ޕްރައިމަރީ ނުވަތަ ސެކަންޑްރީ ގްރޭޑްތަކުގެ ބައެއް ދަރިވަރުންގެ އިސްލާމް ފޮތުގައި ދޭހަ ނުވާ ފިލާވަޅުތަކުގެ ކައިރީގައި ހުންނަނީ އިނގިރޭސި ބަހުން ލިއެފަ އެވެ. ޓީޗަރު ކިޔައިދިނުމުން އެ ފިލާވަޅެއް ދޭހަވާން ބައެއް ދަރިވަރުންނަށް އެންމެ ފަސޭހަ ގޮތަކީ ވާނުވާ އިނގިރޭސިން ލިއުމެވެ. ފަހުން ފިލާވަޅު ފަރިތަކުރާއިރު ވެސް ދިވެހިން އޮންނަ ދެލިގަނޑަށް ވުރެ އެ ކުދިންނަށް ފަސޭހައީ އިނގިރޭސިން އޮންނަ ބައި ބަލައިގެން އިމްތިހާނަށް ފަރިތަކުރުމަށެވެ. އިސްލާމީ ތާރީހުތައް ނުވަތަ ހަޟާރާތް ފަދަ ކަންކަން ކިޔައިދޭ އިރު ގިނަ ކުދިންނަށް ވާނުވާ އިނގިރޭސިން އޮޅުންފިލުވައިދޭން ވެސް އިސްލާމް ޓީޗަރުންނަށް ޖެހެ އެވެ.
އޯ ލެވެލްގައި މަޖުބޫރު މާއްދާތަކުގެ ތެރޭގައި ހިމެނޭ ދިވެހީގެ އިތުރުން އިސްލާމް މާއްދާއަށް ދަށްވެ، ފާސްނުވުމުގެ ބިރު އޮތުމުން ޓިއުޝަނަށް ބޮޑު ހޭދައެއް ކުރަން ޖެހުމަކީ ބެލެނިވެރިންގެ އޮތް ކަންބޮޑުވުމެވެ. މި ހިސާބުން އުފައްދާ ބަހުސަކީ އިސްލާމް މާއްދާ އިނގިރޭސިން ކިޔަވައިދިނުން މައްސަލައެއް ހެއްޔެވެ؟ އެ ބަދަލު ގެންނަން ނުވޭ ހެއްޔެވެ؟
ބެލެނިވެރިންނާއި ޓީޗަރުންގެ ތެރޭގައި ވެސް މިބަދަލުގެ ވާހަކަ ދެކެވެމުން އަޔަސް، ރަސްމީ ސިފައެއްގައި މިކަމާ މެދު ތައުލީމީ ދާއިރާގައި އަދި ވިސްނުމެއް ނެތެވެ. އެކަމަކު މާދަރީ ބަސް ކަމަށްވާ ދިވެހި މާއްދާ ފިޔަވައި އެހެން މާއްދާތައް އިނގިރޭސިން ކިޔަވައިދޭން ބައެއް މީހުން ތާއީދު ކުރެ އެވެ. އަނެއް ބައެއްގެ ވިސްނުން ތަފާތެވެ. އެކަމަކު މި ބަހުސް ގޮސް ހުއްޓެނީ އަމިއްލަ ބަހަށް ދަރިވަރުން ދަށްވެ ފާސްނުވާ ޕަސެންޓޭޖް އިންތިހާށް އިތުރުވުމުގެ ބިރު އޮތުމާ އެވެ.
އިސްލާމް މާއްދާ އިނގިރޭސިން ކިޔަވައިދޭން ތާއީދުކުރާ ފަރާތްތަކުން ދައްކާ އެންމެ ވަރުގަދަ އެއް ދަލީލަކީ، މިހާރުގެ ކިޔަވާ ދަރިވަރުން މާދަރީ ބަހަށް ވުރެ އިނގިރޭސި ބަހަށް ހުރި ޝައުގުވެރިކަމާއި ފަރިތަކަމެވެ. އެ މީހުން ދެކޭ ގޮތުގައި ގިނަ ކުދިންނަށް ދީނީ ކަންކަން އޮޅުންފިލުވައިދޭން ފަސޭހައީ އިނގިރޭސި ބަހުންނެވެ.
