ދިރާސީ އައު އަހަރެއްގެ ކިޔެވުން ފެށެން ގާތްވެފައިވާއިރު، އެންމެންގެ ކަންބޮޑު ވުމަކީ އަހަރެމެންގެ ކުދިންގެ ކިބައިން ރިވެތި އަހުލާގީ ސިފަތައް ފެނުން މަދުކަމުގެ މައްސަލައެވެ. އެހެންކަމުން އަހުލާގީ ތަރުބިޔަތު ހަރުދާނާ ކުރާނީ ކިހިނަކުން ހެއްޔެވެ؟ އިސްލާމީ ނަޒަރުން ބަލާއިރު އަމަލީ ގޮތްތަކަކާއި ވަސީލަތްތަކެއް އެބަހުއްޓެވެ. 

ނަމޫނާތަކުގެ މުހިންމުކަން 

އިސްލާމީ ނަޒަރުން ބަލާއިރު އަހުލާގީ ތަރުބިޔަތުގެ އެންމެ މުހިންމު ވަސީލަތަކީ ނަމޫނާ އެވެ. މިގޮތުން ﷲ އާއި އާހިރަތް ދުވަސް ބޭނުންވާ މީހުންނަށް ނަބީންގެ ކިބައިގައި އަދި ވަކިން ހާއްސަކޮށް ކީރިތި ނަބިއްޔާ މުޙައްމަދު ﷺ ގެ ކިބައިގައި ރިވެތި ނަމޫނާ ވާކަން ﷲ ބަޔާން ކުރައްވާފައި ވެ އެވެ (އަލްއަޙުޒާބު 21). ނަމޫނާ ބިނާވެފައިވަނީ އިންސާނާގެ ފިތުރަތުގައިވާ ކަންކަން ކޮޕީ ކުރުމުގެ އަސްލުގެ މައްޗަށެވެ. އެހެންކަމުން ﷲ އަށް އަޅުވެތި ވުމުގައާއި ރީތި އަހުލާގީ ސިފަތަކުގެ މަތީ ދެމިތިބުމުގައި މައިންބަފައިންނާއި މުދައްރިސުން ދެގޮތެއް ނުވެ ދީންވެރިކަމާއި އަހުލާގުގެ މަތީ ދެމިތިބޭ ނަމަ ކުދިންނަށް މިކަންކަން ކޮޕީ ކުރަން ފަސޭހަވާނެ އެވެ. 

މިސާލަކަށް ނަމާދު ކުރުމާއި ތެދުވެރިވެ އަމާނާތްތެރިވުމާއި ސުމޭކީ (ޑިޖިޓަލް) ވަސީލަތްތައް ބޭނުން ކުރުމުގައި އިސްލާމީ އުސޫލުތައް ބޭނުން ކުރުމުގައި ނަމޫނާ ދެއްކޭ ނަމަ އޭގެ ހެޔޮ އަސަރު ބޮޑުވާނެ އެވެ. ގެއިންނާއި މަދަރުސާއިން އަބަދުވެސް ރަނގަޅު ނަމޫނާ ފެންނަ ނަމަ ކުދިން އެ ސިފަތައް ކޮޕީ ކުރާނެ އެވެ. 

