ނުވަތަ ނޫންތޯ ވަޒަން ކުރަން އެ މީހުންގެ ސިކުނޑީގެ ހޭވެރިވާ ބަޔަށް މި ފިކުރު ނުވެސް ވަންނާނެ އެވެ. އޭގެ ބަދަލުގައި ސީދާކޮށް މި ފިކުރު ގޮސް ހުންނާނީ ސިކުނޑީގައި ހަރުލައި އެއަށް ކަށަވަރުކަން ދެވިފަ އެވެ.

ތިންވަނަ މަސްދަރަކީ މީޑިއާގެ ތެރެއިން ސައްހަ ފިކުރާއި ސައްހަ ނޫން ފިކުރު ވަކި ކުރުމެވެ. މީޑިއާގެ ތަފާތު ވަސީލަތްތަކުން ލިބެމުންދާ ފިކުރުތައް އިސްލާމީ ފިކުރުތަކާ ޚިލާފު ނަމަ ފޮތުން ދަސްކޮށްދެވޭ އެއްޗަކާއި ފެންނަމުންދާ ކަންކަމާއި ދެމެދު ފުށުއަރާނެ އެވެ. މިފަދަ ހާލަތުގައި މީޑިއާގެ ވަސީލަތްތަކުން ލިބޭ ފިކުރުތައް ކުރި ހޯދާނެ އެވެ. މިސާލަކަށް ޑްރާމާތަކާއި ފިލްމުތަކުގައި އާންމުކޮށް ފެންނަ ތަޅާފޮޅުންތަކާއި، ދެ ޖިންސުގެ މަސްހުނިވުންތަކާއި ބޭނުން ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ނަމަވެސް ކުރުން ފަދަ ކަންކަން ތަކުރާރުކޮށް އެތައް ފަހަރަކު ފެންނަމުންދާ ނަމަ ސިކުނޑިއަށް ކަށަވަރުކަން ލިބިގެންދާނީ މިއީ ސައްހަ ކަންކަމުގެ ގޮތުގަ އެވެ. މި މަސްދަރުގެ ނުރައްކާތެރި ކަމަކީ ވަރަށް ގިނަ ފިކުރުތައް ސިކުނޑީގެ ހޭވެރިވާ ބައިން ކިރައި ވަޒަންކުރުމަކާ ނުލައި ފިކުރަށް ކަށަވަރުކަން ދެވި ހަރުލާތީ އެވެ. މިސާލަކަށް ލުއިބުއިންތައް ވިއްކާ ބައެއް ކުންފުނިތަކުން، ފިލްމު އުފައްދާ މީހުންނަށް ފައިސާދީގެން ފިލްމުތަކުގައި އެ ބުއިންތައް ކޮންމެވެސް ގޮތަކުން ވަރަށް ކުޑަ ހިނދުކޮޅަކު ދެތިން ފަހަރު ތަކުރާރުކޮށް ދައްކަ އެވެ. މިހެން ހެދުމުން ފިލްމު ބަލާ މީހުން އެއްވެސް ފިކުރެއްނެތި އެ ބުއިންތައް ގަނެ އެވެ. މިއީ ރަނގަޅުކަމެއްތޯ ނުވަތަ ނޫންތޯ ވަޒަން ކުރަން އެ މީހުންގެ ސިކުނޑީގެ ހޭވެރިވާ ބަޔަށް މި ފިކުރު ނުވެސް ވަންނާނެ އެވެ. އޭގެ ބަދަލުގައި ސީދާކޮށް މި ފިކުރު ގޮސް ހުންނާނީ ސިކުނޑީގައި ހަރުލައި އެއަށް ކަށަވަރުކަން ދެވިފަ އެވެ.

ހަތަރުވަނަ މަޞްދަރަކީ މަދަރުސާ އެވެ. މަދަރުސާއަކީ ވަރަށް ގިނަ ފިކުރުތަކާއި ޚިޔާލުތައް ދަރިވަރުންނަށް ފޯރުކޮށްދޭ މުއައްސަސާ އެކެވެ. އެހެންކަމުން މަދަރުސާއިން ލިބިގެންދާން ޖެހޭނީ ރަނގަޅު ސުލޫކުތަކަށް މަގުދައްކައިދޭ ފިކުރުތަކެވެ.

ފަސްވަނަ މަސްދަރަކީ ރަނގަޅު އެކުވެރިންނެވެ. ސިކުނޑިއަށް ކަށަވަރުކަން ގެނެސްދޭ ފިކުރުތައް ބައްޓަން ކުރުމުގައި އެކުވެރިން މުހިންމު ދައުރެއް އަދާކުރެ އެވެ.

އާދެ، އެހެންކަމުން އަޅުގަނޑުމެން ސުލޫކު ބަދަލު ކުރަން ބޭނުންވާ ނަމަ އެންމެ ފުރަތަމަ ކުރަންވީ ކަމަކީ، ސިކުނޑީގައި ކަށަވަރު ކުރެވި ހަރުލާ ފިކުރުތައް އިސްލާހު ކުރުމެވެ. ޝައިޠާނާގެ ވަސްވާހަށް ނުހެއްލުމެވެ. އެހެނީ ފިކުރުތައް އިސްލާހު ނުކުރެވިއްޖެ ނަމަ ހިތުން ބަލައިގަނެ ރުހުންދެވިގެންދާނީ ސައްހަ ނޫން ކަންކަމަށެވެ. އޭރުން ގުނަވަންތަކަށް އަމުރުދެވިގެންދާނީ ނުރަނގަޅު ސުލޫކު ބައްޓަން ކުރުމަށެވެ.

0 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 0%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454