"މިހާރު ގިނަ ކުދިން މި ކުރާ ކަމަކީ ދިވެހިން [އިސްލާމް ފިލާވަޅު] ފުރަތަމަ މި ބަދަލުކުރަނީ އިނގިރޭސި ބަހަށް. ބަދަލުކޮށްގެން އެ އިންނަ ސުވާލަށް ޖަވާބު ވެސް މި ދެނީ. ނޫނީ ފިލާވަޅު ދަސްކުރަން ވެސް ބައެއް ކުދިން އެ ގޮތް އެބަ ބޭނުންކުރޭ،" އިސްލާމް ކިޔަވައިދޭތާ ވަރަ އަހަރު ވެފައިވާ ޓީޗަރަކު ބުންޏެވެ.
އޭގެ އިތުރުން ގްރޭޑް 8، 9 އަދި 10ގެ ދަރިވަރުން އިސްލާމީ ތާރީހާއި ފިގުހު ފަދަ މާއްދާތައް ދުނިޔޭގެ ފެންވަރުގައި ކިޔަވައިދެނީ އިނގިރޭސި ބަހުން ކަމަށްވުމުން އެ ދާއިރާތަކުން ހެދިފައިވާ ފަހުގެ ދިރާސާތަކާއި ރިސާޗް ކަރުދާސްތައް ގިނައިން ހުންނަނީ އިނގިރޭސި ބަހުން ކަމަށްވުމުން އެއީ ވެސް އެ ކުދިންނަށް އިނގިރޭސިން ކިޔަވައިދީގެން ވެސް ފާސް ކުރުވަން ޖެހޭ ސަބަބެއް ކަމަށް ތައުލީމީ ދާއިރާގައި ދިހަ ވަރަކަށް އަހަރު ހޭދަ ކޮށްފައިވާ ބޭފުޅަކު ވިދާޅުވި އެވެ.
އިނގިރޭސި ބަހުން އިސްލާމް ކިޔަވައިދޭން ވަކާލާތުކުރާ އަނެއް ސަބަބެއް ކަމަށް ބައެއް މީހުން ބުނަނީ ދަރިވަރުންގެ ނަތީޖާ އެވެ.
އިމްތިހާނުތަކުގައި ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދާ ދަރިވަރުން ވެސް އިސްލާމް މާއްދާއިން އެދެވޭ ނަތީޖާއެއް ނުލިބުމުގެ ސަބަބުން، ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕް ފުރުސަތުތައް ގެއްލޭ ކަމުގެ ކަންބޮޑުވުން އެބައޮތެވެ. މަޖުބޫރު ހަތަރު މާއްދާގެ ތެރޭގައި އިސްލާމް ހިމެނޭތީ، އެ މާއްދާ އިން ރަނގަޅު ނަތީޖާއެއް ނުލިބުމަކީ ބައެއް ދަރިވަރުންގެ މުސްތަގުބަލަށް އޮތް ހުރަހެއް ކަމުގައި ދެކެ އެވެ.
ދާއިރާގެ ބައެއް ބޭފުޅުން، އިސްލާމް މާއްދާ އިނގިރޭސި ބަހަށް ބަދަލުކޮށްގެން ކިޔަވައިދޭން އެއްބަސްވި ނަމަވެސް އެކަމާ ދެކޮޅަށް ވާހަކަ ދައްކާ މީހުންގެ ނަޒަރުގައި އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައިދިނުމަކީ ދިވެހި ބަހަށް އޮތް އިހުތިރާމް ކުޑަކުރުމެކެވެ.