އީމާންކަން ވަރުގަދަކޮށް އަޅުކަންތަކަށް އާދަކުރުވުން

އިސްލާމީ އަގީދާއަކީ އެ އަށް އީމާންވުމުގެ މޭވާ އެއްގެ ގޮތުގައި ހެޔޮ އަމަލުތައް ފެނުން ލާޒިމުވާ ކަމެކެވެ. ހެޔޮ އަމަލުތަކުގެ އެންމެ ކުރީގައި ވަނީ ﷲ އާ އިންސާނާ އާ ދެމެދު ގުޅުވައި ތަގުވާވެރި ކޮށްދޭ ޢިބާދާތު (އަޅުކަންތައް) އަދާކުރުމެވެ. މިއިން ކޮންމެ އަޅުކަމެއް އޭގެ ރޫހާނިއްޔަތާ އެކުގައި އަދާކޮށްފި ނަމަ އެ އިން ހާސިލުވާ ތަގުވާގެ ނަތީޖާ އަކަށް ވާނީ ﷲ އާ އޮންނަ ގުޅުން ވަރުގަދަވެ އިންސާނާގެ ނަފްސު ތަހުޒީބު ވުމެވެ. ނަފްސު ތަހުޒީބު (ނުވަތަ ތަޒުކިޔާ) ވުމަކީ ނަފްސުގައި ހުރި ހުރިހާ ނުބައި ސިފަތައް ފޮހެލައި އޭގެ ބަދަލުގައި ރިވެތި ހުރިހާ ސިފަތަކުން ނަފުސަށް ޒީނަތްތެރިކަން ގެނައުމެވެ. މިކަން ކާމިޔާބު ވެއްޖެ ނަމަ އިންސާނާ އޭނާގެ އަމިއްލަ ނަފްސު މޮނީޓަރުކޮށް ބަލަހައްޓާނެ އެވެ. ސަބަބަކީ އޭނާގެ އަމަލުތައް ﷲ ބައްލަވާ ވޮޑިގަންނަވާނެކަން އޭނާ އަށް ތަސައްވުރު ކުރެވޭނެތީ އެވެ. ވީމާ މީހަކު ނެތް ތަނެއްގައި ވިއަސް ﷲ އަށް ބިރުވެތިވާނެ އެވެ. އަމިއްލަ ޒަމީރަށް އިހުތިރާމު ކުރާނެ އެވެ. އަހުލާގީ މިންގަނޑުން އެއްކިބާވާ ކޮންމެ އެއްކިބާވުމަކަށް ނަފުސު އިދިކޮޅު ހަދާނެ އެވެ. "އީމާންކަން އެންމެ ފުރިހަމަ މީހަކީ އެންމެ އަހުލާގު ރިވެތި މީހާ" ކަން އޭނާ ދަންނާނެ އެވެ. 

ވީމާ ދަރިން ތަރުބިޔަތު ކުރާއިރު ﷲ ގެ މުރާޤަބާ (އަމަލުތައް ބައްލަވައި ވޮޑިގަތުން) އޮންނަ ކަން އަބަދުވެސް ހަނދާން ކޮށްދޭން ޖެހެއެވެ. އަޅުކަމަކީ އާދަކާދައެއް ނުވަތަ ސަގާފަތެއް އެކަނި ނޫންކަން ތަސައްވުރު ކޮށްދޭން ޖެހެ އެވެ. އެ އިން ނަފްސު ތަހުޒީބުވާން ޖެހޭނެކަން ބުނެދޭން ޖެހެ އެވެ. އަޅުކަންތައް އޭގެ ރޫހާ އެކު އަދާކުރާނެ ގޮތް ކިޔައިދޭން ޖެހެ އެވެ. އެއީ އަޅުކަންތަކުގެ ހަރަކާތްތަކާއި ކިޔުންތަކުގައި އެކުލެވޭ މާނަތައް ބުނެދިނުމެވެ. 

މަދަރުސާގެ ދައުރު ހަރުދަނާ ކުރުން 

މަދަރުސާ އަކީ ހަމައެކަނި އިލްމާއި ހުނަރު ދަސްކޮށްދޭ ތަނެއްގެ ބަދަލުގައި އެއީ ދަރިވަރުންގެ އަހުލާގީ ތަރުބިޔަތުގައި އާއިލާގެ އެންމެ ބޮޑު ބައިވެރިޔާ ކަން ދަންނަން ޖެހެ އެވެ. ހުރިހާ މުދައްރިސުންނަކީ ވެސް އަހުލާގުގެ ނަމޫނާ ކަމުގައި ވާން ޖެހޭނެ އެވެ. ނަމޫނާ ފެންނަން ޖެހޭނީ ހަމައެކަނި އިސްލާމް ނުވަތަ ޤުރްއާން މުދައްރިސުންގެ ފަރާތުން އެކަންޏެއް ނޫނެވެ. މުދައްރިސުންގެ ސުލޫކަކީ އެ މީހުން އުނގަންނައިދޭ އެއްޗެއްސަށް ވުރެ ދަރިވަރުންނަށް އޭގެ އަސަރު މާ ބޮޑުވާނެ އެއްޗެކެވެ. މަދަރުސާތަކުގައި ކުރިއަށް ގެންދާ އިތުރު ހަރަކާތް ތަކަކީ އަހުލާގު ދަސްކޮށްދޭން އެންމެ ރަނގަޅު ފުރުސަތު ކަމުގައި ހަދަން ޖެހެ އެވެ.

