ސްކޫލްތަކުގައި އިސްލާމް މާއްދާ ދަރިވަރުންނަށް ފަހުމްވަނީ އިނގިރޭސި ބަހުން ކިޔަވައިދީގެން ކަމަށް ވާނަމަ، އެގޮތަށް ކިޔަވައި ދިނުމަކީ މައްސަލައެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް މިއަދު ވިދާޅުވެއްޖެ އެވެ.

'ދިވެއްސަށް ކޮށިވެ އިސްލާމް ވެސް އިނގިރޭސިން ކިޔައިދޭ ހިސާބުގައި' މައުޟޫއަށް "މިހާރު"ގައި މިއަދު ޝާއިއުކުރި ރިޕޯޓް ޝެއާ ކުރައްވައި، ސޯޝަލް މީޑިއާގައި ޝަހީމް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އިސްލާމް މުގައްރަރު ޒަމާނަށް ފެތޭ ގޮތަށް އަދި މި ޒަމާނުގެ ޖީލަށް ވިސްނޭނެ ގޮތަށް ފަސޭހަ އިބާރާތަކުން އަލުން ލިޔަން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން ފޮތުގެ ވައްޓަފާޅި އާއި ލޭއައުޓު ވެސް ބަދަލުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިސްލާމް މުޣައްރަރުގެ ކޮންމެހެން މުހިއްމު ބައިތައް ހިމަނާފައި ގްރޭޑު އަދި އުމުރާ ގުޅޭގޮތަށް އަލުން ތަރައްގީކުރަން ވެސް އަޅުގަނޑަށް ފެނޭ. އިސްލާމް މާއްދާގައި އެއް ފޮތެއްގެ ތެރޭގައި އިސްލާމީ އެކި ދާއިރާތަކުގެ ބައިވަރު މައުޟޫތައް ހުރި ހުރުން ވެސް އެކި މަރުހަލާތަކަށް ވަކި މާއްދާތަކުގެ ގޮތުގައި ބަހާލުން ވެސް ރަނގަޅު ކަމަށް ފެނޭ،" ޝަހީމް ވިދާޅުވި އެވެ. 

"އިސްލާމް މާއްދާ ބޮޑަށް ދަރިވަރުންނަށް ފަހުމް ވަނީ އިނގިރޭސި ބަހުން ކަމަށް ވާނަމަ އެ މާއްދާ އިނގިރޭސި ބަހުން ކިޔަވާ ދިނުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން." ޝަހީމްގެ ޕޯސްޓްގައިވެ އެވެ.

ޝަހީމް ވިދާޅުވީ ވަކި މާއްދާއެއްގެ ގޮތުގައި ދިވެހި ބަސް ކިޔަވައިދިނުމުން ދިވެހި ބަސް ކުރިއަރާނެ ކަމަށެވެ. އަދި ދިވެހި ބަސް އެންމެ ބޭނުންވާ މިންވަރަށް ކުރިއަރުވަން ބޭނުންވާނަމަ ޖެހޭނީ ތައުލީމީ ނިޒާމު އެއްކޮށް ދިވެހި ބަހަށް ބަދަލުކުރަން ކަމަށާއި ނަމަވެސް އެއީ ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތަށް ނުވެދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ނަމަވެސް އެ ޕޯސްޓަކީ އޭނާގެ އަމިއްލަ ހިޔާލެއް ކަމަށް ވެސް ޝަހީމް ލިޔުއްވާފައިވެ އެވެ. 

އެ ރިޕޯޓަށް "މިހާރު" އާ ވާހަކަ ދެއްކި ބައެއް އިސްލާމް ޓީޗަރުން ވެސް ވަނީ އެ މާއްދާ އިނގިރޭސި ބަހުން ކިޔަވައިދިނުމަށް ތާއިދުކުރާ ކަމަށް ބުނެފަ އެވެ. ނަމަވެސް، އެކަމާ ދެކޮޅު ބައެއް ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި އެގޮތަށް ކިޔަވައިދީފިނަމަ ދިވެހި ބަހަށް އޮތް އިހުތިރާމް ކުޑަވެގެންދާނެ އެވެ.