އިސްލާމް ދީނާއި ދިވެހި ބަހަކީ ރާއްޖޭގެ އައިޑެންޓިޓީ ނުވަތަ އަމިއްލަވަންތަކަމާ ގުޅިފައިވާ ދެ ތަނބު ކަމަށް އެ މީހުން ދެކެ އެވެ.
"އަޅުގަނޑުމެންގެ އަމިއްލަ ބަސް އުވިގެން ހިނގައިދާނެ"
އިސްލާމް މާއްދާ ކިޔަވައިދޭ ގޮތަށް ބަދަލު ގެންނަން ދެކޮޅު ހަދާ ބައެއް މީހުން ބުނި ގޮތުގައި، ޒަމާނުއްސުރެ ދިވެހި ބަހުން އެ މާއްދާ ކިޔަވައިދެމުން ދިއުމަކީ ދިވެހި ބަސް ދިރިހުރުމަށް ލިބޭ ބާރެކެވެ. އެއާއެކު، ދީނީ މުހިއްމު ލަފުޒުތައް ދިވެހި ބަހުން ދަރިވަރުންނަށް އެނގުމަކީ ދިވެހި މުޖުތަމައުގެ ތެރޭގައި ދީނީ ކަންކަން މުއާމަލާތުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ވެސް އެ މީހުން ދެކެ އެވެ.
ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު އަދި ކްރިޓިކަލް ތިންކިން އިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޑރ. ހަސަން ހަމީދު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެގޮތަށް އިސްލާމް މާއްދާ އިނގިރޭސި ބަހަށް ބަަދަލުކޮށްފިނަމަ އަމިއްލަ ބަސް އުވިގެން ހިނގައިދާނެ ކަމަށެވެ.
"އެއީ ރާއްޖެ މިނިވަންކޮށް، ވަކި ގައުމެއްގޮތުގައި ދެމި އޮތުމާ ގުޅިފައިވާ މުހިއްމު ގައުމީ މައްސަލައެއް. ކުރީގެ ރައީސް މައުމޫން، ފަތްތޫރައިގެ ފުރަތަމަ އަދަދުގައި ވިދާޅުވެފައިވޭ، ގައުމިއްޔަތުގެ މައިގަނޑު އަސްލަކީ ގައުމީ ބަސް ފިޔަވައި ދެވަނައެއް ނޫނޭ. އަޅުގަނޑުމެންގެ އަމިއްލަ ބަސް އުވިގެން ހިނގައްޖެ ނަމަ އެ އުވިގެން ދަނީ އަޅުގަނޑުމެންގެ ގައުމިއްޔަތުގެ އެންމެ ހާއްސަ އެއް ބިންގާ. އޭގެ ފަހުގައި ދިވެހި ގައުމިއްޔަތެއް އޮންނާނޭ ކަމަކަށް އަޅުގަނޑު ހަމަގައިމު ވެސް ނުދަންނަވާނަން،" ޑރ. ހަސަން ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ ދިވެހި ބަހަށް ދެވޭ ސަމާލުކަން ދަށްވެގެން ގޮސްފައިވާ ސަބަބުތަކާ މެދު، ތިން ބޭފުޅަކު މާސްޓާޒް ފެންވަރުގެ ދިރާސާތަކެއް ކޮށްފައިވާ ކަމަށެވެ.