ރުޅި އައިސް ހަޅޭލަވައި އެއްޗެތި ކިޔައި އިދިކޮޅުވުން މުޅިން ދޫކޮށްލަން ޖެހެ އެވެ. "ކޮންމެ އާދަމުގެ ދަރިޔަކީ ވެސް ކުށް ކުރާނެ މީހެއް ކަމާއި އެކަމަކު އެންމެ ހެޔޮ މީހަކީ ތައުބާވާ މީހާ" ކަން ކުދިން ލައްވާ ގަބޫލު ކުރުވަން ޖެހެ އެވެ. 

މިކަމަށްޓަކައި ކޮންމެ މުދައްރިސަކީ މުރައްބީ (ތަރުބިޔަތު ކުރާ މީހެއް) ކަމުގައި ވާން ޖެހެ އެވެ. މުރައްބީއަކީ ހަމައެކަނި މުދައްރިސެއް ނޫނެވެ. އެއީ އޭގެ އިތުރުން ކުދިންނަށް މަގުދައްކާ މުރުޝިދެކެވެ. ކުދިންގެ ކަންކަން ބަލަހައްޓާ މޮނީޓަރެކެވެ. ކުދިން ހަމަ މަގަށް އަޅުވާ މުސްލިހެކެވެ. އަދި މިނޫން ވެސް އިތުރު އެތައް ދައުރެއް އަދާކުރަން ޖެހޭ މީހެކެވެ. މިކަންކަމުގައި މަދަރުސާއިން އިހުލާމު ވެއްޖެ ނަމަ އަހަރެމެން ބޭނުންވާ އަހުލާގީ ތަރުބިޔަތާ އިދި އެތައް ކަމަކަށް ކުދިން ހެއްލިގެންދާނެ އެވެ. 

އިސްލާހު ކުރާއިރު ކުދިންނާ އިދިކޮޅު ނުވުން 

ކުދިންނަކީ އިލްމާ ވަރަށް ގާތް ބަޔެކެވެ. ކޮންމެކޮންމެ ވާހަކައެއް ސުވާލަކާ ނުލައި ގަބޫލު ކުރަން ބޭނުމެއް ނުވާނެ އެވެ. ވީމާ ކުދިންނާ ވާހަކަ ދެއްކުމުގައި ރިވެތި ވައުޒުން ވާހަކަ ދައްކަން ޖެހެ އެވެ. މިކަމުގައި ލުޤުމާނުގެފާނުގެ ނަމޫނާގައި ހިފިދާނެ އެވެ. އެކަލޭގެފާނު ކޮންމެ ވާހަކައެއް ވެސް ވިދާޅުވަނީ "ލޯބިވާ ދަރިފުޅާއޭ" ބުނެފަ އެވެ. (ލުޤްމާން 13-20).