އަދި މި މައްސަލައާ ގުޅުން ހުރި ދާއިރާއަކުން ޕީއެޗްޑީ ފެންވަރުގެ ދިރާސާއެއް ވެސް އެކަކު ނިންމައި، އެންމެ ފަހުން ބޭއްވި މަދަރުސީ މަންހަޖާ ބެހޭ ސިމްޕޯޒިއަމްގައި ހަސަން ހިމެނޭހެން އެހެން ދެ ބޭފުޅެއްގެ ފަރާތަކުން ހުށަހެޅުންތަކެއް ވެސް ހުށަހަޅާފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ދިރާސާތަކާއި ތަޖުރިބާގައި އަޅުގަނޑު ދަންނަވަން ޖެހޭނީ، ތައުލީމީ ކަންކަން ހިންގަން ތިބި ފަރާތްތައް މާޒީގައި އަދި މިހާރު ވެސް ގައުމަށާއި ގައުމިއްޔަތަށް އިހުމާލުވެފައިވާ ކަމަށް. މިއީ އެ މީހުންނަށް ނޭނގި ކުރެވިފައިވާ ކަމެއްކަމަށް ވެދާނެ. ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނު ހިންގަން މަތިކޮށްފައިވާ ފަރާތްވެސް ވަނީ އެ މީހުންގެ ޒިންމާއަށް ފަރުވާކުޑަކޮށްފައި،" ހަސަން ވިދާޅުވި އެވެ.
"މިހާރު މިދާގޮތަށް ކަންތައްތައް ދާނަމަ ދިވެހިބަސް ދެ ޖީލުގެ ތެރޭގައި އުވިގެން ދާނެ. އެއާއެކު ރާއްޖެއަކީ ވަކި މިނިވަން ގައުމެއްކަމަށް ކުރާ ދައުވާއަކީ، ހޮޅި ތާކުންތާކު ނުޖެހޭ އެއްޗަކަށް ވާނެ. ދިވެހީން އެއްބައެއްގެ ގޮތުގައި ހިފަހައްޓާ ތެރަސް ނުވަތަ ސިމެންތީގެ ބާރުކެނޑިގެން ދާނެ. ދިވެހި މުޖުތުމައު ބަދަހިކަމާއު ގެތިފައިވާ އުއިތައް ދޯހަޅިވެގެން ދާނެ."
ހަސަން ވިދާޅުވި ގޮތުގައި އެ ދިރާސާ ހަދާފައި އޮތީ އެސްއެސްސީ އިމްތިހާނުގެ މުގައްރަރުގެ މައްޗަށެވެ.
"ދަރިވަރުންގެ ނަތީޖާތައް ދަށްވާތީ އާއި ދަރިވަރުންގެ މުއާމަލާތްތަކުގައި ވަކި ބާވަތެއްގެ ކުށްތަކެއް ތަކުރާރުވާތީ އަޅުގަނޑު ދިރާސާކުރީ އެސްއެސްސީ އިމްތިހާނުގެ މުގައްރަރު. ކަމަކު ދާކަށް ނެތް. އެއީ ރާއްޖޭގައި ކިޔަވައިދޭން އެއްވެސް ގޮތަކަށް އެކަށީގެންވާ މުގައްރަރެއް ނޫން. ހީވަނީ ބޭރު ބަހެއްގެ މުގައްރަރެއް ތަރުޖަމާކޮށްފައި އޮތްހެން. އެ އެކުލަވާލާފައި ވަނީ މުގައްރަރު ލިޔުމުގެ ފަންނާ ބީރައްޓެހި، ނާގާބިލް ބައެއް."
ހަސަންގެ ނަޒަރުގައި އިސްލާމް ދިވެހިން ކިޔަވައިދޭން ޖެހޭއިރު، އިސްލާމް ކިޔަވައިދޭ ގިނަ ޓީޗަރުން ވެސް އެ މީހުންގެ ދަރިވަރުން އެ މާއްދާއިން ދަށް ކަމުގެ ކަންބޮޑުވުންފާޅުކުރެ އެވެ. މާލޭގެ ސްކޫލެއްގައި އިސްލާމް ކިޔަވައިދޭ ޓީޗަރު ކަންބިޑުވުން ފާޅުކުރީ އިސްލާމް ފޮތް އިނގިރޭސިއަށް ބަދަލު ކުރުމުން ދެން ނުކުންނާނެ ނަތީޖާތަކާ މެދުގަ އެވެ.
"ރާއްޖެއިން ބޭރުން އެ ފޮތްތައް ހަދާނީ. އޭގައި ހުރެދާނެ ގެންނައިރު އާޔަތްތައް ނޫނީ މާނަ ދޭހަވާ ގޮތް ވެސް ބަދަލުވެފައި. އޭރުން ކުދިންނަށް ދަސްވާއެތި އެއްކޮށް އެބަ ބަދަލުވޭ، އެކަހަލަ ހާލަތެއްގައި،" އެ ޓީޗަރު ވިދާޅުވި އެވެ.
ދިވެހި ބަހުން އޮންނަ އިސްލާމް މާއްދާއަށް ދަރިވަރުން ދަށްވާ އެންމެ ބޮޑު އެއް ސަބަބަކީ ވެސް ދިވެހި ބަހަށް ދޭން ޖެހޭ އިސްކަން ނުދިނުމެވެ. ހަމައެކަނި އިސްލާމް މާއްދާއެއް ނޫނެވެ. ދިވެހި މާއްދާއަށް ވެސް ދަރިވަރުން އެހާ ދަށެވެ.
އިސްލާމް މާއްދާ އިނގިރޭސިން ކިޔަވައިދޭން ބުނާ މީހުންނަށް ދިވެހި ޓީޗަރަކު ދިން ރައްދަކީ ދިވެހި މާއްދާ ވެސް އިނގިރޭސިއަށް ބަދަލުކުރުމަކީ ހައްލަކަށް ވާނެތޯ އެވެ.
އޭނާ ވިދާޅުވީ މިހާރު އޮތް ގޮތަށް ބާއްވައި ދަށް ގްރޭޑްތަކުން ފެށިގެން ދަރިވަރުންނަށް ދިވެހި ބަސް، ދިވެހިން ވާހަކަ ދައްކަން ދަސްކޮށްދޭން ޖެހޭ ކަމަށެވެ. އަދި ދިވެހި ބަހަށް ކުދިން އަހުލުވެރި ކުރުވަން ޖެހޭ ކަމަށެވެ.
އޭގެ އެއް ހެއްކަކީ މިދިޔަ އަހަރު އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ދެއްވި ތަފާސްހިސާބެވެ. ކީސްޓޭޖް1 އަދި ކީސްޓޭޖް 2ގެ ދަރިވަރުން ހިސާބު އަދި ދިވެހި މާއްދާ އިން ފާސްވާ ނިސްބަތް 50 ޕަސެންޓަށް ވުރެ ދަށަށް ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭގެ އަނެއް މިސާލަކީ އޯ ލެވެލް އަދި އޭ ލެވެލް ހަދާ ދަރިވަރުންގެ ތެރެއިން ރަން ވަނަތައް ހާސިލް ކުރާ ދަރިވަރުން ގިނައީ އިނގިރޭސި މާއްދާތައް ކަމަށްވުމެވެ.
ސްކޫލާއި ބޭރުން ވެސް ދަރިވަރުންނަށް ދިވެހި ބަހުގެ ނިޝާނެއް ފެންނާކަށް ނެތް!
ދިވެހި ބަސް ކުރި ނޭރުމުގެ އަސްލަކީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ފެށިގެން ގޮސް، އެންމެ އާންމު ފަރާތްތަކާ ހަމައަށް ވެސް ނުކުރެވި އޮތް ކަމެކެވެ.
ތައުލީމުގެ ގާނޫނުގެ ހަތަރުވަނަ ބާބުގެ، 16 ވަނަ މާއްދާގެ (ހ) ގައި މަދަރުސާގެ ގޯތިތެރޭގައި އަދި އިމާރަތުގެ ތެރޭގައި ބަހައްޓާ ތަފާތު ޝިއާރުތަކާއި އިލްމީ ލިޔުންތައް ލިޔުމުގައި އިސްކަންދޭންވާނީ ދިވެހި ބަހުން ކަމަށް އޮވެ އެވެ. ނަމަވެސް ބޭރު ފާރުތަކުގައި ދިވެހި ލިޔެފައި ހުރީ ވެސް އަތުން ގުނާލެވޭހާ މަދު ސްކޫލެއްގަ އެވެ.