އެހެންކަމުން ދަރިންނަށް އަމާންކަމާއި ލޯބި އިހުސާސް ކުރެވޭ ފަދަ މާހައުލެއްގައި އާއިލީ ޑައިލޮގުތައް ކުރިއަށް ގެންދަން ޖެހެ އެވެ. ދިރިއުޅުމުގެ ހަގީގީ ކަންކަމާ ގުޅުން ހުރި އަހުލާގީ މައްސަލަތައް ހެއްކާއި ދަލީލުތަކާއި ޖަޒުބާތީ ޝުއޫރުތައް ހިލުވާލާ ފަދަ ހާދިސާތަކާ ގުޅުވައިގެން ޑިސްކަސް ކުރަން ޖެހެ އެވެ. ހިކުމަތްތެރި ގޮތްތައް ބޭނުންކޮށްގެން ނުރަނގަޅު މަފުހޫމުތަކުގެ ސައްހަ ގޮތް ބުނެދޭން ޖެހެ އެވެ. ކުދިން ކުރި ކުށް އެއީ ކުށެއް ކަމަށް ރީތިކޮށް ބުނެދޭން ޖެހެ އެވެ. އެކަމަކު އެ ކުދިންނަކީ ކުށްވެރިންގެ ގޮތުގައި ބަލައި ލޭބަލް ކޮށްގެން ނުވާނެ އެވެ. ރުޅި އައިސް ހަޅޭލަވައި އެއްޗެތި ކިޔައި އިދިކޮޅުވުން މުޅިން ދޫކޮށްލަން ޖެހެ އެވެ. "ކޮންމެ އާދަމުގެ ދަރިޔަކީ ވެސް ކުށް ކުރާނެ މީހެއް ކަމާއި އެކަމަކު އެންމެ ހެޔޮ މީހަކީ ތައުބާވާ މީހާ" ކަން ކުދިން ލައްވާ ގަބޫލު ކުރުވަން ޖެހެ އެވެ.    

އަމަލީ ގޮތުން އަހުލާގަށް ފަރިތަ ކުރުވުން 

އަހުލާގަކީ ކިޔައިދިނީމާ ފަހަތުން ކިޔައިގެން ގައިގައި ހަރުލާ އެއްޗެއް ނޫނެވެ. ރަސޫލާ ﷺ ހަދީސް ކުރައްވަނީ ހިލްމުވެރިކަން ހާސިލު ކުރެވޭނީ ހިލްމުވެރިކަމުގެ ތަމްރީނުން ކަމަށެވެ.

ވީމާ އިޖުތިމާއީ ކަންކަމުގައި ކުދިން ބައިވެރި ކުރުވައިގެން އަހުލާގީ ތަމްރީނު ދޭން ޖެހެ އެވެ. އެ ކަންކަމުގެ ތެރެއިން އެކަކު އަނެކަކަށް އިހުތިރާމު ކުރުމަށާއި ގުޅިގެން މަސައްކަތް ކުރުމަށާއި ގާތްތިމާގެ މީހުންނާއި އަވައްޓެރިންނާއި މުޅި މުޖުތަމައަށް ވެސް ހިދުމަތް ކޮށްދިނުމަކީ ހިތްހަމަ ޖެހުން ލިބޭ ކަމެއް ކަމުގައި ހަދަން ޖެހެ އެވެ. ތިމާ އަށް އެހެން މީހުންގެ ފަރާތުން ބޭނުންވާ ރީތި ސިފަތައް އެންމެ ފުރަތަމަ ތިމާގެ ނަފުސުގައި ހަރުލެއްވުމުގެ މުހިންމުކަން ދަސްކޮށްދޭން ޖެހެ އެވެ. ފަރުދީ ޒިންމާ އޮންނަކަން ހަނދާން ކޮށްދޭން ޖެހެ އެވެ. މިގޮތުން ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިހުސާންތެރިކަމާއި އަދުލުވެރިކަން ފަދަ މުހިންމު ސިފަތަކުގެ މައްޗަށް ނަފުސު ހާނުވައި ފަރިތަ ކުރުވަން ޖެހެ އެވެ. 

ސުމޭކީ ދުޅަހެޔޮކަން ލިބިގަތުމަށް އިރުޝާދު ދިނުން 

އަހުލާގީ ތަރުބިޔަތަށް މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސުމޭކީ (ޑިޖިޓަލް) ދުޅަހެޔޮކަން ނެތުމެވެ. ވަކިން ހާއްސަކޮށް އެއާ ގުޅޭ އަހުލާގީ ރޫހާނީ ދުޅަހެޔޮ ކަމެވެ. މީގެ މާނަ އަކީ އެފަދަ ވަސީލަތްތައް ބޭނުން ކުރާއިރު އަހުލާގީ ގޮތުން ސަމާލުވާން ޖެހޭ ކަންކަމަށް ސަމާލު ނުވެވުމެވެ. 

ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ކުދިން ހިފަހައްޓަންޖެހޭ މިންގަނޑުތައް އަބަދުވެސް ހަނދާން ކޮށްދޭންޖެހޭ.
ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ކުދިން ހިފަހައްޓަންޖެހޭ މިންގަނޑުތައް އަބަދުވެސް ހަނދާން ކޮށްދޭންޖެހޭ.

ވީމާ މިފަދަ ވަސީލަތްތައް ދަރިން އަދި އާއިލާގެ އެންމެން ވެސް ބޭނުންކުރާއިރު ހަރާމް ބެލުންތަކާއި ހަރާމް އަޑުއެހުންތަކުން ދުރުހެލި ކުރުވަން ޖެހެ އެވެ. މި ވަސީލަތްތަކަކީ މީހުންނަށް މަލާމާތް ކުރުމާއި ހަޑިހުތުރު ބަސްތައް ބުނުމާއި އަބުރު ކަތިލުމާއި ހަނގާކުރުން ފަދަ ކަންކަމަށް ބޭނުން ކުރާ ވަސީލަތްތަކަކަށް ހެދިޔަ ނުދޭން ޖެހެ އެވެ. އަދި މިއީ ވަގުތު ބޭކާރު ކުރުމާއި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ހުއްޓުވާ ވަސީލަތްތަކަކަށް ހެދިޔަ ނުދޭން ޖެހެ އެވެ.

ކުދިން މިފަދަ ވަސީލަތްތައް ބޭނުން ކުރުމުގައި ހިފަހައްޓަން ޖެހޭ އެންމެހާ މިންގަނޑުތައް ހަނދާން ކޮށްދޭން ޖެހެ އެވެ. ރަސޫލާ ﷺ ހަދީސް ކުރައްވާ ފަދައިން ކޮންމެ މީހަކީ ވެސް އެ މީހަކު ބަލަހައްޓަން ނުވަތަ ޒިންމާވާން ޖެހޭ ކަމަކާ މަސްއޫލުވާން ޖެހޭ މީހެއްކަން ދަސްކޮށްދޭން ޖެހެ އެވެ. 

އިސްލާމީ ސަގާފީ އައިޑެންޓިޓީ ރައްކާތެރި ކުރުން 

އަހުލާގީ ތަރުބިޔަތުގައި މިއަދު ސަމާލުވާން ޖެހޭ އަނެއް މުހިންމު ކަމަކީ އަހަރެމެންގެ ދިވެހި އިސްލާމީ ސަގާފީ އައިޑެންޓިޓީ ރައްކާތެރި ކުރުމެވެ. ސަބަބަކީ ބޭރުގެ ވަރަށް ގިނަ ސަގާފަތްތައް އަހަރެމެންގެ ތެރެއަށް ހިފެހެއްޓުމެއް ނެތި ވަންނަމުން ދާތީ އެވެ. މުސްލިމުންނަކީ އިއްޒަތް ލިބިގެންވާ ބައެކެވެ (އަލްމުނާފިޤޫން 8). އެހެންވެ މުސްލިމަކަށް ވީތީ އުފާކުރަންޖެހޭކަން ކުދިންނަށް ދަސްކޮށްދޭން ޖެހެ އެވެ. އިސްލާމީ ސަގާފަތަކީ އެންމެ ރިވެތި ސަގާފަތްކަން ކުދިން ލައްވާ ގަބޫލު ކުރުވަން ޖެހެ އެވެ. 

ވީމާ، މި ފާހަގަކުރި ފަދަ ކަންކަމުގެ އެހީގައި އާއިލާ އިންނާއި މަދަރުސާއިންނާއި މިސްކިތްތަކުންނާއި މީޑިއާގެ ވަސީލަތްތަކުންނާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ވެސް އަހުލާގީ ތަރުބިޔަތު ހަރުދަނާ ކުރަން މަސައްކަތް ކުރަން ޖެހެ އެވެ.