އާންމުންނަށް ފެންނަ ގޮތަށް ހުންނަ ކޮންމެ ނަން ބޯޑެއްގައި ތާނަ އަކުރުން ލިޔެފައި އޮންނަންވާނެ ކަމުގައި އެ ގާނޫނުގެ ހަވަނަ ބާބުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވީ ނަމަވެސް އެކަން އެހެން ވާތަނެއް ވެސް ނުފެނެ އެވެ.
ޑރ. ހަސަން ވިދާޅުވީ އެއީ ހަމައެކަނި ސްކޫލުތަކުން ފެނިގެން ހައްލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަން ހައްލު ކުރަން ބޭނުންނަމަ މުޖުތަމައު ތެރެއިން ވެސް އެކަން ފެންނަން ޖެހޭ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.
"މިސާލަކަށް މަޖީދީމަގުގައި ހިނގާލުމުން ފާހަގަ ކުރެވޭނެ، މަދު ފިހާރައެއްގައި ނޫނީ ތާނައިން ނަން ލިޔެފައި ނުހުންނާނެ. ހީވާނީ ލަންޑަންގެ ގޯޅިގަނޑެއްހެން. ކުރީގެ ރައިސް މައުމޫން ދައުރުގައި ކޮންމެ ފިހާރައަކު ތާނައިން ނަން ލިޔަން ޓްރޭޑް މިނިސްޓްރީން ކަނޑައަޅި. މިހާރު އެކަމެއް ނެތް،" އޭނާ ވިދާޅުވި އެވެ.
"ދައުލަތުގެ ހުރިހާ ލިޔުންތަކެއް ދިވެހިބަހުން ހުންނަން ޖެހޭ ކަމަށް ގާނޫނުގައި އޮތަސް އެކަމަށް ސިވިލް ސާވިސް ވެސް ވަނީ އިހުމާލުވެފައި. މަދަރުސާތަކާއި ކޮލެޖުތަކާއި ޔުނިވާސިޓީތައް ވެސް އިހުމާލުވޭ. ދަރިވަރުންނަށް ފެންނައިރު ފާހަގަކުރެވެނީ ގައުމީ ބަހަށް އިސްކަން ނުދޭކަން. ނަތީޖާއަކަށް ވަނީ ދިވެހިބަހަށް ދަރިވަރުން ފޫހިވުން."
ހައްލަކީ ޅައުމުރުގައި ދިވެހި ބަހަށް އަހުލުވެރި ކުރުވުން!
ފައިދަށުވެފައިވާ ދިވެހި ބަސް ކޮޅަށް ނަގައި އެއަށް އާ ރޯޝަން ކަމެއް ގެނައުމަށް ވަރަށް މުހިއްމު ކަންތައްތަކެއް ކުރަން ޖެހެ އެވެ.
އެގޮތުން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އެ މައްސަލައާ މެދު ކަންބޮޑުވާ މީހުން މަޝްވަރާ ކުރަން ގައުމީ މަހާސިންތާއެއް ބޭއްވުން ކަމަށް ހަސަން ވިދާޅުވި އެވެ. އެއީ ކަމާ ގުޅޭ ހުރިހާ ދާއިރާ ތަކެއް ހިމެނޭ ގޮތަށެވެ. އެ މަހާސިންތާއިން ނިންމާ ނިންމުންތައް ތަންފީޒުކުރުން އެއަށް ވުރެ މުހިއްމުކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އެގޮތުން ރާއްޖޭގެ ތައުލީމީ ދާއިރާއަށް ގެންނަން އެންމެ ރަނގަޅު ބަދަލެއްގެ ގޮތުގައި ހަސަން އަދި އެހެން ބޭފުޅުން ވެސް އިއްތިފާގުވެވަޑައިގަތް އެއް ބަދަލަކީ ދަށް ގްރޭޑްތަކުގައި ދިވެހިން ކިޔަވައިދިނުމެވެ. އޭރުން ދަރިވަރުންގެ ނަތީޖާތައް ރަނގަޅުވާނެ ކަމަށް އެ ބޭފުޅުން ގަބޫލު ކުރެ އެވެ.
ރާއްޖޭގެ ހާލަތަށް ބަލާއިރު ޕްރީ ސްކޫލަށް ވަންނައިރު ވެސް ގިނަ ދަރިވަރުންނަށް ވާހަކަ ދައްކަން އެނގެނީ ހަމަ އެކަނި އިނގިރޭސި ބަހުންނެވެ. ޕްރައިމަރީ އަދި ސެކަންޑްރީ ގްރޭޑްތަކުގައި ވެސް ދިވެހިން ވާހަކަ ދައްކާ ކުއްޖަކު އުޅެނީ ގުނާލެވޭހާ މަދުން ކަމަށް ސްކޫލުތަކުން ވެސް އިއްތިފާގުވެ އެވެ.
ހަސަން ވިދާޅުވީ ގްރޭޑް 1 އިން ފެށިގެން ގްރޭޑް 3 އަށް ދިވެހި ބަހުން ހުރިހާ މާއްދާއެއް ކިޔަވައިދިނުން ބަދަލު ކުރުމުން އޭނެ ނަތީޖާ ފެންނާނެ ކަމަށެވެ. އަދި އެއަށްވުރެ މަތީ ގްރޭޑްތަކުގައި އިނގިރޭސިން ކިޔަވައިދިނުން މައްސަލައެއް ނޫން ކަމަށް އޭނާ ވެސް ގަބޫލު ކުރައްވަ އެވެ.
އިސްލާމް މާއްދާ ވެސް ދަރިވަރުންނަށް އޭރުން ޝައުގުވެރިވާނެ ކަމަށް ހަސަން ދެކެވަޑައިގަންނަވަ އެވެ.
ވަކި މާއްދާއެއް ކިޔަވައިދޭން ޖެހިފައި އޮތް ބަހާ މެދު އުފެދިފައި އޮތް މި ހިޔާލުތަފާތުވުން ބަހާ ހަމައިން ނިންމާލެވޭކަށް ނެތެވެ. މިއީ ތައުލީމީ ފެންވަރާއި ގައުމީވަންތަކަމާއި ދަރިވަރުންގެ މުސްތަގުބަލާ ގުޅިފައިވާ ފުން މައުޟޫއެކެވެ.
އެއް ބަޔަކު ދެކޭގޮތުގައި ޒަމާނަށް އަންނަ ބަދަލާއެކު ކިޔަވައިދިނުމުގެ ބަސް ބަދަލުކުރުމަކީ ދަރިވަރުންނަށް ދީނީ އިލްމު އުނގެނުމަށް ލިބޭ ފަސޭހައެކެވެ. އަނެއް ބަޔަކު ދެކެނީ މިއީ ގައުމިއްޔަތުގެ ބިންގާ ބަލިކަށިވެގެން ހިނގައިދާނެ ކަމެއްގެ ގޮތުގަ އެވެ. މިކަމުގައި ގޮތެއް ނިންމަންޖެހޭނީ ދަރިވަރުންގެ އިލްމީ ކުރިއެރުމަށާއި ދީނީ ހޭލުންތެރިކަމަށް އެންމެ ފައިދާހުރި ގޮތަކަށް ބަލައިގެންނެވެ. އެކަމަކު މި ބަހުސް ފުޅާކޮށް ދަރިވަރުންނަށް މީގެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދައިދިނުމަކީ ކުރަން ޖެހިފައި އޮތް ކަމެކެވެ. ދަރިވަރުން އިސްލާމާއި ދިވެއްސަށް ލޯބިކުރާނެ ގޮތްތަކެއް ހޯދައިދިނީ މި ބަހުސް ނިންމާލެވޭނެ ގޮތެއް ހޯދުން މުހިއްމެވެ.